ރިޕޯޓް

އުމަރު ނަސީރުގެ ލިޔުމެއް: ކޮވިޑްގައި ގޯސް ލަފާކުރުންތައް ގިނަ!

Jun 23, 2020
17

ކޮވިޑް-19 އިގެ އަސަރު އެންމެ ފުރަތަމަ ފެނުނު ޗައިނާއިން އެ ގައުމުގެ ވޫހާން ސިޓީ ލޮކްޑައުން ކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އެއިރު އަދި މި ވައިރަސް އަކީ ކިހާވަރެއްގެ ގެއްލުމެއް ހުރި ވައިރަސްއެއް ކަމެއް ދުނިޔެއަށް ސާފެއް ނުވެ އެވެ. ސައިންސްވެރިން ގެންދިޔައީ ޗައިނާ އިން ލިބެމުން ދިޔަ މަޢުލޫމާތުގެ އަލީގައި ވައިރަސް ދިރާސާ ކުރަމުންނެވެ. ހުޅަނގުގެ ގިނަ ސައިންސްވެރިން ލަފާ ކުރީ އާބާދީގެ ދެ ޕަސަންޓާއި ފަސް ޕަސަންޓާ ދެމެދުގެ އަދަދަކަށް މި ބަލީގައި މީހުން މަރު ވާނެ ކަމަށެވެ. ސައިންސްވެރިންގެ ލަފާ ކުރުންތައް ހުރީ ބިރުން ފިއްކަނޑައިގެންދާ ހިސާބުގަ އެވެ.

އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖުން ނެރުނު ދިރާސާގައި ބުނެފައި ވަނީ މި އަހަރު ނިމޭއިރު މުޅި ދުނިޔޭން ހަތް ބިލިއަން މީހުނަށް ވައިރަސް ޖެހޭނެ ކަމަށާއި، 40 މިލިއަން މީހުން މަރުވާނެ ކަމަށެވެ. އަދި އިނގިރޭސި ވިލާތުން އެކަނި 510،000 މީހުން މަރުވާނެ ކަމަށެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ފަސް މަސް ނިމި ހަ ވަނަ މަހުގެ މެދާ ހަމައަށް އާދެވުނުއިރު މުޅި ދުނިޔޭން މި ބަލި ޖެހުނީ 8.4 މިލިއަން މީހުނަށެވެ. މުޅި ދުނިޔޭން މަރުވީ 451،885 މީހުންނެވެ. -- ކޮންމެ އަހަރަކު އެކިއެކި އަރިދަފުހާ ހުމުގެ ރޯގާ ތަކުގައި އެވަރެޖް ކޮށް މުޅި ދުނިޔޭން 650,000 މީހުން މަރުވެއެވެ.

އެމެރިކާގެ ކޮލަމްބިޔާ ޔުނިވާސިޓީން އަންދާޒާކުރީ 136،000 އައި.ސީ.ޔޫ އެނދު ނިއުޔޯކް ސިޓީ އަށް ބޭނުންވާނެ ކަމަށެވެ. ނަމަވެސް ބަލީގެ އެންމެ ނުރައްކާ ބޮޑުވި ދުވަސްވަރު ވެސް 12،000 އައިސީޔޫ އެނދަށްވުރެ ގިނައިން ނިއުޔޯކް ސިޓީގައި ބޭނުން ކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ތިއްބެވި އިލްމުވެރިން އެ ދުވަސްވަރު ވިދާޅުވީ ރާއްޖޭން 10،000 މީހުން މަރުވާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އަދި ދިވެހި ޑޮކްޓަރުން އެޕްރީލް މަހުގެ ތެރޭގައި ވެސް ވިދާޅުވަމުން ގެންދެވީ 900 އެއްހާ މީހުން މަރުވާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އަދި މީހުން މަރުވާން ފެށުމުން ހޮސްޕިޓަލްތައް ފުރި ބަންޑުންވެ ގޮތް ހުސް ވެގެން މީހުން "މަރުވާން ދޫކޮށްލަން ޖެހިދާނެ" ކަމަށެވެ. އަދި އޮތް ހަމައެކަނި "ބޭހަކީ" ގޭގައި މަޑުކޮށްގެން އެންމެ ލޮކްޑައުންގައި ތިބުން ކަމަށެވެ.

އެންމެން އެއް އަޑަކަށް ކީ ލަވަޔަކީ "ސްޓޭ ހޯމް، ސޭވް ލައިވްސް" -- ފުރާނަ ސަލާމަތް ކުރުމަށް ގޭގައި މަޑުކޮށްލައްވާ -- މިހެންނެވެ.

މި ވައިރަސް ދުނިޔެއަށް އުފަންވިތާ ފަސް މަހަށް ވުރެ ގިނަ ދުވަސް ވީއިރު މިއަދާ ހަމައަށް މުޅި ދުނިޔޭން މަރުވެފައި ވަނީ އެހެނިހެން ވެސް ނުރައްކާތެރި ހުމުގެ ރޯގާތަކުގައި ކޮންމެ އަހަރަކު މީހުން މަރުވާ އަދަދާ އަޅާބަލާއިރު ދާދި އެއްވަރެއްގެ އަދަދެކެވެ. ނުވަތަ ކުޑަ ތަންކޮޅެއް ބޮޑު އަދެކެވެ. އާދަޔާ ހިލާފު ބޮޑު އަދދެއް ނޫނެވެ.

މި ވައިރަސްގެ ބިރުވެރިކަން އެންމެ ބޮޑަށް ފަތުރަމުން ގެންދިޔައީ މީޑިޔާތަކުންނެވެ. މަރުވާ މީހުންގެ ފޮޓޯތަކާއި ސަންދޯއްތަކާއި މީހުން ވަޅުލާ މަންޒަރާއި ޑޮކްޓަރުންގެ އިންޓަވިއުތައް ކޮންމެ ދުވަހަކުހެން ގެނެސްދިނެވެ. ނަމަވެސް މި ވައިރަސް އަކީ އެބުނާ ވަރުގެ ވަރުގަދަ ވައިރަސްއެއް ނޫން ކަމަށް ބުނަމުން ދިޔަ ސައިންސަވެރިންނާއި ޑޮކްޓަރުންގެ އިންޓަވިއުތައް ގެނެސްދިނުމަށް ބޮޑެތި މީޑިޔާތައް އިންކާރުކުރި އެވެ.

ރާއްޖޭގައި ވެސް ލޮކްޑައުންއާ ދެކޮޅަށް ފާޅުގައި ޚިޔާލު ފާޅުކުރި ހަމައެކަނި ސިޔާސީ މީހަކީ އަޅުގަނޑެވެ. މިކަމާ ގުޅިގެން އަޅުގަނޑުގެ ތައްޔާރުކުރި ލިޔުން ރާއްޖޭގެ މެއިން ސްޓްރީމްގެ ނޫސްތަކުން ޖަހައި ދިނުމަށް ފަހަތަށް ޖެހިގެން އަޅުގަނޑަށް ޖެހުނީ އެ ނޫސްތަކާ "ލޮބީ" ކޮށްގެން އެ ލިޔުންތައް ޝާއިއު ކުރާށެވެ. މެއިން ސްޓްރީމްގައި އަޅުގަނޑުގެ ލިޔުންތައް ޝާއިއުކޮށް ދޭން ކެރުނީ އަވަސް އޮންލައިނަށް އެކަންޏެވެ.

މުޅި ދުނިޔޭގެ މީޑިޔާތަކުން ބުނަމުން ގެންދިޔައީ، ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކުރުން ނޫން ގޮތެއް ނެތް ކަމަށެވެ. އޭގެ ސަބަބުން ކިތަންމެ ބޮޑު ގެއްލުމެއް ދިރިއުޅުމަށް ލިބުނަސް މެއެވެ. ލޮކްޑައުން ކުރުމަށް ދެކޮޅު ހަދާ ލީޑަރުންނަކީ އެ ޤައުމުތަކަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދެއްކި އެވެ. އަދި ލޮކްޑައުންއާ ދެކޮޅު މީހުންނަކީ ހައްދުފަހަނަޅާފައިވާ މީހުން ކަމަށް ވެސް ސިފަ ކުރި އެވެ.

މިއަދު ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސް ވަނީ ލޮކްޑައުން ނަގައިފަ އެވެ. ނަމަވެސް ވައިރަސް މަދެއް ނުވެއެވެ. އޭގެ ބާރެއްވެސް ނުކެނޑެ އެވެ. ހަމަ ކުރީގައި ވެސް އުޅުނު ވައިރަސް އެވެ. ނުރައްކާ ކުޑައެއް ނުވެއެވެ. ނަމަވެސް މި ވައިރަސްއާ މެދު އެންމެން ދެކޭ ގޮތް މިހާރު ދަނީ ބަދަލުވަމުންނެވެ. ވައިރަސްއާ މެދު އުފެއްދި ބިރު ދަނީ މަޑުމަޑުން ކެނޑެމުންނެވެ.

ރާއްޖެ ލޮކްޑައުން ކުރީ އެއް ކްލަސްޓާ ފެނިގެންނެވެ. ނަމަވެސް ލޮކްޑައުން މި ނެގީ އެތައް ސަތޭކަ ކްލަސްޓާއެއް އޮއްވަ އެވެ. މާނައަކީ ލޮކްޑައުން މިކުރީ ހަމަ ލޮކްޑައުން ނޫން ގޮތެއް ނެތިގެންބާއެވެ؟ ނުވަތަ ސައިންސްވެރިންނާއި ޑޮކްޓަރުން ނުބައި އަންދާޒާތަކެއް ހަދައިގެންބާވަ އެވެ؟ ޑޮކްޓަރުންގެ ބަހަށް މިބާވަތުގެ ކަންކަމުގައި އިތުބާރު ކުރަންވީ ކިހާވަރަކަށް ބާވައެވެ؟ އަދި ސަރުކާރުގެ ސިޔާސަތު ޑޮކްޓަރުންގެ އަތަށް ދޫކޮށްލަން ވެދާނެ ބާވައެވެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙު ވިދާޅުވީ "އެންމެ ފުރަތަމަ ވެސް އަދި އެންމެ ފަހުންވެސް ގޮތް ނިންމާނީ ޑޮކްޓަރުން" ކަމަށެވެ. މިއީ ވެސް ބަލާލަންޖެހޭ ކަމެކެވެ. މި ރާއްޖޭގެ ރައްޔިތުން ވޯޓު ދީގެން އިންތިޚާބު ކުރީ ރައީސުލްޖުމްހޫރިއްޔާ އެވެ. ޑޮކްޓަރުންނެއް ނޫނެވެ. އެހެން ކަމަށް ވާނަމަ، މުޅި ގައުމުގެ އިގުތިސޯދު ހުއްޓުވާލައިފާ ދޮޅު މަހު ބާއްވާވަރުގެ ނިންމުމެއް ނިންމަން ޑޮކްޓަރުންނަށް ދޫކޮށްލެވިދާނެބާ އެވެ؟ ނުވަތަ މި ފަދަ ނިންމުންތަކަކީ ޑޮކްޓަރުންގެ ލަފައަށް ރިއާޔަތްކޮށް، މުޅި ދައުލަތުގެ ހުރިހާ މަސްލަހަތުތަކަކަށް ވެސް ބެއްލެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ނިންމަވަންޖެހޭ ނިންމުމެއް ނޫން ބާވައެވެ؟

ޑޮކްޓަރުންގެ ލަފާގެ މަތިން މުޅި ގައުމުގެ އިގުތިސޯދު ހުއްޓުވާލައި، އެންމެން ގޭގައި ބަންދު ކުރުމަށްފަހު ހުރިހާ ފުލުހުންނާއި ސިފައިންނާއި ސިއްހީ ޚިދުމަތްތެރިން ހަނގުރާމައަށް ނިކުތް މި ވައިރަސްގެ ސަބަބުން ލިބުނު ގެއްލުމާއި މި ލޮކްޑައުންގެ ސަބަބުން މުޅި ދައުލަތުން އިސްރާފު ވެގެން ދިޔަ ބިލިއަނެއްހާ ރުފިޔާ އާއި އިގްތިސޯދަށް ދުވާލަކު ގެއްލެމުން ދިޔަ 19 މިލިއަން ޑޮލަރަށް ރިއާޔަތް ކުރާއިރު މިފަދަ ނިންމުންތަކަކީ ޑޮކްޓަރުންގެ އަތަށް ގޮތްނިންމަން ދޫކޮށްލަން ހެޔޮވާ ވަރުގެ ކަމެއް ނޫންކަން މިއަދު ވަރަށް ސާފުވެއްޖެ އެވެ.

މިފަދަ ވައިރަސްތައް ދިރާސާކުރާ އެޕިޑީމިއޮލޮޖިސްޓުންގެ ލަފާ ކުރުންތައް އަބަދު ވެސް ހުންނަނީ ވަރަށް މަތީގަ އެވެ. އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖްގެ އެޕިޑީމިއޮލޮޖިސްޓް ނީލް ފާގަސަން، 2005 ވަނަ އަހަރު ދުނިޔެއަށް އައި "ދޫނި ރޯގާ"އާ ގުޅޭ ގޮތުން ދިރާސާ ކުރުމަށް ފަހު ލަފާކުރީ މުޅި ދުނިޔޭން 200 މިލިއަން މީހުން މަރުވާނެ ކަމަށެވެ. ނަމަވެސް 15 އަހަރުތެރޭ އެބަލީގައި ދުނިޔޭން މަރުވީ 455 މީހުނެވެ.

ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތް ލޮކްޑައުން ނުކޮށްފިނަމަ 510،000 މީހުން މަރުވެދާނެ ކަމަށް ލަފާ ކުރެއްވީ ވެސް ހަމަ މިދެންނެވި ނީލް ފާގަސަން އެވެ. އޭނާގެ ދިރާސާގެ އަލީގައި އިނގިރޭސިވިލާތް ލޮކްޑައުން ކުރުމުން އެހެން އެތައް ގައުމެއް އޭގެ ފަހަތުން ލޮކްޑައުން ކުރި އެވެ. ރާއްޖެ ވެސް ހިމެނެނީ މިދެންނެވި ބިރުވެރި މެސެޖްގައި ސިއްސައިގެންދިޔަ ގައުމުތަކުގެ ތެރޭގަ އެވެ.

މިވަރުގެ ބޮޑު މަޅިއެއްގައި މުޅި ދުނިޔެ މި ޖެހުނީ މި ވައިރަސް އަކީ ދުނިޔެއަށް އާ ވައިރަސް އަކަށް ވެފައި، މި ވައިރަސް ފުރަތަމަ ފެނުނު ޗައިނާ އަކީ މައުލޫމާތު ސިއްރުކުރާ ބައެއް ކަމަށް ބުނެވޭތީ، ހުޅަނގުގެ ސައިންސްވެރިންނާ ހަމައަށް ލިބުނު މަޢުލޫމާތުތަކަކީ މުޅިން ސައްޙަ މައުލޫމާތު ތަކަކަށް ނުވުމުން ކަމަށް ވެދާނެ އެވެ.

މި ދެންނެވި ފަދަ ޔަގީން ނޫން މަޢުލޫމާތުގެ އަލީގައި މި ބަލިން މަރުވާނެ ކަމަށް ސައިންސްވެރިން ނުބައި ލަފާ ކުރުންތަކެއް ލަފާކޮށް، އެ ލަފާ ކުރުންތަކުގެ މައްޗަށް ދުނިޔޭގެ ވެރިން ނުބައި ނިންމުން ތަކެއް ނިންމުމުންނެވެ. އަދި ވަކިން ހާއްސަކޮށް މި ލޮކްޑައުން އާ ދެކޮޅަށް އުފުލޭ އަޑުތައް މީޑިޔާ އިން ކަނޑުވާލައި، އަދި ކަންއޮތް މިންވަރަށް ވުރެ ބޮޑު ކޮށްގެން މީޑިޔާ ތަކުން މި ހަބަރުތައް ފަތުރަމުން ގެންދިއުމެވެ.

ރާއްޖޭގައި މިކަން މި ހިނގައިދިޔަ ގޮތުގެ ތަޖުރިބާ އަށް ބަލައި ދިރާސާ ކުރުމަށް ޓަކައި ޚާއްސަ ކޮމިޝަނެއް އެކުލަވާލުން އެއީ ކުރަން ވާނެ ކަމެކެވެ. އެހެނީ މިވަރުގެ ބޮޑު ގެއްލުމެއް މުޅި ގައުމަށް ލިބި، އިގްތިސޯދު އިނދަޖެހި، އެތައް ބައެއްގެ ދިރިއުޅުން ފުނޑުފުނޑުވެ، ދަތުރު ނުކުރެވިގެން މައިންގެ ބަޑަށް ދަރިން މަރުވެ، ހޮސްޕިޓަލް ތަކުން ޚިދުމަތް ނުލިބިގެން މައިންގެ ކޮނޑުމައްޗަށް ތުއްތު ކުދިން ނިޔާވެ، އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެން މިދިޔައީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ނިންމުން ނިންމިގެންތޯ ބަލާލުމަށެވެ. މި ފަދަ ކޮމިޝަނެއްގެ ބޭނުމަކަށް ވާނީ އެއްވެސް ބަޔެއްގެ ބޮލުގައި ބަދުނާމެއް އަޅުވައި އަދަބެއް ދިނުމެއް ނޫނެވެ. ނަމަވެސް ކުރިއަށް އޮތް ތާނގައި މިފަދަ ކަމަކާ މި ރާއްޖެ ބައްދަލު ކޮށްފިނަމަ މި ފަހަރު ހެދުނު ގޯސްތައް ދެން ފަހަރަކުން ތަކުރާރު ވިޔަ ނުދިނުމަށެވެ.

އުމުރުން 50 އަހަރުން ދަށުގެ މީހަކަށް ކޮވިޑް ޖެހުމުން މަރުނުވެ ސަލާމަތްވުމުގެ ފުރުސަތަކީ 99.99 ޕަސަންޓުކަން މިއަދު ޔަގީން ވެފައިވާއިރު މުޅި ގައުމު ލޮކްޑައުންކޮށް، ދުޅަހެޔޮ ސިއްހަތުގައި ތިބި ބަޔަކު ގޭބަންދުގައި ބައިތިއްބައި، އެކިއެކި ޓެސްޓްތަކާއި އޮޕަރޭޝަންތައް ކުރަންޖެހޭ ބަލި މީހުން އެ ކަންކަމުން މަހުރޫމްކޮށް، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ރާއްޖެ ދުށް އެންމެ ބޮޑު އިގްތިސޯދީ ވަޅުގަނޑަށް މި ގައުމު ވެއްޓުނީ ކޮން ބަޔެއްގެ އިހުމާލުންތޯ ބަލަން ޖެހޭނެ އެވެ.

މިއަދު ޑޮކްޓަރުންނާއި ސަރުކާރުގެ ވެރިން ވިދާޅުވާން އޮތް ވާހަކަ އަކީ ރާއްޖެ ލޮކްޑައުންކުރި އިރު، މިއަދު މިކަންކަން އެނގޭ ވަރަށް އެދުވަހު އެނގިފައި ނެތުމުގެ ސަބަބުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ލޮކްޑުންކުރީ ކަމަށެވެ. ނަމަވެސް މިއީ މުޅިން ރަނގަޅު ވާހަކައެއް ކަމަށް ގަބޫލުކުރަން ދައްޗެވެ.

އެހެނީ އެންމެ ގިނަ މީހުން މަރުވަމުން ދިޔަ ގައުމު ކަމަށްވާ އިޓަލީ ވިލާތުގައި މަރުވަމުން ދިޔަ މީހުންގެ އެވަރެޖް އުމުރު އޭރުވެސް ހުރީ 80 އަހަރުން މަތީގައި ކަމަށް ވުމެވެ. އަދި 30 އަހަރުން ދަށުގެ އެކަކުވެސް އެ ގައުމުގައި އޭރު މަރުވެފައި ނެތުމެވެ. އަދި ސްވިޑްން އިން ލޮކްޑައުން ނުކޮށް "ހާޑް އިމިއުނިޓީ" އާ ދިމާ އަށް ދަތުރު ކުރަމުން ދިޔައިރު މަރުވާ މީހުންގެ އަދަދު، އެ ލަފާކުރި އަދަދާ ގާތަށް ވެސް ތަޖުރިބާ ކުރެވެމުން ނުދިއުމެވެ.

ގައިދުރު ނުކުރެވޭ ވަރުގެ މާހައުލުތަކުގައި ވައިރަސް ފެތުރޭ މިންވަރު ދެނެގަނެވޭނެ މޮޑެލެއްގެ ގޮތުގައި ޑައިމަންޑް ޕްރިންސަސް ކްރޫސް ޝިޕްގައި މި ވައިރަސް ފެތުރުނު ފެތުރުން ވެސް ދިރާސާކޮށްލެވުނީހެވެ. އެބޯޓުގައި ޖުމްލް 3711 މީހުން ތިބި އިރު ވައިރަސް ޖެހުނީ 700 މީހުންނަށެވެ. އަދި މަރުވީ އެކިއެކި ބަލިތަކަށް ބޭސް ކުރަމުން ދިޔަ ދުވަސްވީ 14 މީހުންނެވެ.

މިއީ ނިސްބަތުން ވަރަށް ކުޑަ އަދަދެކެވެ. ދުނިޔޭގައި މަރުވި ގިނަ މީހުން މަރުވީ، ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގައެވެ. ރާއްޖެ އަކީ އެފަދަ މަރުކަޒެއް ހުންނަ ގައުމެއްވެސް ނޫނެވެ. އަދި ރާއްޖޭގެ އާބާދީ އަކީ އުމުރުން ޒުވާން އާބާދީއެއްވެސް މެއެވެ.

އަހަރު ދެބައި ވާ އިރު ރާއްޖޭގައި މަރުވީ ޖުމްލަ އަށް މީހުންނެވެ. އެކަކު ފިޔަވާ، މި އެންމެންނަކީ ވެސް އެހެނިހެން ބަލިތަކަށް ބޭސްކުރަމުން ގެންދިޔަ، އުމުރުން ވަރަށް ދުވަސްވީ މީހުންނެވެ. މުޅި ދުނިޔޭގައި ވެސް މިކަން އޮތީ މިހެންނެވެ. ރާއްޖޭގައި އެތައް ހަރަދެއް ކޮށްގެން ހެދި ވަގުތީ ހޮސްޕިޓަލް އަދިވެސް ހުރީ ހުހަށެވެ. ވެންޓިލޭޓަރުތައް އަދިވެސް ނުލިބެ އެވެ. ހޮސްޕިޓަލް ތަކުގައި އެޑްމިޓް ކުރެވިފައި މި ވަގުތު ތިބީ ޖުމްލަ ފަސް މީހުންނެވެ.

ދެން ބުނަން އޮތީ ރާއްޖޭގެ ޑޮކްޓަރުން ލަފާކުރި އަދަދާ ގާތަށް ވެސް މީހުން މަރުނުވީ ލޮކްޑައުންގެ ސަބަބުން ކަމަށެވެ. އެހެން ކަމަށްވާނަމަ، މާބަނޑު މީހުންގެ ބަނޑަށް މަރުވި ތުއްތު ކުދިންނާއި މައިންގެ ކޮނޑުމައްޗަށް ތުއްތު ކުދިން މަރުވީ ލޮކްޑައުންގެ ސަބަބުން ކަމަށް ބުނެވިދާނެތާ އެވެ؟

އަޅުގަނޑުމެން ބަލަން ތިބެމާ ހިންގަވާށެވެ. މި ލޮކްޑައުން މި ނެގީ އެތައް ހާސް ބަޔަކަށް މި ބަލި ޖެހިފައި ތިއްބައެވެ. ޑޮކްޓަރުންގެ ލަފާ ކުރުންތަކުގައި ހުރި ބުރަދަނެއް އެނގިދާނެތާ އެވެ.

ޑޮކްޓަރުން ކުރިން ދެއްކެވި ވާހަކަތަކުގެ ރާގު މިހާރު ދަނީ ބަދަލު ކުރަމުންނެވެ. ގޭގައި ކަރަންޓީނު ކުރާ ވާހަކަ އާއި، ބަލައިގެން އުޅެން ޖެހޭ ވާހަކަ އާއި އަތްދޮވުން ގިނަ ކުރުން ފަދަ ވާހަކަތަކެވެ. މިއީ މީގެ ކުރިން ވެސް ލޮކްޑައުން ނުކޮށް ކުރެވެން ހުރި ކަންކަމެވެ.

ލޮކްޑައުންގެ މަޅީގައި ޖެހުނީ ހަމައެކަނި ރާއްޖެއެއް ނޫނެވެ. ދުނިޔޭގެ އެތައް ގައުމެއް މި މަޅީގައި ޖެހުނެވެ. ނަމަވެސް ދުނިޔޭގެ ވެރިން މިކަން ދަސްކޮށް ސިއްހީ މާހިރުންގެ އަތުން މި ބާރު އަތުލައި، ގައުމު ތަކުގެ ލޮކްޑައުން އުވާލައިފި އެވެ. ދުނިޔޭގެ މީޑިޔާ ތަކުގައި ވެސް މިހާރު މިވާހަކަ ދައްކާ ރާގު ބަދަލުކޮށް، މި ކަމަށް ދޭ ސަމާލުކަން ވަނީ ކުޑަ ކޮށްފަ އެވެ.

އަޅުގަޑަށް ލަފާކުރެވެނީ މިކަން ނިމިގެންދާނީ 1991 ވަނަ އަހަރު އެމެރިކާ ސިފައިން އިރާގަށް އެރުމަށް ދެއްކި ބަރު ހަތިޔާރުގެ ވާހަކަ ނިމިގެން ދިޔަ ގޮތަށް ހެނެވެ. އެމެރިކާ މީހުން އިރާގަށް އެރީ ސައްދާމް ހުސައިން ގެ އަތުގައި އެތައް ބަޔަކު އެއްފަހަރާ މަރާލެވޭފަދަ ނުރައްކާތެރި ބަރު ހަތިޔާރު ހުރެގެން ކަމަށް ބުނެއެވެ. އެކަން މުޅި ދުނިޔެއަށް ބުނެދީ، މީޑިޔާ ތަކުގައި އެ ވާހަކަ ދައްކާ، އދ. ގެ ސަލާމަތީ މަޖްލިސް ގައި މި ކަމުގެ ހެކިތައް ފޮޓޯ ތަކުންނާ ލިޔެކިޔުން ތަކުން ދެއްކިއެވެ. ނަމަވެސް އިރާޤަށް އަރާ އެތަށް އަހަރެއްވީ އިރުވެސް އެބުނި ހަތިޔާރެއް ނުފެނެއެވެ. އަދި އަދަށްދާންދެން ވެސް އެ ބުނާ ހަތިޔާރެއް ނުފެނެ އެވެ. ފަހުން އެވާހަކަ މީޑިޔާ ތަކުގައި ވެސް ދެއްކުން ހުއްޓާލީ އެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން އުފެއްދި ބިރުވެރިކަން ވެސް ނިމޭނީ ހަމަ މިހެން ކަމަށް ލަފާ ކުރެވެއެވެ.

އެޑިޓަރުގެ ނޯޓް: މިއީ ރާއްޖޭގައި ފުޅާ ދާއިރާގައި ވިޔަފާރި ކުރައްވާ އުމަރު ނަސީރު ލިޔުއްވާފައިވާ އޭނާގެ އޮޕްއެޑް ލިޔުމެކެވެ. މި ލިޔުން ޝާއިއުކޮށްފައި މިވަނީ އަވަސް އޮންލައިނުން ގަބޫލު ކުރާ އުސޫލުތަކާއި އާންމު ހަމައިގެ ތެރެއަށް ލިޔުން ފައްތާލުމަށް ބައެއް އަކުރު ފިއްޔާއި ތިކިތައް އުނި ކޮށްލުމަށްފަހު އަސްލަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައެވެ.