ލައިފްސްޓައިލް

ފާތުމަތު: ހިނިތުން ވެލާށެ ކަލާ!

އޭރުގެ ފެޝަނަކަށް އަތުކުރީ އޮޅައިލުމުން ލިބާހުގެ ބަތާނާގައިވާ ރަތް ފޮތިކޮޅު ފެނިލުން ފިޔަވައި މުޅީންމެ ކަނޑު ނޫކުލައިގެ ދިވެހި ލިބާހެއްލައި ކަރުގައި ރަން ފައްޓަރުބައި އަޅާފައިވާ ޒުވާން ރީތި، އަންހެން ކުއްޖަކު އޭނާ ދިރިއުޅޭ ގޯތިތެރޭ ހިނިތުން ވެލައިގެން ހުރެ އެވެ. އިސްތަށިގަނޑު ގަތާލާފައިވާއިރު ދިގު ދިގު، ފަލަ ފަލަ، ރާޅުބާނި އެ އިސްތަށިގަނޑު ކޮނޑުމަތީން ކުރިމައްޗަށް ގެނެސް ހިފަހައްޓާލައިގެން ހުރެ އެވެ. ޒުވާން އެ އަންހެންކުއްޖާ ޕޯޒްވެލައިގެން ހުންނަ އިރު މެންދުރަށް އަރައިގެން އަންނަ އަވިގަނޑަށް ބަލާން ހުންނަ ކަހަލަ ގޮތެއް ލޮލުގައިވާ ވިދުވަރުން ބުނެ ދެއެވެ.

އެހެންވެގެން މިއީ ބަލައިލަން ވަރަށް ރީތި، ދިވެހިރާއްޖެ އާއި ބޭރު މީހުންގެ މެދުގައި އުޖާލާ ފޮޓޯއަކަށް ވެފައި ވެއެވެ. މިއީ މީހަކަށް ވަރަށް ގިނަ އިރުވަންދެން ބަލަހައްޓައިގެން ހުރެވިދާނެ ވެސް ފޮޓޯއެކެވެ. މުޅި މި ފޮޓޯގަނޑު އެންމެ ޗާލުކޮށްލައި ނަލަހައްދާލައި ދެނީ ޒުވާނާގެ މޫނުމައްޗަށް ގެނެސްފައިވާ އާދަޔާހިލާފު ރީތި ހިނިތުންވުމަކުންނެވެ. މި ފޮޓޯ ބަލައިފި މީހަކަށް ވެސް އެންމެ ރީތި، އަދި އެންމެ ފުނަށް ޖަޒުބާތު، ހިނިތުންވުމުގެ އަސަރުގައި ޖެހިނުލައި ނުހުރެވޭނެ އެވެ.

އަގު ހުރި އަދި އަގު ދެރަ އެއްޗެއްސާއެކު ހުރިހާ ބާވަތަކުން އެއްޗެހި ދައުރުވާ ސޯޝަލް މީޑިއާގެ ތެރޭ މި ފޮޓޯގަނޑު އޮޔާ ބެހެނިކޮށް ލޮލުގައި އަޅައިގަތީ ވަރަށް ޒުވާން އާޓިސްޓެއް ކަމަށްވާ އައިޝަތު މަނާލް މުހައްމަދު އޭނާގެ އާޓްގެ ހުނަރު ބަންޑުން ކުރާ އާޓްބައިލޫލޫ އަށް މި ފޮޓޯ ފެނި، ކަމުގޮސްގެން ކުރަހާލި ޑިޖިޓަލް ޕޯޓްރެއިޓެއް ހަމަ އެ އޮއިގަނޑުގެ ތެރެއަށް ވައްޓާލުމުންނެވެ.

އާޓްސް އިން ޑިޕްލޮމާއެއް ހާސިލް ކުރަން މެލޭޝިއާގައި މިވަތުގު ހުރި މަނާލަށް އެ ފޮޓޯ ކަމުދިޔައީ އެ އަންހެން ކުއްޖާ މޫނުމައްޗަށް ގެނެސްފައިވާ އަޖައިބު އަންތަރީހެއް ކަހަލަ ރީތި ނަލަ ހިނިތުންވުމުގެ އަސަރުގައި ޖެހިގެނެވެ.

"މި ފޮޓޯ އަޅުގަނޑަށް ފެނުނު އިރު ކާކު ނެގި ފޮޓޯއެއް ކަމެއް ނޭނގެ. އަޅުގަނޑު ބޭނުންވީ ފޮޓޯ އަހަރެންގެ ސްޓައިލްގައި ކުރަހާލަން އެ އަންހެން މީހާގެ ހިނިތުންވުމުން އިންސްޕަޔާ ވެގެން. ކުރަހާ ނިމުނު އިރު ރަފް ކަމުން އެންމެ ހިތްހަމައެއް ނުޖެހުނު. އެކަމަކު ވެސް ބޮޑު އުފާވެރިކަމެއް ލިބުނު،" ސޯޝަލް މީޑިއާއަށް މަނާލް އެ ފޮޓޯ ދޫކޮށްލުމާއެކު ފޮޓޯގްރާފަރާވެސް ޓުވިޓާއިން ބައްދަލުވެ ވާހަކަ ދައްކާލަން ފުރުސަތެއް ލިބުނެވެ.

މިއީ މީގެ 35 އަހަރު ކުރިން 1985 އަހަރުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯ އައީ ޓޫރިސްޓުން ބަލައިލަން ކަމުދާނެ ކަހަލަ އުފެއްދުންތަކެއް ވާރޭވިލާ އަލީ ހުސައިންގެ ނޮވެލްޓީން ތަައްޔާރު ކުރަން، އޭނާގެ އެދިލެއްވުމަކަށް އަލީ ހުސައިން އަނބިކަނބަލުންގެ އާއިލީ ބޭފުޅެއް ކަމަށްވާ އިސްމާއީލް އަބްދުﷲ އާއި ބެންހާގޭ މުހައްމަދު ހަބީބް (ބެންހާ ހަބީބު) އައްޑު އައި ފުވައްމުލަކަށް ކުރެއްވި ދަތުރެއްގައި އިސްމާއިލް ނެންގެވި އެތަކެއް ސަތޭކަ ފޮޓޯތަކުގެ ތެރެއިންނެވެ. ތިރީސް ފަސް އަހަރު ފަހުން މި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ ކޮވިޑްގެ ބަލާއާފާތާއެކު އައި ދިގު ބަންދު ނުވަތަ ލޮކްޑައުންގައި އިސްމާއިލަށް ލިބި ވަޑައިގެންނެވި ހުސް ވަގުތުތަކުގައި ކުރީގެ ފޮޓޯތަކާއިއެކު ކުޑަ ބެކްސްޓޯރީއެއް ލިޔުއްވައި ފޭސްބުކަށް ދޫ ކުރަން ފެއްޓެވި ކުޑަކުޑަ މަސައްކަތެއްގެ ތެރެއިންނެވެ.

"ލޮކްޑައުންގައި ލިބުނު ވަގުތުގައި އަޅުގަނޑުގެ ކުރީގެ މަސައްކަތްތަކާއި ފޮޓޯތައް ބަލައިލީ. މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ގޮސް އެކި ޒަމާނުގައި ފޮޓޯ ނެގިފައި ހުންނާނެ. ފޯއްމުލަަކަށް ދިޔަ މި ދަތުރު ނެގި މި ފޮޓޯ ވެސް ހަނދާން އެބަހުރި. ހަބީބު އާއި އަޅުގަނޑު، އެގެއަށް ގޮސް ނެގި ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯ މިއީ،" އިސްމާއީލް ވިދާޅުވި އެވެ.

ނަވާރަސަތޭކަ އައްޑިހަ ހަޔަކާއި 1987 އާއި 1988 ގައި ފުރަތަަމަ ފަހަރަށް ނޮވެލްޓީއިން ރާއްޖޭގެ މަންޒަރު ހިމަނައިގެން ޑައިރީ ނެރުނެވެ.

"ކަންދިމާވި ގޮތުން ފާތުމަތުގެ މި ފޮޓޯގެ ޑައިރީ އަޅުގަނޑު އަތުގައެއް ނެތް. އެހެންވެ ސީދާ ނޭނގޭ ބުނާކަށް މިއީ އަޅުގަނޑު ނެގި ފޮޓޯއެއް ކަމެއް ނޫނީ ހަބީބު ނެންގެވި ފޮޓޯއެއް ކަމެއް... ޑައިރީގައި ޕަބްލިޝްކޮށްފައި އޮތީ. މި ފޮޓޯޖެހި ޑައިރީއިން އައްޑޫގެ އެކުވެރިއެއް ސްކޭންކޮށްފައި ފޮޓޯ ފޮނުވައި ދިން. ޑައިރީގެ ފަހަތުގައި އިންނާނެ އަޅުގަނޑުތޯ ނޫނީ ހަބީބަށްތޯ މި ހިނިތުންވުން ކެޕްޗާ ކުރެވުނީ." އިސްމާއިލް ވިދާޅުވި އެވެ. -- ފޮޓޯ އިސްމާއީލް އާއި ބެންހާ ހަބީބަކީ ދިވެހި ގައުމީ ހަޔާތުގައި ވަރަށް ބޮޑު ދެ ހިދުމަތްތެރިންނެވެ. އެ ދެބޭފުޅުންނަށް ނިސްބަތްވާ މި ފޮޓޯގެ އިސްޓޯރީ ފަދައިން އެ ދެ ބޭފުޅުންގެ ވާހަކައަކީ ވެސް ތުނި ފޮތަކަށެއް ނުވާނެ އެވެ. އެހެން ފަހަރަކުން އެވާހަކަ ލިޔާނީ އެވެ. --

ފޮޓޯގައިވާ ފުވައްމުލަކު، ފާތުމަތު ފަހީމާ، ލަދުރަކި ގޮތަކަށް ހުއްޓިލައިގެން އެ ހުންނަނީ އޭނާގެ ކޮއްކޮއާ އެކުގަ އެވެ. ފާތުމަތުގެ މޫނުމައްޗަށް ވެރިވެފައިވާ ހިނިތުންވުން، ވަރަށް ވަރަށް ނަލައެވެ. ބަލާބެލުމަށް މާ ބޮޑަށް ފާތުމަތު ފޮޓޯއަކަށް ވެގެން ހުރިކަމެއް ވެސް ނޭނގެ އެވެ. ކެމެރާއަށް ސީދާއަށް ބަލަން ނެތަސް މި ފޮޓޯއިން ދިވެހި އަންހެނުން އަދި އަންހެނަކު ވަރަށް ފުރިހަމައަށް ކިޔާލައި ދެއެވެ. ދިވެހި އަންހެންގެ ރީތި ކަމާއި ސާދަ ހެދުން އެޅުމުގެ ވައްޓަފާޅި ބުނެލައި ދެއެވެ.

މި ނޫނަސް ކުރީގެ ކަލަންޑަރު އަދި ޑައިރީ ފަދަ ތަކެތީން ފެންނަ ކުދިންނާއި މީހުން މިހާރު ކޮބައިބާއޭ ހިތާހިތާ ސުވާލުކޮށްލެވޭ ހެއްޔެވެ؟ ފާތުމަތުގެ މި ފޮޓޯ ފެނުމުން ވެސް ހިތަށް އަރާނީ ހަމަ އެހެނެވެ. އަޅެ ފަހެ މި ފާތުމަތު މިހާރު ކޮބައިބާވަ އެވެ؟ ގޯތި ތެރޭގައި ހުއްޓިލައި ބޮޑު ބޮޑު ހިނިތުުންވުމެއް ދީގެން އެހުރި ފާތުމަތުގެ މިހާރު ވެސް ދުނިޔޭގައި އެބައިން ހެއްޔެވެ؟

މިހާރު ފާތުމަތު ވެސް ފެނިއްޖެ އެވެ. އުފަން ރަށުގައި ތާހިރު ދިރިއުޅުމެއް އުޅެމުން އެބަދެ އެވެ. ފާތުމަތު ބުނިގޮތުގައި އެއީ އޭނާގެ އުމުރުން 16 އަހަރުގައި ނެގި ފޮޓޯއެކެވެ. އެ ފޮޓޯ ނެގީ އެއް ފަހަރަކު، އެއް ރަށަށް އޮންނަ އެ އަތޮޅަށް މާލެއިން ދިޔަ ބަޔަކު ފޮތެއްގައި ޖެހުމަށް ފޮޓޯއެއް ނަގަން އޭނާގެ މަންމަގެ ގާތުގައި އަހައި މަންމާގެ ހުއްދައެއް ހޯދައިގެނެވެ. އޭރުވެސް ފާތުމަތަށް ވަނީ ޅަފުރާގައި ކުއްޖަކު ލިބިފަ އެވެ.

"އޭރު އަަހަރެންގެ އުމުރުން ވާނީ 16 އަހަރު. އެ ފޮޓޯ ނެގި އިރު އެއް ކުއްޖަކު ހުރޭ. ދަރިފުޅަށް ވާނީ ހައެއްކަ މަސް. އާއިލާ ރޫޅި އެކަނިވެރި މައެއް އޭރު އަހަންނަކީ. އާއްމުކޮށް ލައި އުޅެނީ ހަރުވާޅާއި މަތި... އެ ފޮޓޯ ނަގަން އެ ދުވަހު ތައްޔާރުވެ ލިބާސް ލައި ފައްޓަރުބައި އަޅައިގެން ގޭގެ ގޯތިތެރޭ މަޑުކޮށްލީ،" ފޮޓޯގަނޑު ހަނދާންތައް ފާތުމަތު ކިޔައި ދިނެވެ. "ފޮޓޯ ޗާޕުކޮށް ފޮތް ނެރުމުން ވަރަށް އުޅުނިން އެ ފޮޓޯ އާއި ހެދި ލަދުން ވެސް... އެކަމާ ހެދި ވަރަށް ރޮއި ވެސް ހެދިން." އުމުރުން މިހާރު 50 އަހަރުވެފައިވާ ފާތުމަތު ބުންޏެވެ.

އޭގެ ފަހުން އޭނާ ވަނީ އެހެން ކައިވެންޏެއްކޮށް އިތުރު ފަސް ކުދިން ލިބިފަ އެވެ.

މިހާރު އަލުން މި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވާއިރު ފޮޓޯއާއި ގުޅޭގޮތުން ފާތުމަތުގެ އިހްސާސްތައް ހުރި ގޮތް ވެސް އޭނާ ކިޔައިދެ އެވެ: "ވަރަށް އުފާވި މި ފޮޓޯގަނޑު މިހާ ގިނަ ދުވަސްކޮށްފައި އަލުން ފެނުމުން. ޑައިރީގައި ފޮޓޯ ހުއްޓަސް އަތުގައި އެ ޑައިރީއެއް ނެތް. އަޅުގަނޑުގެ ކުދިން ވެސް ވަރަށް އުފާވެފައި ތިބީ... މި ރަށު މީހުން އޭރު ވެސް ބުނި ހާދަ ރީތި ފޮޓޯއެކޭ އެއީ. މިހާރު ވެސް ވަރަށް ގިނަ މީހުން އަހާ އެއީ ކޮން ދުވަސްވަރެއްގެ ފޮޓޯއެއްހޭ؟ އަލުން ފޮޓޯގެ ވާހަކަ ދެކެވެން ފެށީމާ މިހާރު ވެސް އެހެން އެބަ ބުނޭ"

ފާތުމަތެކޭ އެއްގޮތަށް އޭނާގެ ކުދިންވެސް ތިބީ މަންމާގެ އެ ހާއްސަ ފޮޓޯ އެ ކުދިންނަށް ފެނުމާއެކު ވަރަށް އުފަލުންނެވެ. މަންމާގެ އެހާ ކުރީގެ އަދި އެހާ ހާއްސަ ހަނދާނެއް އަލުން "ތެދުވެގެން" އެ ކުދިންނާ ހަމައަށް ދިއުމުން ފަހުރުވެރިވެފަ އެވެ.

ފޮޓޯގެ އިސްޓޯރީ އާއި ފޮޓޯއިން ފެންނަ ފާތުމަތުގެ އިސްޓޯރީ އެނގިއްޖެ ނޫން ހެއްޔެވެ؟ މިހައިރުން ދެން އެ ފޮޓޯއަށް އަލުން ބަލައިލާށެވެ. ފާތުމަތުގެ ހިނިތުންވުން މާ ފުރިހަމަވާނެ އެވެ. އަދި ބަލައިލާ ބަލާށެވެ. މިހާރުން ދިވެހި އަންހެނުންގެ ދިރިއުޅުމުގައި ނަގައި ބޮޑެތި ރާޅާއި ދިމާވާ ގޮންޖެހުންތައް ފެންނާނެ އެވެ. ވެއްޓިއްޖެނަމަ ތެދުވާ މަންޒަރު ފެންނާނެ އެވެ. ބިރުގަނެ، ފަސްޖެހުމާއި ނުކެރުމެއް ހުއްޓަސް ކަންކަމާއި ކުރިމަތިލާ މަންޒަރު ފެންނާނެ އެވެ. އާއިލާ އާއި ދަރިންނަށްޓަކާއިވާ ގުރުބާނީ ބުނެދޭޭނެ އެވެ. މާލީ ފުދުންތެރިކަމާއި އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުން ބިނާ ކުރުމަށް ކުރާ މަސައްކަތް އަންގައިދޭނެ އެވެ. ދިރިއުޅުން އޮޔާ ދިޔަ ނުދިނުމަށް ހިތްވަރާއެކު އަލުން އާ ފެށުމަކަށް ހިނިތުންވެލައިގެން ހުރެ ކުރިއަށް ހިނގާ ތަން ފެންނާނެ އެވެ.