ބިދޭސީން

19 ބިދޭސީންގެ މައްސަލާގައި ބައިނަލް އަގްވާމީ އެހީ ހޯދަނީ

Aug 10, 2020
1
ބޮޑުފިނޮޅުގައި ބިދޭސީންތަކެއް: ހައްޔަރުކުރި 19 ބިދޭސީންގެ މައްސަލައިގައި ބައިނަލް އަގްވާމީ އެހީ ހޯދަން މަސައްކަތް ކުރޭ
0%
0%
0%

ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި 19 ބިދޭސީންގެ މައްސަަލައިގައި ބައިނަލްއަގްވާމީ އެހީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ބިދޭސީން ފުލުހުންގެ ބަންދުން ދޫކޮށްލައި އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގައި ބަންދު ކޮށްފައިވާއިރު އެ ފަރާތްތައް ރާއްޖެއިން ޑީޕޯޓް ކުރުން ހުއްޓުވުމުގެ ހޭބިއަސް ކޯޕަސްގެ އަމުރަކަށް، އެ ބިދޭސީންގެ ވަކީލުން ވަނީ ކްރިމިނަލް ކޯތުގައި އެދިފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

މިކަމާ ގުޅިގެން ވަކީލުންގެ ޓިމުން ނެރުނު އެހެން ބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލަ އަށް ހައްލެއް ހޯދުމަށް ބައިނަލްއަގްވާމީ އެހީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މި މައްސަލަ، އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ އިމިގްރޭޝަން (އައިއޯއެމް) ގެ އިތުރުން، އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް ހުށަހެޅުމަށްޓަކައި ބޭރުގެ ފަރާތްތަކާ މަޝްވަރާކުރަމުންދާ ކަމަށެވެ.

އެ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރީ ޑީޕޯޓް ކުރުމަށް ކަމަށް ބުނެ ކަމަށާއި، އެހެންވިޔަސް އިމިގްރޭޝަންގެ ގާނޫނާ ހިލާފްނުވާ ބަޔަކު ނުރުހުމުގައި ރާއްޖޭން ފޮނުވާލަން އިމިގްރޭޝަނާ ހަވާލު ކުރުމުގެ ބާރު ފުލުހުންނަށް ނޯންނާނެ ކަމަށް ވަކީލުން ވަނީ ބުނެފަ އެވެ. ޖަލުތަކާއި ޕެރޯލް ގާނޫނުގައި އޮންނަ ގޮތުން، ތުހުމަތުތަކުގައި މީހުން ބަންދު ކުރެވޭ ތަންތަނުގެ ތެރޭގައި އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރު ނުހިމެނޭ ކަމަށާއި އަދި އެ ގޮތަށް އެ ގާނޫނުގައި ބަޔާން ނުކުރާ ތަނެއްގައި ބަންދު ކުރުމަކީ އެންޓި ޓޯޗާގެ ގާނޫނުގައި ބުނާ ގޮތުން ޓޯޗާގެ އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ނަވާރަ ބިދޭސީން ފުލުހުންގެ ބަންދުން ދޫކޮށްލައި އިމިގްރޭޝަނާއި ހަވާލުކޮށްފައިވަނީ އެ ފަރާތްތަކަކީ ސައްހަ ނޫން ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކަށް ވުމުން ކަމަށް ފުލުހުން ވަނީ ޝަރީއަތުގެ މަޖިލީހުގައި ބުނެފަ އެވެ. އެކަމަށް ބައެއް ބިދޭސީންގެ ވަކީލުން އިއުތިރާޒު ނުކުރި ނަމަވެސް އަނެއްބައި ބިދޭސީންގެ ވަކީލުން ވަނީ އިއުތިރާޒު ކޮށްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910