ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

އުމަރު ނަސީރުގެ ލިޔުމެއް: ލޮކްޑައުން ނޫން ދެން އޮތް ވިސްނުމަކީ ކޮބައިތޯ؟

Apr 25, 2020
27

އެޑިޓަރުގެ ނޯޓް: މިއީ ރާއްޖޭގައި ފުޅާ ދާއިރާގައި ވިޔަފާރި ކުރައްވާ އުމަރު ނަސީރު ލިޔުއްވާފައިވާ އޭނާގެ އޮޕްއެޑް ލިޔުމެކެވެ. މި ލިޔުން ޝާއިއުކޮށްފައި މިވަނީ އަވަސް އޮންލައިނުން ގަބޫލު ކުރާ އުސޫލުތަކާއި އާންމު ހަމައިގެ ތެރެއަށް ލިޔުން ފައްތާލުމަށް ބައެއް އަކުރު ފިއްޔާއި ތިކިތައް އުނި ކޮށްލުމަށްފަހު އަސްލަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައެވެ.
__________________________________________________

ދުނިޔޭގެ އެތައް ގައުމެއް ލޮކްޑައުން ކޮށްގެން އެންމެން ގޭ ބަންދު ވެގެން ތިބޭއިރު މި ނޫން ވިސްނުމެއް މި ކަމުގައި އޮތްތޯ ބަލައި ދިރާސާ ކޮށްލުމަކީ މުހިންމު ކަމެކެވެ. މިގޮތަށް ކިހާ ދުވަހަކު ތިބެން ޖެހޭނެތޯ އާއި، މިހެން މި ތިބެނީ ކީއްވެގެންތޯ އާއި މިހެން ތިބެގެން މިކަން ހައްލު ކުރެވޭނެތޯ އަލުން އެހެން ނަޒަރަކުން ބަލައިލުން މުހިންމެވެ. އަދި ފުރަބަންދުގެ ސަބަބުން ލިބޭ ގެއްލުމާއި ލޮކްޑައުން ނުކޮށް މި ވައިރަހާ ކުރިމަތި ލައިގެން ލިބޭނެ ގެއްލުމާ އަޅާ ކިޔާލުމަކީ ވެސް މުހިންމު ކަމެކެވެ.

"ކޮވިޑް19" ގެ ވައިރަސް ރާއްޖެއަށް ފެތުރިދާނެ ކަމަށް ޓަކައި މި އަހަރު ފެށުނީއްސުރެން ރާއްޖޭން ވެސް އައީ ތައްޔާރު ވަމުންނެވެ. މުޅި ދުނިޔޭގެ ސަމާލު ކަމަށް މިކަން އައިސް މި ކަމަށް އޮތް އެންމެ ރައްކާތެރި ފިޔަވަޅަކީ ގޭގައި މަޑުކުރުން ކަމަށް ދުނިޔޭގެ ގިނަ ޑޮކްޓަރުންނަށާއި ސައިންސްވެރިންނަށާއި ސިޔާސީ ވެރިންނަށް ޤަބޫލު ކުރެވިގެން އެތައް ގައުމެއް "ލޮކްޑައުން" ކުރިއެވެ. އަދިވެސް މިދަނީ މިއީ އެންމެ ރަނގަޅު ފިޔަވަޅު ކަމަށް ގަބޫލު ކޮށްގެން އެ މަގުން ކުރިއަށެވެ. ނަމަވެސް ބައެއް ގައުމުތަކުން ލޮކްޑައުންގެ ސިޔާސަތާ ދުރަށް ޖެހޭތަން މަދުން ނަމަވެސް ފެންނަން ފަށައިފި އެވެ.

މި ފަދަ ބަލިމަޑުކަމެއް ފެތުރޭ ނަމަ ލޮކްޑައުން ކުރުން އެއީ އެންމެ ރަނގަޅު ހައްލު ކަމަށް ސައިންސްވެރިންގެ އެންމެން އިއްތިފާގެއް ނުވެ އެވެ. ޗައިނާގެ "ވޫހާން ސިޓީ" ގެ ތަޖުރިބާ އަށްފަހު، ކޮވިޑް-19 ގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދު ކުރެވެން އޮތީ ލޮކްޑައުން ކޮށްގެން ކަމަށް ފުރަތަމަ ބުނީ ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން މި ކަމާ ގުޅިގެން ތައްޔާރުކުރި ކަރުދާހެއްގަ އެވެ. އެ ކަރުދާހަށް ރިއާޔަތްކޮށް އެތައް ގައުމެއް މި ފިޔަވަޅު އެޅިއެވެ. ސައިންސްވެރިން ތައްޔާރުކުރާ މިފަދަ އެހެން ކަރުދާސްތަކާ ޚިލާފަށް، މި ކަރުދާހަކީ އެއްވެސް ސައިންސް ޖާނަލެއްގައި ޝާއިރުކުރި ކަރުދާހެއް ނޫނެވެ. އަދި އެހެން ސައިންސްވެރިން މި ކަރުދާސް ބަލައި ކޮމެންޓް ކުރުމުގެ ފުރުސަތު ދީފައިވާ ކަރުދާހެއް ވެސް ނުމެ ނޫންމެ އެވެ.

އެންމެން ގޭގައި ތިބުމުގެ ބޭނުމަކީ ވައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރައި ފެތުރިގެން ދިއުން ހުއްޓުވުމެވެ. ނުވަތަ ލަސް ކުރުމެވެ. މިކަން މި ވަގުތު ނުކޮށްފިނަމަ ބަލި ފެތުރިގަނެ، ހޮސްޕިޓަލްތައް ފުރި ބަންޑުން ވެގެން އެކަށީގެންވާ ފަރުވާ ނުދެވި، ވެންޓިލޭޓަރެއް ނުލިބި، އެތައް ބަޔަކު މަރުވެގެން ހިނގައިދާނެތީ އެޅުނު ވަގުތީ ފިޔަވަޅެކެވެ. މިއީ ދާއިމީ ހައްލެއް ނޫން ކަމަށް އެންމެން ވެސް ޤަބޫލު ކުރެއެވެ. މިއީ ސިއްހީ ފަރުވާދޭ އިދާރާތަކަށް ދޭ ލުޔެކެވެ. އައިސީޔޫ އިން ޖާގަ ނުލިބި، ވެންޓިލޭޓަރެއް ނުލިބި ފަރުވާ ނުދެވިގެން އެތައް ފުރާނަތަކެއް ގެއްލިދާނެތީ އެކަންކަމަށް ތައްޔާރުވުމަށް ވަގުތު ހޯދުމަށް ކުރާ ކަމެކެވެ.

ގައުމަކަށް އަބަދަކު މިހެން ނުތިބެވޭނެ އެވެ. ކޮންމެވެސް ހިސާބަކުން މި "ތަޅު" ނައްޓަން ޖެހޭނެ އެވެ. އެހެން ނޫނީ ބަނޑަށްޖެހި އެތައް ބަޔަކު މަރުވެދާނެ އެވެ. މުޅި އިގްތިސޯދު އެކޮޅުކޮޅުން ޖެހޭނެ އެވެ.

ލޮކްޑައުން ގައި ތިބުމަކީ ވެސް މީހުން މަރުވުން އިތުރުވާ ކަމެއް ކަމަށް އިނގިރޭސިވިލާތުގެ އޮފީސް އޮފް ނެޝަނަލް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ފެނި އެކަން ބީބީސީން ރިޕޯޓް ކޮށްފައި ވެއެވެ. އެހެންކަމުން މި ލޮކްޑައުން ގައި ޤައުމު ބާއްވާނީ ކޮން ކަމެއް ފުރިހަމަ ވަންދެންތޯ ބަލައިލާން ޖެހެ އެވެ.

މި ފުރަބަންދު އުވާލައި، އަނބުރާ ކުރީގެ ދިރިއުޅުމަށް ދިއުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ވެކްސިނެއް އުފެއްދުމެވެ. ނަމަވެސް ވެކްސިނަކީ އެތައް ދުވަހަކުން ނޫނީ ފުރިހަމަކުރެވޭ އެއްޗަކަށް ނުވާތީ މިއީ އެންމެ ރަނގަޅު ދާއިމީ ހައްލު ކަމަށް ވިޔަސް މި ކަމަށް އެތައް މަސްތަކެއް ނަގާނެ ކަމަށް ވެއެވެ. ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ގާތްގަނޑަކަށް 80 ލެބޯޓްރީއަކުން ކުރަމުންދިޔަ ނަމަވެސް، ވެކްސިނަކާ އެންމެ ކައިރިއަށް އާދެވިފައިވާ ޔުނިވާސިޓީ އޮފް އޮކްސްފޯޑް އިން ބުނެފައި ވަނީ އެންމެ އަވަހަށް ވެސް އެ ވެކްސިން އާންމުކޮށް ނެރެވޭވަރު ވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށެވެ. އަދި މި ވެކްސިންގެ އެތައް މިލިއަން ޑޯޒެއް އުފައްދައި، ގައުމުތަކަށް އެތަކެތި ފޮނުވައި، އެ ގައުމުތަކުން އާންމުކޮށް އެންމެނަށް ވެކްސިން ދީ ނިމޭއިރު އަންނަ އަހަރުގެ މެދާ ހިސާބަށް ދާނެ ކަމަށް ލަފާ ކުރެވެއެވެ. އެހެންވެއްޖެ ނަމަ އެހާ ދުވަސް ވަންދެން ފުރަބަންދުގައި އެންމެން ތިބެވޭނެ ކަމަށް ބަލައިގެން ނުވާނެ އެވެ.

ދެވަނަ އަށް އޮތް ހައްލަކީ ކޮވިޑް-19 އަށް ބޭހެއް ހޯދުމެވެ. އެތައް ބޭހެއް މި ވަގުތުވެސް ދަނީ ޓެސްޓް ކުރެވެމުންނެވެ. ނަމަވެސް އަދި އެފަދަ ބޭހެއް ނުހޯދެ އެވެ. ބޭހެއް ހޯދުނު ނަމަވެސް، އެ ފަދަ ބޭހެއް މިލިއަނުން އުފައްދައި، ގައުމުތަކަށް ފޮނުވާ ހަދަން ވެސް އެތައް މަހެއް ނަގާނެއެވެ. ވީއިރު އެ ދުވަސް އަންނަންދެން ފުރަބަންދުގައި މަޑުކުރެވިދާނެ ބާވަ އެވެ؟

ތިންވަނަ ވިސްނުމަކީ ސައިންސްވެރިންގެ ތެރޭގައި ބޭނުންކުރާ ބަހުރުވައިން ނަމަ "ހާޑް އިމިއުނިޓީ" ގެ ވިސްނުމެވެ. މި ވިސްނުމަކީ އާބާދީގައި ތިބި ދުވަސްވީ މީހުންނާއި، ނޭވާލާ ނިޒާމުގައި އެކިއެކި ބަލިތައް ހުރުމުގެ ސަބަބުން ނުރައްކާވެދާނެ ކަމަށް ފެންނަ އެންމެނާމެދު ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށްފަހު، އައިސީޔޫއަށް އެނދު އިތުރުކޮށް، ވެންޓިލޭޓަރު އިތުރަށް ހޯދުމަށްފަހު ފުރަބަންދު އުވާލައި، "ގައިދުރު" ބައެއް ފިޔަވަޅުތަކާއެކު، އެންމެން ވެސް ވައިރަސްއާ ކުރިމަތިލުމެވެ.

މިހެން ވެއްޖެނަމަ އާބާދީގެ ބޮޑު ބަޔަކަށް މި ބަލި ޖެހި، ބަލި ޖެހުނުކަން ނުވެސް އެނގި އެތައް ބަޔަކު އަމިއްލައަށް ރަނގަޅުވެ، އަނެއް ބަޔަކު ހޮސްޕިޓަލަށް ނުގޮސް ގޭގައި ތިބެ ބޭސް ކައިގެން ރަނގަޅުވެ، މަދު ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭނެ އެވެ. އަދި އެޑްމިޓްކުރާ މީހުންގެ ތެރެއިން ގިނަ ބަޔަކު ވެންޓިލޭޓަރާއި ބޭހުގެ އެހީގައި ރަނގަޅުވެ، މަދު ބަޔަކު ނަމަވެސް މަރުވެގެން ދާނެ ކަމަށް ބެލެވެ އެވެ. މި ފިޔަވަޅު އަޅައިފިނަމަ މުޅި އާބާދީ މި ބައްޔަށް ހޭނި ވައިރަސް އަށް އިތުރަށް ފެތުރެވޭނެ ގޮތެއް ނެތި މި ބަލިމަޑުކަން ނިމުމަކަށް އަންނާނެ އެވެ.

މުޅި އާބާދީ ގެ ތެރެއިން މި ވައިރަސް ދަތުރުކޮށް ނިމޭ އިރު، ގިނަބަޔަކަށް މި ބަލި ޖެހި ރަގަޅުވެ އެމީހުންގެ ހަށިގަނޑުގައި ދިފާއީ ނިޒާމެއް އުފެދުމުގެ ސަބަބުން ވައިރަސް އުފުލައި ދޭނެ މީހުން އާބާދީގައި މަދުވެ، މުޅި އާބާދީ ރައްކާތެރިވެގެންދާ ހާލަތެއް އަންނާނެ ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ. "ހާޑް އިމިއުނިޓީ" އަކީ މި ހާލަތަށް ދެވިފައިވާ ނަމެވެ. ސްވިޑްން އިން ގެންދަނީ މި ސިޔާސަތަށް އަމަލު ކުރަމުންނެވެ.

މި ހާލަތުގައި މަރުވާނެ ކަމަށް ލަފާ ކުރެވެނީ އާބާދީގެ 0.1 ޕަސެންޓް މީހުންނެވެ. މިހާރުވެސް ކޮންމެ އަހަރަކު އެކިއެކި ހުމާއި އަރިދަފުސް ރޯގާގައި ރާއްޖޭގައި ވެސް އަހަރަކު 200 އެއްހާ މީހުން މަރުވާ ކަމަށް ލަފާ ކުރެވެއެވެ. އެންމެ ކުރިއަރާފައިވާ ގައުމު ތަކުގައި ވެސް ހުމާއި އަރިދަފުސް ރޯގާގައި ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު މަރުވެ އެވެ.

އެމެރިކާ ސަރުކާރުން އިޢުލާން ކޮށްފައި ވަނީ ހޫނާއި، އަވި އަދި ވައިގެ ތެތްކަން (ހިއުމިޑިޓީ) މަތި މާހައުލު ތަކުގައި ކޮރޯނާ ވައިރަސް މަރުވާލެއް އެތައް ގުނައެއް އަވަސް ކަމަށެވެ. އެހެންވެއްޖެ ނަމަ ރާއްޖޭގައި މި ވައިރަސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު 0.1 ޕަސެންޓަށް ވުރެވެސް ބޮޑުތަނުން މަދުވުމީ އެކަށީގެންވާ ކަމެކެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ އާބާދީ އަކީ ނިސްބަތުން މުސްކުޅިން މަދު އާބާދީ އަކަށް ވެފައި، ދުވަސްވީ މީހުންނަށް ވަކިން ޚާއްސަ މަރުކަޒު ތަކެއް ނެތުންވެސް މިއީ ރާއްޖޭގައި މީހުން މަރުވާ ރޭޓް އިތުރަށް ދަށަށްދާނެ ސަބަބެކެވެ.

ދުނިޔޭގައި ތިން ގައުމަކުން، ރައްކާތެރި ކަމުގެ ބައެއް ފިޔަވަޅު ތަކާއެކު، ރޯގާއާ ކުރުމަތިލުމުގެ ސިޔާސަތެއް އެބަގެންގުޅެ އެވެ. އެއީ ޖަރުމަނާއި ދެކުނު ކޮރެޔާ އަދި ސްވިޑްން އެވެ. މި ތިން ގައުމުން ވެސް ވަނީ، އައިސީޔޫ އަށް އެނދު އިތުރުކޮށް، ވެންޓިލޭޓަރުތައް ހޯދައި، ދުވަސްވީ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުރި މީހުންނަށް ރައްކާތެރިކަމުގެ ޚާއްސަ އިމްތިޔާޒު ތަކެއް ތަޢާރަފު ކުރުމަށް ފަހު، ޓެސްޓް ކުރުން އިތުރު ކޮށް، ފުރަބަންދު ލުއިކޮށްލައި، ވައިރަސް އާ ކުރިމަތިލުމަށް ނުކުމެފަ އެވެ. މި ސިޔާސަތުގެ ނަތީޖާ އަކަށް ވާނީ މުޅި އާބާދީ މި ބައްޔަށް ހޭނުމެވެ. "ހާޑް އިމިއުނިޓީ" އުފެދުމެވެ.

ވައިރަސްއާ ކުރިމަތިނުލާން، ފުރަބަންދުގައި ތިބުމަށްފަހު، ބަލިފެތުރޭ ރޭޓް ދަށްވުމުން، ފުރަބަންދު ދޫކޮށްލިއަސް އަނެއްކާ ވެސް ވައިރަސްގެ ދެވަނަ ރާޅު އައިސް ބައްދަލުކުރާނެ ކަމަށް އެތައް ސައިންސްވެރިންނެއް މިހާރުވެސް ވަނީ ލަފާކޮށްފަ އެވެ. އެހެންވެއްޖެ ނަމަ އަނެއްކާ ވެސް ފުރަބަންދަކަށް ދާންޖެހޭނެ ކަމަށް ވެއެވެ. މިގޮތަށް ރާޅަކަށްފަހު ރާޅެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ސައިންސްވެރިން ބުނެއެވެ.

ވައިރަސް އާ ކުރިމަތިނުލާ ފުރަބަންދުގައި ތިބުމުގެ ސިޔާސަތެއް ގެންގުޅުނަސް، ބޭހެއް ނުވަތަ ވެކްސިންއަކާ ހަމައަށް ދެވޭއިރު، އާޚިރުގައި ހަމަ ކުރިން ދެންނެވި އަދަދުގެ މަރާ ކުރިމަތިލާން ޖެހޭނެ ކަމަށް ބައެއް ސައިންސްވެރިން ބުނެ އެވެ. ނަމަވެސް ފުރަބަންދާ ގުޅިގެން މަރުވާ މީހުންނާއި، ކޮވިޑް-19 އާ ގުޅިގެން މަރުވާ މީހުންގެ އަދަދު އެއްކުރުމުން ޖުމްލަ މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމީ ވެސް އެކަށީގެންވާ ކަމެކެވެ.

"ހާޑް އިމިއުނިޓީ" އަކީ މިކަމުގައި އޮތް އެންމެ ރަނގަޅު ހައްލުކަމަށް ދެކޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ކޮންމެ އަހަރަކުވެސް އަރިދަފުހާއި އެކިއެކި ހުމުގެ ރޯގާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ އެވެ. ނަމަވެސް އެ މަރުތައް އެއީ ކޮންމެ އަހަރަކު ވެސް ހިނގާ މަރުތަކަކަށް ވާތީ އެކަމާ މީހުން ކަންބޮޑުވެގެން ނޫޅެނީ އެވެ. އެފަދަ ގިނަ އަރިދަފުސް ރޯގާތައް ނިމެނީ މުޅި އާބާދީ އެ ބައްޔަށް ހޭނިގެން ކަމަށް އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.

އެކިއެކި އަރިދަފުސް ރޯގާގައި، ކޮންމެ އަހަރެއްގެ އޮކްޓޫބަރުން ފެށިގެން މެއި މަހާ ދެމެދު އެމެރިކާގައި އެތައް ބަޔަކު މަރުވެއެވެ. މި ގޮތުން މި އަހަރު މިހާތަނަށް ކޮވިޑް-19 ނޫން އެހެނިހެން ރޯގާތަކުގައި 29،000 އާއި 59،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެދާނެ ކަމަށް އެމެރިކާގެ "ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް" އިން ލަފާކޮށްފައި ވެއެވެ. އެހެން ގައުމު ތަކުގައިވެސް އެހެނިހެން ރޯގާ ތަކުގައި ކޮންމެ އަހަރަކު އެތައް ބަޔަކު މަރުވެގެން ދެއެވެ.

ލޮކްޑައުން އަކީ ގިނަ ދުވަހަށް ދެމެހެއްޓޭނެ ކަމެއް ނޫނެވެ. ދިގު މުއްތަދަކަށް ލޮކްޑައުން ދެމިގެން ދާނަމަ މި ކަމުން ލިބޭ އިގްތިސޯދީ، އިޖްތިމާޢީ، ސިއްޚީ ގެއްލުންތައް "ހާޑް އިމިއުނިޓީ" އިން ލިބޭ ގެއްލުމަށް ވުރެ ބޮޑު ވެދާނެތޯ ބަލައި ދިރާސާކުރަން ޖެހޭނެ އެވެ. ޔަގީންވާ ކަމަކީ އެތައް ގައުމަކުން ލޮކްޑައުން ސިޔާސަތާ ދުރަށް ޖެހެމުންދާ ކަމެވެ.
ސްވިޑްންގެ ސްކޫލްތަކާއި ރެސްޓޯރަންޓްތަކާއި ފިހާރަތައް ބަންދު ނުކޮށް އެދަނީ 'ހާޑް އިމިއުނިޓީ' އާއި ދިމާއަށެވެ. ޖަރުމަނުގެ ފިހާރަތައް ހުޅުވައިފި އެވެ. ދެކުނު ކޮރެޔާގެ ޕާލަމެންޓް އިންތިޚާބުގައި ވޯޓުވެސް ލައިފި އެވެ. މިހެންކަމުން ރާއްޖޭން ވެސް ފުރަބަންދުގެ ސިޔާސަތަށް އަލުން ބަލައިލުން މުހިންމެވެ. އެތައް ގައުމަކުން އެ ދަނީ ފުރަބަންދުގެ ސިޔާސަތާ ދުރަށް ޖެހި، "ތަޅު" ނައްޓަމުންނެވެ.