އިގްތިސޯދު

ދިވެހި އިގްތިސޯދު ދިގު ފިޔަވަޅެއް އަޅަންޖެހޭ!

Apr 11, 2020
11

އެޑިޓަރުގެ ނޯޓް: މިއީ ރާއްޖޭގައި ފުޅާ ދާއިރާގައި ވިޔަފާރި ކުރައްވާ އުމަރު ނަސީރު ލިޔުއްވާފައިވާ އޭނާގެ އޮޕްއެޑް ލިޔުމެކެވެ. މި ލިޔުން ޝާއިއުކޮށްފައި މިވަނީ އަވަސް އޮންލައިނުން ގަބޫލު ކުރާ އުސޫލުތަކާއި އާންމު ހަމައިގެ ތެރެއަށް ލިޔުން ފައްތާލުމަށް ބައެއް އަކުރު ފިއްޔާއި ތިކިތައް އުނި ކޮށްލުމަށްފަހު އަސްލަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައެވެ.
__________________________________________________

ރާއްޖޭގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ހައްދަވަން ކުރީގެ ރައީސް އިބްރާހިމް ނާސިރު މަސައްކަތް ކުރެއްވެމުން އެކަން ނުކުރެވޭނެ ކަމަށާއި، އެކަން ނުކުރުމަށާއި، އެކަމުން ފައިދާއެއް ނުވާނެ ކަމަށާއި، އެއީ މި ސަރަހައްދުގެ މަސްލަހަތާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި މިކަހަލަ އެތައް ވަސްވާހެއް އެތައް ގައުމަކުން އިބްރާހިމް ނާސިރާ ހަމައަށް ގެނައެވެ.

ނަމަވެސް އެ މަނިކުފާނު އެއިން އެއްވެސް ކަމަކަށް ނުބައްލަވައި އެއާޕޯޓް އަޅައި ނިންމަވާލެއްވި އެވެ. އޭގެ 30 އަހަރު ފަހުން ފަހަތަށް އެނބުރި ބަލައިލިއިރު ނަތީޖާ ވަރަށް ސާފެވެ؛ މިއީ ދިވެހި އިގްތިސޯދު އެޅި ދިގު ފިޔަވަޅެކެވެ.

ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރަން ވެގެން އދ. ގެ ކަމާބެހޭ މާހިރުން ދިރާސާއެއް ކުރެއްވި އެވެ. ދިރާސާ ނިމި ރިޕޯޓް އައިރު އޮތީ ޓޫރިޒަމަކީ ރާއްޖެއަށް ފައިދާ ގެނެސްދޭނެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބަކީ ރަށްރަށް ވަކިން ހުރުމުން ކޮންމެ ރަށެއްގައި ވަކިން ކަރަންޓާއި ފެނާއި ނަރުދަމާ އާއި މި ނޫންވެސް ވަސީލަތްތައް ގާއިމްކުރަން ޖެހޭނެތީ ދެކޮޅުޖެހޭ ވިޔަފާރިއަކަށް ރާއްޖޭގައި ޓޫރިޒަމް ނުހެދޭނެ ވާހަކައެވެ. އެ ރިޕޯޓް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެބައޮތެވެ.

އެ ރިޕޯޓް ބާއްވާފައި އިބްރާހިމް ނާސިރު ދިވެހި ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރެއްވެވި އެވެ. އޭގެ 30 އަހަރު ފަހުން ފަހަތަށް އެނބުރި ބަލައިލިއިރު، ނަތީޖާ ވަރަށް ސާފެވެ؛ އެއީ ދިވެހި އިގްތިސޯދު އެޅި ދިގު ފިޔަވަޅެކެވެ.

ދިވެހި އިގްތިސާދު ދެން އަޅަން އޮތީ ދިގު ކޮން ފިޔަވަޅެއްތޯ އެވެ؟ ރާއްޖެއަށް އާންމުދަނީ އިތުރުކުރެވޭނީ ކޮން ކަމެއް ފަށައިގެންތޯ އެވެ؟ އަލަށް ދެން ފަށަން އޮތީ ކޮން މަސައްކަތެއްތޯ އެވެ؟ އިގްތިސޯދީ ގޮތުން އަޅަން އޮތީ ދިގު ކޮން ފިޔަވަޅެއްތޯ އެވެ؟

ދިވެހި އިގްތިސޯދު ޓޫރިޒަމާއި މަސްވެރި ކަމަށް އެކަނި ބަރޯސާ ކޮށްގެން ތިބޭތާ އެތައް ޒަމާނެއް ވީއެވެ. މި ނޫން ދިމާލަކަށް އިގްތިސޯދު "ޑައިވާސިފައި" ކުރަން ނުވަތަ ފުޅާ ކުރަން އަމަލީ މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ. އެހެން ވިސްނުމެއް ނެރޭ ކޮންމެ ފަހަރަކު ކުރިން އެއާޕޯޓް ނޭޅޭނެ ކަމަށް ބުނި މީހުނާއި، ޓޫރިޒަމް ނުހިނގާނެ ކަމަށް ބުނި މީހުން، "ނުވާނެ، ނުވާނެ ފޮތް" ހުޅުވައި ނުކުރެވޭނެ ހުރިހާ ކޮޅެއް ދައްކައެވެ.

މި މަޒްމޫނުގައި މި ބަލައިލާނީ ދިވެހިން އިގްތިސޯދީ ދިގު ފިޔަވަޅެއް އެޅުމަށް ނުވަތަ އިގްތިސޯދު އެހެން ދިމާލަކަށް ފުޅާކުރުމަށް ކުރެވެން އޮތް އެންމެ ބޮޑު އެއް މަސައްކަތުގެ މައްޗަށެވެ. ރާއްޖޭގެ އުތުރުގައި ހިންގިދާނޭ ޓްރާންސްޝިޕްމަންޓް ބަނދަރާއި އެފަދަ ބަނދަރަކުން ރާއްޖެއަށް ގެނެސްދޭނެ އާންމުދަނީ އާއި އިތުރު ކޮށްދޭނެ ވަޒީފާތަކާއި، އެންމެ އާދައިގެ މީހާއާ ހަމައަށް ގެނެސްދޭނެ ތަނަވަސްކަމުގެ މައްޗަށެވެ.

ދުނިޔޭގައި އުފައްދާ ހުރިހާ މުދަލެއްގެ 80 ޕަސަންޓް އުފުލަނީ ކަނޑު މަގުންނެވެ. ރާއްޖެ މި އޮތީ ދުނިޔޭގެ އިރުން ހުޅަނގަށް، ހުޅަނގުން އިރަށް ދަތުރުކުރާ ބޯޓުފަހަރު ދަތުރުކުރާ އެންމެ ބޮޑު މަގު، 8 ޑިގްރީ ޗެނަލާ ވަރަށް ކައިރީގަ އެވެ.

ދުނިޔޭގައި ކަނޑުމަގުން އުފުލާ ހުރިހާ މުދަލެއްގެ ތެރެއިން، ތެލުގެ ހުރިހާ ބާވަތެއްގެ ތިންބައިކުޅަ ދެ ބަޔާއި، ހުރިހާ ކޮންޓެއިނާ ކާގޯގެ ދެބައިކުޅަ އެއްބަޔާއި، ބަލްކް ކާގޯގެ ތިންބައިކުޅަ އެއްބައި އުފުލަނީ ދިވެހިރާއްޖޭގެ ކަނޑު ހުރަސްކޮށެވެ. މިއީ އަޅުގަނޑުމެން އިގްތިސޯދީ ފައިދާ ހޯދަން ކޮންނާންވީ "ރަން ވަޅެއް" ނޫންތޯ އެވެ؟ ދިގު ހައިވޭއެއްގެ މެދުގައި ޕެޓްރޯލް ޝެޑަކާ ފިހާރައެއް ހަދައިފިނަމަ ކާރުތައް މަޑުކުރާނެ އެވެ. އެހެން ނޫންތޯ އެވެ؟

ރާއްޖޭގެ އުތުރުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމުގެ ވިސްނުމަކީ ހުރިހާ ސަރުކާރަކުން ވެސް ގެންގުޅުނު ވިސްނުމެކެވެ. ކޮންމެ ސަރުކާރަކުން ވެސް ކޮންމެވެސް ހިސާބަކަށް މިކަން ގެންދެ އެވެ. ނަމަވެސް އަދި އަމަލީ ސިފަ ޖެހިފައެއް ނުވެއެވެ.

ސަރަހައްދީ ގައުމުތަކުގެ ނުފޫޒު

ރާއްޖޭގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހަދާ ހިންގަން ފަށައިފިނަމަ މި ސަރަހައްދުގެ ބައެއް ގައުމުތަކުގެ ބަނދަރުތަކާ ވާދަކުރަން ޖެހޭނެ އެވެ. ސަރަހައްދީ އެކުވެރި ގައުމުތަކުން ވަނީ އެކި ފެންވަރުގެ ބަނދަރު އެ ގައުމުތަކުގައި ހަދައި ހިންގަން ފަށައިފަ އެވެ. އަޅުގަނޑުމެން މިކަން ފަށައިފިނަމަ އެ ގައުމުތަކުގެ ބަނދަރުގެ ވިޔަފާރިތަކަށް އަސަރު ކުރާނެ އެވެ. ވަކިން ހާއްސަކޮށް ސަރަހައްދުގެ އެހެން ހުރިހާ ގައުމުތަކާ ޚިލާފަށް ދިވެހިރާއްޖެ މިއޮތް ތަނުގެ ގޮތުން މި ކަމުގައި ގުދްރަތީ "އެޑްވާންޓޭޖް" ތަކެއް -- ފައިދާތަކެއް -- ރާއްޖެ އަށް އޮންނާތީ އެވެ.

މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ބޯޓުގެ މިސްރާބު އަނބުރާލުމެއްނެތި، ޒީރޯ ޑައިވާޝަންގައި ރާއްޖޭގެ ޓްރާންސްޝިޕްމަންޓް ބަނދަރަށް ވަދެވޭނެ އެވެ. އެންމެ ކައިރިން އޮތް ކޮލޮމްބޯ ބަނދަރަށް ވަންނަ ނަމަ ވެސް 50 ކިލޯ މީޓަރުގެ ރާސްތާއެއް ބަދަލު ކުރަން ޖެހެ އެވެ. މިއީ ވަރަށް ގިނަ ތެލާއި، ވަގުތު ބޭކާރު ވެގެންދާ އެނބުރުމެކެވެ.

ދެވަނަ ކަމަކީ ދުނިޔޭގައި މިހާރު އަލަށް އުފައްދާ ބޮޑެތި ބޯޓުފަހަރު، ބަނދަރުގެ އެތެރެއަށް ވަނުމަށް ބޭނުންވާ ފުންމިން ރާއްޖެ ނޫން ގައުމަކުން ގުދުރަތީ ގޮތުން ނުލިބުމެވެ. އެހެން ގައުމަތަކަށް ޖެހެނީ ބޭރަށް ފާލަން ނެރެގެން މިކަން ކުރާށެވެ. ރާއްޖޭގެ އަތޮޅު ތަކުގެ ތެރޭގައި ފަސޭހަކަމާއެކު ދަތުރުކޮށްލެވޭނެ ފުންމިން ބޮޑެތި ބޯޓު ފަހަރަށް ލިބެއެވެ. އަލަށް ބަނދެގެން ނެރޭ "ޓްރިޕްލް - E ޑިސައިން" ގެ ބޮޑެތި ބޯޓުފަހަރު، 18،000 ކޮންޓެއިނާ ހިފައިގެން ދަތުރުކުރާއިރު 16 މީޓަރުގެ ޑްރާފްޓް -- ފުންމިން -- ހުރެއެވެ. ބޯޓެއްގެ ދިގުމިނުގައި ހަތަރު ފުޓްބޯޅަ ދަނޑުގެ ދިގުމިން -- 400 މީޓަރު -- ހުރެއެވެ.

މި ކަމުގައި ބައެއް ގައުމުތަކުގެ ކަންބޮޑުވުން ހުރިވަރު ބައްލަވާށެވެ؛ ޓްރާންސްޝިޕްމަންޓް ބަނދަރުގެ ވިސްނުން ރާއްޖޭން ކުރިޔަށް ގެންދަނިކޮށް މި ސަރަހައްދުގެ ބޮޑު ގައުމެއްގެ ސަފީރު، މި ކަމާބެހޭ ދިވެހި ދައުލަތުގެ ވަޒީރާ ބައްދަލު ކުރައްވައި، ޓްރާންސްޝިޕްމަންޓް ބަނދަރުގެ މަޝްރޫޢު ކުރިޔަށް ގެންދާނަމަ "ކޮންސިކުއެންސަސް" އާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ ޑިޕްލޮމެޓިކް ބަހުރުވައިން އިންޒާރު ދެއްވައިފައި ވެއެވެ. މިކަން ނުކުރާންވީ ސަބަބަކީ ސަރަހައްދީ ސަލާމަތަށް ނުރައްކާ ވެދާނެތީ ޔޯލައެވެ؟

އަވަށްޓެރި ޤައުމެއްގެ ޓީވީގައި ވާހަކަ ދައްކަވަމުން އެ ގައުމުގެ އިސް ރައްވެއްސަކު ވިދާޅުވި ގޮތުގައި އަވަށްޓެރި އެހެން ގައުމެއްގެ މަނަވަރުތައް ރާއްޖޭގެ އުތުރަށް ފޮނުވައި، ސަރުކާރަށް ބިރުދެއްކުމުގެ މެސެޖެއް މި ކަމާ ގުޅިގެން ދީފައިވާނެ އެވެ.

އަދި މިކަމުގެ ކަންބޮޑުވުން ފާޅުކުރާ ސަރަހައްދީ ގައުމަތަކުގެ ކަންބޮޑުވުމަކީ ދުޝްމަން ގައުމުތަކުގެ އުޅަނދުފަހަރާއި ހަތިޔާރު ރައްކާތެރިކޮށްދޭ މަރުކަޒަކަށް ނުވަތަ "ސެމީ-މިލިޓަރީ ބޭސް" އަކަށް މިތަން ބަދަލުކޮށްލަފާނެ ކަމަށް ބުނެ އެވެ. މި ކަމުގައި ހުރި ވިޔަފާރީގެ ވާދަވެރިކަމުގެ ވާހަކައެއް ނުދައްކަ އެވެ.

މިބާވަތުގެ ކަންކަން ކުދި އަދި ފަގީރު ގައުމުތަކުގައި ފަށައިގަތުމީ ފަސޭހަ ކަމަކަށް ނުވެއެވެ. ކޮންމެވެސް ނަން ފިލާގަނޑެއްގެ ދަށުން އެކަމަށް ހުރަސްއަޅަ އެވެ. ބައެއް ފަހަރު "ސަރަހައްދީ ސަލާމަތަށް ނޭދެވޭ އަސަރު ކުރުން" އަނެއްބައި ފަހަރު "ތިމާވެއްޓަށް ނޭދެވޭ އަސަރުކުރުން" ފަދަ ސުރުހީތައް ބޭނުން ކޮށްގެންނެވެ.

ދުނިޔެއިން މިސާލެއް ނަގަމާ ހިންގަވާށެވެ. ބްރެޒިލްގެ އެމޭޒަން ޖަންގަލީގެ ތެރޭގައި ހުރި ބައެއް ކޯރުތަކުގެ އަޑީގައި ރަން ހުރިކަން މިއީ އެ ގައުމުގެ އެންމެން ދަންނަ ކަމެކެވެ. ސިއްރުން ކޮނެގެން ރަން ނަގައި ވިއްކާ ހަދާ ގްރޫޕްތަކުން އެކަން ކުރޭ ވެސް މެއެވެ. ނަމަވެސް އެ ގައުމުގެ އެއްވެސް ސަރުކާރަކަށް އަދި މިހާތަނަށް އެ ރަން "މައިން" ކޮށް އެ ރަން ނަގައި، ވިއްކާ ހެދުމުގެ ފުރުސަތެއް ނުލިބެ އެވެ. އެއީ "ތިމާވެއްޓަށް" ނޭދެވޭ އަސަރު ކުރާނެތީ އާއި އެ ޖަންގަލީގައި ދިރިއުޅޭ އެ ގައުމުގެ ގަބީލާތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރަފާނެތީ ޔޯލައެވެ.

ކޮންމެ ސަބަބަކާ ހެދި ނަމަވެސް ރާއްޖޭގެ ޓްރާންސްޝިޕްމަންޓް ބަނދަރު އަދި އޮތީ ނުފެށި އެވެ. ހުރިހާ ސަރުކާރަކުންވެސް މިކަން ކުރެވޭތޯ އުޅެ އެވެ. އަދި މިކަން ކުރުމަށް ޝައުގުވެރިވާ ބޭރުގެ ބޮޑެތި ކުންފުނިތައް ވެސް އެބަހުއްޓެވެ.

އިޤްތިސާދީ ފައިދާ

މިދިޔަ އަހަރު ދުނިޔޭގެ ކޮންޓެއިނާ ޕޯޓްތަކުގެ ޖުމްލަ ފައިދާއަކީ 25 ބިލިއަން ޑޮލަރެވެ. ޖުމްލަ 25 މިލިއަން ކޮންޓެއިނަރުގެ ޖާގަ ދުނިޔޭގެ ޕޯޓް އިންޑަސްޓްރީއަށް 2019 ވަނަ އަހަރު އިތުރު ކުރެވުނެވެ. އެއީ ގާތްގަނޑަކަށް 7.5 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްގެންނެވެ. އަދި ޕޯޓްތަކުގެ ވަށައިގެން އެހެނިހެން ބައިވަރު ވިޔަފާރިތައް ވެސް އުފެދި ކުރިއަރައެވެ. އޭގެ ތެރޭގައި ޝިޕިން އޭޖެންޓުންނާއި ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ޝިޕް އޮޕަރޭޓަރުންނާއި ފީޑާ ޝިޕް އޮޕަރޭޓަރުންނާއި ބަލްކް ސްޓޯރޭޖް ފެސިލިޓީޒް އާއި ގަނޑުމުދާ ކުދިކޮށްގެން އަލުން ބަންދުކުރާ ވިޔަފާރިތަކާއި ކްރޫސް ޓާރމިނަލްގެ ވިޔަފާރިތަކާއި މުދާ އުފައްދާ ވިޔަފާރިތަކާއި ރީޓެއިލް ވިޔަފާރިތަކާއި އަދި އިމާރާތްކޮށް ތަންތަން ކުއްޔަށްދޭ ވިޔަފާރިތައް ހިމެނެ އެވެ.

ކޮންމެ މާކެޓަކަށްވެސް އަލަށް ވަންނައިރު ހުރަސްތަކެއް ހުންނާނެ އެވެ. އިގްތިސޯދީ ބަހުރުވައިން ނަމަ އެއީ "ބެރިއާސް ޓް އެންޓްރީ" އެވެ. ނަމަވެސް މި ހުރަސްތައް ފޫއަޅުވާލުމަށް ފަހު މި ބަނދަރު ހަދައިފި ނަމަ ދިވެހިންނަށް އިގްތިސޯދީ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ރާއްޖޭގެ އުތުރުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމާ ގުޅޭ ގޮތުން، ނެދަލެންޑްސްގެ "ރޮޓަޑޭމް މެރިޓައިމް ގްރޫޕުން" ހަދައިފައިވާ ދިރާސާ ބުނާ ގޮތުން ފޭސްތަކަކަށް ބަހާލައިގެން އުތުރުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހަދާނަމަ ފުރަތަމަ ފޭހުގައި ކޮންޓެއިނާ ޓާމިނަލަކާއި ޚިދުމަތްދޭ ޕޯޓާއި ޕޯޓް ސިޓީއަކާއި ފްރީ ޒޯން އާއެކު ނިންމާލަން ޚަރަދުވާނޭ ކަމަށް ލަފާ ކޮށްފައިވަނީ ގާތްގަނޑަކަށް 430 މިލިއަން ޑޮލަރެވެ. މި ފޭސް ނިމުމުން 2800 ވަޒީފާ އިތުރުވާނެ އެވެ.

މިފަދަ ބަދަރެއް ވެގެންދާނީ އިންގިލާބީ ކުރިއެރުމަކަށެވެ. ފުރަތަމަ 10 އަހަރު ފައިދާއެއް ނުވެދާނެ އެވެ. އަދި މި ޚިދުމަތް ފުރިހަމަ ކުރުމަށް 20 އަހަރު ނުވަތަ 30 އަހަރު ވެސް ނަގާފާނެ އެވެ. ނަމަވެސް މި ބަނދަރު ރަނގަޅަށް ހިގަން ފެށުމުން، ބަނދަރާ، ބަނދަރާ ގުޅުންހުރި އެހެން ވިޔަފާރި ތަކުން، ރާއްޖޭގެ އިގްތިސޯދަށް އަހަރަކު ދެ ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާ ކޮށްފައި ވެއެވެ. ރާއްޖޭގެ ޓޫރިޒަމުން 2018 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދަށް ވަނީ 3.1 ބިލިއަން ޑޮލަރެވެ. ސިންގަޕޫރު ގެ ބަދަރަށް، 2018 ވަނަ އަހަރު އެކަނި -- ވަށައިގެން ހުރި ވިޔަފާރިތަށް ނުލައި -- 4.09 ބިލިއަން ޑޮލަރު ގެ އާންމުދަނީ ވަނެވެ.

ދުނިޔޭގެ އިރުން ހުޅަނގަށް، ހުޅަނގުން އިރަށް ދަތުރުކުރާ ކަނޑު ބޯޓުފަހަރުގެ އެންމެ ބޮޑު މައިމަގުގައި، އެ މަގުގެ އިގްތިސޯދީ ފައިދާ ނުހޯދާ ދިވެހިން ތިބެން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. "ނުވާނޭ، ނުކުރާށޭ" ބުނާ އަޑުތަކަށް ނުބަލައި ދިވެހިން އިގްތިސާދީ ދިގު ފިޔަވަޅެއް އަޅަންވީ އެވެ.