އޮސްޓްރޭލިއާ އިން، 12،000 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ރާއްޖެއަށް ހަދިޔާކޮށްފި އެވެ.
މިއަދު ހަދިޔާ ކުރި ޕީޕީއީ އަކީ ރާއްޖޭގެ އިސް ސަފުގައި މަސައްކަތް ކުރާ ސިފައިން މަސައްކަތުގައި ބޭނުންކުރަން ހަދިޔާކުރި ޕީޕީއީ ތަކެކެވެ.
ސްރީލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެތަކެތި ހަވާލުކޮށްދެއްވީ އޮސްޓްރޭލިއާއިން ރާއްޖެ އަދި ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ޑޭވިޑް ހޮލީ އެވެ. މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ރާއްޖޭން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއް ރައްޒާގު އަދި ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންކަމަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ލެފްޓިނެންޓް ކާނަލް އިސްމާއިލް ނަސީރެވެ.
އޮސްޓްރޭލިއާގެ އެމްބަސީން ބުނީ މިއަދު ހަދިޔާކުރި ތަކެތީގެ އަގު، 120،000 ޑޮލަރަށް އަރާނެކަމަށާއި އޭގެ ތެރޭގައި 12،000 އޯވަރޯލް އާއި 200،000 ގްލޯވްސް ހިމެނޭ ކަމަށެވެ. އެ ހުރިހާ ތަކެއްޗެއްވެސް އުފައްދައިފައިވަނީ ލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ކުންފުންޏަކުންނެވެ.
ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެކުވެރި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ކުރިން އެމެރިކާއިންވެސް ވަނީ 150،000 ޑޮލަރުގެ ޕީޕީއީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
ކޮވިޑް-19 ގައި ރާއްޖެ އިން 3302 މީހަކު ވަނީ ޕޮސިޓިވް ވެފަ އެވެ. އޭގެ ތެރެއިން 2534 މީހަކު ރަނގަޅުވެފައިވާއިރު 15 މީހަކު ވަނީ މަރުވެފަ އެވެ.