ކުޅިވަރު

ވީއޭއާރުގެ ނިންމުންތައް މެޗު ތެރެއިން ބެލުންތެރިންނަށް ތަފްސީލުކޮށްދެނީ

ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ ނިންމުންތަކުގެ ތަފްސީލް ދަނޑުގައި ތިބޭ ސަޕޯޓަރުންނަށާއި ޓީވީ އިން މެޗުތައް ބަލާ ފަރާތްތަކަށް ތަފްސީލުކޮށްދޭން އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިން ނިންމައިފި އެވެ.

އައިއެފްއޭބީ އިން ނިންމީ ދަނޑަށް ވަދެ ތިބޭ ސަޕޯޓަރުންގެ އިތުރުން ޓީވީ އިން މެޗު ބަލާ ފަރާތްތަކަށް ވީއޭއާރުގެ ނިންމުންތައް ތަފްސީލްކޮށްދޭން އެއް އަހަރުގެ ޓްރަޔަލް ކުރިއަށް ގެންދިއުމަށެވެ.

މި ހިދުމަތް އެންމެ ފުރަތަމަ ބޭނުންކުރާނީ އަންނަ މަހުގެ ކުރީކޮޅު މޮރޮކޯގައި އޮންނަ ފީފާ ކްލަބް ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތް އޮންނާނީ ފެބްރުވަރީ 1-11 އަށެވެ.

އެ މުބާރާތުގައި އޮފިޝަލުން ވީއޭއާރުގެ ނިންމުންތައް ތަފްސީލުކޮށް ކިޔައިދޭނެ އެވެ. އެކަމަކު ވީއޭއާރުގެ އޮފިޝަލުންނާއި ރެފްރީއާ ދެމެދު އެންމެ ފުރަތަމަ ކުރާ މަޝްވަރާ ސަޕޯޓަރުންނަށް ސިއްރުވާނެ އެވެ. އެ މަޝްވަރާ އަށް ފަހު ރެފްރީ އަތުގައި އޮންނަ މައިކްރޯ ފޯނުގެ އެހީގައި ވީއޭއާރުގެ ނިންމުމުގެ ތަފްސީލް ކިޔައިދޭއިރު، ސްޓޭޑިއަމްގައި ތިބޭ ސަޕޯޓަރުންނަށާއި ބްރޯޑްކާސްޓަރުން މެދުވެރިކޮށް މެޗުތައް ގެނެސްދޭއިރު ތަފްސީލްވާނެ އެވެ.

މިހާރު ވީއޭއާރުގެ ނިންމުންތައް ފެންނަނީ ދަނޑުގައި ބަހައްޓާފައި ހުންނަ ސްކްރީން ތަކުންނެވެ. މިއީ ފުޓްބޯޅައިގެ ތާރީހުގައި ވީއޭއާރުގެ ނިންމުން ތަފްސީލްކޮށްދޭ ފުރަތަމަ ފަހަރެވެ.

އައިއެފްއޭބީ އިން ބުނީ 12 މަސްދުވަހުގެ މުއްދަތަކަށް މި ޓްރަޔެލް ކުރިއަށް ގެންދާނެ ކަމަށާއި، މޮރޮކޯގައި އޮންނަ ފީފާ ކްލަބް ވޯލްޑް ކަޕަށް ފަހު މިއަހަރު އޮންނަ ވިމެންސް ފީފާ ވޯލްޑް ކަޕްގައި ވެސް ވީއޭއާރުގެ ނިންމުންތައް ބެލުންތެރިންނަށް ތަފްސީލްކޮށްދޭނެ ކަމަށެވެ.