ހަބަރު

މަހްލޫފް ހުއްޓުވުމުން ރޮޒޭނާގެ ސުވާލެއް

Jul 21, 2020
9

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއާ ގުޅޭ ގޮތުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވާހަކަފުޅު ދައްކަވަން ފެއްޓެވި ވާހަކަ ރިޔާސަތުން ހުއްޓުވުމުން، މަހްލޫފަށް އެ ވާހަކަ ނުދެކެވެންވީ ސަބަބަކާ ގުޅޭ ގޮތުން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް ސުވާލު އުފައްދަވައިފި އެވެ.

މަހްލޫފް މިއަދު މަޖިލީހުގައި ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އުޅުއްވީ އެފްއޭއެމްގެ އިންތިހާބު ހުއްޓުވާލަން ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ "އަޅުގަނޑު ލައްވައި އާޒިމް ވަރަށް ހަޑި ކަންކަން ކުރުއްވަން އުޅުއްވާތީ ވަރަށް ދެރަވާ" ކަމަށެވެ.

މަހްލޫފު އެހެން ވިދާޅުވުމާއެކު މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު އެ ވާހަކަތައް ހުއްޓުވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރަށް ޖެހިވަޑައިގަންނަވަނީ މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަން ކަމަށެވެ. އަދި އޭގެ ބޭރުން ވާހަކަފުޅު ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިނިސްޓަރަށް އެ ވާހަކަތައް ވިދާޅުވެ ދެއްވުމުގެ ފުރުސަތު ލިބިވަޑައި ނުގެންނެވި ކަމަށެވެ. އެހެންކަމުން އެ ވާހަކަތައް ދައްކަން ހަމަޖެހިފައި އޮތް ފޯރަމަކީ ކޮބައިތޯ ރޮޒައިނާ ސުވާލު އުފެއްދެވި އެވެ.

ފޯރަމްގެ ވާހަކައަކަށް ރޮޒައިނާ އިޝާރާތް ކުރެއްވިއިރު، އެންމެ ފަހުން މަޖިލީހުގައި އާންމުންގެ ހިޔާލު ހޯދަން ބޭއްވި ފޯރަމުގައި ޑރ. އަލީ ނިޔާފް ދެއްކެވި ވާހަކައަކަށް ރޮޒައިނާ ތާއީދު ކުރައްވައި ޓްވީޓެއް ކުރެއްވުމުން އަލީ އާޒިމް ވަނީ ރޮޒައިނާއަށް ފާޑުވިދާޅުވެފަ އެވެ.

މިއަދުގެ ޖަލްސާގައި އާޒިމަށް ފާޑުވިދާޅުވާން މަހްލޫފް މަސައްކަތް ކުރެއްވިއިރު، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދަން އާޒިމް މަސައްކަތް ކުރައްވާ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ. އެ ކަމަށް ލޮބީ ކުރައްވަން އެމްޑީޕީގެ މެންބަރުންގެ ސޮއި ހޯއްދަވަން އުޅެމުންދާ ކަމަށް މަޖިލީހުގެ މެންބަރުން ވިދާޅުވެ އެވެ.

ނަން ހާމަ ނުކުރައްވާ މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި، މިހާތަނަށް މަހުލޫފްގެ އިތުބާރު ނެތް ކަމުގެ އެ ޕެޓިޝަންގައި އެއްވެސް މެންބަރަކު ސޮއި ކުރައްވާފައެއް ނުވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރެއްގެ ހައިސިއްޔަތުން މަހްލޫފު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އަދި އާޒިމް ވަނީ މަހްލޫފު ގާނޫނުގައިވާ ގޮތަށް އަމަލު ނުކުރައްވަނީ ކީއްވެގެންތޯ ވެސް ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލު ކުރެއްވުމަށް ފަހު ތަޅުން ދޫކުރައްވައި އޭނާ ވަޑައިގެންނެވީ އެވެ.

އާޒިމްއާއި މަހްލޫފާ ދެމެދު ގުޅުން ގޯސްވެފައި ވަނީ އެފްއޭއެމްގެ އިންތިހާބުގެ މައްސަލާގަ އެވެ. އެފްއޭއެމްގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް އިންތިހާބުވިއިރު އެފްއޭއެމުން އާޒިމްގެ އާއިލީ މަސްލަހަތު އޮންނަ ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރި މައްސަލާގައި ބައެއް މީހުންގެ ނުރުހުން އެބަ އޮތެވެ. އާޒިމަކީ އެ ކްލަބްގެ ކުރީގެ ޗެއާމަނެވެ. އަދި ކްލަބްގެ މަސްއޫލުވެރިޔާ އަހުމަދު ވަހީފުގެ ދަރިކަލުންނެވެ.