ދިވެހި ރާއްޖެ އަލުން ހުޅުވާލުން

މީ ޓޫރިޒަމް އަލުން ބިނާ ކުރަން ލިބޭ ފުރުސަތެއް!

Jun 1, 2020
4

އެޑިޓަރުގެ ނޯޓް: މިއީ އެމްއެމްޕީއާރުސީގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ލިޔުއްވާފައިވާ އޮޕް-އެޑް މަޒުމޫނެކެވެ. އޭނާ މި މަޒުމޫނު ލިޔުއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ މި ދަނޑިވަޅުގައި ޓޫރިޒަމް މާކެޓް ކުރުމުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކެއް އޭނާގެ ތަޖުރިބާއިން ހިއްސާ ކުރެއްވުމަށެވެ.

__________________________________________________

ވަރަށް އާދައިގެ ގޮތަކަށް 1972 ގައި ރާއްޖެއިން ފެށި ފަތުރުވެރިކަމުގެ ސިނާއަތް މިހާރު ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ، މަތީފަންތީގެ މަންޒިލްތަކާ އެއްހަމައިގަ އެވެ. ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތި ކަމާއި ފުރިހަމަ ކަމުގެ އިތުރުން، ހެދިފައިވާ މަތީފެންވަރުގެ ފެސިލިޓީތަކާއި، އެތަންތަނުން ދޭ ހިދުމަތާއި ފެންވަރުގެ ގޮތުންވެސް މެއެވެ.

މިހެން މިކަންކަން ހަމަޖެހިފައި މިވަނީ ރާއްޖޭގައި ކޮށްފައިވާ އިންވެސްމަންޓުތަކުގެ ބޮޑުކަމާއި ފުރިހަމަ ކަމުން އެކަންޏެއް ނޫނެވެ. އެތައްބަޔަކު ރެއާއި ދުވާލު ކުރާ ބުރަ މަސައްކަތް ތަކުގެ ސަބަބުން ވެސް މެއެވެ. މި ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންގެ ހުނަރާއި ހިތްވަރާއި ކެރުމުގެ ސަބަބުން ވެސް މެއެވެ.

ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ އަގު ހިފެހެއްޓުމަށްޓަކއި އަދި މުސްތަގުބަލުގައި ވެސް ރާއްޖޭގެ އިގްތިސޯދު އެ ސިނާއަތުގެ މައްޗަށް ބަރޯސާވެފައި އޮންނާނެ ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، މި ސިނާއަތުން ސީދާ ރައްޔިތުންނަށް ކުރާ ފައިދާ ބޮޑު ކުރުމަށް އަދި މި ސިނާއަތުގައި މިހާރު ވަޒީފާ އަދާކުރާ ބޭރު ގައުމުތަކުގެ މަސައްކަތްތެރިންގެ އަދަދު މަދުކުރުމަށް ބޭނުންވާ ތައުލީމާއި ތަމްރީނު ދެވޭނެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ގާއިމުވެފައިވުން ވަރަށް މުހިންމެވެ.

ދުނިޔެ މިވަގުތު ތަޖުރިބާ ކުރަމުން މިދާ ބަލިބަޑުކަމުގެ ހާލަތުން ސަލާމަތްވުމަށް، މުޅި ދުނިޔެ ނުކުޅެދިފައިވާއިރު، މި ހާލަތުގައި ކުރެވެން އޮތް ހަމައެކަނި ކަމަކީ ބަލިން ރައްކާތެރިވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމެވެ. ގައިދުރުކަން ކަށަވަރު ކުރުމާއި، ސާފުތާހިރުވުމެވެ.

މި ހާލަތާއި ކުރިމަތިލާން ދަސްކޮށް ބައްޔާއެކު ރައްކާތެރި ކަމާއެކު އުޅެން ދަސް ކުރުން ނޫން ގޮތެއް މި ވަގުތަކަށް ހޯދިފައެއް ނުވެއެވެ. އަދި ދުނިޔޭގެ އިގްތިސޯދު މިވަގުތު ވެއްޓެމުން މިދާ ވަޅުގަނޑުން އަރައިގަތުމަށް އެތައް އަހަރެއް ނަގާނެ ކަމަށް އަންދާޒާކުރެވެ އެވެ. ރާއްޖޭގެ އިގްތިސޯދު ވެސް ބަރޯސާ ވާނީ ދުނިޔޭގެ އިގްތިސޯދުތަކުގެ ރިކަވަރީގެ މައްޗަށެވެ. ރާއްޖޭގެ އިގްތިސޯދުގެ ބޮޑު ބައެއް ބަރޯސާ ވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށްވާތީ އެވެ.

އެހެންކަމުން މިވަގުތަކީ މުސްތަގުބަލަށް ތައްޔާރުވުމަށް ލިބިފައިވާ ވަގުތުކޮޅެއް ކަމުގައި ބަލައި ކުރިމަތިވާނެ ޗެލެންޖްތަކަށް ތައްޔާރުވުމަށް މި ވަގުތުކޮޅުގެ ބޭނުން ހިފުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން، ދުނިޔޭގެ ބާޒާރުގައި ބޮޑުވެ، ފަތުރުވެރިންގެ ސަމާލުކަން ހޯދުމަށް އެކި ގައުމުތަކުން ތަފާތު ސްޓްރެޓެޖީތަކާއި އުކުޅުތައް ބޭނުން ކުރާނެ ކަމީ ކަށަވަރުވާ ކަމެކެވެ. އެހެންކަމުން، ދެމެހެއްޓެނިވި ގޮތެއްގައި "ކޮމްޕެޓެޓިވްނެސް" އިތުރު ކުރެވޭނެ އެއްގޮތަކީ ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހޯދާ މީހާއަށް ހިދުމަތް ހާއްސަ ކުރުމެވެ. ކަސްޓަމައިޒް ކުރުމެވެ. މިކަން ހާސިލް ކުރެވޭނީ ދެވޭ ރަނގަޅު ތައުލީމާއި، ރަނގަޅު ތަމްރީނާއި ހުނަރާއި ތަރުބިއްޔަތުގެ ތެރެއިންނެވެ.

މި ދުވަސްކޮޅު ވަޒީފާ ގެއްލިފައިވާ އެތައް ފަރާތެއް އުޅެމުން ދާނެ ކަމީ ވެސް ކަށަވަރު ކަމަކަށް ވާހިނދު، އެ ފަރާތްތަކަށް ވެސް ވަޒީފާ ލިބުމުގެ ފުރުސަތު އިތުރު ކުރުމަށާއި، މިހާތަނަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭރު މީހުން އަދާ ކުރަމުން ދިޔަ ވަޒީފާތަކަށް ބޭނުންވާނެ މީހުން އުފެއްދުމާއި ތަމްރީނު ކުރުމާއި، މި ސިނާއަތް އަންނަން އޮތް ޒަމާނާ ހަމަޔަށް ގެންގޮސް ދޭނެ ފަދަ ދިވެހިން އުފައްދާ ތަމްރީނު ކުރުމަކީ ބޭނުންތެރި ކަމެކެވެ.

ކޮމްޕެޓިޓިވްނެސް އިތުރު ކުރުމަށާއި، ދިވެހި ގައުމުން ދިވެހިންނަށް ލިބޭ ފުރުސަތު އިތުރުކޮށް، އިގްތިސޯދު އަވަހަށް ހަމަޔަކަށް އެޅުވުމަށާއި، ވަޒީފާތަކުގެ ވާދަވެރިކަން އިތުރުކޮށް، އިގްތިސީދު ކުރިއަރުވާ ދަމަހައްޓާނެ، ހަކަތަ ހުރި ދިވެހިން އުފެއްދުމުގެ ބޭނުމުގަ އެވެ.

މިގޮތުން ދެވޭ ތައުލީމުގެ ތެރޭގައި ސިނާއަތަށް ބޭނުންވާ އެންމެހާ ރޮނގުރޮނގުން ކޯސްތައް ބައްޓަން ކުރެވި ތިއަރީއާއި ޕްރެކްޓިކަލް ހިމެނޭ ގޮތަށް ތައްޔާރުކޮށް ރެޑީވުމަކީ މިވަގުތަށް ކުރެވިދާނެ ކަމެކެވެ. ކޯސްތަކުގެ ތެރޭގައި، ތަފާތު ލެންގްއޭޖް ތަކުން ވާހަކަ ދައްކަން ދަސްކޮށްދިނުމުގެ ކޯސްތަކާއި، ކެއްކުމާއި، ވަޑާން ކުރުމާއި، އެކިފާޑުފާޑުގެ ތެރަޕީތަކާއި ހެއާ ސްޓައިލިން ފަދަ ފަންނުތަކުގެ ކޯސްތަކާއި ތަމްރީންތައް ވެސް ހިމެނުމަކީ މުހިންމު ކަމެކެވެ. މި ސިނާއަތުގެ ސަބަބުން އުފެދިފައިވާ އަދި އުފެދިދާނެ އެންމެހާ ދާއިރާތަކުގެ ކޯސްތަށް ނުވަތަ، ފަތުރުވެރިކަމާއި ދިވެހި އިގްތިސޯދުގެ "ބައިޕްރޮޑަކްޓް" ތަކަށް ބޭނުންވާނެ ކޯސްތައް ހިމެނުން މުހިންމެވެ.

އަހަރުތަކެއް ކުރިން ރާއްޖޭގައި ސްޕާ ސެގްމެންޓް އުފެދުނު ހިސާބުން ފެށިގެން މިއަދާ ހަމަޔަށް ވެސް މި ސެގްމެންޓުގައި އުފެދިފައިވާ ހުރިހާ ވަޒީފާތަކެއްހެން އަދާ ކުރަމުން އަންނަނީ ބޭރު މީހުންކަން ފާހަގަ ކޮށްލަން ޖެހެ އެވެ. އެކަމަކު މި ވަޒީފާތަކަކީ އާއްމުކޮށް ދިވެހިން އަދާކުރާ ވަޒީފާތަކަށްވުރެ މުސާރަ ބޮޑު އެހެނަސް ކުރު ޓްރޭނިންތަކަކުން އުނގެނި ފަސޭހައިން ދަސްކޮށް ލެވޭ މަސައްކަތެއްކަން ވެސް ފާހަގަ ކޮށްލަން ޖެހެ އެވެ.

މީގެ އިތުރުން ވެސް ޑްރާމާއާއި ޕާފޯމިން އާޓްސް ކަހަލަ ދާއިރާތަކުން ވެސް މީހުން ތަމްރީނު ކުރަންޖެހެ އެވެ. ދިވެހީންގެ މާޒީގެ ސަގާފަތާއި އާދަކާދަޔާއި ތާރީހީ އެކިއެކި ހާދިސާތަކުގެ ވާހަކަތަށް ފަތުރުވެރިންނަށް ކިޔައިދީ، މި ފަދަކަންކަން ދިރުވާ އާލާކޮށް ދެމެހެއްޓުމަށްޓަކަ އެވެ.

ސިނާއަތަށް ބޭނުންވާ މީހުން ބިނާ ކުރުމަށް "ހޮޓެލް ސްކޫލް" އެއް ގާއިމުވެ ހިންގުމުގެ މުހިންމުކަން ވަރަށް ބޮޑުކަމުގައި ދެކެމެވެ. ދިވެހިންނަށް، ދިވެހިރާއްޖޭގައި އުފެދިފައިވާ ވަޒީފަތަކުގެ ފުރުސަތުތަށް ކަށަވަރު ކުރުމަށެވެ. އިގްތިސޯދު ރަނގަޅުކޮށް ހިފެހެއްޓުމަށްޓަކަ އެވެ. ސިނާއަތުގެ ފެންވަރު ހިފަހައްޓާ،

ދިމާވެދާނެ އެންމެހާ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރު ކުރުމަށްޓަކަ އެވެ. ކަންމިހެން ހުރުމާއިއެކު މިކަންކުރާނެ ރަނގަޅުފެންވަރުގެ، ޒަމާނީ ވަސީލަތްތައް އެކުލެވިގެންވާ ފެސިލިޓިއެއް، ނުވަތަ އިންސްޓިޓުއުޓެއްގެ ބޭނުން ގައުމަށް ބޮޑެވެ.

މިފަދަ ފެސިލިޓީއެއް ބިނާ ކުރުމަށް މީ ރަނގަޅު ވަގުތުކަމުގައި ދެކެމެވެ. މިފަދަ ފެސިލިޓީއެއް ބިނާ ކުރުމަށް ވަކި ފަޅުރަށެއް ވެސް ބޭނުން ކުރެވިދާނެ އެވެ. ނުވަތަ ގުޅީފަޅުގައި ވެސް ގާއިމު ކުރެވިދާނެ އެވެ. ނުވަތަ ހުޅުމާލޭގެ ދެވަނަ ފޭސް ވެސް ރަނގަޅުވާނެ އެވެ. ބޮޑަށް މިވަގުތަށް ފީސިބަލީ ހުޅުމާލެ އެވެ. ކުރިން ކްލަބް މެޑް (ފަރުކޮޅުފުށި) ހިންގި ސަރަހައްދު ވެސް ރަގަޅުވާނެ އެވެ. ނުވަތަ މިހާރު ހިއްކާފައިވާ ސަރަހައްދުގެ އެންމެ އުތުރުން މޫދާއި އަތިރިމަތި ކުރިމައްޗަށް ވާކަހަލަ ގޮތަކަށް ވެސް ރަގަޅުވާނެ އެވެ.

ދުރުރާސްތާ ވިސްނުމަކަށް ބަލާއިރު ރާއްޖެއިން ބޭރުގެ އިންޓަރނޭޝަނަލް ދަރިވަރުންނަށް ވެސް ފުރުސތު އޮންނާނެގޮތަކަށް ވިސްނުން ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އާއްމުކޮށް ކިޔަވާ ދުވަސްވަރު ދަރިވަރުންގެ މާލީ ތަނަވަސްކަން ހުންނަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށްވާތީ އެވެ. ދަތުރުފަތުރާއި، ކެއިންބުއިމާއި ދިރިއުޅުމުގެ ޒަރޫރީ އެހެންކަންކަން ފަސޭހައިން ލިބިގަތުމުގެ ފުރުސަތު ދަރިވަރުންނަށް ފަސޭހައިން ހޯދައިދިނުމަށް ޓަކައިވެސް މެއެވެ.

ބިމުގެ ޖާގަ ކުޑަ ކުރުމަށް އުސް އިމާރާތެއް އެޅިދާނެ އެވެ. ތަފާތު އެކި ކެޓަގަރީ ތަކުގެ 300 ވަރަކަށް ރޫމްގެ ރަނގަޅު ފެންވަރުގެ ހޮޓަލަކަށް ވާގޮތަށް، ޒަމާނީ ޑިޒައިނަކަށް އިމާރާތް ކުރެވިދާނެ އެވެ. ތަފާތު އެކިފެންވަރުގެ ރެސްޓޯރަންޓް ތަކާއި އެހެނިހެން ވަސިލަތްތަށް ހިމަނައިގެނެވެ. ކްލާސް ރޫމްތަކާއި އޮޑިޓޯރިއަމްތައް ހިމަނައިގެނެވެ. ސްޓޫޑިއޯތަކާއި "ސްކަންކް ވޯކްޝޮޕް" ނުވަތަ ލެބޯޓަރީތައް ހިމަނައިގެންނެވެ.

އެތަންތާގައި ދަރިވަރުން ކްރިއޭޓިވް އެކްސްޕެރިމެންޓްތަށް ހެދުމަށްޓަކައެވެ. ސިނަމާތަކާއި މީޓިންރޫމްތަކާ އެކުގައެވެ. ކޯސްތައް ފުރިހަމަކުރާ ދަރިވަރުންގެ އުފެއްދުންތަށް ދައްކުވައިދޭނެ ސްޓޯލްތަށް ވެސް ހިމަނައިގެންނެވެ. ހެދިފައިވާ ދެ ފުށް ފެންނަ އުސޫލެއްގެ ތެރެއިން، މިފަދަ ތަންތަން މެނޭޖް ކުރުމަށާއި ހިންގުމަށް އެކިދާއިރާތަކުން ރަންވަނަތައް ހާސިލް ކުރާ ދަރިވަރުންނަށް ފުރުސަތު ދެވިދާނެ އެވެ. މުސްތަގުބަލުގެ ވިޔަފާރިވެރިން އުފައްދާ "އިންކިއުބޭޓަރު" ތަކަކަށް މިތަންތަން ހެދުމަށްޓަކަ އެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ސަރުކާރުން ދެމުންގެންދާ ލޯނުތަކުގެ ފުރުސަތުތަކެއްގެ ގޮތުގައިވެސް މެއެވެ. މީގެ އިތިރުން ރަނގަޅު ފެންވަރުގެ ކޮންވެންޝަން ހޯލަކާވެސް އެކުގައެވެ. މަދުވެގެން 3000 މީހުންގެ ޖާގަ ލިބޭގޮތަށެވެ. ބޭނުން ވެއްޖެނަމަ އެއްހޯލަށްވުރެ ގިނަ ހޯލަށް ފަސޭހަކަމާއެކު ބަދަލު ކުރެވޭކަހަލަ ގޮތަކަށެވެ. އިންޓަނޭޝަނަލް ބޮޑެތި އިވެންޓްތަށް ބޭއްވުމަށްޓަކަ އެވެ. “މައިސް” ޓޫރިޒަމަށް އަމާޒު ކޮށްގެންނެވެ.

މިތަނުގައި ހިންގާނީ ގައުމީ ޔުނިވާސިޓީގެ ކޯސްތަކެވެ. ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމާއި ކްރެޑިބިލިޓީ އިތުރު ކުރުމަށްޓަކަ އެވެ. ފަސޭހައިން ދުނިޔޭގެ އެހެން ގައުމުތަކުން ބަލައިގަނެ ރުހި ގަބޫލުވާފަދަ ކޯސްތަކަކަށް ހެދުމަށްޓަކައެވެ. އިންޓަނޭޝަނަލް މާކެޓަށް މިކޯސްތަށް ހުޅުވާލުމަށް ޓަކައެވެ. ރާއްޖޭގެ ރެޕިއުޓޭޝަނަލް އެޑްވާންޓޭޖް ނެގުމަށްޓަކައެވެ.

ދުނިޔޭގެ އެކިގައުމުތަކުގެ އެކިއެކި ޔުނިވާސިޓީ ތަކާއެކު ގުޅިގެން ހިންގޭ ކޯސްތަކަކަށް ހެދުމަށްޓަކައެވެ. ޕާޓްނާ ޔުނިވާސިޓީތައް ހުންނަ ބޭރުގެ އެކިއެކި ގައުމުތަކުގައި ކޯހުގެ ތިއަރީ ނިންމުމަށްފަހު ރާއްޖޭގައި ޕްރެކްޓިކަލް ހަދާކަހަލަ ގޮތްތަކަކަށް ވިސްނައިގެންނެވެ. ތަފާތު ދާއިރާތަކުން ރާއްޖޭގައި އިންޓާންޝިޕް ހަދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމަށްޓަކަ އެވެ. އަދި ރާއްޖޭގެ ދަރިވަރުންނަށް ވެސް އެފަދަ ފުރުސަތު، ޕާޓްނާ ޔުނިވާސިޓީތަކާއެކު ހޯދުމަށްވެސް މެއެވެ. ހަމަމިއާއިއެކު ރާއްޖޭގެ ފެންވަރު ރަނގަޅު ރިސޯޓްތަކާއި އިންޑަސްޓްރީ ބައިވެރި ކުރުވައިގެންނެވެ. ފަންނީ ހުނަރާއި ތަޖުރިބާތަކުގެ ބޭނުން ހިފުމަށާއި އަމަލީ މައިދާންގެ އެކްސްޕޯޝާގެ ބޭނުން ހިފުމަށެވެ.

މިތަން މެނޭޖް ކުރުމަށް ގައުމީ ޔުނިވާސިޓީއާއެކު ދައުލަތުގެ ކަމާގުޅުންހުރި ވުޒާރާތަކުން އެއްބައިވެގެން މެނޭޖްކުރެވިދާނެ އެވެ. އެގޮތުން ހަޔާއެޑިޔުކޭޝަން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އުފައްދާ ބޯޑަކުން ނުވަތަ ކޮންސޯޓިއަމަކުން ވެސް މެނޭޖްކުރެވިދާނެ އެވެ. ގައުމީ ޔުނިވާސިޓީން ލީޑު ކުރާ ކަހަލަ ގޮތަކަށް ވިސްނައިގެންނެވެ. ގައުމީ ވިސްނުމަކާއިއެކު ގައުމަށްޓަކަ އެވެ. އެފަދަގޮތަކަށް ކުރެވިއްޖެނަމަ ފައިދާކުރާނީ ގައުމަށާއި ރައްޔިތުންނަށެވެ.