ބޮޑުފިނޮޅު

ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީން ދޫކޮށްލަން ކޯޓަށް ހުށަހަޅައިފި

ބ. ބޮޑުފިނޮޅުގައި މިދިޔަ މަހުގެ ތިންވަނަ ދުވަހު ހަމަނުޖެހުންތަކެއް ހިންގައިގެން ހައްޔަރުކުރި 19 ބިދޭސީން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ވަނީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ބިދޭސީން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ބޮޑުފިނޮޅުގައި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ގެންގުޅުނު 179 ބިދޭސީންނަށް ހަތް މަސް ވަން ދެން މުސާރަ ނުދީގެން ބިދޭސީންތައް ހަމަނުޖެހުން ހިންގައި އެ ރަށުގައި ތިބި ދިވެހިންތަކެއް ރަހީނުވެސް ކުރި އެވެ. އެ ކަން ހުއްޓުވަން އެ ރަށަށް އެރި ބައެއް ފުލުހުންނާ ވެސް ކުރިމަތިލި އެވެ.

މި މައްސަލާގައި ހައްޔަރު ކުރި 19 ބިދޭސީން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު، ފުލުހުން ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތުގައި އެ ބިދޭސީން އިމިގްރޭޝަންއާ ހަވާލުކޮށްފަ އެވެ. އެ ބިދޭސީން މިހާރު ތިބީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގަ އެވެ.

ބިދޭސީންގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރީ ޑީޕޯޓް ކުރުމަށް ކަމަށް ބުނެ ކަމަށާއި، އެހެންވިޔަސް އިމިގްރޭޝަންގެ ގާނޫނާ ހިލާފްނުވާ ބަޔަކު ނުރުހުމުގައި ރާއްޖޭން ފޮނުވާލަން އިމިގްރޭޝަނާ ހަވާލު ކުރުމުގެ ބާރު ފުލުހުންނަށް ނޯންނާނެ ކަމަށެވެ.

ޖަލުތަކާއި ޕެރޯލް ގާނޫނުގައި އޮންނަ ގޮތުން، ތުހުމަތުތަކުގައި މީހުން ބަންދު ކުރެވޭ ތަންތަނުގެ ތެރޭގައި އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރު ނުހިމެނޭ ކަމަށެވެ. އަދި އެ ގޮތަށް އެ ގާނޫނުގައި ބަޔާން ނުކުރާ ތަނެއްގައި ބަންދު ކުރުމަކީ އެންޓި ޓޯޗާގެ ގާނޫނުގައި ބުނާ ގޮތުން ޓޯޗާގެ އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންކަމުން އެ ބިދޭސީން އެ ސެންޓަރުގައި ބަންދުގައި ބަހައްޓާފައިވަނީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ކަމަށް ފެންނާނީ ކްރިމިނަލް ކޯޓަށް ހެބިއަސް ކޯޕަސްގެ މައްސަލައެއް ނުވަތަ އެ މީހުން ބަންދުން ދޫކޮށްދިނުމުގެ އަމުރަކަށް އެދި ހުށަހަޅަން ނިންމީ ކަމަށް ވަކީލުންގެ ބަޔާނުގައިވެ އެވެ.

ބޮޑުފިނޮޅުގައި ރިޒް ކުންފިނިން މުވައްޒަފުންގެ ގޮތުގައި ގެންގުޅުނު އެހެން ބިދޭސީން ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ މީހުން މިހާރު ތިބީ ހުޅުމާލޭގަ އެވެ. އެ ބިދޭސީން ހަވާލުވާން ރިޒްގެ މައްޗަށް ބ. ތުޅާދޫ ކޯޓުން އަމުރު ވެސް ކުރި އެވެ. އެކަމަކު އެ ކުންފުނިން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރި އެވެ.