ޓޫރިޒަމް

ފަތުރުވެރިކަން އިޝްތިހާރުކުރަން ރާއްޖެ އެއް ވިއުގައަކުން ގުޅާލުމުގެ މުހިންމު

Jun 18, 2020

މިދުވަސްވަރަކީ، މި އަހަރު ފެށުނީއްސުރެ މުޅިދުނިޔެ އެ ބަލިމަޑުކަމަކާއި ކުރިމަތިލާން ޖެހިފައިވާ ކޮވިޑް 19 އިގެ ނުރައްކަލުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބި، ބަންދުވެފައިވާ އިގްތިސޯދުތައް ހުޅުވާލުމަށްޓަކައި ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ތައްޔާރުވަމުންދާ ދުވަސްކޮޅެކެވެ.

އެއާއެކު، އާއްމު ހާލަތުގައި، މީގެ ކުރިން ކަންކަން ކުރަމުންދިޔަ އެތައް ގޮތަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފަ އެވެ. އެހެން ކަމުން ރާއްޖޭގެ އިގްތިސޯދު އެ ސިނާއަތެއްގެ މައްޗަށް ބޮޑުތަނުން ބަރޯސާވެފައިވާ ފަތުރުވެރިކަން މާކެޓް ކުރުމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. ހާއްސަކޮށް ރާއްޖޭގައި ފަހަކަށް އައިސް، އުފެދެމުން އަންނަ ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުފަހަރު މާކެޓް ކުރުން ވަރުގަދަކޮށް އިތުރު ކުރުމަށްޓަކައެވެ. ހީނަރުވެފައިވާ އިގްތިސޯދަށް އެންމެ އަވަހަށް އެންމެ ރަނގަޅު ބަދަލެއް ގެނެވޭނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވާ، އެ ވިޔަފާރިތަކަށް އަވަސް ދިރުމެއް ގެނެސް ދެވިގެން ކަމަށްވާތީ އެވެ.

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ވަކިން ހުންނަ އެކިވަރުގެ ރައްރަށުގައި މީހުން އުޅެން ޖެހިފައިވުމުން ވަރަށްގިނަ ކަންކަމުގައި އެކިކަހަލަ އުނދަގުލާއި ކުރިމަތިލާން ޖެހެ އެވެ. ބައެއްކަހަލަ ކަންކަން ހަމަޖެއްސުމަކީ، ހަރަދުބޮޑު ކަމަކަށް ވެސް ވަނީ ވެފައެވެ.

ކޮންމެރަށެއްގައިމެ ވަކިން ކަރަންޓާއި ފެނާއި ނަރުދަމާގެ ކަންކަމުގެ އިތުރުން، ސިއްހީ ތައުލީމީ، އިދާރީ ކަންކަން ވެސް ހަމަޖައްސަން ޖެހިފައި ވުމުންނެވެ. އެހެންކަމުން ކުރިއަރާ ދިއުމަށް، ރާއްޖެ ކުރަމުން މިދާ ދަތުރުގައި މިފަދަ އެންމެހާ ކަންކަން ލުއި ފަސޭހަ ގޮތަކަށް ހަމަޖެއްސުމައްޓަކައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފަން މިއަދު ވަނީ ޖެހިފަ އެވެ. އިންޓަނެޓްފަދަ ޒަމާނީ ވަސީލަތްތަކުގެ ޒަރީއާއިން މިފަދަ ކަންކަން ލުއި ފަސޭހަ ގޮތަކަށް ހަމަޖެހި، މުޅި ރާއްޖެ އެއް ވިޔުގައަކުން ގުޅާލުމުގެ ބޭނުން ވަނީ ބޮޑުވެފަ އެވެ.

ރާއްޖޭގެ އިގްތިސޯދު އެ ސިނާއަތެއްގެ މައްޗަށް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި، ރާއްޖޭގެ އެތަން މިތަނުގައި ހެދެމުންދާ ގެސްޓް ހައުސްތަކާއި، ފަތުރުވެރިކަމާއި ގުޅުންހުރި އެކިއެކި ހިދުމަތްތައް ގާއިމު ވަމުންދާ ދަނޑިވަޅުގައި މުޅި ރާއްޖެ އިންޓަނެޓުގެ ޒަރީއާއިން އެއް ވިޔުގައަކުން "ވާޗުއަލްކޮށް" ގުޅާލެވިއްޖެނަމަ މުޅި ގައުމަށް އެކަމުގެ ފައިދާ، އެތައް ގޮތަކުން ކުރާނެ އެވެ.

ހާއްސަ ގޮތެއްގައި ފަތުރުވެރިކަން އިޝްތިހާރުކޮށް މާކެޓް ކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ދެކެމެވެ. ކޮންމެ ރަށަކަށް ގުދުރަތީ ގޮތުން ލިބިފައިވާ ރީތި ކަމާއި ފުރިހަމަ ކަމާއި އަމިއްލަވަންތަކަން ފޮޓޯ އާއި ވީޑިއޯގެ ޒަރީޔާއިން މުޅި ދުނިޔެއަށް ފަސޭހައިން ދައްކުވައި ދެވޭނެތީ އެވެ. ތްރީޑީ ފޮޓޯއާއި، 360 ޑިގްރީ ވީޑިއޯ ތައްޔާރުކޮށް، ވާޗުއަލްކޮށް މުޅި ދުނިޔެއަށް ފަސޭހައިން ދައްކާލެވޭނެތީ އެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ އުފެއްދުންތަކުގެ ބޭނުންކޮށް ފަތުރުވެރިން ބޭނުންވާ ކަހަލަ މަންޒަރުތަށް ތަކުރާރުކޮށް، ފޯރުކޮށްދެވޭނެތީ އެވެ. ހާއްސަަކޮށް ބޭނުންވާ މާކެޓް ސެގްމެންޓަކަށް ފަސޭހައިން އަމާޒު ކުރެވޭނެތީ އެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ބޭނުންވާ އޯޑިއަންސްގެ ސަމާލުކަމަށް، މިކަންކަން ގެނެވޭނެތީ އެވެ.

މިކަމަށް ބޭނުންވާ ކޮންޓެންޓް ތައްޔާރު ކުރުމުގައި ސަމާލުކަން ދޭންޖެހޭ އެތައްކަމެއް ހިމެނެ އެވެ. ބޭނުންވާ ކޮންޓެންޓް ތައްޔާރު ކުރުމަށް ފަހު ބޭނުން ކުރުމުގެ ކުރިން، އެ ކޮންޓެންޓަކުން ބޭނުންވާ މަގްސަދު ހާސިލްވޭތޯ ކަށަވަރު ކުރުމަށްޓަކައި، ކޮންޓެންޓް އުފެއްދުމުގައި ބައިވެރި ނުވާ އާއްމު ފަރާތަކަށް، ދައްކާލުމަކީ ރަނގަޅު ކަމަކަށްވެދާނެ އެވެ. މިގޮތުން ބޭނުންކުރާ ކޮންޓެންޓަކީ ފޮޓޯ ކަމަށް ވާނަމަ، "ކެޕްޝަން" ނުހިމަނާ ވީޑިއޯނަމަ އަޑު ނުހިމަނާ ދައްކާލުމުން، އެ ބަލާ މީހާއަށް، އެ ކޮންޓެންޓުން އިޙްސާސް ކުރެވެނީ، އެ ކޮންޓެންޓް އުފެއްދި ފަރާތުން ހާސިލް ކުރަން ބޭނުންވި މަގުސަދު ނަމަ ނުވަތަ އެ ކޮންޓެންޓުން ދޭން ބޭނުންވި މެސެޖް ނަމަ، ނުވަތަ އެއާ ގާތްކުރާ އިހުސާސެއް ނަމަ، އެ ކޮންޓެންޓް އުފެއްދުމުގެ މަގުސަދު ހާސިލްވުން ވަރަށް ކައިރި އެވެ.

ކެޕްޝަނާއި އަޑު ގިނަ ފަހަރަށް ހުންނަނީ އެންމެ ބަހަކުން ކަމަށްވުމުން އެހެން ބަސްބަހުން ވާހަކަދައްކާ ފަރާތްތަކަށް މާބޮޑު އަސަރެއް ނުކޮއްފާނެތީ އެވެ. ނަމަވެސް ވީޑިއޯ ކޮންޓެންޓަށް، އެ ވީޑިއޯއަކުން ގެންނަ ންބޭނުންވާ އިހުސާސް ގެނެސްދެވޭ ކަހަލަ މިއުޒިކެއް ލެވިއްޖެނަމަ މާ ފުރިހަމަ ވެދާނެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް، އެ ރަށަކަށް ހާއްސަ ކަންކަން ހުރެއެވެ. އަދި އެކިއެކި އަތޮޅުތައް، އެކިކަންކަމަށް ފާހަގަ ކުރެވި މަޝްހޫރެވެ. އެހެންކަމުން ކޮންމެ ރަށަކުން ތައްޔާރު ކުރެވޭ ކޮންޓެންޓް ތަކުގައި ވެސް އެރަށެއްގެ އަމިއްލަވަންތަކަން ދައްކާލުމަށް މަސައްކަތް ކުރުން ވަރަށް މުހިންމެވެ.

އަދި އެރަށަކަށް ނިސްބަތްވާ ތަންތަނާއި، ކަންކަމާއި ވާހަކަތައްވެސް ހުރެއެވެ. އެހެންކަމުން މިފަދަ ކަންކަން އޭގެ އަސްލާ ވީހާވެސް ގާތް ކުރާ ގޮތަކަށް، ފަތުރުވެރިންނަށް ދައްކާލެވޭނެ ކަހަލަގޮތަކަށް އިންތިޒާމުތަށް ހަމަޖެއްސޭތޯ ކޮންމެ ރަށަކުން ވެސް މަސައްކަތް ކުރުން މުހިންމެވެ. ފުރިހަމަ އިންތިޒާމްތަކެއްގެ ތެރެއިން، މިފަދަތަންތަން ބަލާލަން ބޭނުންވާ ފަތުރުވެރިންނަށް އެ ފުރުސަތު ދިނުމަށެވެ. މިހާރުވެސް އައްޑޫ ސިޓީގެ ހިތަދޫގައި މިފަދަ ކޮންސެޕްޓެއް ގާއިމު ކުރެވިފައިވާކަން ފާހަގަ ކުރަމެވެ.

ހަމަ މިކަހަލަ ގޮތަކަށް ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް އެރަށަކަށް ހާއްސަ ކަންކަން ކުރާގޮތް ދައްކާލުމުގެ ކަންކަން އިންތިޒާމުކޮށް ހަމަޖެއްސިދާނެ އެވެ. ތުނޑުކުނާ ވިޔުމާއި، ރޯނު ވެށުމާއި، ފަންގި ވިޔުމާއި، ދިވެހި ލިބާހުގައި ބޯވަޅު އެޅުމާއި، ލިޔެ ލާ ޖެހުމާއި، ތިލޭރުކަން ފަދަ އެތައްކަމެއް ހިމެނޭ ގޮތަށެވެ. ރަށްތަށުގައިވާ ގުދުރަތީ ރީތިކަމާއި ފުރިހަމަކަން ދައްކުވައިދޭ ކުޅިތަކާއި، ކޯރުތަކާއި އަދި ސަގާފީ އާސާރީ އެތައް ތަނަކާއި ކަމެއް ހިމަނައިގެންނެވެ. މާޒީގައި ކާބަފއިން އުޅުނުގޮތާއި ކަންކަންކޮށް އުޅުނުގޮތްތައް ދައްކާލުމަށް ތައްޔާރުކުރެވޭ ޑްރާމާ ތަމްސީލު ތަކަކުންނެވެ. އެކިރަށްރަށުގައި ކޮށްއުޅޭ އެކިކަހަލަކަންކަން ފާހަގަކޮށް އެކަންކަމަށް ގެންނަންފެންނަ އުނިއިތުރު، އެރަށެއްގެ ކައުންސިލުން ރައްޔިތުންނާ ގުޅިގެން ނިންމިދާނެ އެވެ.

މިގޮތަށް އިންތިޒާމްތައް ރޭވި ހަމަޖެހުމުން، އެރަށަކަށް ޒިޔާރަތް ކުރާނެ ފަތުރުވެރިން ނުވަތަ މިފަދަ ކަންކަން ތަޖުރިބާކޮށްލަން ބޭނުންވާނެ ފަތުރުވެރިން، މަދުވެގެން އެއް ދުވަސްކުރިން، އެރަށަކަށް ހާއްސަ ކުރެވިފައިވާ ވެބްސައިޓް މެދުވެރިކޮށް ބުކިން ހަދާކަހަލަ ގޮތަކަށް، އިންތިޒާމްތަށް ހަމަޖެހިއްޖެނަމަ، މިކަންކަން ތަންފީޒުކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ދެކެމެވެ.

އަދި ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ކޮންމެ ރަށެއްގައި ވެސް އެރަށަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒު ކޮށްގެން ދިވެހި ބަހުން ލިޔެކިޔަން ދަސްކޮށް ދިނުމުގެ، ބޭސިކް ކްލާސްތަކެއް ހިންގުމަކީ ވަރަށް މުހިންމު ކަމެއްގެގޮތުގައި ދެކެމެވެ. ހަމަޖެހޭ ރަނގަޅު އުސޫލަކުން ކޮންމެ ރަށެއްގެ ވެސް ކައުންސިލާއި، ސްކޫލް ގުޅިގެން މިކަން ކުރެވިދާނެ ކަމުގައި ދެކެމެވެ. ކުރުކޯހަކުން ލިޔެކިޔަން ދަސްކޮށްދީ ކޯސް ފުރިހަމަކުރުމުގެ ސަނަދު ވެސް ފަތުރުވެރިޔާއަށް ދޭގޮތަށެވެ. މިކަންކަން ރޭގަނޑަށް އަމާޒު ކުރުން މުހިއްމެވެ. ދުވާލުގެ ވަގުތުތަކުގައި، ގޮނޑުދޮށާއި މޫދުކުޅިވަރުތައް ފަދަ، އެހެނިހެން ހަރަކާތްތަކަށް ފުރުސަތު ދިނުމަށެވެ. ބޭރު ގައުމުތަކާ ހިލާފަށް، ރޭގަނޑުގެ ހަރަކާތްތަށް ރާއްޖޭގެ ރަށްރަށުގައި މަދުވުމުންވެސް މެއެވެ. މިގޮތަށް މިކަން ގެންދެވިއްޖެނަމަ، ދުވަސްކޮޅަކުން މިކަމުގެ ރަނގަޅު އަސަރު ވަރަށް ބޮޑުވާނެ ކަމަށް ދެކެމެވެ.

ރާއްޖެކުޑަޔަސް ދިވެހިބަހުން ވާހަކަ ދައްކާ ގިނަ ބަޔަކު ދުނިޔޭގެ އެތައް މިތަނުން ފެންނަން ފެށުން ގާތްވީމައެވެ.
ހަމަމިއާއެކު ކޮންމެ ރަށަކުންވެސް އެރަށެއްގެ ނަމުގައި ހާއްސަ ވެބްސައިޓެއް ހަދާ މިދެންނެވުފަދަ، އެ ރަށެއްގައި ކުރާ ހުރިހާ ކަމެއްގެ މައުލޫމާތު އެ ވެބްސައިޓްގައި ޝާއިއުކޮށް ބަލަހައްޓަމުން ގެންދެވިދާނެ އެވެ. އަދި އެރަށެއްގައި ހުއްދަދެވި ރަޖިސްޓްރީ ކުރެވިފައިވާ ފަތުރުވެރިކަމާ ގުޅުންހުރި ހުރިހާ ވިޔަފާރިތަކެއް، އެރަށެއްގެ ވެބްސައިޓުން ފެންނަ ގޮތަށް އިންކޯޕަރޭޓް ކޮށްގެންނެވެ.

މިކަމަކީ އެރަށެއްގެ ކައުންސިލުން ކުރާ ކަމެއްގެގޮތުގައި އޮތުމަކީ ފައިދާހުރި ގޮތެއް ކަމުގައި ދެކެމެވެ. އެރަށެއްގެ ހުރިހާ ކަމެއް، ރަށު ފެންވަރުގައި ރެގިއުލޭޓްކުރާ ފަރާތަކީ ކައުންސިލް ކަމަށްވުމުންނެވެ. އަދި ތަނަވަސްކަން ބޮޑުރަށްރަށުގައި، އައުޓްސޯސް ކޮށްގެން ވެސް ކުރެވިދާނެ އެވެ.

ހަމަޖެހޭ ރަނގަޅު އުސޫލަކުން، އެރަށެއްގައިވާ ފަތުރުވެރިކަމާ ގުޅުންހުރި ޚިދުމަތް ދޭ ފަރާތްތަކުން ނެގޭ ކުޑަ ޗަންދާއަކުން، އެރަށެއްގެ ވެބްސައިޓް މެނޭޖް ކުރުމަށް ހިނގާނެ ހަރަދު ހޯދިދާނެ ކަމަށް ދެކެމެވެ. ހަމަ މިގޮތަށް ކޮންމެ އަތޮޅެއްގެ ވެސް ކައުންސިލުން އެ އަތޮޅުގެ ވެބަސައިޓް މެނޭޖް ކުރެވިދާނެ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ގައުމީ އިދާރާގެ ވެބްސައިޓުގައި، ރާއްޖޭގެ ހުރިހާ އަތޮޅުތަކުގެ ވެބްސައިޓް ހިމެނިދާނެ އެވެ. އަތޮޅުތަކުގައި ހިންގަމުންދާ ހުރިހާ ރިސޯޓްތަކާއި ސަފާރީތަށް ވެސް ހިމަނައިގެންނެވެ.

މިގޮތުން ކޮންމެ ރަށެއްގައިވެސް، ތައްޔާރުކުރާ ވެބްސައިޓް ތައްޔާރު ކުރާނީ އެރަށެއްގެ ނަމުގަ އެވެ. މިހާރު ވެސް މިގޮތަށް ތައްޔާރުކޮށްފައިވާ ވެބްސައިޓްތައް މަދުމަދުން ނަމަވެސް ފެނެ އެވެ. ރަށުގެ ނަމުގައާއި އަތޮޅުގެ ނަމުގައި ވެސް ވެބްސައިޓްތަށް ހެދި، އިޝްތިހާރު ވެސް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. މިސާލަކަށް "ވިޒިޓް ކެލާ" އާއި "ވިޒިޓް ލާމު" އަދި "ވިޒިޓް އައްޑޫ" ފަދަ ނަންނަމުގަ އެވެ. މިކަންކަން މިހާރު ކުރަނީ، އަމިއްލަ ފަރާތްތަކުން ކަންވެސް ފާހަގަ ކުރެވެއެވެ. މިގޮތަށް މިކަންކުރުމަކީ، އެ ރަށަކަށް ނުވަތަ އެ އަތޮޅަކަށް އެންމެ ފައިދާ ކުރާނެ ގޮތްތޯ ބަހުސް ކުރެވިދާނެ އެވެ. ފައިދާއާއި ގެއްލުން ވެސް ހިމެނޭތީ އެވެ.

ދިވެހިރާއްޖެ ނުވަތަ "މޯލްޑިވްސް" މި ބްރޭންޑަކީ ދުނިޔޭގައި ވަރަށް މަގުބޫލު ބްރޭންޑެކެވެ. ވަރަށް ގިނަ ބައެއްގެ ލޯބި ލިބިފައިވާ ބްރޭންޑެކެވެ. ވަރަށްގިނަ ބައެއްގެ "ޑްރީމް" މަންޒިލަކަށް ނިސްބަތްވާ ނަމެކެވެ. މި ބްރޭންޑްގެ ވެބްސައިޓަކީ "ވިޒިޓް މޯލްޑިވްސް" އެވެ. އެހެންކަމުން ރާއްޖޭގެ އަތޮޅުތަށް ޕްރަމޯޓް ކުރާއިރު ކުރަންވީ، މިސާލަކަށް، "ވިޒިޓް މޯލްޑިވްސް/ލާމު" VisitMaldives/Laamu އަދި ރަށެއް ޕްރަމޯޓް ކުރާއިރު "ވިޒިޓް މޯލްޑިވްސް/ލާމު/ގަން" VisitMaldives/Laamu/Gan މިކަހަލަ ގޮތަކަށެވެ. އެރަށެއް ނުވަތަ އެ އަތޮޅެއް ނިސްބަތްވަނީ ދިވެހި ރާއްޖެއަށް ކަން ފަސޭހައިން އަންގައިދިނުމަށެވެ. މަޝްހޫރު ބްރޭންޑެއްގެ ފައިދާ ހާސިލް ކުރުމަށް ވެސް މެއެވެ. ރާއްޖެފަދަ އެހެން މަންޒިލްތަކާއި، ރާއްޖެއާއި ތަފާތުކޮށް، އަރާފާނެ އޮޅުންތައް ކުޑަކުރުމަށެވެ.

މިފަދަ، ގުޅިލާމެހިފައިވާ ވިޔުގައަކުން މުޅި ރާއްޖެ ގުޅާލުމަށްފަހު، ވިޒިޓް މޯލްޑިވްސް ވެބްސައިޓް، ވީހާވެސް ބޮޑަކަށް ދުނިޔޭގެ އެކިއެކި މާކެޓްތަކުގައި ބޭނުންކުރާ ތަފާތު އޮންލައިން ޕްލެޓްފޯމްތަކުގައި ޕްރަމޯޓްކޮށް "ބޫސްޓް" ކުރުން ވަރަށް މުހިންމެވެ. ޓީވީ ރޭޑިއޯ ޗެނަލްތައްވެސް ހިމެނޭގޮތުންނެވެ. ހާއްސަކޮށް، އެ މާކެޓަކުން އެންމެ ބޮޑު މާކެޓް ޝެއާއެއް މިހާރުވެސް އޮންނަ، ޗައިނާގައި ބޭނުންކުރާ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ޕްރަމޯޓް ކުރެވޭނެ ގޮތްތަށް ހޯދާ މާކެޓް ކުރުން ވަރަށް މުހިންމެވެ. ޗައިނާގައި ބޭނުންކުރާ ސޯޝަލް މީޑިއާ ވަސީލަތްތައް ތަފާތުވީމަ އެވެ. ފޭސްބުކް ފަދަ ދުނިޔޭގެ ގިނަ ބަޔަކު ބޭނުންކުރާ ވަޞީލަތްތަށް ޗައިނާގައި ބޭނުން ނުކުރާތީ ވެސް މެއެވެ.

މިއާއެކު، ރާއްޖެއިން ބޭރުގައި ހެދިފައިވާ، ރާއްޖޭގެ އެމްބަސީތަކާއި ކޮންސިއުލޭޓް އޮފީސްތަކެއްގެ ވެބްސައިޓުގައި ވެސް "ވިޒިޓް މޯލްޑިވްސް" ހިމެނުން މުހިއްމެވެ. މިފަދަ އޮފީސްތަކުގެ މައިގަޑު އެއް މަގުސަދަކީ ރާއްޖެ ޕްރަމޯޓް ކުރުން ކަމަށްވީ ހިނދު، އަމަލީގޮތުން އެކަން ކުރަންވީ ވަގުތު ޖެހިއްޖެ ކަމައްވެސް ދެކެމެވެ.

އަދި ރާއްޖެ ޕްރަމޯޓްކުރުމުގެ ކަންކަމުގައި، ދުނިޔޭގެ އެކިއެކި ގައުމުތަކުގައި އައްޔަން ކޮށްފައިވާ އެންމެހާ ޕީއާރު ކުންފުނިތަކުގެ ވެބްސައިޓުގައި ވެސް "ވިޒިޓް މޯލްޑިވްސް" ވެބަސައިޓް ޕްރޮމޯޓް ކުރަން ޖެހެ އެވެ. މިފަދަ ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާ ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔޭގައި މާކެޓްކޮށް، އިޝްތިހާރު ކުރުން ވަރުގަދަކުރަން ޖެހެއެވެ.

ކުރިން ކުރި ގޮތަށް، އިވެންޓްތަކަށާއި ފެއާތަކަށް ގޮސް، މީހުން އެއްތަނަކަށް ޖަމާވެ، ޕްރަމޯޝަނަލް އިވެންޓްތައް ބޭއްވުމަށް، ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވޭތީ އެވެ. މިހާރު ދިމާވެފައިމިވާ އިގްތިސޯދީ ހީނަރުކަމާ ހެދި ހަރަދު ކުޑަކުރަން ޖެހިފައިވާތީ ވެސްމެ އެވެ. ފަސޭހައިން ޓާގެޓް އޯޑިއަންސަށް ނުވަތަ ޓާގެޓް މާކެޓަށް ރީޗްވެވޭނެތީ އެވެ. އަދި މުޅި ރާއްޖޭގައި ހިމެނޭ ހުރިހާ ފަންތިތަކުގެ ފަތުރުވެރިކަން ފަސޭހައިން އިޝްތިހާރު ކުރެވިގެން ދާނެތީ އެވެ. އެހެން ނޫންނަމަ، ރާއްޖޭގެ ވާދަވެރި ގައުމުތަކުން މި ރޭހުގައި، ރާއްޖެ ފަހަތަށް ޖައްސާލާ، ކުރިއަރައި ދިއުމުގެ ބިރުވެރިކަން ބޮޑުވެފައި ވުމުންނެވެ. ވާދަވެރި ގައުމުތަކުން އެގައުމުތަކުގެ މާކެޓިން މިހާރު ވެސް، އެތައްގުނައެއް ވަރުގަދަ ކޮށްފައިވާތީ އެވެ.

ދިވެހިރާއްޖެ އިޝްތިހާރުކޮށް މާކެޓްކުރުމުގެ އިންތިޒާމްތަށް މިފަދަގޮތަކަށް ރޭވިއްޖެނަމަ، ދައުލަތުގެ ބަޖެޓުން ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރާ ހަރަދުގެ ފައިދާ މުޅި ރާއްޖެއަށް، އެކަށީގެންވާ ރަނގަޅުގޮތަކަށް ކުރަމުންދާނެ ކަމުގައި ދެކެމެވެ.

ކޮވިޑް 19 އާ ގުޅިގެން މުޅި ދުނިޔޭގައި ވެސް، ޓްރެޑިޝަނަލް ޓްރެވްލް އޭޖެންޓުންގެ ދައުރު އުވިދިޔުމުގެ ބިރުހީވެފައިވާ މިދަނޑިވަޅުގައި، މުޅިންހެން ބަރޯސާވާން ޖެހިއިވަނީ އޮންލައިން ޓްރެވަލް އޭޖެންޓުންނަށް ކަމަށްވެފައި ވާތީވެސްމެއެވެ. އެހެނަސް ދުނިޔޭގެ ބޮޑެތި އޮންލައިން "ބެޑް ބޭންކް" ތަކުން، ކުރިން އަމަލު ކުރަމުންދިޔަ އުސޫލްތަކަށް ބަދަލުގެނެސް، އެފަދަ ފަރާތްތަކުން ހޯލްޑްކުރާ އިންވެންޓްރީ ގެ މިންވަރު މަދުކުރަން ޖެހިފައިވާތީ، ރާއްޖޭގެ ކޮންމެ ޕްރޮޕަޓީއަކުން ވެސް އެތަނުގެ ވެބްސައިޓް މެދުވެރިކޮށް، އޮންލައިންބުކިން ހެދޭނެ ގޮތާއި، އޮންލައިން ޕޭމަންޓް ހެދޭނެގޮތް ގާއިމުކުރެވިއަޖެނަމަ، ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ދެކެމެވެ. ހާއްސަކޮށް، ކޮވިޑްގެ ހާލަތާ ގުލިގެން މުޅިދުނިޔެ އެކިކަންކަމުގެ މައުލޫމާތު ހޯދުމަށް ޓީވީތަކަށާއި އޮންލައިން މީޑިއާތަކަށް ބަރޯސާވާން ޖެހިފައިވާ މިންވަރު އިތުރުވެފައިވާތީ އެވެ.

އެޑިޓަރުގެ ނޯޓް: އެމްއެމްޕީއާރުސީގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ލިޔުއްވާފައިވާ މި އޮޕް-އެޑް އަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރުމުގެ މަސައްކަތް މިހާރު ކުރެވިދާނެ ގޮތްތަކެއް ހިއްސާ ކޮށްފައިވާ ލިޔުމެކެވެ.