އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް މުބާރާތަށް ފުރަތަމަ ކޮލިފައިވި ޓީމަކަށް ޖަޕާން ވެއްޖެ އެވެ.
ޖަޕާން މި ޖާގަ ޔަގީންކުރީ އޭޝިއާ ކޮލިފައިންގެ ތިންވަނަ ބުރުގައި ބަހްރޭނާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ކާމިޔާބުކޮށްގެންނެވެ.
މި މެޗުގައި ޖަޕާނަށް ގޯލުތައް ޖަހައިދިނީ އިނގިރޭސިވިލާތުގެ ކްރިސްޓަލް ޕެލަސްއަށް ކުޅޭ ޑައިޗީ ކަމާޑާ އާއި ސްޕެއިންގެ ރެއާލް ސޮސިއެޑާޑްއަށް ކުޅޭ ޓަކެފޫސާ ކޫބޯ އެވެ.
ޖަޕާނުން މިހާރު ވަނީ އެމީހުންގެ ގުރޫޕުގައި ބާކީ އޮތް ތިން މެޗު ކުޅުމުގެ ކުރިން ވޯލްޑް ކަޕްގެ ޖާގަ ޔަގީންކޮށްފަ އެވެ.
ޖަޕާން މިހާތަނަށް ކުޅުނު ހަތް މެޗުން ހޯދައިފައިވަނީ 19 ޕޮއިންޓެވެ. މިއީ ހަ މެޗު ކާމިޔާބުކޮށް، އެއް މެޗު އެއްވަރުކޮށްގެން ހޯދި ޕޮއިންޓެވެ. މިހާތަނަށް ކޮލިފައިންގައި އެޓީމުން 24 ގޯލް ޖަހާފައިވެ އެވެ.
ގުރޫޕް ސީގެ ދެވަނައިގައި އޮތީ 10 ޕޮއިންޓާއެކު އޮސްޓްރޭލިއާ އެވެ. ބަހްރޭނާއި ސައުދީ އަރަބިއްޔާ އަދި އިންޑޮނޭޝިއާ އާއި ޗައިނާއަށް ވަނީ މިހާތަނަށް 6 ޕޮއިންޓް ލިބިފަ އެވެ. ގުރޫޕްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ދެ ޓީމަށް ސީދާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ލިބެ އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަނީ ބަދަލުތަކަކާއެކު ގިނަ ގައުމުތަކަކަށް ވާދަކުރެވޭ ގޮތަށެވެ. އެގޮތުން ޖުމްލަ 48 ގައުމު މި މުބާރާތުގައި ވާދަކުރާނެ އެވެ. މީގެތެރެއިން އޭޝިއާއަށް ލިބެނީ ސީދާ 8 ޖާގައާއި އިތުރު ޕްލޭއޮފް ޖާގަ އެކެވެ.
ޖަޕާނަކީ 1998 އިން ފެށިގެން މެދުކެނޑުމެއް ނެތި ވޯލްޑް ކަޕުގައި ވާދަކުރަމުން އަންނަ އޭޝިއާގެ ގަދަ ބާރެކެވެ. 2002 ވަނަ އަހަރު ދެކުނު ކޮރެއާއާ އެކު ވޯލްޑް ކަޕް ހޯސްޓްކޮށްފައިވާ ޖަޕާނުން ވަނީ އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕުގައިވެސް ގަދަ 16ގައި ޖާގަ ހޯދާފަ އެވެ.
އުތުރު އެމެރިކާގެ ތިން ގައުމުން ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯއިން ހޯސްޓްކުރާ އަންނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 11 އިން ޖުލައި 19 އަށެވެ. މުބާރާތް ހޯސްޓްކުރާ ތިން ގައުމަށް ވަނީ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ދީފަ އެވެ.