އޮޕް - އެޑް

އުނދަގޫ ހާލަތުގައި ޓޫރިޒަމް މާކެޓް ކުރެވިދާނެ ގޮތްތައް

Apr 11, 2020
5

އެޑިޓަރުގެ ނޯޓް: މިއީ އެމްއެމްޕީއާރުސީގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ލިޔުއްވާފައިވާ އިލްމީ މަޒުމޫނެކެވެ. އޭނާ މި މަޒުމޫނު ލިޔުއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި ޓޫރިޒަމް މާކެޓް ކުރުމުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކެއް އޭނާގެ ތަޖުރިބާއިން ހިއްސާ ކުރެއްވުމަށެވެ.
___________________________________________________

މި މަޒުމޫނުގައި މައިގަނޑު ގޮތެއްގައި ބަލާލާނީ، ދިވެހިރާއްޖެ، ފަތުރުވެރި ކަމުގެ މަންޒިލެއްގެ ގޮތުގައި މާކެޓް ކުރުމަށް ދުނިޔޭގެ ބާޒާރުގައި ދިމާވެދާނެ ކަންކަމާއި އޭގެ ބައެއް ހައްލުތަކުގެ މައްޗަށެވެ.

ދިވެހި ރާއްޖެއަކީ، އިގްތިސޯދުގެ ގާތްގަނޑަކަށް 80 ޕަސެންޓް ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ގައުމެކެވެ. އަދި ބާކީ 20 ޕަސެންޓް ކަމަށްވާ "ޢިމާރާތްކުރުން" އާއި "މުޥާޞަލާތީ ޚިދުމަތްދިނުން" އާއި "ވިޔަފާރިމުދާ އެތެރެކޮށް ބޭރުކުރުން"، އަދި "މަސްވެރިކަން" ފަދަ ސިނާޢަތްތަކަކީ، ވަރަށް ބޮޑަށް ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށް ލެނބިފައިވާ ސިނާޢަތްތަކެކެވެ.

ކަންމިހެން ހުރުމާއިއެކު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ނުވަތަ މިހާރު ދިމާވެގެން މިއުޅޭ ހާއްސަ ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ މަސަތްކަތްތައް ނުހަނު ގިނަ އެވެ. އެހެނަސް މިމަޒުމޫނުގައި ބަލާލާނީ މާކެޓިންގެ ރޮގުން ކުރެވިދާނެ ބައެއް ކަންކަމުގެ މައްޗަށެވެ. އެގޮތޮން ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި މާކެޓް ކުރުމަށް ބަލާލާއިރު މިވަގުތު ދުނިޔެ އޮތް ހާލަތަށް ފުންކޮށް ނަޒަރު ހިންގާލަންޖެހެއެވެ.

ޝައްކެއް ނެތްގޮތުގައި، ދުނިޔެ މިވަގުތު މިވަނީ ޒަރޫރީ މަދު ވިޔަފާރިއަކަށް ނޫން އެހެން އެއްވެސް ވިޔަފާރިއެއް ކުރެވޭފަދަ ހާލަތެއްގައެއް ނޫނެވެ. ހާއްސަކޮށް ރާއްޖެއަށް މީހުން އަންނަ ހުރިހާ ގައުމުތަކެއްގެ މީހުން މިވަގުތު ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް ވެސް ނުކުޅެދިފައިވާ ބިރުވެރި ހާލަތެއްގަ އެވެ.

ކޮވިޑް ނަވާރައިގެ ސަބަބުން ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމުތަކެއް މިވަގުތު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ދުނިޔޭގެ ހުރިހާ ބޮޑެތި އިގްތިސޯދީ އިންޖީނުތަކެއް ވަނީ ނިއްވާލެވިފަ އެވެ. ދުނިޔޭގެ "ސުޕަ ޕަވާ" ތައް ކަމަށް ގަބޫލުކުރި ގައުމުތައް ވަނީ އެ ގައުމުތަކުގެ ރައްޔިތުން ސަލާމަތް ކުރުމަށް ނުކުޅެދިފައި ވެއެވެ. އު

ފެއްދުންތެރިކަން އެންމެ އުހުގައި ހުރި ގައުތަކުގެ ގިނަ ފެކްޓަރީތައް ވަނީ ބަންދު ކުރެވިފައެވެ. ދުނިޔޭގެ ވައިގެދަތުރުފަތުރާބެހޭ ހުރިހާ ބޮޑެތި ވިޔަފާރިތަކެއް ވަނީ ހުއްޓިފަ އެވެ. ދުނިޔޭގެ ބޮޑެތި ހުރިހާ މާލީ އިދާރާތަކެއް ވަނީ، ދެންވާނެ ގޮތެއް ލަފާކޮށްލަން ނުކުޅެދިފަ އެވެ. މިހާލަތުން އަރައިގަނެވޭނެ ފޯމިއުލާއެއް އެކުލަވާލުމަށް ތައުލީމުދޭ، ދިރާސާކުރާ، ލަފާދޭ ބޮޑެތި ހުރިހާ އިދާރާތަކެއް ވަނީ ނުކުޅެދިފަ އެވެ.

މިފަދަ ވަގުތެއްގައި، މީގެ އަހަރުތަކެއް ކުރިން، ރާއްޖެ ހިމެނޭ ގޮތަށް އޭސިއާގެ ބައެއް ގައުމުތަކަށް ދިމާވި ސުނާމީގެ ކާރިސާއިން އަރައިގަނެވުނުފަދަ ގޮތަކަށް، މި ހާލަތުން އަރައިގަނެވިދާނެ ކަމަށް ގަބޫލުކުރުމަކީ ފަހަރުގައި މޮޔަ ވިސްނުމަކަށްވެސް ވެދާނެ އެވެ.

ހަމަމިޔާއިއެކު، ސަރުކާރުން، ވިޔަފާރިތަކަށް ފޯރުކޮއްދޭން މިހާރު ކަނޑައަޅާފައިވާ މާލީ އެހީތެރިކަމުގެ ޕްރޮގްރާމްތަކަކީ އޭގެ ޒާތުގާ ކިތަންމެ ރަނގަޅު ފައިދާތަކެއް ގައުމުގެ އިގްތިސޯދަށް ކުރާނެ ކަމެއް ކަމުގައި ވެސް ފާހަގަކުރަމެވެ. ރަނގަޅު ގޮތުގައި، ރަނގަޅު ފަރާތްތަކަށް، ރަނގަޅު މިންވަރު ފޯރުކޮށް ދެވިއްޖެ ނަމައެވެ. އަދި މި ހާލަތުގައި އެންމެ ފަސޭހައިން ރާއްޖޭގައި އެންމެ އަވަހަށް ކުރިއެރުވޭނީ ވެސް ފަތުރުވެރިކަމުގެ ސިނާއަތް ކަމުގައި ގަބޫލު ކުރެވޭތީ އެވެ. ބޭނުންވާ ހުރިހާ އުމްރާނީ ވަސީލަތްތައް ގާއިމްވެފަހުރި ހަމައެކަނި ސިނާއަތް ކަމަށް ވީތީވެސް މެއެވެ.

ދިވެހި ރާއްޖެއަކީ ކުދިކުދި ޖަޒީރާރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ. މި 1190 ކުދިރަށްތަކުގެ މައްޗަށް އުފެދިފައިވާ ދިވެހި ރާއްޖެ، މަތިން ފެންނައިރު ހީވަނީ އިންޑިއާ ކަނޑުގައި އުފެދިފައިވާ މުތް ތަކެއްހެނެވެ. އެކިވަރުވަރުގެ މިރަށްތަކުގެ ވަށައިގެން ވަނީ ހުދު ސާފު ހިމުން ދޮންވެލި ގޮނޑުދޮށެކެވެ. އޭގެ ބޭރުންވަނީ ސާފު ތިލަ ފަޅެކެވެ. އަދި އޭގެ ބޭރުން ވަނީ ޢަޖައިބެއް ފަދަ މުރަކައިގެ ފަރެވެ. އަދި އޭގެ ބޭރުން ވަނީ ފުން ކަނޑެވެ.

މި ރަށްރަށާއި، ގޮނޑުދޮށާއި، ފަޅުފަޅާއި، ފަރުފަރާއި ކަނޑުތައް ވަނީ އެކިވައްތަރުގެ ދިރުމުން ފުރިފައެވެ. މިތަންތަނުގައި އުޅޭ އެކިކުލަ ކުލައިގެ، އެކިވައްތަރުގެ، އެކިވަރުވަރުގެ މަސްމަހާމެއްސަކީ އަޖައިބުން ފުރިގެންވާ ތަކެއްޗެވެ. ގުދުރަތުގެ ފުރިހަމަކަން ދައްކުވައިދޭ، ޢަޖައިބެއްފަދަ، އެތަކެތި ބަލާލި ކޮންމެ މީހެއްގެ ހިތަށް ފިނިކަމާ އުފާވެރިކަމުގެ އިޙްސާސް ކުރުވައެވެ.

ހިތްގައިމު މިރަށްތަކުގައި ދިރިއުޅެނީ ހިތްހެޔޮ، ދީލަތި، އެކުވެރި، އޯގާތެރި، އުފާވެރި، ސާދާ މިޒާޖެއް ލިބިގެންވާ ބައެކެވެ. ވާހަކަދައްކަނީ އަމިއްލަ ބަހަކުންނެވެ. ލިޔަނީ އަމިއްލަ އަކުރަކުންނެވެ. ނަސްލީ ތަފާތުކުރުމެއް، ދީނީ ހަމަނުޖެހުމެއް އަދި ސަރަހައްދީ އަރައިރުމެއް ވެސް ނުވެއެވެ. ގުޅުމަކީ އެއްބަނޑު އެއްބަފާ ބައެއްގެތެރޭގައި ހުންނަ ފަދަ، ލޯތްބާއި، އޯގާތެރި، ކުލުނުން ފުރިގެންވާ ގުޅުމެކެވެ.

އަމިއްލަ ސަގާފަތަކާ އާދަކާދައެއް ލިބިފައިވާ، ސާފު ސާދާ ދިރިއުޅުމެއް އުޅެމުން އަންނަ ބައެކެވެ. މިރަށްތަކަށް ދުވާލަކު 12 ގަޑިއިރާ ގާތް ކުރާ އަދަދަކަށް، އަހަރަކު ގާތްގަޑަކަށް 11 މަސްދުވަހު، ހެޔޮވަރުގެ އަވި ލިބެ އެވެ. ކިލަނބު ކަމެއްނެތް ސާފު ވައި ލިބޭ ގައުމެކެވެ. މިފަދަ އެތައް ކަމެކެވެ. މި ރަށްތަކަކީ، ކުރުކޮށް ބަޔާން ކުރާނަމަ ގުދުރަތުގެ ފުރިހަމަ ޢަޖައިބު ތަކެކެވެ. ދެވަނައެއް ނެތް ދުނިޔެމަތީގެ ސުވަރުގެ ތަކެކެވެ. މިފަދަ ރާއްޖެއެއް ނުވަތަ މިފަދަ ރަށްތައް ވިއްކާ މާކެޓް ކުރުމަށް އިތުރަށް ވަކި ކުރާނީ ކޮންކަމެއްބާވަ އެވެ؟

މިހިސާބުން އުފެދޭ ސުވާލަކީ، މިފަދަ ރަށްތަކެއް (ޕްރޮޑަކްޓެއް) ފަތުރުވެރިކަމުގެ ސިނާޢަތުގައި ވިއްކަނީ ދިވެހި ރާއްޖެއިން އެކަނި ހެއްޔެވެ؟ ޖަވާބަކީ، ނޫނުކެވެ. މިފަދަ ރަށްތައް ވިއްކާ ގައުމުތައް އެބަހުއްޓެވެ. ތައިލެންޑް، މެލޭޝިއާ، އިންޑޮނޭޝިއާ، ފިލިޕީންސް، އަދި ކެރީބިއަންސް ގެ ގައުމުތަކެވެ. މީގެ އިތުރުން އައްސޭރިފަށުގައި ޗުއްޓީ ހޭދަ ކުރުމަށް ހާއްސަ ކޮޓަރިތަކާއި ގެތައް ހަދައިގެން ވިއްކާ ގައުމުތައްވެސް ބައިވަރެވެ. އިންޑިއާ، ސްރީލަންކާ، ސީޝެލްސް، މޮރިޝަސް، އޮސްޓްރެލިއާ، ވިއެޓްނާމް، ކޮލަމްބިއާ، އެމެރިކާ ފަދަ އެތައް ގައުމެކެވެ. އަދި މީގެ އިތުރުން އައްސޭރިފަށުގައި މިފަދަ ވަސީލަތްތައް ފައްކާ ކުރުމަށް ވިސްނަމުންދާ ގައުމުތައްވެސް ދަނީ އިތުރުވަމުންނެވެ.

ހަމަ އެހެންމެ، ގުދުރަތީ ގޮތުން އެ ގައުމުތަކަށް ލިބިފައިވާ ކަނޑުގެ އައްސޭރިފަށާއި، ކޯރުތަކުގެ އައްސޭރި ފަށުގައާއި، ކަނޑުފަޅުގައި މިފަދަ ރަށްތައް އުފައްދަން މަސަތްކަތްކުރާ ގައުމުތައްވެސް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންނެވެ.

ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އެ ގައުމަކުން އަންނަ ޗައިނާއިން ދަނީ، އެ ގައުމަށް ލިބިގެންވާ ސާދަހާސް ކިލޯމީޓަރަށް ވުރެ ބޮޑު އައްސޭރިފަށުގައި މިފަދަ ވަސީލަތްތައް ގާއިމް ކުރަން ވިސްނަމުންނެވެ. މިސްރު ފަދަ، ރަތްކަނޑުގެ އައްސޭރި ފަށުގައިވާ ގައުމުތަކުން ރަތްކަނޑުގައާއި، އެކަނޑުގެ އައްސޭރިފަށުގައި މިފަދަ ވަސީލަތްތައް ގާއިމް ކުރަން ވަނީ ފަށާފަ އެވެ. ސަޢުދީ އަރަބިއާއިން ދަނީ އެ ގައުމުގެ އައްސޭރި ފަށުގައި ދިވެހިރާއްޖޭގެ ނަކަލެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮންމެއަކަސް، މިހުރިހާ ޕްރޮޑަކްޓެއް ވިއްކަނީ ދިވެހިރާއްޖެ ވެސް ވިއްކާ މާކެޓް ތަކަށެވެ. އެހެންކަމުން މިހުރިހާ ގައުމުތަކާ ވާދަކުރުމަށް ދިވެހިރާއްޖެ ނުކުންނައިރު، ރާއްޖެއަށް ހުރި ގޮންޖެހުންތައް ވަރަށް ގިނައެވެ. މިހުރިހާ ގައުމުތަކަކާއި އަޅާބަލާ އިރު ނިސްބަތުން އެންމެ ހީނަރު އިގްތިސޯދެއް ލިބިފައިވާ ގައުމަކީ ދިވެހިރާއްޖެ އެވެ.

އުފެއްދުންތެރިކަން އެންމެ ދަށް ގައުމަކީވެސް ދިވެހިރާއްޖެ އެވެ. ކުޑަވެގެން ދަތް ކޮށްޓާ އިލޮށިން ފެށިގެން ބޮޑެތި މެޝިނަރީތަކަށް ދަންދެން، ބޭނުންވާ ހުރިހާ ތަކެއްޗެއް ގެންނަންޖެހެނީ ރާއްޖޭންބޭރުންނެވެ. ދިވެހި ގައުމީ އެއާލައިން މިވަގުތުވެސް އޮތީ ކިރިޔަކިރިޔާ އެވެ. އަދި މިވަގުތު ކޮވިޑް-19 އާއިޖެހި ނޭވާހޮޅިއަށް އެޅިފައެވެ.

ރާއްޖޭގެ އެއާޕޯޓް އޮތީ ހަމައެފަދަ ހާލަތެއްގަ އެވެ. ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ މަދުކަމުން އަރައި ނުގަނެވިފައެވެ. އަދި ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ރާއްޖެއައުމަށް ނަގާ އަގުތައް ހުންނަނީ މެދުފަންތީގެ ޢާންމުދަނީ ލިބޭ މީހަކަށް އަތްފޯރާ ފަށަށްވުރެ މަތީ އަގެކެވެ. އަދި ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ވައިގެމަގުން ފަތުރުވެރިއަކު ގެންދިއުމަށް ނަގާއަގު އެހާމެ ބޮޑެވެ.

ބޭރުގެ މަހުޖަނުންނާއި ދިވެހި މަހުޖަނުން ޚަރަދު ކޮށްގެން ހަދާފައިވާ ރާއްޖޭގެ ރިސޯޓްތަކުގައި އިސް މަގާމުތަކުގައި މުޅިންހެން ތިބީ ގައުމުން ބޭރު މީހުނެވެ. މި މީހުންގެ އުޖޫރައާއި ޢިނާޔަތްތަކަށް ރިޒޯޓްތަކުން ބޮޑު ހޭދައެއް ކުރެއެވެ. އަދި އެތަކެއް ޓެކުހެއް، މިވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހެ އެވެ. ފަތުރުވެރިއެއްގެ ނަޒަރުން ވިސްނާލާއިރު، އެކަނި ދަތުރުކުރާ މީހަކާއި އާއިލާއާއެކު ދަތުރުކުރާ މީހަކު ބޭނުންވާނެ ކަންކަމުގެ ތެރެއިން، ނިސްބަތުން ލިބެންހުރީ ވަރަށްމަދު ޚިދުމަތްތަކެކެވެ. އެޚިދުމަތް ލިބިގަތުމަށް، އެހެން ގައުމުތަކާއި އަޅާކިޔާއިރު، ނިސްބަތުން ވަރަށްބޮޑު ހޭދައެއް، ރާއްޖޭގައި ކުރަންޖެހެ އެވެ. މިހުރިހާ ސަބަބުތަކަކާ ހުރެ ރާއްޖެ ވިއްކަންޖެހޭ އަގު އުޅެނީ، އެހެން ގައުމުތަކާއި އަޅާކިޔާއިރު، ނިސްބަތުން ވަރަށް މަތީގަ އެވެ.

ކަންމިހެން ހުރުމާއިއެކު، ކުރިން ހީކުރެވުނު ގޮތަށް ދުނިޔޭގެ ބާޒާރުގައި ރާއްޖެ ވިއްކުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެން ކަމުން، ދިވެހިރާއްޖެ ދުނިޔެއަށް ވިއްކުމަށް ކުރަން ޖެހިފައިމިވާ ދަތި، އުނދަގޫ، އަދިއެހާމެ ބުރަ މަސައްކަތަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.

އަދި އެހާމެ އަވަހަށް ބަދަލުވަމުންދާ ދުނިޔޭގެ ހަލަބޮލިކަމުގެ ތެރޭގައި، މާލީ ތަނަވަސްކަމާއި، އިންސާނީ ވަސީލަތްތަކާއި، ކުރިއަރާފައިވާ މަސްނޫއީ ވަސޫލަތްތަކުގެ އެހީއާއިއެކު، މި ރޭހުގައި ކުރީސަފުގައި އުޅޭ ގައުމުތަކާއި ފައިހަމަކުރުމުގެ އުއްމީދުގަ އެވެ. ކުރު، މެދު އަދި ދުރުރާސްތާ ތަސައްވުރެއްގެ ތެރެއިންނެވެ.

އިލްމީގޮތުން އެއްޗެއް ވިއްކުމަށް މާކެޓްކުރާއިރު ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. ކުރުކޮށް މާނަ ކުރާނަމަ "މާކެޓިން" މިބަހުގެ މާނައަކީ، އެއްޗެއް (ޕްރޮޑަކްޓެއް) ނުވަތަ ޚިދުމަތެއް (ސާވިސް އެއް) ބޭނުންވާ މީހަކަށް ނުވަތަ ބަޔަކަށް އެ އެއްޗެއް ނުވަތަ އެ ހިދުމަތެއް ފޯރުކޮށްދޭ މީހާއަށް ނުވަތަ ފަރާތަށް ފައިދާވާގޮތަށް އެއެޗެއް ފޯރުކޮށްދިނުމެވެ. ނަމަވެސް މިހާރަކަށް އައިސް، ވިއްކާމީހާއަށް ލިބޭ ފައިދާ އާއި އެއްވަރުގެ ނުވަތަ އެއައްވުރެ ބޮޑު ފައިދާއެއް، ގަންނަ މީހާއަށް ލިބެންޖެހޭ ކަމަށް ކަމާބެހޭ ޒަމާނީ ގިނަ މާހިރުން ގަބޫލު ކުރެވެ. ނުވަތަ އެއްޗެއް ގަތުމަށް، މާއްދީ ގޮތުން ހޭދަކުރާ އެއްޗަކަށްވުރެ ބޮޑު މާނަވީ ފައިދާއެއް، އެއެއްޗެއް ގަންނަމީހާ އަށް ލިއްބައިދޭން ޖެހޭކަމަށް، ކަމާބެހޭ ގިނަ މާހިރުން ޤަބޫލު ކުރެއެވެ.

މީގެ އިތުރުން މާކެޓް ކުރުމަށް ބޭނުންކުރާ ވަސީލަތްތަކާއި، ހުނަރުތަކާއި ތަކެތީގެ ތަފާތުތަކެއް ހުރެއެވެ. އުޞޫލެއްގެ ގޮތުން މިތަފާތުތައް އަންނަނީ ވިއްކާ އެއްޗެއްގެ ހަޔާތުން ހިނގާ ދުވަސްތަކާ ގުޅިގެންނެވެ. ނުވަތަ އެއެއްޗެއްގެ "ލައިފް ސައިކަލްގެ ސްޓޭޖް" ތަކާ ގުޅިގެންނެވެ. ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ވިއްކާ ކޮޓަރިތަކުގެ ނުވަތަ ރިސޯޓް ކޮންސެޕްޓަކީ މިހާރު އެހާ ޅަ އުމުރެއްގައިވާ ކޮންސެޕްޓެއް ނޫނެވެ. ރާއްޖޭގެ ރިޒޯޓްތައް މިހާރު ހިންގާ ގިނަ ކޮންސެޕްޓްތަކަކީ ޕްރޮޑަކްޓް ލައިފް ސައިކަލްގެ މެޗުއަރަޓީ ސްޓޭޖްގައި ހުރި ޕްރޮޑަޓްތަކެކެވެ. އެހެންކަމުން މިފަދަ ޕްރޮޑަކްޓެއް ވިއްކުމަށް ބޭނުންކުރާ މާކެޓިން ކޮންޓެންޓްސް ވަރަށް ބޮޑަށް ތަފާތުވާން ޖެހޭނެ އެވެ. ބޭނުންވާ ވަކި ޚާއްސަ މަގުސަދެއް ހާސިލްކުރަން އަމާޒު ހިފަންޖެހޭނެއެވެ.

އުސޫލެއްގެ ގޮތުން ދިވެހިރާއްޖޭއިން ވިއްކަނީ "ހައިބްރިޑް" ޕްރޮޑަކްޓެކެވެ. 20 ޕަސެންޓް "ޓެންޖިބަލް" (ކޮޓަރިއާއި އެނދާއި ކެއިންބުއިމަށް ބޭނުންކުރާ ތަކެތި ފަދަ ކަންކަން)، އަނެއް 80 ޕަސެންޓަކީ "އިންޓެންޖިބަލް" (މޫދާއި، ގޮނޑުދޮށާއި، ސާފު ވަޔާ އެހެނިހެން ޚިދުމަތްތައް އަދި މިޚިދުމަތްތައް ލިބުމުންނާއި ފެނުމުން ކުރެވޭ އިހުސާސްތައް) އެވެ.
ކަންމިހެން އޮތްއިރު، ރާއްޖެ އަންނަމީހާ ގަންނަނީ (އޭނަ ގަބޫލުކުރާ ގޮތުގައި) ނިދާ ކޮޓަރިއާއި ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗެވެ. ޢާންމު އުޞޫލެއްގެ ގޮތުން، ކޮޓަރީގެ ވައްތަރުން އަގު ތަފާތު ވެއެވެ. ކާންދާ ރެސްޓޯރަންޓެއްގެ ސަބަބުން އަގު ތަފާތު ވެއެވެ. އަނެއްކޮޅުން (އަޅުގަނޑުމެން ހިތުން) އަޅުގަނޑުމެން ވިއްކަނީ، މިރަށްރަށުގެ ގޮނޑުދޮށާއި، ވަޔާއި، މޫދާއި މިތަންތަނަށް ދީފައި ހުންނަ އަވީގެ އަޖައިބު ކަމެވެ. ނުވަތަ ވަށައިގެންވާ އަޖައިބު ކުރުވަނިވި، ރީތިކަމުން ފުރިގެންވާ މާހައުލެވެ. ނަމަވެސް ރާއްޖޭގެ ކޮންމެ ރަށެއްގައި ފަތުރުވެރިއަކު ހުއްޓަސް ދާދިއެއްކަހަލަ މާހައުލެއް ލިބުމުގެ ފުރުސަތު އޮވެއެވެ. އަގުބޮޑު ކޮޓަރީގައި ހުންނަ މީހާއާއި އަގުހެޔޮ ކޮޓަރީގައި ހުންނަމީހާ އާއި ދެމެދު، މާހައުލުގެ މާ ބޮޑު ތަފާތެއް ނެތެވެ.

އެހެންކަމުން ގަންނަމީހާއާއި ވިއްކާ ފަރާތާ ދޭތެރޭގައި މިވާ ފަރަގު ކުޑަނުކޮށް ގަންނަ މީހާގެ ޖީބުން ހިއްސާއަކާއި ސިކުނޑިން ހިއްސާއެއް ނުހޯދޭނެ އެވެ. ނުވަތަ ހޭދަކުރާ އެއްޗަކާ އަޅާކިޔާއިރު އޭނާގެ މާނަވީ ފައިދާ ބޮޑު ކުރެވޭނެ ގޮތެއް ނެތެވެ. މިއީ، މިހާރަކަށް އައިސް ރާއްޖެ މާކެޓްކުރުމުގައި ހެދޭ އެންމެ ބޮޑު އެއްގޯހެވެ.

ދުނިޔޭގެ އެންމެ ފުންނާބު އުސް މާކެޓަރުންގެ ތެރޭގައި ހިމެނޭ ޕްރޮފެސަރު ފިލިޕް ކޮޓްލާ ދެކެލައްވާ ގޮތުގައި 21 ގަރުނު ފެށިގެން މިހާތަނާޖެހެން ދެން ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުން މަސައްކަތް ކޮށްފައި ވަނީ ވިޔަފާރި ކުރަން އަންނަ މީހާގެ ވިސްނުމާ ކުޅެލާ އެމީހާގެ ސިކުނޑީގެ ހިއްސާ އެ ވިޔަފާރިއަށް އިތުރު ކުރުމަށެވެ.

އެގޮތުން ފަހަކަށް އައިސް ދުނިޔޭގައި މަޝްހޫރުވެ ކުރިއަރަމުން އަންނަ ލޯޔަލްޓީ ޕްރޮގްރާމް ތަކަކީ މިކަމަށް އަމާޒު ކޮށްގެން ރާވާ ހިންގާ ހަރަކާތްތަކެކެވެ. އެކަމަކު މިހާރު ދުނިޔޭގެ ކުރިއަރާފައިވާ ވިޔަފާރި ބްރޭނޑްތަކުން މަސައްކަތް ކުރަނީ ވިޔަފާރި ކުރަން އަންނަ މީހާގެ ހިތާ ކުޅެލާ، ޖަޒުބާތްތަކާ ކުޅެލާ އޭނާގެ ހިތް ދަމައިގަތުމަށެވެ. އެހެނީ އިންސާނާގެ ސިކުނޑިއާ ހިތާ އެއްތަން ނުވާހާ ހިނދަކު އިންސާނާ އެއްގޮތެއްގައި ދެމިހުރުމަކީ އުނދަގޫކަމަށްވާތީ އެވެ. ލޯޔަލް ކަސްޓަމަރުން އުފައްދާ ރިޓެއިންކުރުމުން މާކެޓިން އަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން ކުޑަކުރެވޭތީ އެވެ.

އެހެންކަމުން ތިރީގައި ބަޔާންކުރާ ކަންކަން ކުރުމުގައި ރާއްޖެއަށްނަ ކޮންމެ ފަތުރުވެރިއެއްގެ ސިކުޑިއާ ހިތާ ކުޅެލުމަށް މާކެޓިން ބައްޓަން ކުރުން ވަރަށް މުހިންމެވެ. ފަތުރުވެރިއާ ހޭދަކުރާ އެއްޗަކުން އޭނާއަށް ލިބިދެވޭ މާއްދީ ފައިދާއަށްވުރެ މާނަވީ ފައިދާ އިތުރު ކުމަށްޓަކަ އެވެ. ފަތުރުވެރިޔާ އުފާކުރުވާ، އޭނަގެ އެއުފާވެރި އިޙްސާސްތަށް އޭނަލައްވާ އެހެންމީހުންނަށް ކިޔައި ދިނުމަށެވެ. ތަކުރާރުކޮށް އަންނަ ފަތުރުވެރިން އިތުރު ކުރުމަށެވެ. މިކަންކަމުގެ ސަބަބުން ފަތުރުވެރިން ގެނައުމަށް ކުރަންޖެހޭ ޚަރަދު، ބޮޑުތަނުން ކުޑަކުރުމަށެވެ.

ތިރީގައި މިބަޔާންކުރަނީ މިދެންނެވުނު މަޤްޞަދުތަށް ޙާޞިލުކުރުމަށް، ވަގުތާއި ޙާލަތަށްބަލާ، ގެންނަންޖެހޭ ބަދަލުގެނެސްގެން، ޤައުމީ ފެންވަރުގައި ކުރެވިދާނެ ބައެއް ކަންކަމެވެ.

1. ވަގުތާ ޙާލަތާގުޅޭ ރަގަޅު 'ކޮންޓެންޓް' ތައްޔާރުކޮށް ރަގަޅުގޮތުގައި، ރަގަޅުތަނުގައި، އަދި ރަގަޅުޙާލަތުގައި ބޭނުންކުރުން.
2. ދިވެހިރާއްޖެ (މޯލްޑިވްސް) މި ބްރޭންޑް އަށް "ބްރޭންޑް އެކްޓެންޝަން" ތަކެއް އިތުރުކޮށް މާކެޓް ކުރަންފެށުން.
3. މީހުން ބިނާކޮށް، ސިނާޢަތުގެ ފެންވަރު ހިފަހައްޓާ ދެމެހެއްޓުމަށްޓަކައި 'ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ ޓްރޭނިންގ ރިޒޯޓެއް' ޤާއިމްކޮށް ހިންގަންފެށުން.
4. ބައެއް ރިޒޯޓްތައް މެޑިކަލް ޓްވަރިޒަމްއަށް ބަދަލުކުރުމާއި ޗުއްޓީއާއި ފަރުވާ އެއްތަނަކުން ލިބޭނެ ފަދަ ގޮތަކަށް ބަދަލުކޮށް އިތުރު ސެގްމެންޓެއް ތަޢާރަފްކުރުން.
5. އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް ހެލިކޮޕްޓަރުތަކަށް ހުޅުވާލުން
6. ލިބިފައިވާ ހުރިހާ ވަސީލަތެއްގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ފުރިހަމަ ވިއުގައެއް ޤާއިމްކޮށް ބޭނުންކުރަން ފެށުން.
މިއިން ކޮންމެ ދާއިރާއަކީ ވަރަށް ފުޅާ ދާއިރާއެއްކަމުން، ދެންއަންނަ މަޒުމޫންތަކުގައި މިކަންކަމަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.

މިއީ ހަމައެކަނި މިކަމުން ސަލާމަތްވާނެ ގޮތްތަކެއްނޫނެވެ. ތަފާތު އެތަކެއް ދާއިރާއަކުން، ކުރެވޭނެ ތަފާތު އެތަކެއްކަމެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.