ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތް

އުމަރު ނަސީރުގެ ލިޔުމެއް: ތެޔޮ ހޯދަން ރާއްޖެ ކުރާ ދަތުރު އޮތީ ކުރިއަށް

މީގެ އެތައް މިލިއަން އަހަރެއް ކުރިން ދިވެހިރާއްޖެ މި އޮތް ތަނުގައި ހުރީ އަލިފާން ފަރުބަދަތަކެކެވެ. އިންޓަނޭޝަނަލް އޯޝަން ޑިސްކަވަރީ ޕްރޮގްރާމްގެ ފަރާތުން ރާއްޖޭގައި ހިންގި އެ މީހުންގެ "އެކްސްޕެޑިޝަން 359" ގެ ދިރާސާގައި ބުނަނީ މި ދެންނެވި އަލިފާން ފަރުބަދަތައް ގޮވައި، އެ ފަރުބަދަތައް މަރުވުމަށްފަހު އެ ފަރުބަދަތައް މަޑުމަޑުން އަޑިއަށް ދާންފެށީ މީގެ 55 މިލިއަން އަހަރާއި 57 މިލިއަން އަހަރާ ދެމެދުގެ ދުވަސްތަކުގައި ކަމަށެވެ. އަލިފާން ފަރުބަދަތައް ގޮވުމަށް ފަހު އެ ފަރުބަދަތަކުގެ ބާކީ ބައި، އަހަރަކު ގާތްގަނޑަކަށް 0.045 މިލިމީޓަރުގެ ބާރުމިނުގައި އަޑިޔަށްދިޔައެވެ. ރާއްޖޭގެ ކަނޑުގެ ބިމު އަޑިން، 4،000 މީޓަރާއި 2،000 މީޓަރާ ދެމެދުގައި އަދިވެސް ވަނީ މި އަލިފާން ފަރުބަދައިގެ ހިލައާއި ގަލެވެ.

ނ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މި އޮތް ސަރަހައްދު، އެ ޒަމާނުގައި އޮތީ އެއް ބައްރަކަށް ކަމަށް ބުނެ ވެއެވެ. މި ބައްރު ދެ ކަފިވެ، އިރުމައްޗަށާއި ހުޅަނގަށް އަތޮޅުތައް ދެބަރިއަކަށް އުފެދި، މެދުގައި އޮތްބައި ކަނޑަކަށް ބަދަލުވީ މީގެ 15 މިލިއަން އަހަރު ކުރިން ކަމަށް ދިރާސާތައް ބުނެ އެވެ.

މި ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރައްވައިފައިވާ ޑރ. މަޙްމޫދު ރިޔާޒް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ތެލާއި ގޭސް ހުރިނަމަ ހުންނާނީ މި ދެންނެވި ސަރަހައްދުގަ އެވެ. އެއީ ތެލާއި ގޭސް ހިފެއްޓޭ ގޮތަށް އޮތް، ޖިއޮލޮޖީގެ ބަހުރުވައިން ނަމަ، "ގްރެބަން ފްލޯޓް ސިސްޓަމް" އަކަށް ވާތީ ކަމަށް އޭނާ ޝާއިއު ކުރެއްވި ލިޔުމެއްގައި ވެއެވެ.

ތެޔޮ ނުވަތަ ގޭސް އުފެދެނީ ގަސްގަހާގެއްސާއި ޖަނަވާރާއި އަދި މި ނޫންވެސް ދިރުން ހުރި ތަކެތި މަރުވެގެން ފަސްގަނޑުގެ ތެރޭގައި ވަޅުލެވި އެތައް މިލިއަން އަހަރެއް ވަންދެން ފަސްގަނޑުގެ ތެރޭގައި ހުރުމުން، ބިމުގެ އަޑިން އުފައްދާ ހޫނާއި ޕްރެޝަރުގެ ސަބަބުން އެތަކެތި ކޯލް ނުވަތަ ތެލަށް ނުވަތަ ގޭހަށް ބަދަލުވެގެންނެވެ.
ރާއްޖޭގެ އެތެރެވަރީ ކަނޑުގެ ބިންގަނޑުގެ އަޑީގައި ފުން ވަޅުތަކެއް ރާއްޖޭގެ ކަނޑުގެ ބިންގަނޑުގެ އަޑި ވަނީ އެކި ޓީމުތަކުން އެކި ދުވަސްވަރު ބަލައި ދިރާސާކޮށްފައެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޖަރުމަނުގެ ޔުނިވާސިޓީ އޮފް ހެމްބާގްގެ ޑިޕާޓްމަންޓް އޮފް ޖިއޯ ސައެންސަސް އާއި ނެދަލޭންޑްސްގެ ވީޔޫ ޔުނިވާސިޓީ އެމްސްޓަޑަމްގެ ޑިޕާޓްމަންޓް އޮފް ސެޑިމެންޓޮލޮޖީ އެންޑް މެރިން ޖިއޮލޮޖީގެ ފަރާތުން ކުރި ސާވޭ އެވެ. އެ ބައިމީހުން ކުރި ސާވޭ އިން، މާލެ އަތޮޅު އުތުރު ބުރިޔާއި، އަރިއަތޮޅު ރަސްދޫއާ ދެމެދުގެ ސަރަހައްދަކުން، ވަށްކޮށް ހުރި ވަޅުގަނޑު ތަކެއް ނުވަތަ ޖިއޮލޮޖީގެ ބަހުރުވައިން ނަމަ "ޕޮކްމާކް" ތަކެއް ކަނޑުއަޑީގެ ބިމުން ފެނިފައި ވެއެވެ.

ހަ ވައްތަރެއްގެ "ޕޮކްމާކް" ރާއްޖެއިން ފެނިފައިވާއިރު، އެންމެ ބޮޑެތިކޮށް ހުރި "ޕޮކްމާކް"ގެ އަނގަމަތީ ފުޅާމިނުގައި 3000 މީޓަރު ހުންނައިރު ފުންމިނުގައި 180 މީޓަރު ހުރި ކަމަށް ވެއެވެ. ކުދި ވަޅުގަނޑު (ޕޮކްމާކް) ތަކުގެ އަނގަމަތީގައި 50 މީޓަރާއި 500 މީޓަރާ ދެމެދު ހުންނައިރު ފުންމިނުގައި 150 މީޓަރާއި 180 މީޓަރު ހުރި ކަމަށް ވެއެވެ. މި ކުދި ވަޅުތައް ސައިންސްވެރިން ސިފަކުރަނީ "ޗިމްނީ" ނުވަތަ ދުންހޮޅިއެއް ގޮތަށެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ފަދަ ވަޅުތަކެއް ނުވަތަ "ޕޮކްމާކް" ތަކެއް އުފެދެނީ، ކަނޑުގެ ބިމުއަޑީގައި ޖަމާވެފައި ހުންނަ ގޭސް، އޭގެ އަމިއްލަ ޒާތުގައި ބިމުން ބޭރަށް ނިކުންނަން ކުރާ މަސައްކަތުގެ ސަބަބުންނެވެ. އެހެން ކަމުން ރާއްޖޭން މި ފެނުނު ވަޅުގަނޑުތައް ވެސް ރަމްޒު ކޮށްދެނީ ކަނޑުގެ ބިމުއަޑީގައި ގޭސް ނުވަތަ ތެޔޮ ހުރިކަމުގެ ނިޝާންތަކެއްގެ ގޮތުގައި ކަމަށް މި ރިޕޯޓްގައި ބުނެ އެވެ.

ތެޔޮ ހޯދަން ކުރި ބައެއް މަސައްކަތްތައް

ފްރާންސްގެ ކުންފުންޏެއް ކަމަށްވާ "އެލްފް އެކުއިޓެން" އާއެކު ދިވެހި ސަރުކާރާ ދެމެދު މީގެ 52 އަހަރު ކުރިން ވެވުނު އެއްބަސްވުމެއްގެ ދަށުން، ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމުގެ މަސައްކަތްތަކެއް 1968 އިން 1978 އާ ދެމެދު ކުރި އެވެ. އެ ކުންފުނީގެ ފަރާތުން ކަނޑުއަޑީގެ ބިންގަނޑުން ތިން ތަނެއްގައި ލޯވަޅު ތޮރުފައިގެން ބެލި އެވެ.

އޭގެ ފަހުން 1990 އަހަރުން ފެށިގެން ދިވެހި ސަރުކާރާއި "ރޯޔަލް ޑަޗް ޝެލް" ކުންފުންޏާ ދެމެދު އެއްބަސްވުމެއް އެކުލާވާލެވި، ތެޔޮ ހޯދުމުގެ މަސައްކަތް އަލުން ފެށުނެވެ. އެ ކުންފުނީގެ ސާވޭޔަރުން އަރި އަތޮޅާއި - މާލެ އަތޮޅާ ދެމެދު ކަނޑުގެ ބިންގަނޑު ތޮރުފައި، "2ޑީ ސެއިސްމިކް ޓެކްނޮލޮޖީ" ބޭނުން ކޮށްގެން ބެލި އެވެ.

ބިންގަނޑު ތޮރުފައިގެން "ސެއިސްމިކް ސާވޭ" އެއް ހެދުމަކީ ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމެކެވެ. ރާއްޖޭގެ ކަނޑުގެ ބިމު އަޑީގައި ތެޔޮ ހުރިކަމުގެ އެކަށީގެންވާ ހެކި ނެތި މި ފަދަ ބޮޑު ދެ ކުންފުންޏަކުން އެފަދަ ބޮޑު އިންވެސްޓްމަންޓެއް ނުކުރީސްކަން ކަށަވަރެވެ.

ކުންފުނިތަކުން އަދިވެސް ޝައުގުވެރިވޭ

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބުނެފައިވާ ގޮތުގައި ބޭރުގެ ދެ ކުންފުންޏަކުން ރާއްޖޭގައި މި މަސައްކަތް އަލުން ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން 2015 ވަނަ އަހަރުގެ އޯގަސްޓް މަހުގައި ބުނެފައި ވަނީ ރާއްޖޭގައި ތެލާއި ގޭސް ހުރިކަމުގެ އިތުރު ނިޝާންތައް ޖަރުމަނާއި ނެދަލެންޑްސްގެ ކުންފުންޏަކުން ހޯދައިފައި ވެެއެވެ. އަދި އިނގިރޭސިވިލާތާއި ނޯވޭގެ ދެ ކުންފުންނަކުން މި މަސައްކަތް ރާއްޖޭގައި ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

ގޭހާއި ތެޔޮ ހޯދަން އޮތް ހުރަސް

ރާއްޖޭގެ ކަނޑުގެ ބިމުއަޑީގައި ގޭސް ނުވަތަ ތެޔޮ ހުރިކަމުގެ އެތައް ނިޝާން ތަކެއް އެތައް ސާވޭ ޓީމަކަށް ފެނިފައިވާއިރު ގޭސް ނުވަތަ ތެޔޮ ހޯދައި، ވިޔަފާރި އުސޫލުން ނަގައި އެކްސްޕޯޓް ކުރަން ހުރި ހުރަސްތަކާއި ކަންބޮޑުވުންތަކަކީ ކޮބައިތޯ ބަލައިލުން ވެސް ރަނގަޅެވެ.

ފުރަތަމަ ކަމަކީ ދުނިޔޭގެ މަޝްހޫރު ދެ ކުންފުނަޏަކުން ރާއްޖެ އައިސް އެތައް ޚަރަދެއް ކޮށްގެން މަސައްކަތް ކުރުމަށްފަހު އަނބުރާ ގޮސްފައި ވުމެވެ. މިއީ ދެން އަންނަން އޮތް މި ފަދަ ކުންފުނިތަކުން އިންވެސްޓް ކުރުމަށް ފަހަތަށް ޖެހޭނެ ކަމެކެވެ.

ދެވަނަ ކަމަކީ ގޭސް ނުވަތަ ތެލުގެ އެކަށީގެންވާ އަދަދެއް ފެނުނަސް، އެ ތަކެތި ނަގައިގެން ދުނިޔޭގެ ބާޒާރަށް ވިއްކަން ނެރޭއިރު، މިއަދު ދުނިޔޭގެ ބާޒާރުގައި ވިއްކަން ހުރި ގޭހާއި ތެލަށް ވުރެ އަގު ބޮޑުވެދާނެ ކަމުގެ ބިރު އޮތުމެވެ.

ތިން ވަނަ ކަމަކީ ތިމާވެއްޓަށް ލިބިދާނޭ ގެއްލުމަކާ ގުޅޭ ގޮތުން އުފެދިފައިވާ ކަންބޮޑުވުމެވެ. ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށް ވާތީ މި ފަދަ ގޭސް ނުވަތަ ތެޔޮ ވަޅެއްގައި ހިނގާ އެކްސިޑެންޓަކުން، ނުވަތަ މި ފަދަ ތެޔޮ އުފުލާ ބޯޓެއް ފަރަށް އަރާ، ކަނޑަށް ތެޔޮ ލީކުވެ، ރަށްތަކުގެ ގޮޑުދޮށްތަކަށާއި، ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބިދާނޭތީ އުފެދޭ ކަންބޮޑުވުމެވެ.

ނާކާމިޔާބީ އަށް ފަހު ކާމިޔާބީ

ބައެއް ގައުމުތަކުން ވަރަށް ފަސޭހަ ކަމާއެކު ތެޔޮ ނުވަތަ ގޭސް ފެނިފައިވި ނަމަވެސް، އަނެއް ބައި ގައުމުތަކުން ތެޔޮ ނުވަތަ ގޭސް ހޯދުމަށް ކުރި ދަތުރުތަކަކީ ދިގު، އަދި އެތައް ނާކާމިޔާބުތަކަކާ ކުރިމަތިލާން ޖެހުނު ދަތުރުތަކެކެވެ.

1
 

އޮމާން

ތެޔޮ ހޯދުމުގެ މަސައްކަތް އޮމާނުން ފެށީ 1925 ގައެވެ. އެއްވެސް ނަތީޖާއެއް ނުފެނިގެން އެ މަސައްކަތް ހުއްޓާލީ އެވެ. އޭގެ 12 އަހަރު ފަހުން އަލުން މަސައްކަތް ފެށި އެވެ. އަދި ކުރިއެރުމެއް ނުލިބި އޮތުމަށް ފަހު އަލުން ފުރަތަމަ ބޯހޯލް ތޮރުފި އެވެ. ނަމަވެސް ތެލެއް ނުފެނުނެވެ. އިތުރު ބޯހޯލް ތޮރުފައިގެން ވެސް ކާމިޔާބެއް ނުވި އެވެ. އެތައް ނާކާމިޔާބީ އަކަށް ފަހު 1960 ވަނަ އަހަރު، އެކަމަށް އިންވެސްޓްކުރި ބޭރުގެ ގިނަ ކުންފުނިތައް އޮމާން ދޫކޮށް ދިޔައެވެ.

ނަމަވެސް 1962 ވަނަ އަހަރު އެޕްރީލް މަހު ފުރަތަމަ ފަހަރަށް ތެޔޮވަޅެއް ފެނުނެވެ. އަދި އޭގެ 1 އަހަރު ފަހުން 1963 ވަނަ އަހަރު ދެވަނަ ތެޔޮވަޅު ފެނުނެވެ. އޭގެ ފަހުން ހުއްޓުމެއް ނެތި އެދަނީ ކުރިއަށެވެ. މިއަދު އޮމާނަކީ އެންމެ މުއްސަނދި އެއް ގައުމެވެ. މިގޮތުން ތެލާއި ގޭހުގެ އާންމުދަނީ ގޮތުގައި 2018 ވަނަ އަހަރު 28 ބިލިއަން ޑޮލަރު ދައުލަތަށް ލިބުނެވެ.

2
 

ނޯވޭ

އެތައް މަސައްކަތެއް ކޮށް، އެތައް ނާކާމިޔާބީ އަކަށް ފަހު 1958 ވަނަ އަހަރުގެ ފެބްރުއަރީ މަހު، "ނޯވޭޖިއަން ޖިއޮލޮޖިކަލް ސާވޭ"ގެ ފަރާތުން އެ ގައުމުގެ ފޮރިން މިނިސްޓްރީ އަށް ފޮނުވި ލިޔުމެއްގައި ވެއެވެ. "ނޯވޭގެ ބިމުއަޑިން ކޯލް، ނުވަތަ ތެޔޮ ނުވަތަ ސަލްފާ ފެނުމަކީ ވާނޭ ކަމެއް ނޫނެވެ." ނަމަވެސް އޭގެ ނުވަ އަހަރު ފަހުން ތެޔޮ ފެނިފައި ވެއެވެ.

މިއަދު ނޯވޭ އަކީ ތެލުގެ ސަބަބުން މުއްސަނދިވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި ދެންނެވި ސިޓީ އޮތީ ތާރީހީ ފިލާވަޅެއްގެ ގޮތުގަ އެވެ. މިގޮތުން ތެލާއި ގޭހުގެ އާންމުދަނީ ގޮތުގައި 2019 ވަނަ އަހަރު 23 ބިލިއަން ޑޮލަރު ދައުލަތަށް ލިބުނެވެ.

ދިވެހި ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމަށް އެންމެ ފަހުން "ސެއިސްމިކް" ސާވޭއެއް ހެދިތާ މިއަހަރަށް 29 އަހަރު ވީއެވެ. ތެޔޮ ހުރިތޯ ބެލުމުގެ ޓެކްނޮލޮޖީ މިއަދު ވަނީ، މީގެ 29 އަހަރު ކުރިޔާ އަޅާބަލާއިރު އެތައް ގުނައެއް ކުރިއަރައިފައެވެ. އަދި އެތައް ކުންފުނިތަކެއް ވަނީ މި ދާއިރާ އަށް އަލަށް ނިކުމެފައެވެ. ފައިސާ ހުރި އެތައް ޤައުމުތަކެއް ވަނީ ތެލާއި ގޭހަށް ބޭނުންވެފައެވެ. އެހެންކަމުން މި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތެޔޮ ނުވަތަ ގޭސް ހުރިތޯ ބެލުމުގެ މަސައްކަތް ރާއްޖޭގައި އަލުން ފަށަންވީ އެވެ. ތެލާއި ގޭސް ހޯދުމަށް ދިވެހިން ކުރާ ދަތުރު، އިރާދަކުރެއްވިއްޔާ އަދި އޮތީ ކުރިއަށެވެ.