ދުނިޔެ

އުމަރު ނަސީރުގެ ލިޔުމެއް: އިސްލާމީ ލެންސަކުން އެމެރިކާގެ ކަޅާއިދޮނުގެ އަލިފާން!

އެމެރިކާއަކީ ދުނިޔޭގެ އެންމެ ބާރު ގަދަ، އެންމެ މުއްސަނދި ގައުމެވެ. ދުނިޔޭގެ ހަމައެކަނި "ސުޕަ ޕަވާ" އެވެ. ފައިސާ އާއި ހަތިޔާރުގެ ގޮތުން ކުރި އަރާފައިވީ ނަމަވެސް ހުސްވި މަހު އެމެރިކާގެ މަގުތަކުގައި ފެނިގެންދިޔަ މަންޒަރުތަކުން ފައިސާ އާއި ހަތިޔާރުން ހުރިހާ ކަމެއް ފުރިހަމަ ނުވާ ކަމާއި، އަދުލުވެރި ކަމާއި ހަމަހަމަކަން ގާއިމް ނުކުރެވިއްޖެނަމަ ދާހިލީ މައްސަލަތަކުގެ ހުޅު މުޅި ގައުމުގައި ރޯވެ ތަރައްގީ އާއި ކުރިއެރުން އަނދައިގެން ހިނގައިދާނެ ކަމުގެ ނިޝާންތައް ވަނީ ފެނިފަ އެވެ.

ހައްޔަރު ކުރުމުގެތެރޭ ފުލުހުން ނޭދެވޭ ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ޖޯޖް ފްލޮއިޑް ކިޔާ މީހަކު މަރުވި މައްސަލައިގައި ކަޅު ނަސްލުގެ މީހުން އެމެރިކާގެ މަގުތަކަށް ނުކުމެ، މުޒާހަރާކޮށް އެތައް ތަނެއްގައި ހުޅުޖަހައި، އެތައް ފިހާރަތަކެއް ލޫޓުވާ ހަދަމުން ދިޔައިރު ހީވީ އެއްވެސް ތަޢުލީމެއް ނެތް، އެންމެ ފަގީރު ގައުމެއްގެ ރައްޔިތުންތަކެއްހެންނެވެ. މުއްސަނދި ކަމާއި މޮޅު ހަތިޔާރުތަކަށް ކުރެވުނު ކަމެއް ވެސް ނެތެވެ. މުޅި ގައުމުގައި ނަސްލީ ހުޅުގަނޑެއް ރޯވެ އަނދަމުންދިޔަ އެވެ. ކަޅުމީހުންނާ މެދު އެތައް ޒަމާނެއް ވަންދެން ގެންގުޅެފައިވާ ނަސްލީ ތަފާތު ކުރުންތަކުގެ ސަބަބުން އޭގެ ޖަޒުބާތުތައް ކަޅުމީހުން ނިކުމެ ބަންޑުން ކޮށްލި އެވެ.

އޭގެ ހަފުތާއެއް ފަހުން އަނެއްކާ ވެސް ރެއިޝާޑް ބްރޫކްސް ކިޔާ ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ފުލުހުން ބަޑިޖަހައި މަރާލި އެވެ. މި ޖޫން މަހާ ހަމައަށް އެމެރިކާގެ ކަޅު މީހުންގެ އާބާދީގެ ކޮންމެ އެއް މިލިއަން މީހެއްގެ ތެރެއިން 30 މީހުން ވަނީ ފުލުހުންގެ ބަޑިން މަރުވެފަ އެވެ. އެހެން ނަސްލުތަކަށް ވުރެ ގިނައިން ފުލުހުންގެ ބަޑިން މަރުވާ ކަޅު މީހުންގެ ނިސްބަތް މާ މައްޗެވެ.

ނަސްލީ ތަފާތު ކުރުމުގެ މި މައްސަލައަކީ ހުޅަނގުގެ އެހެނިހެން ގައުމު ތަކުގައި ވެސް ބޮޑުވެފައިވާ މައްސަލައެކެވެ. މިއީ ހުޅަނގަށް ހައްލު ނުކުރެވި އޮތް ބޮޑު މައްސަލައެއްކަން މުޅި ދުނިޔެއަށް އެނގިގެން ހިނގައްޖެ އެވެ. ޓެކްނޮލޮޖީ އާއި ތަނަވަސްކަމުގެ ގޮތުން ކުރިއަރައިފައިވީ ނަމަވެސް، މުޅި ގައުމު އެއް ރައްޔިތެއްގެ ގޮތުގައި ބަނދެދޭނެ އިޖްތިމާއީ "ތެރަހެއް" ނެތެވެ.

ކަޅު ނަސްލުގެ މީހުން އެމެރިކާ އަށް ފުރަތަމަ ގެންދެވުނީ އެމީހުންގެ ގައުމުތަކުން ވަގަށް ނަގައިގެން އަޅުންގެ ގޮތުގައި މީގެ 400 އަހަރު ކުރިންނެވެ. ވޭތުވެދިޔަ ގަރުނުގައި ކަޅު ނަސްލުގެ މީހުންގެ ހައްގުތައް ހޯދައި ދިނުމަށް އެތައް ލީޑަރުންނެއް މަސައްކަތް ކުރައްވާފައި ވެއެވެ.

އެމެރިކާގެ ހުރިހާ އަޅުންނަށް މިނިވަންކަން ލިބުނީ ޖެނުއަރީ 1، 1863 ގައެވެ. އެމެރިކާގައި ކަޅު ނަސްލުގެ މީހުންގެ އާބާދީ އަކީ 13 ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް 40 މިލިއަން މީހުންނެވެ. އެމެރިކާގައި ކަޅު ނަސްލުގެ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބުނީ 1965 ވަނަ އަހަރު އެވެ.

އެމެރިކާގެ ނަސްލީ ތަފާތު ކުރުންތައް ހައްލު ކުރެވޭތޯ އެތައް ވެރިންނެއް އެތައް ގާނޫނުތަކެއް ވެސް ހަދައިފި އެވެ. އަދި މައި ދެ ޕާޓީން ވެސް މިކަން ހައްލު ކުރެވޭތޯ އެތައް މަސައްކަތެއް ކޮށްފި އެވެ. ކަޅު ނަސްލުގެ ބަރަކް އޮބާމާ، އަށް އަހަރު ވަންދެން ރައީސްކަން ވެސް ކުރައްވައިފި އެވެ. މައްސަލަ ހައްލު ކުރަން ފައިސާ އާއި ބާރު ވެސް އެބަހުއްޓެވެ. ނަމަވެސް މިކަން ހައްލު ކުރެވޭނެ ގޮތެއް، މަގެއް އަދިވެސް ނުފެނެ އެވެ.

ހުސްވި މަހު ވެސް ސަރުކާރާއި ކޮންގްރެސް އާއި ސެނެޓުން މިކަން ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށް ބުނެ އަނެއްކާ ވެސް ޤާނޫނުތަކަކަށް ބަހުސް ކުރަމުން ދަނީ އެވެ. ކަޅު ނަސްލުގެ މީހުން އުތުރި އަރައިގަންނަ ކޮންމެ ފަހަރަކު ކޮންމެވެސް އާ ގާނޫނެއް ހަދައެވެ. ނަމަވެސް މިކަން ހައްލު ކުރާނީ ކިހިނެއް ކަމެއް ނުބުނެ ވެއެވެ. މުޅި އެމެރިކާގެ ސިޔާސީ އެންމެން ދައްކާނެ އާ ވާހަކައެއް ނެތެވެ. ކަޅު ނަސްލުގެ މީހުންގެ ހިތްތަކުގައި އުފެދިފައިވާ ޒަމާންވީ ފާރުގަނޑަށް ކުރާނެ ބޭހެއް، ސަރުކާރަކަށް، ސިޔާސީ ލީޑަރުންނަކަށް، ސިޔާސީ ޕާޓީ ތަކަކަށް ނުހޯދެ އެވެ.

އެމެރިކާގެ މި މަންޒަރުތައް ބަލައިލުމަށް ފަހު އަޅުގަނޑަށް އިހުސާސް ކުރެވުނީ އިސްލާމް ދީން އަންގަވާ ގޮތަށް މުޖްތަމައެއް ބައްޓަން ކުރެވިއްޖެނަމަ މި ފަދަ މައްސަލަތައް ހައްލު ވެގެން ދާނެ ކަމުގެ އިހުސާސްތަކެވެ. ދީނާއި ދައުލަތާ ގުޅިފައި އޮންނަން ޖެހޭ ކަމުގެ އިހުސާސެވެ. ގައުމެއް ފުރިހަމަ ވުމަށް ހަމައެކަނި ގާނޫނު އަސާސީއަކާއި ގާނޫނު ތަކެއް ނުފުދޭ ކަމެވެ. އެއަށްވުރެ މަތީގައި، ހެވާއި ނުބައި އަންގައިދޭ، އުޅެންވީ ރަނގަޅު ގޮތާއި ގޯސް ގޮތް އަންގައިދޭ އިންސާނާގެ ރޫހު ވަރުގަދަ ކޮށްދޭ، ނަފްސުތައް ސީ ދާކޮށްދޭ ދީނެއް އޮންނަން ޖެހޭ ކަމެވެ. ދީނާއި ދައުލަތް ވަކި ކޮށްލުމުން އިންސާނާގެ އެތެރެ ފުށަށް މަގުދައްކައި ދޭނޭ އެއްޗެއް ނެތުމުގެ ހުސްކަން އެމެރިކާ އަށް ދިމާވެފައިވާ ކަމުގެ އިހުސާސްތަކެވެ.

އެމެރިކާގެ ކަޅާއި ދޮނުގެ މައްސަލަ ހައްލު ކުރުމަށް އިސްލާމީ ލެންސަކުން ބަލައިލަމާ ހިންގަވާށެވެ. އެންމެ ފުރަތަމަ ފަށާނީ އިންސާނާ އަށް މަގު ދައްކައިދޭނޭ "މޯރަލް ޑޮކިއުމަންޓެ"އް ގާނޫނު އަސާސީ އަށް ވުރެ މަތީގައި އޮތުމުގެ މުހިންމުކަމުގެ މައްޗަށް ބަލާލަމުންނެވެ. އިސްލާމީ ލެންސަކުން ބަލާނަމަ އެއީ ކީރިތި ގުރުއާނެވެ. އިންސާނާގެ އަމަލުތައް ސިއްރާއި ފާޅުގައި ވެސް ބަހައްޓަންވީ ގޮތުގެ މައްޗަށް އިރުޝާދު ދޭ ފޮތެވެ. އިންސާނާގެ ހިތާއި ސިކުނޑިއާއި ބައްޓަންކޮށް ވިސްނުން ގެންނަންވީ މަގު ދައްކައިދޭ ފޮތެވެ. ގާނޫނު އަސާސީން މަގު ދެއްކުމުގެ ކުރިން އިންސާނާގެ ހިތް އޭނާ އަށް ހެޔޮ މަގު ދައްކައި ދޭނޭ ފޮތެކެވެ. އެފަދަ ފޮތެއް ގަބޫލު ކުރާ މުޖްތަމައެއްގެ ތެރޭގައި ކަޅާއި ދޮނުގެ މައްސަލައެއް ނޯންނާނެ އެވެ. ނުވަތަ އޮތަސް އޮންނާނީ ވަރަށް ކުޑަކޮށެވެ.

މުޖުތަމަޢު އެއްކޮށް ބަނދެ ދޭ "ތެރަހެއް" ގެ ގޮތުގައި ކޮންމެ ދުވަހަކު ފަސް ފަހަރު އަދި ހަފުތާއަކު އެއްފަހަރު މިސްކިތުގައި މި ކުރާ ނަމާދަށް ބަލާލަމާ ހިންގަވާށެވެ.

ދޮން ނަސްލުގެ މީހުނާއި ކަޅު ނަސްލުގެ މީހުން އެއްތާކުން ބައްދަލުވެ، އެކުގައި ސަފެއް ހަދައިގެން، ކޮނޑާއިކޮނޑު ޖައްސައިގެން ކޮންމެ ދުވަހަކު ފަސް ފަހަރު ތިބޭ ނަމަ އެމެރިކާގައި ނަސްލީ ތަފާތު ކުރުންތަކަށް އެއްވެސް ޖާގައެއް ނުލިބޭނެ އެވެ. ނަމާދު ނިންމާލަމުން، ކަނާތް ފަރާތަށް ބޯ އަނބުރާލާއިރު އެއްފަރާތުން ކަޅު މީހަކު އަނެއް ފަރާތުން ދޮން މީހަކު ފެންނަން އިންނާނެ އެވެ. މީގެ ސަބަބުން އެކުވެރިކަން އާވެ އާލާވެ ހުންނާނެ އެވެ. މި އެންމެންނަކީ އެއް ބަޔެއްކަން ކަށަވަރުވަމުން ދާނެ އެވެ. މި ދެންނެވި ޖަމާއަތް ނިންމާލާފައި ނުކުމެ އެކަކު އަނެކަކަށް ސަލާމް ކޮށްލާއިފައި ގެއަށް ދާނަމަ، އެ ފަދަ އަލިފާން ރޯވާކަށް ޖާގައެއް ނޯންނާނެ އެވެ.

ސިޔާސީ މޫސުމުގައި ކޮންމެ ޕާޓީއަކުން މި ބާއްވާ އެއްވުންތައް ނުވަތަ "ރެލީ" ތައް ފަދަ އެއްވުންތަކެއް ކޮންމެ ހުކުރު ދުވަހެއްގައި ބާއްވައި، ދޮން މީހުންނާއި ކަޅު މީހުން އެންމެން އެއްތާކަށް ޖަމާވެ އެ ވަގުތަކު އެ މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތަކުގެ ވާހަކަތަކާއި އެކަން ހައްލު ކުރެވޭނެ ގޮތުގެ މައްޗަށް ތަގްރީރު ކުރަންވީ އެވެ. އަދި އެ ތަގްރީރުތައް ސިޔާސީ ރެލީތަކުގައި އަމަލު ކުރާ ގޮތަށް އަޑުގަދަކުރާ ބޭނުން ކޮށްގެން މުޅި ސަރަހައްދަށް އަޑުއިވޭ ވަރަށް ބާއްވައި، ސީއެންއެން އާއި ފޮކްސް ނިއުސް އާއި މި ނޫންވެސް ޓީވީ ޗެނަލްތަކުން ކޮންމެ ހަފުތާއަކު ލައިވް ކުރާނަމަ މައްސަލަ ހައްލުވެގެންދާނެ އެވެ.

ކޮންމެ ހަފުތާއެއްގެ ރެލީ ނިންމާލަމުން، ރައްޔިތުންނާ މެދު އަދުލުވެރިވުމަށާއި އިހުސާންތެރިވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެހެނިހެން ގަވަރުނަރުންނަށް، ހަނދާން ކޮށްދެވޭނަމަ އަދި މި މެސެޖް އަހަރަކު 52 ފަހަރު، ހުރިހާ ސިޓީއެއްގެ ހުރިހާ އަވަށެއްގައި، އަޑުގަދަކުރާ އިން ތަކުރާރުކޮށް ދެވޭނަމަ، އެމެރިކާގެ ކަންކަމާ ހަވާލުވެގެން ތިއްބަވާ ވެރިންނަށް، އެމީހުންގެ ހުރިހާ އަމަލެއްގައި އެންމެން ހަމަ ކުރުމަށާއި އިހުސާންތެރިވުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވާނެއެވެ.

އިސްލާމްދީނުގައި ހުރި އިޖްތިމާޢީ ގޮތުން ގުޅުން ބަދަހިކޮށްދޭ ބައެއް އެހެނިހެން ކަންކަމަށް ބަލާލަމާ ހިންގަވާށެވެ. މި ގޮތުން ފުރަތަމަ ސަލާން ގޮވާލުމަށް ބަލާލަމާތޯ އެވެ؟

ދޮން ނަސްލުގެ މީހުންނާއި ކަޅު ނަސްލުގެ މީހުންނާ މަގުމަތިން ނުވަތަ ބާޒާރު މަތިން، ނުވަތަ ޝޮޕިން ސެންޓަރު ތެރެއިން ނުވަތަ ލިފްޓްގެ ތެރޭން ބައްދަލުވާ ކޮންމެ ފަހަރަކު އެކަކު އަނެކަކަށް، "ތިބާއަށް ސަލާމަތްތެރިކަން ހުއްޓެވެ." މިހެން ބުނެލާނަމަ އިސާހިތަކު ނުތަނަވަސްކަން ފިލައި ގޮސްދާނެ އެވެ. "ހަލޯ" އަށް ވުރެ މި ބަސް މާ ބާރުގަދަވެ، އެކުވެރިކަން އާލާ ކޮށްދެނީ "ތިބާއަށް" މިހެން ބުނާތީ އެވެ. އަމިއްލަ ނަފްސު އިސް ނުކޮށް، އަނެއް މީހާ އިސް ކުރާތީ އެވެ. ކޮންމެ ދުވަހަކު އެތައް މިލިއަން ދޮން ނަސްލުގެ މީހުންނެއް، ކަޅު ނަސްލުގެ މީހުނާ ބައްދަލުވާ ފަހަރު އެ މީހާއަށް "ސަލާމަތްތެރިކަން" ހުރިކަމަށް ބުނާނަމަ އެ މީހާގެ ހިތުގައި ލައްގަނޑެއް އޮންނާން ޖާގައެއް ނެތުނީސްކަން ކަށަވަރެވެ.

އެމެރިކާގައި 18 މިލިއަނަށް ވުރެ ގިނަ މިލިއަނަރުން އެބަތިއްބެވެ. މިއީ މުޅި ދުނިޔޭގައި ތިބި މިލިއަނަރުންގެ 40 ޕަސެންޓެވެ. ނަމަވެސް ގެދޮރު ނެތި މަގުމަތީ ނިދާ މީހުންގެ އަދަދަކީ ފަސް ލައްކަ އެވެ. އާބާދީގެ 0.2 ޕަސަންޓް މީހުން ކޮންމެ ރެއަކު ނިދަނީ މަގުމަތީގަ އެވެ. މީގެ ތެރޭގައި ގިނައީ ކަޅު ނަސްލުގެ މީހުނެވެ. މުއްސަނދިންނާއި ފަގީރުންނާ ދޭތެރޭ މި ހުރި ފަރަގު ކުޑަކުރުމަށް ހަދާނީ ކިހިނެއްބާއެވެ؟

އެމެރިކާގެ މުއްސަނދިންގެ އަތުގައި ހުރި މުދަލުގައި އެ ގައުމުގެ ކަޅު ނަސްލުގެ ފަގީރުންނާއި ދޮން ނަސްލުގެ ފަގީރުންގެ ހައްގެއް ވާކަމަށް ގަބޫލުކޮށް، އެ މުދަލުގެ 40 ބައިކުޅަ އެއްބައި ޓެކްސް ނިޒާމުގެ ތެރެއިން ކޮންމެ އަހަރަކު އަތުލައި، އެ ފަގީރުންނަށް ހޭދަ ކުރެވޭނަމަ އެތައް ބިލިއަން ޑޮލަރެއް ކޮންމެ އަހަރަކު ކަޅު ނަސްލުގެ ފަގީރުންނާއި ދޮން ނަސްލުގެ ފަގީރުންގެ ގެދޮރަށާއި، ތައުލީމަށް ހަރަދު ކުރެވި، ފަގީރުންނާއި މުއްސަނދިންނާ ދެމެދު މިހާރު އެމެރިކާގައި ހުރި ބޮޑު ފަރަގު ކުޑަވެގެން ގޮސް، މިލިއަނަރުންނާއި އާދައިގެ މީހުންނާ ދެމެދު އެކުވެރިކަމެއް އުފެދި މުޖްތަމައުގައި ހަމަޖެހުން ގާއިމްވުމަށް މަގުފަހި ވެގެން ދާނެކަން ކަށަވަރެވެ. ފުލުހުންނަށް ހޭދަކުރާ ފައިސާ ހޭދަ ކުރުން ހުއްޓާލައި އެ ފައިސާ ކަޅު މީހުންގެ އިޖްތިމާއީ ބޭނުންތަކަށް ހަރަދު ކުރުމަށް ގޮވާލާ އެމެރިކާގެ މަގުތަކުގައި މިހާރު ކުރަމުންދާ މުޒާހަރާތަކާއި ގޮވުންތައް ގޮވާކަށް ނުޖެހޭނެއެވެ.

"ކަލޭގެ އަވަށްޓެރި ކަޅު ނަސްލުގެ މީހާ ނުކައި ހުއްޓާ ކަލޭ ބަނޑުފުރާ ނުކެއުމަށް" އިރުޝާދު ދޭ ވެރިންނާއި ސެނެޓަރުންނާއި ކޮންގްރެސްމަނުންނާއި އެހެނިހެން ލީޑަރުންތަކެއް އުފެދުނަސް ކަޅާއި ދޮނުގެ ތަފާތު ފުހެވިގެންދާނެ އެވެ.

ހުޅަނގުގެ ބައެއް ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް "މެގްނަ ކާޓާ" ގައި ގޮވާލުމުގެ 226 އަހަރު ކުރިން، ހުރިހާ އެންމެންނަކީ އަހުންތަކެއް ކަމަށާއި، އެންމެންނާ މެދު ހަމަހަމަކަމާއި އަދުލުވެރި ކަމާއެކު އަމަލު ކުރުމަށާއި، ދުޝްމަން މީހާއާ މެދުވެސް އިންސާފާއި އަދުލްވެރިކަމާއެކު ނޫނީ އަމަލު ނުކުރުމަށް ބުނާ ފޮތް ހޯދައި، އެމެރިކާގެ ކޯޓުތަކަށް އައްޔަން ކުރެވޭ ފަނޑިޔާރުން، އެ ފޮތުގައި އަތް ބާއްވައިގެން ހުވާ ކުރާ ނަމަ، އެމެރިކާގެ ޖަލުތަކުގައި އާދަޔާ ހިލާފު ގިނައިން ކަޅު ނަސްލުގެ މީހުން ތިބެން ނުޖެހުނީސްކަން ކަށަވަރެވެ.

އެމެރިކާގެ ކަޅު ނަސްލު މީހުންގެ އާބާދީގެ ކޮންމެ އެއްލައްކަ މީހެއްގެ ތެރެއިން 1549 މީހުން ތިބީ ޖަލުގަ އެވެ. ދޮން ނަސްލުގެ މީހުންގެ މި އަދަދު ހުރީ 272 ގައެވެ.

ދުނިޔެ ދުށް އެންމެ ވަރުގަދަ ޝަހުސިއްޔަތު މުހައްމަދު ރަސޫލުﷲ، އެކަލޭގެފާނުގެ ހައްޖަތުލް ވަދާއުގައި، ދޮން މީހާއަކީ ކަޅުމީހާއަށް ވުރެ މަތިވެރި ދަރަޖައެއް ލިބިގެންވާ މީހެއް ނޫން ކަމަށާއި އަދި ކަޅު މީހާއަކީ ދޮންމީހާ އަށްވުރެ މަތިވެރި ދަރަޖައެއް ލިބިގެންވާ މީހެއް ނޫން ކަމަށް ހަދީސް ކުރައްވައި، އެކަން ވަނީ އިއުލާން ކުރައްވައިފައެވެ. އެއީ މީގެ 14 ގަރުނު ކުރިއެވެ. މިއަދު މިދެކޭ އެމެރިކާ އެއް ގައުމެއްގެ ގޮތުގައި ވުޖޫދު ވެސް ނުވަނީހެވެ.

މި ދެންނެވި ރޫޙާނީ ގާނޫނަށް އަމަލު ކުރަމުން އަންނަ މުސްލިމް ނޫން ގައުމުތަކުގައި ވެސް ކަޅާއިދޮނުގެ މަސްލަހަތު އޮތީ ހަމަޖެހިފައެވެ. މުސްލިމް ހުރިހާ ގައުމުތަކެއްގައި، އިސްލާމް ދީނުގެ މި އެންގެވުންތަކަށް އަމަލުކުރާ ސަރުކާރު ތަކެއް އޮތް ކަމަށް ދަންވަން ދައްޗެވެ. ނަމަވެސް މި ވިސްނުން އެ މުޖްތަމަޢު ތަކުގެތެރޭގައި ހުންނަ މިންވަރު އެމެރިކާއަށް ވުރެ އަދި ޔޫރަޕަށްވުރެ މަތިކަމަށް ދެންނެވިދާނެ އެވެ. އެމެރިކާ ސަރުކާރުން އިސްލާމްދީން ބަލައި ނުގަތަސް، ކަޅާއިދޮނުގެ މައްސަލަ ހައްލުކޮށްދޭ މޮޑެލެއް ވަނީ އިސްލާމް ދީނުގައި ގެނެސްދެއްވައިފަ އެވެ.