އާޖެންޓީނާ، ޗިލީ، ޕެރަގުއޭ އަދި އުރުގުއޭ އެކުވެގެން 2030 ގެ ފީފާ ވޯލްޑް ކަޕް ބާއްވަން ރަސްމީކޮށް ބިޑްކޮށްފި އެވެ.
ރަސްމީކޮށް ބިޑްކުރުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ އާޖެންޓީނާގަ އެވެ.
2030 ގެ ވޯލްޑް ކަޕް ހާއްސަވަނީ އެއީ ވޯލްޑް ކަޕް ބާއްވަން ފެށިތާ 100 އަހަރު ފުރޭ މުބާރާތަށް ވާތީ އެވެ. ފުރަތަމަ ވޯލްޑް ކަޕް 1930 ވަނަ އަހަރު ބޭއްވީ އުރުގުއޭގަ އެވެ. އުރުގުއޭ ހިމަނައިގެން ވޯލްޑް ކަޕަށް ގަރުނެއް ފުރުން ފާހަގަކުރަން ދެކުނު އެމެރިކާ އިން ނިންމީ އެހެންވެ އެވެ.
ދެކުނު އެމެރިކާގެ އިތުރުން ވޯލްޑް ކަޕަށް ދެން ބިޑްކުރާނެ ކަމަށް ބެލެވެނީ ޔޫރަޕާއި އޭޝިއާ އަދި އެފްރިކާ އިންނެވެ. ޔޫރަޕްގެ ބިޑް ހުށަހަޅަނީ ސްޕެއިން އާއި ޕޯޗުގަލްގައި މުބާރާތް ބާއްވާ ގޮތަށެވެ. އެފްރިކާ އިން މޮރޮކޯ އާއި އޭޝިއާ އިން ސައުދީ އަރަބިއާ އިން ވެސް 2030 ގެ ވޯލްޑް ކަޕަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ވޯލްޑް ކަޕްގެ 22 ވަނަ މުބާރާތް ބޭއްވީ ގަތަރުގަ އެވެ. ފުރިހަމަކޮށް ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފްރާންސް ބަލިކޮށް އާޖެންޓީނާ އެވެ. ވޯލްޑް ކަޕް 2026 ވަނަ އަހަރު އޮންނާނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގަ އެވެ. އެ މުބާރާތުގައި 48 ގައުމު ވާދަކުރާނެ އެވެ.
"ވޯލްޑް ކަޕް ބާއްވާތާ ގަރުނެއް ފުރުން 2030 ގެ ވޯލްޑް ކަޕްގައި ފާހަގަކުރަންޖެހޭ. ފުރަތަމަ ވޯލްޑް ކަޕް ބޭއްވި ސަރަހައްދަށް ވުމާއެކު ފީފާ އަށް ވެސް ޝަރަފަކަށް ވާނެ ގަރުނެއް ފާހަގަކުރާ ވޯލްޑް ކަޕް ދެކުނު އެމެރިކާގައި ބޭއްވޭނަމަ" ދެކުނު އެމެރިކަން ފުޓްބޯޅަ ކޮންފެޑެރޭޝަން (ކޮންމެބޮލް) ގެ ރައީސް އަލެހަންޑްރޯ ޑޮމިނިގޭޒް ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ވޯލްޑް ކަޕް 1930 ވަނަ އަހަރު ހޯސްޓް ކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އުރުގުއޭ އެވެ. އެ މުބާރާތް އޮތީ އުރުގުއޭގެ ވެރިކަންކުރާ ސިޓީ، މޮންޓެވިޑިއޯގަ އެވެ.
ބިޑްގައި ހިމެނުނު ގައުމުތަކުގެ ތެރެއިން އާޖެންޓީނާ އިން ވަނީ 1978 ވަނަ އަހަރުގެ ވޯލްޑް ކަޕް އެގައުމުގައި ބާއްވާފަ އެވެ. އަދި ޗިލީ އިން ވަނީ 1962 ވަނަ އަހަރު މުބާރާތް ހޯސްޓްކޮށްފަ އެވެ. ހަތަރު ގައުމުގެ ތެރެއިން މިހާތަނަށް ވޯލްޑް ކަޕް ނުބާއްވަނީ ޕެރަގުއޭގަ އެވެ.
އާޖެންޓީނާ އެފްއޭގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވިދާޅުވީ ދެކުނު އެމެރިކާގައި މުބާރާތް ބާއްވަން ހުށަހެޅީ ހަމައެކަނި ގަރުނެއް ފާހަގަކުރަން ނޫންކަމަށާއި، އެ ސަރަހައްދަކީ ފުޓްބޯޅަ އަށް ހާއްސަ ލޯތްބެއް އޮތް ސަރަހައްދަކަށް ވާތީ ކަމަށެވެ.
ހަތަރު ގައުމުން ވޯލްޑް ކަޕަށް ބިޑްކުރިއިރު އެ ބިޑްގައި ބޮލީވިއާ ހިމަނާނެ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ދެކެވިފަ އެވެ. އާޖެންޓީނާގެ ރައީސް އަލްބާޓޯ ފެނާންޑޭޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިޑްގައި ބައިވެރިވުމުގެ ފުރުސަތު ބޮލީވިއާ އަށް ދެއްވާނެ ކަމަށެވެ.