ވޯލްޑް ކަޕް ކޮލިފިކޭޝަން

ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ޖަރުމަނު

މިއަންނަ އަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕް 2021 އަށް ފުރަތަމަ ކޮލިފައިވި ޓީމަކަށް ޖަރުމަނު ވެއްޖެ އެވެ.

ޖަރުމަނު މުބާރާތަށް ކޮލިފައިވީ ކޮލިފިކޭޝަންގައި ބާކީ ދެ މެޗު ނުކުޅެ އޮއްވަ އެވެ. އެ ޓީމަށް މުބާރާތުގެ ޖާގަ ކަށަވަރުވީ ގްރޫޕް ޖޭގައި ރޭ ނޯތު މެސެޑޯނިއާ އާއި ބައްދަލު ކުރި މެޗު 4-0 އިން ކާމިޔާބު ކުރުމުންނެވެ. މި އާއެކު މިހާރު މުބާރާތުގައި ކުޅެވޭނެކަން ކަށަވަރު ވެފައި ވަނީ ޖަރުމަނާއި މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ގަތަރެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޖަރުމަނު ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗު އެ ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

ކޮލިފައިން ގްރޫޕް ޖޭގެ އެއް ވަނައިގައި ޖަރުމަނު އޮތީ އަށް މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ އާރްމީނިއާ އަތުން 1-0 އިން މޮޅުވި ރޫމޭނިއާ އެވެ. އެ ޓީމަށް ވަނީ އަށް މެޗުން 13 ޕޮއިންޓް ލިބިފަ އެެވެ.

މުބާރާތަށް ކޮލިފައިވުމާއެކު ޖަރުމަނުން ވަނީ ދެވަނައަށް އެންމެ ގިނަ ފަހަރު ވޯލްޑް ކަޕަށް ކޮލިފައިވި ޓީމަށް ވެފަ އެވެ. މިފަހަރުގެ ކޮލިފިކޭޝަނާއެކު ޖަރުމަނުން ވޯލްޑް ކަޕްގައި ވާދަ ކުރާނީ 20 ވަނަ ފަހަރު އެވެ. އެންމެ ގިނަ ފަހަރު ވޯލްޑް ކަޕް ކުޅުނީ ބްރެޒިލެވެ. ބްރެޒިލުން ވަނީ 21 މުބާރާތް ކުޅެފަ އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ކްރޮއޭޝިއާ އާއި ސްލޮވާކިއާ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އެސްޓޯނިއާ އަތުން 1-0 އިން ވޭލްސް މޮޅުވިއިރު، ނޯވޭ ވަނީ 2-0 އިން މޮންޓަނެގްރޯ ބަލިކޮށްފަ އެވެ. ނެދަލެންޑްސް އިން ގިބްރޯލްޓާގެ މައްޗަށް ކުރިހޯދީ 6-0 އިންނެވެ.