ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ބޯޑަރު ހުޅުވާލަން ގައުމު ތައްޔާރީ ކިހާވަރަކަށް!

Jun 8, 2020
3

މި ވަގުތަކީ، މުޅި ދުނިޔެ ކުރިމަތިލާން ޖެހިފައިވާ ކޮވިޑް-19 އިގެ ފުރަބަންދުން ނުކުމެ، ބަންދު ވެފައިވާ ގައުމުތަކާއި، އެ ގައުމުތަކުގެ އިގްތިސޯދު އަލުން އާރާސްތު ކުރަން ހުޅުވާލުމުގެ ތައްޔާރީތައް ވަމުންދާ ވަގުތުކޮޅެވެ. ކޮންމެ ގައުމެއްގައި ވެސް ފުރަބަންދަށް ފަހު އަލުން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ ފެނިދެނިވެ އުޅުމާއި، ގުޅުން ބަދަހި ކުރާނެ ގޮތުގެ ޕްލޭނުތަކުގެ ދެލިކޮޕީތައް ތައްޔާރުކޮށް އާއްމު ކުރަމުންދާ ވަގުތުކޮޅެކެވެ. ބައެއް ގައުމުތަކުގައި އަމަލީ ގޮތުން މިކަންކަން ތަންފީޒު ކުރަން ވެސް ފަށައިފި އެވެ. އާއްމު އާ ހާލަތުގައި ގައިދުރު ކަމާއެކު ސިއްހީ ގޮތުން ރައްކާތެރިވެތިބެ އެކިއެކި މުއާމަލާތު ކުރަމުން ދާނެ ގޮތާ ބެހޭ ގޮތުންނެވެ.

މިއީ ރާއްޖެއިން ވެސް މިފަދަ ތައްޔާރީތައް ވަމުން އަންނަ ވަގުތުކޮޅެކެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށްޓަކަ އެވެ. އިގްތިސޯދުގެ މައި ނާރު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތު އަލުން ހުޅުވާލުމުގެ ގޮތުންނެވެ. އިގްތިސޯދު އަލުން އާރާސްތު ކުރުމަށްޓަކަ އެވެ. އެނޫން އެހެންގޮތެއް ނެތުމުން ވެސް މެއެވެ.

ކޮންމެއަކަސް، ކޮވިޑް-19 އިގެ ފުރަބަންދުން ނުކުމެ "ނިއު ނޯމަލް" އަށް ތައްޔާރުވުމަށް ދުނިޔޭގެ އެކިއެކި ގައުމުތަކުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ނެރެފައިވާ ޕްލޭންތަކާއި އަމަލީ ގޮތުން ތަންފީޒު ކުރަން ފަށާފައިވާ ކަންކަމަށް ބަލާލާއިރު އެކަން ކަމަކީ ވިސްނުންތެރި ކަމާއެކު އަޅާފައިވާ ސީރިއަސް ފިޔަވަޅު ތަކެއްކަން ސާބިތުވެ އެވެ. އެ ޕްލޭންތަކުގައި ނިއު ނޯމަލްގައި އަމަލު ކުރާނެ ހުރިހާ ގޮތެއް، ދިމާ ވެދާނެ ހުރިހާ ކަމާކާ ބެހޭގޮތުން ހިމެނިފައިވާތީ އެވެ. ބޮޑެތި ކަންކަމުން ފެށިގެން ގޮސް ކުދިކުދި ކަންކަމާ ހަމައަށެވެ. ތަފާތު ފިޔަވަހިތަކަކަށް ބަހާލައިގެނެވެ.

ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އަމަލުކޮށްފައި ވަނީ މިފަދައިން ކަމުގައި އަދި ދެންނެވޭކަށް ނެތެވެ. ނިއު ނޯމަލްގައި އަމަލު ކުރުމަށް އެކުލަވާލި ޕްލޭންގެ ފުރަތަމަ ދެލިކޮޕީގައި ބުއްދި ގަބޫލު ނުކުރާ ކަހަލަ އެތައް ކަމެއް ހިމެނިފައި ވެއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ވިސްނުމުންނާއި ފަތުރުވެރިންގެ ވިސްނުމުން ވިސްނާ ލިއަސް އެވެ.

އެހެންކަމުން މި ސިނާއަތުގައި އިންވެސްޓް ކޮށްފައިވާ ފަރާތްތަކުންނާއި މި ސިނާއަތް އެންމެ ބޮޑަށް މާކެޓްކުރާ ފަރާތްތައް ކަމުގައިވާ ޓްރެވަލް އޭޖެންޓުންގެ ފަރާތުން ކުރިމަތިވި ބޮޑެތި ފާޑުކިޔުންތަކާއެކު ދެލިކޮޕީއަށް އަމަލު ނުކުރުމަށް ދައުލަތުގެ ކަމާބޭހޭ ފަރާތްތަކުން ނިންމާފައިވާ ކަހަލަ އެވެ.

ކޮންމެއަކަސް ނިއު ނޯމަލްގައި އަމަލު ކުރާނެ އުސޫލުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ފެނެ އެވެ. އެއާއެކު އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ކަން ކަމާބެހޭ ވުޒާރާއިން އާއްމުކުރި ލިޔުމަކުން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

އެކަމަކު މިކަން މި ސިނާއަތް މާކެޓް ކުރުމަށް އުފައްދާފައިވާ ދައުލަތުގެ އޮފީހަށް އެނގޭކަން ކަށަވަރެއް ނު ވެއެވެ. އެ އޮފީހުގެ މާކެޓިން ހަރަކާތްތަކުން އެކަން ނުފެންނާތީ އެވެ. ބޯޑަރު ހުޅުވާލުމަށް ބޭނުންވާ ފަދަ ހަރުދަނާ އެކަށޭނެ ކެމްޕޭންތަކެއް ކުރަމުންދާތަން ނުފެންނާތީ އެވެ. އެހެން ކަމުން މި ކަމާގުޅޭ ދައުލަތުގެ ސްޓްރެޓެޖިކް ވިސްނުމާމެދު ސުވާލު އުފެދެއެވެ.

ނިއު ނޯމަލްގައި ދުނިޔޭގެ ގައުމުތަކުން އަމަލު ކުރަމުންދާ ތަފާތު ގޮތްތަކަކީ، އެ ހުރިހާ ކަމެއް އެގޮތަށް މި ގައުމުގައި އެޕްލައި ކުރެވިދާނެ ކަންކަމަށް ނުވެ ހިނގައިދާނެ އެވެ. އެހެނަސް، ނިއު ނޯމަލްގައި ގައުމުގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލުމުގެ ކުރިން ކަށަވަރުކުރުން ރަނގަޅު އެތައް ކަމެއް އެބަހުއްޓެވެ. މި ސިނާއަތުގައި މި ގައުމު މިހާތަނާށް ހޯދާފައިވާ ޝަރަފުވެރި އަގު ހިފެހެއްޓުމަށްޓަކަ އެވެ. ރާއްޖޭގެ ބްރޭންޑްގެ ރެޕިއުޓޭޝަން ދެމެހެއްޓުމަށް ޓަކައެވެ.

ބޯޑަރު ހުޅުވާލުމުގެ ކުރިން ރާއްޖެއަކީ "ކޮވިޑް ފްރީ" ގައުމެއްކަމުގައި ކަނޑައަޅަން ޖެހެ އެވެ. ޑަބްލިޔުއެޗްއޯ ގެ މިންގަޑުގެ ތެރެއިންނެވެ. އެންމެ ފުރަތަމަ ރާއްޖޭގައި އުޅޭ އެންމެން ކޮވިޑަށް ޓެސްޓް ކުރެވެންޖެހެ އެވެ. ހާއްސަކޮށް ހުޅުވާލާ ހުރިހާ އެކަމަޑޭޝަން ތަކުގައި މަސައްކަތް ކުރާ މީހުންނާއި، ޓްރާންސްޕޯޓް ތަކުގައި މަސައްކަތްކުރާ މީހުންނާއި، އެއާޕޯޓްތަކުގައި މަސައްކަތް ކުރާ މީހުނާއި އަދި ކަމާގުޅުންހުރި ހުރިހާ ދާއިރާތަކުގައި މަސައްކަތްކުރާ އެންމެންނަކީ ބަލި ނެތްކަން ކަށަވަރުވެފައިވާ މީހުނަށް ވުމީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެން ނޫންނަމަ ބޯޑަރު ހުޅުވުމުން ލިބިދާނެ ފައިދާއަށްވުރެ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ.

ފަތުރުވެރިއެއްގެ ހައިސިއްޔަތުން ވިސްނާލާއިރު އެއްވެސް މީހަކު ތިމާގެ ހަށިގަޑުގައި ބަލި ނެތިވެ ހުރެމެ، ބަލި ޖެހިދާނެ ފަދަ ތަނަކަށް އާއްމު ގޮތެއްގައި ދަތުރު ކޮށްފާނެ ކަމަށް ހަމަ ވިސްނުމަށް ގަބޫލެއް ނުކުރެވެ އެވެ. ދުނިޔޭގައި އުޅޭއުޅުމުގައި އެކި މީހުން އެކިކަހަލަ ރިސްކް ނެގިޔަސް ހަމަ ބުއްދި ބޭނުންކުރާ އެންމެން ނަގަނީ "ކަލްކިއުލޭޓެޑް" ރިސްކްތަކެވެ. ރާއްޖެއަކީ "ގޯލްޑް މައިން" އެއް ނޫނެވެ. ފުރާނަ ގުރުބާން ކުރަން މީހަކު މި ހާލަތުގައި ރާއްޖެ އަންނަން ބޮޑު ރިސްކެއް ނަގާނީ އެހެންނަމަ އެވެ.

ނަމަވެސް، ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖެއަށް ގާބިލުކަން މިކަމުގައި މިވަގުތު ހުރީ ވަރަށް ކުޑަކޮށެވެ. ޖުމްލަ ކުރެވޭ ޓެސްޓްގެ، މުޅި ގައުމުގެ ކެޕޭސިޓީއަކީ، އެންމެ ހަތަރު މެޝިނުން ދުވާލަކު ކުރާ ހާހެއްހާ ޓެސްޓެވެ. މި ޓެސްޓްތަކުގެ ނަތީޖާ ލިބެން އެވެރެޖްކޮށް ދިހަވަރަކަށް ގަޑިއިރު ނަގަ އެވެ. އެއީ ތިން މެޝިން ބަރާބަރަށް މަސައްކަތް ކުރާ ނަމައެވެ. އަދި މި ޓެސްޓް ހެދޭ ހަމައެކަނި ސަރަހައްދަކީ މާލެ އެވެ.

މިވަގުތު މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައި ވަނީ، ޓެސްޓް ކުރާ ބައެއް މެޝިނަށް މައްސަލަ ޖެހި ކުރެވޭ ޓެސްޓްގެ އަދަދު މަދުވުމުންނެވެ. މި ވަގުތު މާލޭގައި ދިރިއުޅޭ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވެފައިވާއިރު، ރިސޯޓްތަކުގައި މަސައްކަތްކުރި ގިނަ މުވައްޒަފުންތަކެއް މާލެ ގެނެސްފައި ވާތީ މިކަމުގެ ނުރައްކާވަނީ އިތުރަށް ބޮޑުވެފަ އެވެ.

ކޮވިޑާ ގުޅިގެން ވީއައިއޭ ނޫން އެހެން އެއާޕޯޓެއް ހުޅުވާ، އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓްކުރަން އުޅޭ ވާހަތަކެއް ފެންމަތިވެފައިވާ މި ހާލަތުގައި، އެއާޕޯޓަކުން ހަދަންޖެހޭ ޓެސްޓްގެ ނަތީޖާ ލިބެން ނަގާ ވަގުތު އިތުރު ވެގެން ދާނެ އެވެ.
އަދި މިކަންކަން ހުރީ މިހެންކަން މުޅި ދުނިޔެއަށް ވެސް އެނގޭނެ އެވެ. ސަބަބަކީ ގައުމުގެ ހާލަތު، ދުވާލަކު އެތައް ފަހަރަކު މީޑިޔާގައި ގެނެސް ދޭތީ އެވެ.

ފަތުރުވެރިންނަށް އިންޝޫރަންސްގެ ހިދުމަތް ދޭ ހުރިހާ އިންޝޫރެންސް ކުންފުނިތަކަށް ވެސް އެގޭނެ އެވެ. ރާއްޖެ ފަދަ މަންޒިލަކަށް ދަތުރު ކުރަން ބޭނުންވާ ހުރިހާ މުއްސަނދި މަހުޖަނުންނަށް ވެސް އެނގޭނެ އެވެ. މި ބައްޔަކީ، ފެތުރުމުގައި، އެއިޑްސް ފަދަ ބައްޔަކަށް ނުވާއިރު ލޮލަށް ނުފެންނަ ކުޑަ ވައިރަސްއަކުން ޖެހޭ ބައްޔެކެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާނުލާ މާ ގިނަ ދުވަހު ތިބުމަކީ ދަނތި އުނދަގޫ ކަމެކެވެ. ރާއްޖެއަށް ބޭނުންވާ ކުދި ބޮޑު ޒަރޫރީ އެންމެހާ ތަކެއްޗަކީ ބޭރުން ގެންނަން ޖެހިފައިވާ އެއްޗެއްސަށް ވުމުންނެވެ. އެތަކެތި ގަތުމަށް ބޭނުންވާ ބޭރު ފައިސާ ލިބެނީ ފަތުރުވެރިންނަށް ރާއްޖެ އާދެވިގެން ކަމަށްވާތީ އެވެ.

އެކަމަކު އެކަށީގެންވާ ރަނގަޅު މިންގަޑަކަށް ތައްޔާރު ނުވެ، ޓެސްޓް ކުރުމުގެ ކެޕޭސިޓީ އާއި ގާބިލްކަން ވެސް އިތުރު ނުކުރެވި، މި ހާލަތުގައި، ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ކުރެވޭ ކަމަކީ ކިހާވަރެއްގެ ކަމެއްބާވަ އެވެ؟ ނުވަތަ ނުފޫޒުގަދަ ބައެއް ފަރާތްތަކުގެ ޕްރެޝަރަށް ކުރާ ކަމެއް ބާވަ އެވެ؟

މިހާތަނަށް ރާއްޖޭގެ ނިއު ނޯމަލް ޕްލޭނެއް ފައިނަލްވެ އިންޑަސްޓްރީއާ ހިއްސާކޮށްފައެއް ނުވެއެވެ. ކަމާގުޅުން ހުރި ފަރާތްތަކުން ގައުމުގެ ބޯޑަރު ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ އެއްވެސް ކަމެއް އަމަލީގޮތުން މިހާތަނަށް ކޮށްފައި ނުވާތީ އެވެ.