މިނިވަން ދުވަސް

މާޒީގެ ރޮނގުމަތީން: މިނިވަން ދަތުރު

Jul 26, 2020

ރާއްޖެ ކުޑަ ނަމަވެސް މިނިވަން ކަމުގެ ތާރީހުގައި ފާހަގަކޮށްލެވެ އެވެ. ދިވެހިންނަށް އިސްލާމްދީނުގެ ހިދާޔަތު ލިބުމުގެ އެތައް އަހަރެއް ކުރިން ފެށިގެން ދިވެހިން މިނިވަނެވެ. މިނިވަން ގައުމެކެވެ. ދިވެހިން އަޅުވެތިވީ ދެ ފަހަރު އެެވެ. އެއީ މަލާބާރީ ހޮޅިންގެ އަޅުވެތިކަމުގައި ހަތަރު މަސް ދުވަސް، ޕޯޗުގީޒުންގެ އަޅުވެތި ކަމުގައި 17 އަހަރެވެ. އޭގެ ފަހުން ޑިސެންބަރު 16، 1887 ގައި ދިވެހިން އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔަ އެވެ. އެހާހިސާބުން ދިވެހިންގެ ދާހިލީ ކަންކަމުގެ ތެރެއަށް އިގިރޭސިންގެ ނުފޫޒު ވަންނަން ފެށިއެވެ. ދިވެހިންގެ އަމިއްލަ ރަސްކަމެއް އަދި އަމިއްލަ ގާނޫނުތަކެއް އޮތް ނަމަވެސް ބޭރު ދުނިޔޭގައި ދިވެހިން ތަމްސީލް ކުރީ އިނގިރޭސިންނެވެ. އަދި ދިވެހިންގެ ތެރޭގައި ބައިބައިވުން އުފޭދެނެ އެތައް ކަމެއް އިނގިރޭސިން އަޑީގައި ތިބެ ދިޔައީ ހިންގަމުންނެވެ. އެގޮތުގައި 77 އަހަރު ދިވެހިން ހޭދަކުރަން ޖެހުނެވެ. އެހާ ހިސާބުން މިނިވަން ކަމަށް ދިވެހިން ދަތުރު ފަށައިފިއެވެ.