ވޯލްޑްކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުގެ އިތުރު ވަގުތުގައި ވިނީޝިއުސް ޖޫނިއަ ޖެހި ގޯލުން ބްރެޒިލްއިން ކޮލަމްބިއާ 2-1 އިން ބަލިކޮށްފި އެވެ.
ހަތްހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބްރެޒިލްގެ ސަޕޯޓަރުންގެ ހާސްކަން ފިލުވާލީ ވިނީޝިއުސް އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ޖެހި ލަނޑުންނެވެ.
މި މޮޅާއެކު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް މިހާރު އޮތީ 13 މެޗުން 21 ޕޮއިންޓާއެކު ދެކުނު އެމެރިކާ ޕޮއިންޓް ޓޭބަލްގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތީ 12 މެޗުން 25 ޕޮއިންޓާއެކު ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އެވެ. މި މެޗުން ބަލިވުމާއެކު ކޮލަމްބިއާ އޮތީ ބްރެޒިލްގެ ފަހަތުގައި ފަހަތުގައި 13 މެޗުން 19 ޕޮއިންޓްގައެވެ.
ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ ބްރެޒިލްގެ ރަފީނިއާ އެވެ. އޭނާ ގޯލު ޖެހީ ހަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ނަމަވެސް މެޗުގެ 41 ވަނަ މިނެޓުގައި ކޮލަމްބިއާގެ ލުއިޒް ދިއާޒް ޖެހި ލަނޑުން ނަތީޖާ ހަމަހަމަކުރި އެވެ.
"މި ގޯލު ޖެހުމުން އަހަރެން ވަރަށް އުފާވެއްޖެ. އަހަރެން ބުނާނީ އަހަރުމެން މޮޅުވުން ހައްގު ކަމަށް. އަހަރުމެން ވަރަށް މަސައްކަތް ކުރިން. އަދި މި ގޯލަކީ ވެސް އަހަރެން ވަރަށް ޕްރެކްޓިސް ކޮށްގެން، ޖެހި ގޯލެއް. ހަގީގަތުގައި ވެސް އަހަންނަށް މި ގޯލު ޖެހެންވާނެ،" ރެއާލް މެޑްރިޑްގެ ފޯވަޑް ވިނީޝިއަސް މެޗަށް ފަހު ބުނެފައިވެ އެވެ.
ބްރެޒިލް ދެން ކުޅޭނީ ބުދަ ދުވަހު އާޖެންޓީނާއާ ދެކޮޅަށެވެ. މި މެޗުގައި ބްރެޒިލަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ރޭގެ މެޗުގައި ދެއްކި ރީނދޫ ކާޑުތަކުގެ ސަބަބުން ބްރެޒިލްގެ މުހިއްމު ދެ ކުޅުންތެރިޔަކަށް އާޖެންޓީނާއާ ދެކޮޅަށް ނުކުޅެވޭނެތީ އެވެ. އެއީ މިޑްފީލްޑަރު ބްރޫނޯ ގުއިމަރޭޒް އާއި ޑިފެންޑަރު ގަބްރިއަލް މަޅަގާސް އެވެ.
މީގެއިތުރުން ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ގޯލްކީޕަރު އަލިސަން ބެކާއަށްވެސް އާޖެންޓީނާއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށް ބެލެވެ އެވެ.