ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ޓޫރިސްޓު ނަމްބަރަކީ ވެސް އޮޅުމެއް؟

މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް ކޮވިޑް-19 މުޅި ދުނިޔޭގައި ފެތުރުމާއެކު ބަންދު ކުރި އެކި ގައުމުތަކުގެ ބޯޑަރުތައް އަދި ރަނގަޅަށް ނުހުޅުވެ އެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލަން މަސައްކަތް ކުރަނީ އަންނަ މަހު އެވެ. މީގެ މާނައަކީ ދޮރާށި ހުޅުވި ނަމަވެސް ޓޫރިސްޓުން އަންނަން ފަށާނީ އޯގަސްޓް މަހު އެވެ.

ނަމަވެސް މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމިރު ވިދާޅުވި ގޮތުގައި މި އަހަރުގެ ބާކީ އޮތް ދުވަސްތަކާއެކު މި އަހަރު 980،000 ޓޫރިސްޓުން ގެނެވޭނެ އެވެ. މިއީ، ރަނގަޅު އަދަދެއް ހެއްޔެވެ؟ ނޫނީ މިއީ ވެސް އާއްމުކޮށް ސަރުކާރަށް އަރާ އޮޅުންތަކުގެ ތެރެއަށް އިތުރުވި ބޮޑު އޮޅުމެއް ހެއްޔެވެ؟ މި އަހަރު ބާކީ އޮތް ފަސް މަސްތެރޭ އެއް މިލިއަން ޓޫރިސްޓުން ހަމަ ކުރެވިދާނެ ހެއްޔެވެ؟

"މި އަހަރު ނުވަ ލައްކަ މީހުން ގެނައުން، އެއީ އިމްޕޮސިބަލް ފިގާއެއް. ޖުލައި މަހު ރާއްޖެ ހުޅުވިއަސް ރިސޯޓަށް ސްޓާފުން ގޮސް ތައްޔާރުވެ، އަންނަން ފެށޭނީ ނޮވެމްބަރު މަހު. ގިނަ ރިސޯޓުތައް ވެސް ހުޅުވަނީ ނޮވެމްބަރު މަހު. އެހެންވީމަ އަޅުގަނޑުގެ އެސްޓިމޭޓްއަކީ އެންމެ ގިނަ ވެގެން މި އަހަރު ގެނެވޭނީ 700،000 ޓޫރިސްޓުން. ވަރަށް މަސައްކަތް ކޮށްގެން އެ އަދަދު ގެނެވޭނީ ވެސް،" ރާއްޖޭގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ލެޓްސްގޯ ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވި އެވެ.

މި އަހަރު ނުވަ ލައްކަ ނުވަތަ ގާތްގަނޑަކަށް އެއް މިލިއަން ޓޫރިސްޓުން ގެންނަމަ މަހަކު ކިތައް މީހުން ގެންނަން ޖެހޭނެ ހެއްޔެވެ؟ މި އަހަރުގެ މިހާތަނަށް އައިސްފައި ވަނީ ކިތަށް ޓޫރިސްޓުން ހެއްޔެވެ؟ ރާއްޖެއަށް ޓޫރިސްޓުން ގެންނަ މާކެޓުތަކުގެ ހާލަތު އޮތީ މި އަދަދު ހަމަ ކުރެވޭ ފަދަ ހާލަތެއްގައި ހެއްޔެވެ؟

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު މާޗު މަހުގެ ނިޔަލަށް އައިސްފައި ވަނީ 382,760 މީހުނެވެ. އެހެންވީމަ 980،000 މީހުން ގެންނަން ބޭނުންނަމަ އިތުރަށް މި އަހަރު މަދުވެގެން ގާތްގަނޑަކަށް 597،240 ޓޫރިސްޓުން ގެންނަން ޖެހޭނެ އެވެ. ޖުލައި މަހު އިގްތިސޯދީ ގޭޓް ހުޅުވާލައިގެން އޯގަސްޓް މަހު ބާރު މިނުގައި ޓޫރިޒަމް ހިނގައިގަންނަން ޖެހޭނެ އެވެ. މިގޮތަށް ކުރިއަށް އޮތް ފަސް މަސް ދުވަހު، ކޮންމެ މަހަކު އެވްރެޖު ގޮތެއްގައި 119،448 ޓޫރިސްޓުން ގެންނަން ޖެހެ އެވެ. އަދި ކޮންމެ ދުވަހަކު މަދުވެގެން 3،981 މީހުން ގެންނަން މަޖުބޫރުވާނެ އެވެ.

މި އަހަރު ނުވަ ލައްކަ މީހުން އަންނާނެ ކަމަށް ސަރުކާރުން ބުނެފައި ވާއިރު، މިއީ ޔޫރަޕަށް ސަމާ ސީޒަނެވެ. ޓޫރިޒަމްގައި އޮފް ސީޒަނެވެ. ޔޫރަޕަށް ހޫނު މޫސުމަށް ވުމުން އެވްރެޖު ގޮތެއްގައި ރާއްޖޭގެ ޓޫރިޒަމްގެ އޮކިޕެންސީ އުޅޭނީ 60 ޕަސެންޓުގަ އެވެ. ސަމާ ސީޒަނަށް ވުމުން ޔޫރަޕުން ބޭރަށް ދަތުރު ކުރާ މީހުންގެ އަދަދު މަދުވާނެ އެވެ. އަދި އެހެންވެ މިއީ ރާއްޖެއަށް އާއްމުކޮށް ވެސް ޓޫރިސްޓުން އައުން މަދު ދުވަސް ވަރެކެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހާއި ސެޕްޓެމްބަރު މަހަށް ބަލާނަމަ ރާއްޖެއަށް އައިސްފައި ވަނީ 229،952 ޓޫރިސްޓުންނެވެ. އެހެންވެ ކޮވިޑް-19 އިގެ ބަލާއާފާތުގެ ބިރު ދުނިޔޭގައި އޮތްއިރު، ދަތުރުކުރާ މީހުންގެ އަދަދު ބޮޑު ތަނުން މަދުވާނެ ކަމަށް ބެލެވެ އެވެ.

ދެން އޮތީ، ސަރުކާރުން ކުރިން ބުނެފައިވާ އަދަދު ތަކެވެ. އަންނަ މަހު ޓޫރިޒަމް ހުޅުވާލަން ހަދާފައިވާ ހާލަތުގެ ދިރާސާ އިން ދައްކާ ގޮތުގައި ޖުލައި މަހު ހުޅުވާލި ނަމަވެސް ޓޫރިސްޓުން އަންނަ އަދަދު 50 ޕަސެންޓު ދަށް ވާނެ އެވެ. މި އަހަރު އަންނާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 480،000 އެއްހާ ޓޫރިސްޓުންނެވެ. ސަރުކާރުގައި އެކަށީގެންވާ މާ ބޮޑު މަސައްކަތެއް ނުކުރާ މާކެޓިން ކުންފުނި އެމްއެމްޕީއާރްސީ އިން ކުރިން ބުނެފައި ވަނީ ގާތްގަނޑަކަށް މި އަހަރު ބާކީ އޮތް ދުވަސްތަކާއެކު އެ އަދަދު ގާތްގަނޑަކަށް ގެނެވިދާނެ އެވެ. އެހެންވެ، ކުއްލި ގޮތަކަށް ސަރުކާރުން ނުވަ ލައްކަ ޓޫރިސްޓުންގެ ޓާގެޓެއް ނެރުނު ގޮތެއް މި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. މިއީ ކިހިނެއް ޖެހި ހިސާބެއް ކަމެއް ސާފެއް ނުވެ އެވެ.

ދުނިޔޭގެ ގިނަ އެއާލައިން ތަކެއްގެ ޓިކެޓު ވިއްކާ، އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ނުވަ ލައްކަ މީހުން ގެނައުމަކީ ވާނެ ކަމަށް ނުބެލެވެ އެވެ. އެކަމަކު ބާކީ އޮތް ހަ މަސް ތެރޭ ތިން ލައްކައެއްހާ މީހުން ގެނެވި ދާނެ އެވެ. އޭނާ ސިފަ ކުރައްވަނީ އެއީ ވެސް ވަރަށް ބުރަ މަސައްކަތުން ކުރެވޭނެ ކަމެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުމެންނަށް މި ބެލެވެނީ އެންމެ ގިނަ ވެގެން ވެސް ގެނެވޭނީ ތިން ލައްކައެއްހާ މީހުން ކަމަށް. އެވަރު ވެސް ވާނީ ސަރުކާރާއި އިންޑަސްޓްރީން ވަރަށް މަސައްކަތް ކޮށްގެން. އެމްއެމްޕީއާރްސީން ވެސް ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކޮށްގެން،" ފިރާގު ވިދާޅުވި އެވެ.

ޖުލައިގައި ރާއްޖެ ރީއޯޕެނިންނަށް ދާއިރު އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ ތިބި މާކެޓުތަކުގެ ހާލަތަށް ވެސް ބަލައިލަން ޖެހެ އެވެ. ހިސާބެއް ހަދާފައި ބޮޑު އަދަދެއް ނެރޭއިރު މިއީ ވެސް މުހިންމު ކަމަކަށް ވާނެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމު ކަމަށްވާ ޖަރުމަނުގެ ރައްޔިތުން ޔޫރަޕުން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ދެނީ އޮގަސްޓް 15 އިގެ ފަހުންނެވެ. އަދި އުންމީދީ މާކެޓެއް ކަމަށްވާ އިންޑިއާގައި ކޮވިޑް ބަލި މައިތިރި ވާނެ ކަމުގެ ކޮޅުމަތި ނުވެސް ފެނެ އެވެ. އެ ގައުމުގައި މި ބަލި ޕީކަށް ދާނެ ކަމަށް ވެސް ބެލެވެނީ ޖުލައި ފަހު ކޮޅު އެވެ.

ދެން އޮތީ ޗައިނާ އެވެ. ޗައިނާ އިން ޓޫރިސްޓުން ގެންނަން ބޭނުންނަމަ އެ ގައުމާ ވަރަށް ކައިރިން މަސައްކަތް ކުރަން އަބަދުވެސް ޖެހެ އެވެ. އެކަން ޓޫރިޒަމް ސިނާއަތުގައި ގިނަ ދުވަސްވީ ބޭފުޅުން ވެސް ގަބޫލު ކުރެ އެވެ. އެހެން ނޫންނަމަ މި މާކެޓު ހޯދޭނެ ގޮތެއް ނެތެވެ.

ނުވަ ލައްކަ ޓޫރިސްޓުން ގެނައުމަކީ ނުވާނެ ކަމެއް ކަމަށް އިންޑަސްޓްރީގެ ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް މިއީ ނުވާނެ ކަމެއް ނޫން ކަމަށް މުޅިން ގަބޫލު ނުރައްވާ ބޭފުޅުން ވެސް އެބަތިއްބެވެ. އެކަމަކު އެ ބޭފުޅުންގެ ނަޒަރުގައި ވެސް އޮތީ ގަދަ މަސައްކަތެއް ކުރުމެވެ.

ރާއްޖޭގެ މަޝްހޫރު ރިސޯޓެއްގެ ސޭލްސް އެންޑް މާކެޓިންގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މިހާރު ޓޫރިސްޓުން ގެންނަ ވާހަކަ ދައްކާއިރު، ފުރަތަމަ ހާމަ ކުރަން ޖެހެނީ ހުޅުވާ ތާރީހެވެ.

"މިހާރު ބުކިންތައް ލިބެމުން އެބަދޭ. އެހެންވީމަ އަދި ހަމަ ބުނާކަށް ނޭނގޭނެ. ހަމަ ހުޅުވާލާ ތަނުން ހީ ވެސް ނުކުރާ ވަރަށް މީހުން އަތުވެ ދާނެ ވެސް މެ. އަޅުގަނޑުމެނަށް މިއޮތީ އުންމީދު ކަނޑާ ނުލައި ގަދައަށް މަސައްކަތް ކުރުން،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ޓޫރިޒަމް ހުޅުވާލަން ރާއްޖެ ތައްޔާރުވާއިރު ޓޫރިސްޓު އެރައިވަލްގެ މުޅިން އާ އަދަދެއް މިވަނީ ނުކުމެފަ އެވެ. އެއީ ނުވަ ލައްކަ މީހުން ގެނައުމެކެވެ. އެއްވެސް ކަމަކީ ވެސް ނުވާނެ ކަމެއް ނޫނެވެ. އަދި އެއްވެސް ކަމަކީ ނުވާނެ ކަމަށް ބުނެ މަސައްކަތް ހުއްޓާލުން އޮންނަ ކަމެއް ވެސް ނޫނެވެ. ހަމަ މަސައްކަތް ކުރަންވީ އެވެ. އޭރަށް އޮޅުމެއް ނޯންނާނެ އެވެ.