ޕޮލިޓިކްސް

މަހްލޫފުގެ އިތުބާރު ނެތް މައްސަލަ ވައްދާކަށް ނޫޅެން: އާޒިމް

Jul 21, 2020

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން މަސައްކަތް ނުކުރައްވާ ކަމަށާއި ދެކެވެމުން ދަނީ ދޮގު ވާހަކައެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ނަން ހާމަ ނުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި މިނިސްޓަރު މަހުލޫފްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ސޮއި ހޯދަން މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކަމަށެވެ. އެ މައްސަލާގައި އޭނާ މެންބަރުންނާ ލޮބީ ކުރައްވަން ފައްޓަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް އާޒިމް ފަހުން "އަވަސް" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެއީ ތެދު ވާހަކައެއް ނޫން ކަމަށެވެ. މިނިސްޓަރު މަހްލޫފުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އޭނާ މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ވާހަކައެއް އޭނާއަށް ފެނިގެން ދިޔައީ ވެސް ނޫސްތަކުގައި އެކަން ރިޕޯޓް ކުރުމުން ކަމަށެވެ.

"އަޅުގަނޑަށް ވެސް ތި ކަން ހަމަ އެނގުނު ތަނުގައި މި ހުރީ، އެފަދަ އެއްވެސް ކަމެއް ނުހިނގާ،" އާޒިމް ވިދާޅުވި އެވެ.

މަހްލޫފުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ނަގަން ނޫޅުއްވާ ކަމަށް އާޒިމް ވިދާޅުވިއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަހްލޫފު ހާޒިރުވެވަޑައިގެންނެވި އެވެ. މެންބަރުން އަމާޒު ކުރައްވަމުން ގެންދެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަހްލޫފު އާޒިމަށް ފާޑުވިދާޅުވާން ވެސް އުޅުއްވި އެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަން ހުއްޓުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހްލޫފު ވިދާޅުވީ "އަޅުގަނޑު ލައްވައި އާޒިމް ވަރަށް ހަޑި ކަންކަން ކުރުއްވަން އުޅުއްވާތީ ވަރަށް ދެރަވާ" ކަމަށެވެ. އެހެން ވިދާޅުވުމާ އެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އެ ވާހަކަތައް ހުއްޓުވާފަ އެވެ. ނަޝީދު ވިދާޅުވީ މިނިސްޓަރަށް ޖެހިވަޑައިގަންނަވަނީ މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަން ކަމަށެވެ. އޭގެ ބޭރުން ވާހަކަފުޅު ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރެއްގެ ހައިސިއްޔަތުން މަހްލޫފު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބައެއް މެންބަރުން ތައުރީފު ކުރެއްވި އެވެ. އަދި އާޒިމް ވަނީ މަހްލޫފު ގާނޫނުގައިވާ ގޮތަށް އަމަލު ނުކުރައްވަނީ ކީއްވެގެންތޯ ވެސް ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލު ކުރެއްވުމަށް ފަހު ތަޅުން ދޫކުރައްވައި އޭނާ ވަޑައިގެންނެވީ އެވެ.

ފަހަކަށް އައިސް އާޒިމް ގެންދަވަނީ ވެސް މަހްލޫފުގެ ބައެއް ނިންމެވުންތަކަށް ފާޑުވިދާޅުވަމުންނެވެ. އެ ގޮތުން އެފްއޭއެމްގެ އިންތިހާބުގެ ކަންކަމާ ގުޅޭ ގޮތުންނާއި ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް މަހްލޫފު ދައްކަވާފައިވާ ވާހަކަތަކަށް އާޒިމް ފާޑުވިދާޅުވެފައިވެ އެވެ. ސްޕޯޓްސް ކޯޕަރޭޝަންގެ ކަންތައްތަކުގައި އެހެން މެންބަރުން ވެސް ފާޑުވިދާޅުވެފައިވެ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް އިންތިހާބުވިއިރު އެފްއޭއެމުން އާޒިމްގެ އާއިލީ މަސްލަހަތު އޮންނަ ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރި މައްސަލާގައި ބައެއް މީހުންގެ ނުރުހުން އެބަ އޮތެވެ. އާޒިމަކީ އެ ކްލަބްގެ ކުރީގެ ޗެއާމަނެވެ. އަދި ކްލަބްގެ މަސްއޫލުވެރިޔާ އަހުމަދު ވަހީފުގެ ދަރިކަލުންނެވެ.