ސިއްހީ އޮފިޝަލުން ދަނޑަށް އަރައި ބްރެޒިލް އާއި އާޖެންޓީނާ ކުޅެމުން ދިޔަ ސައުތު އެމެރިކާ ސަރަހައްދުގެ ވޯލްޑްކަޕް ކޮލިފިކޭޝަން މެޗު ހުއްޓުވައިފި އެވެ.
ފުލުހުންނާއެކު އޮފިޝަލުން ދަނޑަށް އަރައި މި މެޗު ހުއްޓުވާފައި ވަނީ މެޗު ފެށުނުތާ ހަތަރުވަނަ މިނެޓުގަ އެވެ. އޮފިޝަލުން ދަނޑަށް އެރީ ބްރެޒިލްގެ ސިއްހީ ޕްރޮޓޮކޯލް އާއި އާޖެންޓީނާގެ ހަތަރު ކުޅުންތެރިއަކު ހިލާފުވެފައިވާ ކަމަށްބުނެ އެވެ. މި ކުޅުންތެރިންނަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިންނެވެ.
އިނގިރޭސިވިލާތް އޮތީ ބްރެޒިލްގެ ރެޑް ލިސްޓުގަ އެވެ. އެހެން ކަމުން އިނގިރޭސިވިލާތުން ފުރައިގެން 14 ދުވަސް ނުވަނީސް ބްރެޒިލްއަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ އެވެ. މި ކުޅުންތެރިން ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކޮށްފައެއްނުވެ އެވެ.
އާޖެންޓީނާއިން މި މެޗަށް ނެރުނު ފުރަތަމަ 11 ގައި ހިމެނެނީ ޓޮޓެންހަމްގެ ޖިއޮވާނީ ލޮ ސެލްސޯ އާއި ކްރިސްޓިއަން ރޮމޭރޯ އަދި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އެވެ. އަދި އެސްޓަން ވިލާއަށް ކުޅޭ އެމީ ބުއެންޑީއާ އިނީ ބެންޗުގަ އެވެ.
އޮފިޝަލުން ދަނޑަށް އަރައި މެޗު ހުއްޓުވުމުން އާޖެންޓީނާގެ މުުޅި ޓީމު ވަނީ ދަނޑުން ފައިބާފަ އެވެ. އޭގެ ފަހުން މެޗު ކުރިއަށް ގެންދިއުމާއި މެދު ދެ ޓީމުގެ އޮފިޝަލުންނާއި ކޯޗުން މަޝްވަރާ ކުރިި ނަމަވެސް ފަހުން ވަނީ މެޗު ނުކުޅެ ސަސްޕެންޑް ކުރުމަށް ނިންމާފަ އެވެ.
ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެ މެޗުގައި ހިނގާދިޔާ ކަންކަމާއި މެދު މެޗު ކޮމިޝަނަރާއި ރެފުރީ ފީފާގެ ޑިސިޕްލިނަރީ ކޮމެޓީއަށް ރިޕޯޓެއް ހުށަހަޅާނެ ކަމަށެވެ. އަދި އެ މެޗުގެ ކަންތައް ދެން ކުރިއަށް ދާނެ ގޮތެއް ނިންމާނީ އެއަށްފަހު ކަމަށެވެ.
މި މެޗާއި ގުޅިގެން ދާދި ފަހުން ޕީއެސްޖީ އާއި ގުޅުނު އާޖެންޓިނާގެ ކެޕްޓަން ލައިނަލް މެސީ ބުނީ އެޓީމުން މެޗު ކުޅުނީ ބްރެޒިލްގައި ތިން ދުވަހު މަޑުކުރުމަށް ފަހު ކަމަށެވެ. އެހެންކަމުން ހޮޓަލުގައި މަޑުކުރި އެ ތިން ދުވަހު މިކަމާއި މެދު އެއްވެސް ކަމެއް ނުކޮށް މެޗު ފެށެންދެން މަޑުކުރީ ކީއްވެތޯ މެސީ ވަނީ ސުވާލު އުފައްދާފަ އެވެ. އަދި ކުރީބައިގައި މިކަމާއި އުޅުނު ނަމަ މި މައްސަލަ ރީތި ގޮތުގައި ހައްލު ކުރެވުނީސް ކަމަށް ވެސް މެސީ ބުންޏެވެ.