ހަބަރު

އައްޑޫ އާއި ފުވައްމުލަކަށް ހާއްސަކޮށް ސީކެޕް އިން ހަތަރު މިލިއަން ޑޮލަރު މަޝްރޫއެއް ފަށައިފި

Oct 5, 2015

ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮގްރާމް (ސީކެޕް) ގެ ދަށުން ހަތަރު މިލިއަން ޑޮލަރު (ގާތްގަނޑަކަށް 61.7 މިލިޔަން ރުފިޔާ) ގެ ޕްރޮޖެކްޓެއް މިއަދު އިފްތިތާހު ކޮށްފި އެވެ.

މިއަދު ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައ އިފްތިތާހު ކުރި މި ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީ އާއި ފުވަމުލަކުގައި ހިމާޔަތް ކުރެވިފައިވާ ކިޅި ތަކާއި ޗަސްބިން ސަރަހައްދުތައް ބޭނުން ކޮށްގެން އިގްތިސޯދީ ފައިދާ ހޯދުމުގެ މަސައްކަތް ތަރައްގީ ކުރަން ކުރަންޖެހޭ މަސައްކަތް ކުރުމުގެ އިތުރުން ރިސޯޓު ތަކާއި ޑައިވް ސެންޓަރުތައް ގުޅިގެން އެސަރަހައްދުގެ ފަޅުތަށް ދެނެގަތުމުގެ ޕްރޮގްރާމެއް ހިންގާނެ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އައްޑޫ އަދި ފުވަމުލަކުގައި ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގައި ހުރި ކުނި މެނޭޖުކޮށް އެންމެ ގެއްލުން ކުޑަ ގޮތަކަށް ގްރީން ހައުސް ގޭސް އެންމެ ކުޑަކޮށް އުފެދޭނެ ގޮތްތަކަށް ކުނި މެނޭޖު ކުރެވޭނެ އެވެ.

މި ޕްރޮޖެކްޓު ގެންދަނީ ތިން އަހަރަށެވެ. މުޅ ޕްރޮޖެކްޓަށް ޖުމްލަ 4.2 މިލިއަން ޑޮލަރު ހަރަދުވެ އެވެ.

މި ޕްރޮޖެކްޓު އިފްތިތާހުކޮށްދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުގައި އިގްތިސޯދީ މަންފާ ލިބޭގޮތަށް އެސަރަހައްދު ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރެވުމަކީ ހިމާޔަތް ކުރުމުގެ ބޭނުން ހާސިލުވާނެ ކަމެއް ކަމަށެވެ.

ސީކެޕް އަކީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަށް ކުދަކުރުމަށް ޔޫރަޕިއަން އަދި އޮސްޓްރޭލިއަން އެއިޑްގެ ހިލޭއެހީގެ ދަށުން އެކުލަވާލައިފައިވާ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑުގެ ދެވަނަފިޔވަހީގެ މަޝްރޫއެކެވެ.