ކުޅިވަރު

މޮރޮކޯ އާއި ޖަރުމަނުގެ މެޗް ތާރީޚާއި ދިމާލަށް

އޮސްޓްރޭލިއާ އަދި ނިއުޒިލެންޑްގައި މިވަގުތު ކުޅެމުންދާ ފީފާ އަންހެނުންގެ ވޯލްޑް ކަޕް މުބާރާތުގައި މިއަދު މޮރޮކޯ އާއި ޖަރުމަން ބައްދަލު ކުރާ މެޗް އެއީ ތާރީޚުގައި ލިޔެވިގެންދާނެ މެޗެއް ކަމުގައި ވެގެންދާނެ އެވެ.

މިއަދުގެ މެޗްގައި މޮރޮކޯގެ ޑިފެންސް ކުޅުންތެރިޔާ، ނުހައިލާ ބަންޒީނާ ކުޅެފިނަމަ އޭނާ ވެގެންދާނީ ވޯލްޑް ކަޕް މެޗެއްގައި ހިޖާބް ނުވަތަ ބުރުގާ އަޅައިގެން ކުޅޭ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މިވަގުތު ކްލަބް ފުޓްބޯޅަ މޮރޮކޯގައި ކުޅެމުންދާ އުމުރުން 25 އަހަރުގެ ނުހައިލާ މިއަދުގެ މެޗްގައި ފެނިގެން ގޮސްފިނަމަ އެކަންވެގެންދާނީ ދުނިޔޭގެ އަންހެނުންގެ ބޮޑު މުބާރާތެއްގައި ބުރުގާ އަޅައިގެން މިހާތަނަށް ކުޅޭ ފުރަތަމަ ކުޅުންތެރިޔާއަށް ވެސް މެއެވެ.

ފީފާ އިން ބުރުގާ އަޅައިގެން ކުޅުމުގެ ހުއްދަ ދީފައިވަނީ 2014 ވަނަ އަހަރު އެވެ.

މި މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓް ކަމުގައިވާ ޖަރުމަނާއި މޮރޮކޯ މިއަދު ކުޅޭ އިރު، އަންހެނުންގެ ވޯލްޑް ކަޕްގައި ކުޅޭ އަރަބި ފުރަތަމަ ގައުމަށް ވެސް މޮރޮކޯ ވެގެންދާނެ އެވެ.

"އަހަރެމެންނަށް އިހުސާސް ކުރެވެނީ ރަނގަޅު ތަސައްވުރެއް ދެއްކުމަށް އަހަރެމެން ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތު. އަދި މޮރޮކޯ އިން ވޯލްޑް ކަޕަށް ކޮލިފައިވެ ހޯދާފައިވާ ކާމިޔާބީ ކުޅުމުން ދައްކަން،" މޮރޮކޯ ޓީމުގެ ކެޕްޓަން ޝިޒްލާން ޝަބަކް ބުނެފައިވެ އެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބެއް. މިއަދު ޖަރުމަނާއި ކުޅޭ މެޗުން ކުރިއަށް ހުރި އަހަރެމެންގެ މެޗްތަކަށް މަގުކޮށިގެންދާނެ ކަމަށް އުއްމީދު ކުރަނީ،" ޝަބަކް ބުނެފައިވެ އެވެ.

މޮރޮކޯ މިވަގުތު ދުނިޔޭގެ ރޭންކްގެ 70 ވަނައިގައި އޮތް އިރު ޖަރުމަނަކީ ދުނިޔޭގެ ރޭންކްގެ ދެވަނައިގައި މިވަގުތު އޮތް ޓީމެވެ.

ޖަރުމަންގެ ޓީމުގެ ކޯޗް، މާޓިނާ ވޮސް-ޓެކްލޮންބާގް ބުނެފައިވާ ގޮތުގައި މިހިސާބަށް އައުމަކީ އެއްވެސް ޓީމަކަށް ހަމައެކަނި ޝަރަފެއް ނޫން ކަމަށާއި ކޮންމެ ޓީމަކީވެސް އިދިކޮޅު ޓީމަށް ވަރުގަދަ ގޮންޖެހުމެއް ދެވޭވަރުގެ ކޮލިޓީ ހުރި ޓީމުތައް ކަމަށެވެ.

މި މުބާރާތުގައި ރާއްޖެ ގަޑިން މިއަދު ހެނދުނު 11 ޖަހާއިރު އާޖެންޓީނާ އިޓަލީ އާއި ބައްދަލުކުރާއިރު މޮރޮކޯ ޖަރުމަންގެ މެޗް ކުޅޭނީ މެންދުރު 1:00 ޖަހާއިރު އެވެ. އަދި ހަވީރު 4:00 ހާއިރު ބްރެޒިލް އާއި ޕެނަމާ ކުޅުމަށް ހަމަޖެހިފައިވެ އެވެ.