ފީފާގެ ސެންޗަރީ ކުލަބުގައި ރާއްޖޭގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދު ހިމެނިއްޖެ އެވެ.
ފީފާ ސެންޗަރީ ކުލަބަކީ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅުނު ކުޅުންތެރިންގެ ހިމެނޭ ކެޓަގަރީގެ ލިސްޓެވެ. މި ލިސްޓްގައިވާ ގޮތުން އިމްރާން ވަނީ ގައުމީ ޓީމަށް 109 މެޗު ކުޅެފަ އެވެ. އޭނާ އެންމެ ފުރަތަމަ ގައުމީ ޓީމަށް މެޗެއް ކުޅުނީ ފެބްރުއަރީ 15، 2000 ގަ އެވެ. "ނެޝަނަލް ފުޓްބޯލް ޓީމްސް ޑޮޓް ކޮމް" އިން އެނގޭ ގޮތުގައި އިމްރާން އެންމެ ފުރަތަމަ މެޗެއް ކުޅުނީ މެލޭޝިއާ ދެކޮޅަށެވެ. ގައުމީ ޓީމަށް އޭނާ އެންމެ ފަހުން މެޗެއް ކުޅުނީ އޮކްޓޯބަރު 11، 2016 ގައި ލާއޯސް އާ ދެކޮޅަށެވެ. އެ މެޗަކީ އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ލާއޯސް އާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗެވެ.
ގައުމީ ޓީމަށް 17 އަހަރު ވަންދެން ކުޅުނު އިމްރާންގެ އެންމެ ހާއްސަ މެޗުތަކަކީ ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބު ކުރި ފައިނަލު މެޗު، ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ދެކުނު ކޮރެއާ ދެކޮޅަށް ރާްޖެއިން އެއްވަރު ކުރި މެޗު، ވޯލްޑްކަޕް ޕްރިލމިނަރީ ބުރުގައި މޮންގޯލިއާގެ މައްޗަށް 12-0 ން ރާއްޖެ މޮޅުވި މެޗު އަދި ފިނި މިން މައިނަސް ފަސް ޑިގްރީގައި މޮންގޯލިއާގައި ކުޅުނު މެޗެވެ.
އިންޓަނޭޝަނަލް މުބާރާތްތަކުން ގައުމީ ޓީމުގައި އެންމެ ގިނައިން މެޑަލް އެޅި ކުޅުންތެރިންގެ ތެރޭގައި އިމްރާން ހިމެނެ އެވެ. ގައުމީ ޖޯޒީގައި ބޮޑު ފަސް މުބާރާތުން މެޑަލް ކަރުގައި އަޅުވާލި އެވެ. އެއީ، 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބްލީ ފުޓްބޯޅަ މުބާރާތުގެ ރިހި މެޑަލް، 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބުކޮށް ރަން މެޑަލް، 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް، 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖު ކަޕްގެ ތިން ވަނަ ރާއްޖެއަށް ހޯދައިދީ ބްރޯންޒް މެޑަލް ކަރުގައި އަޅުވާލި އެވެ.
މިހާރު އެފްއޭއެމްގެ ގޯލްކީޕިން ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުންދާ އިމްރާން، 20 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލީ މި އަހަރު އެވެ.