ދެކުނު އެމެރިކާގެ ވޯލްޑްކަޕް ކޮލިފައިންގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ވާދަވެރި ބްރެޒިލް 4-1ގެ ނަތީޖާއަކުން ބަލިކޮށް އެޓީމު ލަދުގަންނަވާލައިފި އެވެ.
މި މެޗު ކުޅުނީ ބޮއިނިސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމް ގައެވެ. މެޗުގެ ފުރަތަމަ ހާފްގައި އާޖެންޓީނާއަށް ލަނޑު ޖަހައިދީފައިވަނީ ޖޫލިއަން އަލްވަރޭޒް އާއި އެންޒޯ ފެނާންޑޭޒް އެވެ.
މެޗުގެ 26 ވަނަ މިނިޓުގައި މެތިއުސް ކޫނިއާ އިން ބްރެޒިލްގެ ހަމައެކަނި ލަނޑު ޖަހައިދީ ސުމެއް ކަނޑައިދިނެވެ. ނަމަވެސް އެލެކްސިސް މެކަލިސްޓާ އާއި ޖިއުލިއާނޯ ސިމިއޯނީ އިންވެސް އާޖެންޓީނާއަށް ލަނޑު ޖަހައިދީ އެޓީމުގެ ލީޑު ފުޅާކޯށްދީފައިވެ އެވެ.
މި ކާމިޔާބީއާއެކު، އާޖެންޓީނާއަށް ވަނީ ކޮލިފައިންގައި 14 މެޗުން 31 ޕޮއިންޓު ލިބި، ތާވަލުގެ އެއްވަނަ މަގާމު ކަށަވަރުވެފަ އެވެ. 23 ޕޮއިންޓާއެކު ދެވަނަ މަގާމުގައި އެކުއަޑޯ އޮތްއިރު ބްރެޒިލް އޮތީ 21 ޕޮއިންޓާއެކު ހަތަރުވަނަ މަގާމުގަ އެވެ.
މި ނަތީޖާއާއެކު 2026 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް މިހާރު ވަނީ ކަށަވަރުވެސް ވެފަ އެވެ.
އެހެން ބައެއް މެޗުތަކަށް ބަލާއިރު ޗިލީ އާއި އިކުއެޑޯ ކުޅުނު މެޗު ނިމިފައިވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ވެނެޒުއޭލާ ވަނީ ޕެރޫ އަތުން 1-0ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. އަދި ކޮލަމްބިއާ އާއި ޕެރަގުއޭގެ މެޗު ނިމިފައިވަނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.