ކޮލަމް

"މޯލްޑިވްސް"އަށް ބްރޭންޑް އެކްސްޓެންޝަނެއް ބޭނުންވެފައި!

May 18, 2020

އެޑިޓަރުގެ ނޯޓް: މިއީ އެމްއެމްޕީއާރުސީގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ލިޔުއްވާފައިވާ އިލްމީ މަޒުމޫނެކެވެ. އޭނާ މި މަޒުމޫނު ލިޔުއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި ޓޫރިޒަމް މާކެޓް ކުރުމުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކެއް އޭނާގެ ތަޖުރިބާއިން ހިއްސާ ކުރެއްވުމަށެވެ.
___________________________________________________

ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށުނީ 1972 ވަނަ އަހަރު، ވަރަށް އާދައިގެ ގޮތަކަށެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ގޮސް މިހާރު ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޝްހޫރު އެއް މަންޒިލެވެ. ހާއްސަކޮށް ދުނިޔޭގެ މަތީފެންވަރުގެ ފަތުރުވެރިންގެ މެދުގަ އެވެ. މަތީފެންވަރުގެ އެތައް ހިދުމަތަކާއެކު ތަފާތު އެތައް ކަމެއް ރާއްޖޭގައި ތައާރަފް ކުރެވެފައި ވެއެވެ. ޒަމާނީ ޓެކްނޮލޮޖީ އާއިއެކު މުޅި ދުނިޔެއަށް ވެސް އަލަށް ފަރުމާކޮށް ތައްޔާރު ކުރެވިފައިވާ އެތައް ކޮންސެޕްޓެކެވެ.

މި ސިނާއަތުގައި ކުރާ މިކަހަލަ އާ ކޮންމެ އިންވެސްޓަކަށް އެތައް ހަރަދެއް ކުރެ އެވެ. ރާއްޖެ ފަދަ އެހެން ގައުމުތަކުން ލިބެންހުންނަ ޕްރޮޑަކްޓް ނުވަތަ ހިދުމަތްތަކާއި ތަފާތު ކުރުމަށެވެ. ޑިފަރެންޝިއޭޓް ކުރުމަށެވެ. އަދި ރާއްޖޭގެ އެއް ޕޮރޮޑަކްޓް އަނެއް ޕޮރޮޑަކްޓާއި ތަފާތު ކުރުމަށް ވެސް މެއެވެ. ޑެސްޓިނޭޝަން މާކެޓިންގެ މިސްރާބު ވެސް މިހާތަނަށް ބައްޓަން ކުރެވިފައިވަނީ އެހެންނެވެ. މި ފެންވަރުގެ އެހެން މަންޒިލްތަކާއި ރާއްޖެއާއި ތަފާތު ކުރުމަށެވެ. ޓާގެޓް އޯޑިއަންސްގެ ސަމާލުކަން ފަސޭހައިން ހޯދާ ޝައުގުވެރި ކުރުވުމަށެވެ.

ކަންމިހެން ހުރުމާއެކު، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖެ ފާހަގަ ވެފައި ވަނީ އަގު ބޮޑު "ލަގްޒަރީ" މަންޒިލެއްގެ ގޮތުގަ އެވެ. ހަމައެހެންމެ، ރާއްޖެއަށް ފަތުރުވެރިން އުފުލާ ގިނަ އެއާލައިން ތަކުން ދެކެނީ ވެސް އެގޮތަށެވެ. އެހެންކަމުން ރާއްޖެއަށް ވިއްކާ ޓިކެޓްގެ އަގު ހުންނަނީ ރާއްޖެ ފަދަ، އަދި ރާއްޖެ ކައިރީގައިވާ އެހެން ގައުމުތަކަށް ވިއްކާ ޓިކެޓްތަކުގެ އަގުތަކާ އަޅާބަލާއިރު ބޮޑުތަނުން މަތީގަ އެވެ. ލަގްޒަރީ މަންޒިލަކަށް ވުމުންނެވެ.

ފަހަކަށްއައިސް ރާއްޖޭގައި ހުޅުވިފައިވަނީ މިފަދަ ތަފާތު އެތައް ރިސޯޓްތަކެއް އެކަންޏެއް ވެސް ނޫނެވެ. ތަފާތު އަގުތަކުގެ ތަފާތު ފެންވަރުގެ އެތައް ޕްރޮޑަކްޓެއް ވަނީ ތައާރަފް ކުރެވިފަ އެވެ. މެދުފަންތީގެ ފަތުރުވެރިންނަށް އަމާޒު ކޮށްގެން ތައްޔާރު ކުރެވިފައިވާ ހޮޓާތަކާއި، ޢަދަދު ނުކުރެވޭ ގެސްޓްހައުސް ތަކާއި ސަފާރީ އުޅަނދުތަކުންނެވެ. އެހެން ކަމުން ފަތުރުވެރިންނަށް އަމާޒު ކޮށްގެން ތައްޔާރު ކުރެވިފައިވާ އެނދުތަކުގެ އަދަދު ވަނީ، މީގެ ދިހަ ވަރަކަށް އަހަރުކުރިއާ އަޅާބަޅާއިރު، އެތައް ގުނަ އިތުރުވެފަ އެވެ.

ނަމަވެސް، ފަތުރުވެރިކަމުގެ ރޭހުގައި ރާއްޖެއާއި ވާދަކުރާ އެހެން ގައުމުތަކުން ވެސް އަންނަނީ ހަމަމިފަދަ ގޮތްގޮތަކަށް މަސަތްކަތް ކުރަމުންނެވެ. ރާއްޖެއިން ނުކުރާ ކިތަންމެ ކަމެއް އެ ގައުމުތަކުން އަންނަނީ ކުރަމުންނެވެ. މިފަދަ ތަފާތު ސެގްމެންޓް ތައް މާކެޓް ކުރުމަށެވެ. އެ ގައުތަކުގެ ސަގާފަތާއި އާދަކާދަ ދެއްކުމުގެ ތެރެއިންނެވެ. އާސާރީ ތަންތަނާއި ކަންކަން ޕްރަމޯޓް ކޮށްގެންނެވެ. ކެއިންބުއިމަށް ބޭނުންކުރާ ތަފާތު ކާނާއާއި ރަހަތަކުގެ ތެރެއިންނެވެ. އެ ގައުމުތަކަށް ލިބިފައިވާ ގުދުރަތީ އެތައް ވަސީލަތްކަކެއްގެ ބޭނުން ހިފައިގެނެވެ. ތަހުޒީބު ސަހަރުތަކާއި ގަދީމީ "ޓްރައިބަލް" ސަރަހައްދުތަކުގެ ތަފާތުގެ ތެރެއިންނެވެ. ޒަމާނީ ޝޮޕިން ސެންޓަރުތަކާއި އާސާރީ އަމިއްލަ އުފެއްދުންތައް އުފައްދާގޮތް ދައްކުވައި ދީގެންނެވެ. ސަގާފީ ތަމްސީލްތަކާއި އާސާރުތަށް ދައްކުވައި ދީގެންނެވެ.

ކަންމިހެން ހުރުމާއިއެކު، ރާއްޖެ ނުވަތަ "މޯލްޑިވްސް" މި މަޝްހޫރު ބްރޭންޑް ގެ ތެރެއަށް "ބްރޭންޑް އެކްސްޓެންޝަން" ތަކެއް ތައާރަފު ކުރަންވީ ވަގުތު ޖެހިއްޖެ ކަމަށް ދެކެމެވެ. މޯލްޑިވްސް ބްރޭންޑްގައި މިހާރު ވިއްކާ ތަފާތު ފެންވަރުގެ ތަފާތު ވައްތަރު ޕްރޮޑަކްޓް ތައް، އަމާޒު ކުރެވޭ ތަފާތު މާކެޓްތަކަށް ފަސޭހަ ކަމާއިއެކު މާކެޓް ކުރުމަށެވެ. އެ ޕްރޮޑަކްޓެއް އަމާޒުކުރާ މާކެޓަކަށް ފަސޭހައިން ވާސިލު ވުމަށްޓަކަ އެވެ. އަމާޒުކުރާ އޯޑިއަންސްގެ ސަމާލުކަން ފަސޭހައިން އަތުލައިގަތުމަށެވެ.

މިހާރު ރާއްޖޭއަކީ ހަމައެކަނި "ލަގްޒަރީ" މަންޒިލެއް ނޫންކަން ފަސޭހައިން ބުނެދިނުމަށެވެ. އަދި މި ނޫނަސް އެތައްކަމެއް ބުނެދިނުމަށާއި އޮޅުންބޮޅުން ކުޑަ ކުރުމަށެވެ.

ބްރޭންޑް އެކްސްޓެންޝަނެއްގެ ގޮތުގައި، ގެސްޓްހައުސް ސެގްމެންޓް ތަމްސީލު ކުރުމަށް "މޯލްޑިވްސް ބަޖެޓް" ނުވަތަ "ބަޖެޓް މޯލްޑިވްސް" ވެސް ކީދާނެ އެވެ. އަދި "ވޮލެޓް މޯލްޑިވްސް" ނުވަތަ "މޯލްޑިވްސް ވޮލެޓް" ވެސް ކީދާނެ އެވެ. އަދި "ހޯމް ސްޓޭ މޯލްޑިވްސް" ނުވަތަ "މޯލްޑިވްސް ހޯމްސްޓޭ" ވެސް ކީދާނެ އެވެ. ސަފާރީ ސެގްމެންޓް ތަމްސީލު ކުރުމަށް "ފްލޯޓިން މޯލްޑިވްސް" ކީދާނެ އެވެ. ނުވަތަ ތަފާތު ރީތި ބަހެއް އުފައްދާ "މޯލްޑިވްސް" ގެ ކުރިއަށް ނުވަތަ ފަހަތަށް ލެވިދާނެ އެވެ.

ފަސޭހައިން މާކެޓް ކުރެވޭނެ ގޮތްތަކަށް ވިސްނައިގެންނެވެ. އަދި ވިސްނުންތެރި ކަމާއިއެކު ރަގަޅު ޓެގްލްއިންތަކާއި އެކު މި އެކްސްޓެންޝަންތައް ތައާރަފުކޮށް، ޑެސްޓިނޭޝަން މާކެޓިންއަށް ހަރުދަނާ ބަދަލުތަކެއް ގެނެސް ތަފާތު މާކެޓްތަކުގައި ރާއްޖެ ޕްރަމޯޓް ކުރެވިދާނެ އެވެ. މިގޮތުން މުޅިން އާ މާކެޓް ތަކަކަށް ދިވެހިރާއްޖެ ތައރަފު ކުރަންވީ ވަގުތު ޖެހިއްޖެ ކަމަށްވެސް ދެކެމެވެ.

ހަމަ މިއާއެކު އިތުރު ދާއިރާތަކުން އިންވެސްޓްކޮށް ރާއްޖޭގެ "އެޓްރެކްޓިވްނެސް" އިތުރު ކުރަންވީ ވަގުތު ޖެހިއްޖެ ކަމަށްވެސް ދެކެމެވެ. ދުނިޔޭގެ ފެންވަރުގެ ބޮޑެތި ޝޮޕިންމޯލް ތަކާއި ތީމްޕާކް ފަދަ ތަންތަން ހަދައިގެންނެވެ. އަދި އެތަނެއް ފެނުމުން ޙައިރާން ކުރުވާފަދަ ލޭންޑްމާކެއް ހަދައިގެންނެވެ. މިފަދަ އެތަށްކަމެއްގެ ތެރެއިންނެވެ. މި ސިނާއަތުން ގައުމީ އިގްތިސޯދަށް ކުރާފައިދާ ބޮޑު ކުރުމަށެވެ.

މި ދުވަސްކޮޅަކީ، މުޅި ދުނިޔެއަށް ދިމާވެފައިވާ ސިއްހީ އަދި އިގްތިސޯދީ ކާރިސާއެއްގެ ދުވަސްވަރު ކަމުން ކުރިއަށްއޮތް އަށެއްކަ މަސް ދުވަހު، ނުވަތަ އެއަށްވުރެ ވެސް ގިނަދުވަހު ދުނިޔޭގެ އެއްވެސް ގައުމަކުން، ގައުމުން ބޭރަށް، އާއްމުކޮށް ދަތުރުފަތުރު ކުރުން ފަށާފާނެ ކަމުގެ އުއްމީދު ކުޑައެވެ. ހާއްސަކޮށް މުޅި ދުނިޔެ އެ ބަލިމަޑުކަމާއި ކުރިމަތިލަމުން މިދާ ކޮވިޑް-19 އަށް އިތުބާރު ހިފޭ ވެކްސިނެއް އުފެއްދުމުގެ ކުރިންނެވެ.

އެހެންކަމުން މިވަގުތުގެ ބޭނުންހިފާ، ރަނގަޅަށް ތައްޔާރުވެ ބްރޭންޑް އެކްސްޓެންޝަންތައް ތައާރަފުކޮށް، ޕޭޓެންޓް ރައިޓްސް ތަކާއި އަދި އެނޫނަސް ބޭނުން ވާނެ އެންމެހާ ކަމެއް ފުރިހަމަ ކުރުމަށްފަހު، ހަރުދަނާ "ސެގްމެންޓް މާކެޓިން ސްޓްރެޓެޖީ" ތަކެއްގެ ތެރެއިން، ކުރު ރާސްތާ އާއި މެދުރާސްތާ އަދި ދުރު ރާސްތާ ޑެސްޓިނޭޝަން މާކެޓިން ކެމްޕެއިނެއް ފަށަން ތައްޔާރުވުން މުހިންމެވެ.

އެގޮތުން ދިވެހިރާއްޖެ ޕްރަމޯޓް ކުރުމަށް ލަގްޒަރީ އިވެންޓްތަކުގައި ބައިވެރި ވުމުގެ އިތުރަށް، ތަފާތު އާ މާކެޓްތަކަށް ރާއްޖެ ތައާރަފް ކުރުމަށް އެފަދަ މާކެޓްތަކުގެ އެކިއެކި އިވެންޓްތަކުގައި ބައިވެރިވުމާއި ރާއްޖޭގައި އެފަދަ އިވެންޓްތަށް ބޭއްވުމަށް ތައްޔާރުވުން ވަރަށް މުހިންމު ކަމުގައި ދެކެމެވެ. މި ގޮތުން ރަސްމީ ޑެސްޓިނޭޝަން މާކެޓިން އެޖެންސީއިން އަހަރަކު މަދުވެގެން އެފަދަ ތިން އިވެންޓް ބޭއްވުން ކޮންމެހެން ބޭނުންތެރި އެވެ. އަހަރުގެ އެކިދުވަސްވަރާއި ދިމާވާ ގޮތަށް ވިސްނައިގެންނެވެ. ލަގްޒަރީ، ގެސްޓްހައުސް އަދި ސަފާރީ ފަދަ އެކި ސެގްމެންޓް ތަކަށް އަމާޒު ކޮށްގެން ނެވެ.

މީގެ އިތުރުން ރާއްޖޭގައި ވިއްކާ ޕްރޮޑަކްޓްތަކުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ހަރުދަނާ "ކޮލިޓީ ކޮންޓްރޯލް ފްރޭމްވޯކެއް" އެކުލަވާލާ ތަންފީޒު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށަންވީ ވަގުތު ޖެހިއްޖެ ކަމުގައި ވެސް ދެކެމެވެ. ނުވަތަ "ސްޓާ ރޭންކިން ސިސްޓަމެއް" ތައާރަފު ކުރަންވީ ވަގުތު އަތުވެއްޖެ ކަމުގައި ދެކެމެވެ. އޭގެ ސަބަނުން ތަފާތު އެކިދާއިރާ ތަކުން މި ސިނާއަތަށް ފައިދާތަކެއް ކުރާނެ ކަމީ ޝައްކެއް އުފެދޭ ކަމެއް ނޫނެވެ. އެގޮތުން ކޮލިޓީ ހިފެހެއްޓުމާއި، ސަޕްލައި ކޮންޓްރޯލް ކުރުމާއި، ތިމާވެށި ރައްކާތެރި ކުރުމާއި، މުވައްޒަފުންނާ ގުޅުންހުރި ކަންކަމާއި، ސަލާމަތާއި ރައްކާތެރި ކަމަށް ކަށަވަރު ކުރަން ޖެހޭ ކަންކަމުގެ އިތުރުން، ކާބޯތަކެއްޗާއި ދަތުރުފަތުރާއި ގުޅުންހުރި ކަންކަންފަދަ ކަންކަމަށް ހެދިފައިވާ ގާނޫނާއި ގަވާއިދުތަށް ތަންފީޒު ވަމުންދާކަން ކަށަވަރުކުރުމަށް ބޮޑެތި ކުރިއެތުންތަކެއް ލިބިގެންދާނެ ކަމަށް ދެކެމެވެ.

އަދި އުސޫލެއްނެތި މުޅި ރާއްޖެއަށް ފަތުރުވެރިކަން ފެތުރޭގޮތަށް އޮވެ ދިމާވެދާނެ ނޭދެވޭ ކުޑަކުޑަކަމަކުން މުޅި އިންޑަސްޓްރީއަށް ދިމާވެދާނެ ނޭދެވޭ ކަންކަން މަދުކުރެވިގެން ދާނެ ކަމަށް ދެކެމެވެ. މިސާލަކަށް ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހިންނާއި ބޭރު މީހުންގެ ރޭޝިއޯ ހިފެއްޓުން ފަދަ "މިނިމަމް ރިކުއާމަންޓް" ތަކުގެ ކަންކަން ފަސޭހަ ކަމާއިއެކު ކޮންޓްރޯލް ކުރެވިދާނެ ކަމުގައި ދެކެމެވެ. ހުންނަން ޖެހޭ މިންގަޑު ނުހިފެހެއްޓޭނަމަ އެ ޕޮރޮޕަޓީއެއްގެ ސްޓާރޭންކިން ލިސްޓް ދަށްކޮށް، ލިސްޓްކޮށް، އާއްމުކޮށް ޝާއީރު ކުރެވިދާނެ އެވެ. ހަމައެހެންމެ ހެދިފައިވާ އުޞޫލްތަކާއި ގަވާއިދުތަކަށް ބަރާބަރަށް ޢަމަލުކުރާ ފަރާތްތަށް ފާހަގަކޮށް، އަގު ވަޒަންކޮށް، ހިތްވަރު ދިނުމަށް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ވެސް މި ފްރޭމްވޯކް ބޭނުން ކުރެވިދާނެ އެވެ. އެހެން ކަމުން، މިފަދަ ނިޒާމެއްގެ ސަބަބުން އެންމެންގެ ލާބަޔާ މަންފާއާއި ގައުމީ މަންފާ އިތުރު ވެގެން ދާނެކަމުގައި ދެކެމެވެ. ވަކިފަރާތަކަށް ނުޖެހި، ނުފޫޒުތަކުން އެއްކިބާވެތިބެ ކަނޑައެޅިފައިވާ މަގުސަދު ހާސިލް ކުރުމަށް، ކަމާބެހޭ ފަރާތްތަކުން ތެދުވެރި ކަމާއެކު މަސައްކަތް ކުރެވޭ ނަމަ އެވެ.

ދެން ލިޔާ ލިޔުމެއްގައި، ފަސޭހައިން ރާއްޖެއަށް ތައާރަފް ކުރެވިދާނެ އާ މާކެޓް ތަކާބެ ހޭގޮތުން ބާލާލެވެތޯ މަސައްކަތް ކުރާނަމެވެ.