އޮޕް - އެޑް

ޓޫރިޒަމް ކޮންޓެންޓް ރަނގަޅު ހާލަތުގައި ބޭނުންކުރުން!

May 11, 2020
1

އެޑިޓަރުގެ ނޯޓް: މިއީ އެމްއެމްޕީއާރުސީގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ލިޔުއްވާފައިވާ އިލްމީ މަޒުމޫނެކެވެ. އޭނާ މި މަޒުމޫނު ލިޔުއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި ޓޫރިޒަމް މާކެޓް ކުރުމުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކެއް އޭނާގެ ތަޖުރިބާއިން ހިއްސާ ކުރެއްވުމަށެވެ.
___________________________________________________

ކޮންޓެންޓަކީ މާކެޓިންގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާ އެއް ބަހާ އެވެ. "ކޮންޓެންޓް" މާކެޓިން އަކީ، އެ ވިޔަފާރިއަކަށް ނަފާވާ ކަހަލަ ކަސްޓަމަރުން ތަކެއް އުފެއްދުމަށްޓަކައި، ކަމާ ގުޅުންހުރި، ބޭނުންތެރި ސައްހަ މައުލޫމާތު އުފައްދާ، ވަކި މާކެޓަކަށް އަމާޒު ކޮށްގެން، ދެމެހެއްޓެނިވި ގޮތެއްގައި އެ މައުލޫމާތު ފެތުރުމަށް ގެންގުޅޭ ސިޔާސަތެކެވެ.

ރަނގަޅު ކޮންޓެންޓުގެ ސަބަބުން އެ ވިޔަފާރިއަކުން ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކާއި އަދި ކުރިޔަށްއޮތް ތަނުގައި ވިޔަފާރި ކޮއްފާނެ އެންމެހާ ފަރާތްތަކަށް، އެވިޔަފާރިއަކާ ގުޅޭ ގޮތުން ދިމާވެދާނެ އެންމެހާ ކަންބުޑުވުމެއްގެ ހައްލު ލިބިގެންދާނެ އެވެ. އެހެން ކަމުން ކޮންޓެންޓް އުފައްދާއިރު މި މަގުސަދުތައް ހާސިލް ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ އެވެ.

ކޮންޓެންޓް ބޭނުކުރާ ތަފާތު އެތައްގޮތެއް ހުރެއެވެ. އާއްމު ގޮތެއްގައި ކޮންޓެންޓް ބޭނުން ކުރަނީ، ޕްރޮޑަކްޓަކާ ބެހޭގޮތުން މައުލޫމާތު ފޯރު ކޮށްދިނުމާއި، ޕްރޮޑަކްޓަކާ މެދު ހިތްޖެއްސުމަށާއި، ޕްރޮޑަކްޓަކާ ބެހޭގޮތުން ހަނދާން އާ ކޮށްދިނުމަށާއި، އަދި ޕްރޮޑަކްޓަކާ، އެފަދަ އެހެން ޕްރޮޑަކްޓަކާ އަޅާ ކިޔުމަށެވެ. ވަގުތާ ހާލަތަށް ބަލައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި އެންމެ ރަނގަޅަށް ހާސިލް ކުރެވޭ ކަހަލަ ގޮތަކަށް ވިސްނައިގެންނެވެ. މިއިން ކޮންމެ ހާލަތެއްގައިމެ އެ ވިއްކާ ޕްރޮޑަކްޓެއްގެ "ލައިފްސައިކަލް" ސްޓޭޖާއި "މާކެޓިން މިކްސް" އާ ގުޅޭ ގޮތުން ރަނގަޅު ކޮންޓެންޓް ބޭނުން ކުރުން ކޮންމެހެން ބޭނުންތެރި އެވެ.

އަދި ބޭނުންކުރާ ކޮންޓެންޓަކީ، ލިޔުން ކަމުގައި ވިޔަސް، އަޑު ކަމުގައި ވިޔަސް، ޕޮޓޯ އާއި މަންޒަރު ކަމުގައި ވިޔަސް މެއެވެ. އަދި މީގެ ތެރެއިން އެކަތި އަނެކައްޗާއެކު ނުވަތަ ހުރިހާ އެއްޗެއް އެއްކޮށް ބޭނުން ކުރިކަމުގައި ވިޔަސް މެއެވެ.

މިގޮތުން، ކޮންޓެންޓް ބޭނުން ކުރަނީ ދިވެހި ރާއްޖެއަށް ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމާއި ފުރިހަމަކަން ދައްކުވައިދޭން ކަމުގައި ވިޔަސް، ނުވަތަ ރާއްޖޭގެ ރިސޯޓެއްގެ ފެންވަރާއި ކޮލިޓީއާއި ބޭނުންތެރިކަން އަންގައިދޭން ކަމުގައި ވިޔަސް، އެ ބޭނުންކުރާ ކޮންމެ ކަމެއްގެ އިހުސާސް، އެ ކޮންޓެންޓް ކިއުމުން، އަޑުއެހުމުން ނުވަތަ ބެލުމުން އެކިޔާ، އެބަލާ އަޑުއަހާ މީހެއްގެ ހިތާ ކުޅެލާވަރުގެ ކޮންޓެންޓަށް ވުން މުހިންމެވެ. ރާއްޖެއާ މެދު ރަނގަޅު ޝައުގު އުފައްދާވަރުގެ ކޮންޓެންޓަށް ވާންވާނެ އެވެ.

މުޅި ދުނިޔެ ކުރިމަތިލަމުން މިދާ ބަލިމަޑުކަމުގެ ކާރިސާގެ ހާލަތުގައި، އެމީހުންނަށް ސަލާމަތާއި ރައްކާތެރިކަމަށް އެދެމުންނެވެ. މި ކާރިސާއިން ސަލާމަތްވެ، ކެރިފޯރުންތެރިކަން ހުރެއްޖެނަމަ އެންމެ ފުރަތަމަ ޒިޔާރަތް ކުރާނެ ގައުމަކީ ރާއްޖެކަމުގައި ހެދުމަށް އަޒުމް ކަނޑައެޅޭ ފަދަގޮތަށް ކޮންޓެންޓް ބައްޓަން ކޮށްގެންނެވެ.

މީގެ އިތުރުން ދިވެހިރާއްޖެ ޕްރޮމޯޓް ކުރުމުގައި، ދިވެރާއްޖޭގައި ވަރަށް ބޮޑަށް އުފާވެރި ޗުއްޓީތައް ހޭދަ ކޮށްފައިވާ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކުގެ ބޭނުން ހިފުން ވަރަށް މުހިންމެވެ. ދެންނެވުނު ގޮތަށް ކޮންޓެންޓް ތައްޔާރު ކުރުމުގައި، މިފަދަ މީސްމީހުންގެ އިންޓަވިއުތައް ބޭނުން ކުރެވިދާނެ އެވެ. އަދި އެފަދަ މީހުން ފާހަގަކޮށް، އެމީހުންގެ ޝުއުރުތައް އެމީހުންގެ ގައުމުތަކުގެ ނުވަތަ ޓާގެޓް މާކެޓްތަކުގައި ހިއްސާ ކުރުމަށް، ކަމާ ގުޅުން ހުރި، މަގުބޫލު ޓީވީ، ރޭޑިއޯ ނުވަތަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގެ ބޭނުން ކުރެވިދާނެ އެވެ. ފަތުރުވެރިން މިފަދަ ވަސޫލަތްތަކުގެ ބޭނުން ހިފާ މިންވަރު، އިތުރުވަމުން އަންނާތީ އެވެ.

ދިރާސާތަކުން ދައްކާ ގޮތުން 2019 އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 57 ޕަސެންޓް މީހުންނަކީ ރާއްޖޭގެ ވާހަކަ އެހެންމީހަކު ކިޔައި ދިނުމުގެ ސަބަބުން ޒިޔާރަތްކުރި މީހުންނެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން، (2019 އަހަރު 64 ޕަސެންޓް އަދި 2018 އަހަރު 60 ޕަސެންޓް) މީހުންނަކީ ރާއްޖެއާބެހޭ މައުލޫމާތު، އިންޓަނެޓުގެ ޒަރީއާއިން ހޯދި މީހުންނެވެ.

ކޮންޓެންޓް މާކެޓް ކުރުމުގައި، ލިބިފައިވާ ހުރިހާ ވަސީލަތްތައް ފުރިހަމަ ގޮތުގައި ބޭނުން ކުރުން މުހިންމެވެ. މިގޮތުން ދިވެހި ރާއްޖެއިން ވިއްކާ ޕްރޮޑަކްޓްގެ ބޮޑު ބަޔަކީ ހިދުމަތް ކަމަށް ވުމުން، ހިދުމަތް ފޯރުކޮށް ދޭން ތިބޭ މީހުންނަކީ ފުރިހަމަޔަށް ތަމްރީނު ދެވިފައިވާ، ކަމަށް އިހުތިރާމް ކުރާ، ކަމޭހިތާ، ދިވެހިންނަށް ވުން ވަރަށް މުހިންމެވެ.

އެހެނީ ފަތުރުވެރިޔާ ދިވެހި ރާއްޖެއަށް އަންނަނީ ދިވެހިންގެ ހިތްހެޔޮ، އޯގާތެރި، ހިދުމަތްތައް ތަޖުރިބާ ކޮށްލުމަށް ކަމަށް ވެދާނެތީ އެވެ. އެހެނީ، ދިވެހިންގެ ވާހަކަ، ދިވެހިންގެ އިހުސާސްތައް ކިޔައިދީ، ދިވެހިންގެ ސަގާފަތާ އާދަކާދައާއި ހިތްހެޔޮކަން އެންމެ ރަނގަޅަށް ތަމްސީލުކޮށް ދެވޭނީ ދިވެހިންނަށް ކަމަށްވާތީ އެވެ.

އެހެން ނޫންނަމަ، ފަތުރުވެރިޔާ ރާއްޖޭގައި އަގު ބޮޑު ޗުއްޓީއެއް ހޭދަ ކުރުމަށް އައުމުގެ ކުރިން، އޭނައަށް ލިބޭނެ ކަމަށް އުންމީދު ކުރި އެއްޗަކާ، ރާއްޖެ އައުމުން ލިބުނު އެއްޗަކާ ދިމާ ނުވެދާނެތީ އެވެ. މިހެން ވެއްޖެނަމަ އެ ފަތުރުވެރިޔާ ރާއްޖެ އައުމުގެ މަގުސަދު ހާސިލްވުމަކީ ވަރަށް ދުރު ކަމެކެވެ. މިކަމުގެ ނުތަނަވަސްކަން އެކި ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ކުރާވަރު ތަފާތުވުމަކީ ވެސް އެކަށީގެންވާ ކަމަކެވެ. ބައެއް ފަހަރަށް ފަންނީ ކަންކަމުގެ އިތުރުން، ފަތުރުވެރިޔާ ނިސްބަތްވާ ގައުމާއި، "ޖިއޯޕޮލިޓިކަލް" ކަންކަމުގެ ސަބަބުން ވެސް މިފަދަ ކަންކަން ދިމާވާ ވެދާނެ އެވެ.

އެހެންކަމުން މިކަންމަށް އޮތް ހައްލަކީ ދިވެހިން މިދާއިރާތަކަށް ނެރުމެވެ. ހަމަ ހަގީގަތުގައި ވެސް، ދިވެހިން މިފަދަ އެންމެހާ ހިދުމަތްތަކަށް، މާބޮޑަށް ވެސް ކުޅަދާނަ އެވެ. އެހެންކަމުން، މި ދަނޑިވަޅަކީ ފަތުރުވެރިކަމުގެ ދާއިރާގައިހުރި އެންމެހާ ފުރުސަތުތަކެއް ދިވެހިންނަށް ހާއްސަ ކުރަންވީ ވަގުތު ކަމުގައި ވެސް ދެކެމެވެ.

މީގެ އިތުރުން މާކެޓްކުރުމުގައި ކޮންޓެންޓްގެ ބޭނުންކުރާ އެންމެ ބޮޑު ވަސީލަތަކީ، އެ ބްރޭންޑެއްގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކާއި މޮބައިލް އެޕްލިކޭޝަންތަކެވެ. އަމާޒުކުރެވޭ މާކެޓްތަކަށް ކޮންޓެންޓް ހާއްސަ ވާގޮތަށް ބައްޓަން ކޮށްފައި ހުންނަ މިފަދަ ވަސީލަތްތަކެވެ. އެމީހަކު ހުރި ގައުމަކުން މިއިން ވަސީލަތެއް ބޭނުން ކުރާނަމަ އޮޓެމެޓިކުން އެމީހެއްގެ މާދަރީ ބަހުން، ކޮންޓެންޓް ފެންނަ ގޮތަށެވެ. ހާއްސަކޮށް މޮބައިލް ފުރެންޑްލީ ވަސީލަތްތަކަކަށް މިފަދަ ވަސީލަތްތަށް ވާންވާނެ އެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މާކެޓް ފްރެންޑްލީ ނުވަތަ މާކެޓް ރެޑީ ކޮންޓެންޓަށް ވާންވާނެ އެވެ.

ހަމަ މިފަދައިން ރާއްޖެ ޕްރަމޯޓް ކުރުމުގައި ދައުލަތުގެ ރަސްމީ ހުރިހާ އިދާރަތަކެއްގެ މިފަދަ ވަސީލަތްތަކުން ވެސް މިކަން ކުރަންވީ ވަގުތުޖެހިއްގެ ކަމަށް ދެކެމެވެ. ހާއްސަކޮށް ރާއޮޖެއިން ބޭރުގައި ހެދިފައިވާ އެމްބަސީތައް ފަދަ އެންމެހާ އޮފީސްތަކެކެވެ. ހަރަދު ކުޑަ ކުރުމަށާއި މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ. މިފަދަ ގޮތަކަށް އަމަލު ކުރެވިއްޖެނަމަ ބޭނުންވާ މައުލޫމާތު، ޓާގެޓް ކުރާ އާބާދީތަކުގެ ބޮޑުބައަކަށް ފަސޭހަ ކަމާއެކު ފޯރާނެ ވަގުތަކަށް މިދުވަސްކޮޅު ވެގެން ދާނެ އެވެ. ދުނިޔޭގެ އާބާދީގެ ބޮޑުބައެއް ގޭގައި ތިބެންޖެހިފައި ވާތީ، އިންޓަނެޓް އާއި މީސްމީޑިއާ ބޭނުންކުރާ ވަރުވަނީ، ރެކޯޑް މިންވަރަކަށް މައްޗައް ގޮސްފައެވެ.

އަދި މީގެ އިތުރުން ރާއްޖޭގެ ރީތި، ޗާލު ރަށްތަކާ، ގޮނޑުދޮށްތަކާ، ކަނޑުފަޅާ، އެތަންތާގައިވާ ދިރުންތަކުގެ ފުރިހަމަކަން ދެއްކުމަށް، 360 ޑިގްރީ ވީޑިއޯއާއި، އޮގްމެންޓެޑް ރިއަލިޓީއާއި، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން ކުރެވިދާނެ އެވެ. ގޭމިން ފަދަ މުނިފޫހިފިލުވާ ކަހަލަ ކަންކަމުގެ ތެރެއިންނެވެ.

ކޮންމެއަކަސް، ކޮންޓެންޓްއަކީ މާކެޓިންގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްބަހާ އެވެ. ވަގުތާ ހާލަތާގުޅޭ ރަނގަޅު ކޮންޓެންޓް އުފައްދާ، ރަނގަޅު ވަސީލަތްތަކުގެ ބޭނުންކޮށް، ރަނގަޅުގޮތުގައި ރަނގަޅު މީހުންނަށް، ރަނގަޅަށް ފަހުމްވާ ގޮތަށް، ރަނގަޅު ވަގުތުގައި، ރަނގަޅު ޝައުގު އުފެދޭކަހަލަ ކޮންޓެންޓްގެ ބޭނުން ކުރެވޭ ނަމަ އެވެ.