ކުޅިވަރު

ޕްރިމިއާ ލީގުގެ ބްރެޒިލް ކުޅުންތެރިން ސަސްޕެންޑް ކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ބްރެޒިލްގެ ކުޅުންތެރިން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ސަސްޕެންޑް ކޮށްފި އެވެ.

މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅުމަށް ޕްރިމިއާ ލީގުގެ ކުޅުންތެރިން ނުފޮނުވަން ލީގުގެ ކްލަބް ތަކުން ވަނީ ނިންމާފަ އެވެ. ޕްރިމިއާ ލީގުގެ ވަރަށް ބޮޑު ތާއީދަކާއެކު ކްލަބު ތަކުން މިގޮތަށް ނިންމީ އިންގްލެންޑުގެ ރެޑް ލިސްޓުގައި އޮތް ސައުތު އެމެރިކާގެ ގައުމުތަކަށް ކުޅުންތެރިން ދަަތުރު ކޮށްފި ނަމަ އެ ކުޅުންތެރިންނަށް ލީގުގެ ގިނަ މެޗު ތަކެއް ގެއްލޭނެތީ އެވެ. އެއީ ރެޑް ލިސްޓުގައިވާ ގައުމުތަކަށް ދަތުރު ކުރުމުން 10 ދުވަހުގެ ކަރަންޓީނެއް ވާން ޖެހޭނެތީ އެވެ.

ފީފާގެ ގަވައިދުގައިވާ ގޮތުން ކުލަބަކުން ގައުމީ ޓީމަށް ކުޅުންތެރިއަކު ދޫކުރަން ދެކޮޅު ހަދައިފިނަމަ، އެ ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދުމުން އެ ކުޅުންތެރިއަކު ފަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރެވޭނެ އެވެ.

ބްރެޒިލްގެ ކުޅުންތެރިން ޕްރިމިއާ ލީގުގެ މެޗު ތަކަށް ސަސްޕެންޑް ކުރީ މި ގަވައިދުގެ ދަށުންނެވެ. އެހެންކަމުން އެ ކުޅުންތެރިންނަށް މި މަހު 10 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކުލަބު ފެންވަރުގެ މެޗެއް ނުކުޅެވޭނެ އެވެ.

މި ސަސްޕެންޝަނާއެކު ކްލަބު މެޗުތައް ގެއްލޭނީ ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ، މިޑްފީލްޑަރު ފަބީނިއޯ، ފޯވާޑް ރޮބާޓޯ ފިރްމީނޯ، މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު އެޑަސަން، އެ ޓީމުގެ ފޯވާޑް ގަބްރިއެލް ޖީސޫސް، ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ، މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ފްރެޑް، އެވަޓަންގެ ފޯވާޑް ރިޗާލިސަންގެ އިތުރުން ލީޑްސް ޔުނައިޓެޑުގެ މިޑްފީލްޑަރު ރަފީނިއާ އަށެވެ.