ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަމިއްލައަށް އެންޓިބޮޑީ ޓެސްޓު ނަހަދަން އަންގައިފި

އަމިއްލައަށް އެންޓިބޮޑީ ޓެސްޓު ނަހަދަން ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާ އެއްގައި ބުނަނީ ކޮވިޑް-19 ހުރި ކަން ބެލުމަށް ޓެސްޓު ހަދަނީ ނޭޝަނަލް ސަވެއިލަންސް އެންޑް ރެސްޕޮންސް ނިޒާމުގައި ކަނޑައަޅާފައިވާ ގޮތުގު މަތިން ޕީސީއާރު ޓެސްޓު ކަމަށެވެ. އަދި އެ ޓެސްޓް ހެދޭނީ ނޭޝަނަލް ލެބޯޓްރީ ނިޒާމުގެ ތެރެއިން ކަނޑައަޅާފައިވާ ފެންވަރާއި މިންގަނޑުތަކާ އެއްގޮތަށް އެކަމަށް ތަމްރީނު ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.
އަދި ހެލްތުގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުގެ ލެބޯޓްރީތަކުގެ އިތުރުން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ލެބޯޓްރީ ތަކުގައެވެ.

އެ ސާކިއުލާގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތަކުން ހަދަމުން އަންނަ އެންޓިބޮޑީ ޓެސްޓަކީ ނޭޝަނަލް ސާވެއިލަންސް އެންޑް ރެސްޕޮންސް ނިޒާމުން ހަދަން ކަނޑައަޅާފައިވާ ޓެސްޓެއް ނޫން ކަމަށައި އަދި އެ ޓެސްޓު އާއްމު ފަރާތްތަކުން ހަދަމުން އަންނަ ކަން ފާހަގަ ވެފައިވާ ކަމަށް ބުނެފައި ވެއެވެ.

"... މިގޮތަށް އެންޓިބޮޑީ ޓެސްޓުހަދައި ޓެސްޓުގެ ނަތީޖާގެ މައްޗަށް ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަންވެސް ފާހަގަ ކުރެވޭ،" އޭގައި ބުނެފައި ވެއެވެ. އަދި ބުނީ ނިޒާމުގެ ބޭރުން މިފަދަ ޓެސްޓުތައް ހެދުމުން ކޮވިޑް-19 އިން ރައްކާތެރިކުރުމަށާއި ބަލި ޖެހޭ ފަރާތްތަކާއި އެމީހުނާއި ކޮންޓެކްޓުވާ މީހުން އެކަހެރިކޮށް ބަލި ކޮންޓްރޯލް ކުރަން ކުރާ މަސައްކަތަށް ބުރޫ އަރާނެ ކަމަށެވެ.

އަދި އެގޮތަށް އެ ޓެސްޓު އަމިއްލައަށް ނުހަދަން. ވެސް އެދުމާއެކު ސާކިއުލާގައި ބުނަނީ އެންޓިބޮޑީ ޓެސްޓް ހަދަންޖެހިއްޖެ ހާލަތެއްގައި ހުއްދަ ދެވޭނީ އެޗްޕީއޭއިން ހަމަޖައްސާ އުސޫލެއްގެ މަތިން ކަމަށާއި ރިސާޗް ބޭނުމަށް ޓެސްޓު ހަދާނަމަ މިނިސްޓްރީގެ ރިސާޗް ކައުންސިލަށް ހުށަހަޅައިގެންވެސް އެކަން ކުރެވޭނެ ކަމަށެވެ

އެންޓިބޮޑީ ޓެސްޓަކީ މީހަކަށް ކުރިން ބަލި ޖެހި، ރަނގަޅުވެފައި ވޭތޯ ދެނެގަތުމަށް ކުރާ ޓެސްޓެކެވެ. މި ޓެސްޓު ބައެއް ކުންފުނިތަކުން ވެސް ދަނީ ކުރަމުންނެވެ.

ކޮވިޑް-19 އިގެ ކޭސްތައް ރާއްޖޭގައި ގިނަވެ އިއްޔެ ޕޮޒިޓިވްވި 137 މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,506 އަށް އަރާފަ އެވެ.