ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ މައްޗަށް ތުހުމަތު ކުރާ ހިއުމަން ޓްރެފިކިންގެ މައްސަލާގައި ދައުވާ ކުރުން ލަސްވަނީ މައްސަލައާއި ގުޅޭ އިތުރު ހެކިތަކެއް ފުލުހުންނަށް ލިބިފައިވާތީއާއި އެ ހެކިތަކާ ގުޅޭ ރިޕޯޓް ފުލުހުން އަދި ފޮނުވާފައި ނުވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އެ ކުންފުނީގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައި ވަނީ މިދިޔަ ޖެނުއަރީ 11 ވަނަ ދުވަހު އެވެ.
ރިޒް ކުންފުންޏަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުން ލަސްވާ މައްސަލާގައި މިއަދު އަވަސް އިން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގައި ގޮތެއް ނުނިމި އޮތީ ފުލުހުންނަށް ލިބިފައިވާ ހެކިތަކާ އެކު ތައްޔާރުކުރަން ޖެހޭ ރިޕޯޓް ނިންމާފައި އަދި ފޮނުވާފައި ނުވާތީ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިދަންނަވާ ހެކިތައް ވެސް ފުލުހުން އަދި ފޮނުވުން ލަސްވި ކަމަކަށް ވެސް،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލައާއި ގުޅިގެން ވަރަށް ގިނަ ޑޮކިއުމަންޓް ދިރާސާ ކުރަން ވެސް އެބަހުރި ކަމަށެވެ. އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މުހިންމު ހެކިތަކެއް ފުލުހުންނަށް ލިބިފައިވާތީ ދައުވާކުރުން ލަސްވަނީ. މީގައި ދައުވާކުރަން ފޮނުވަން ވަކި މުއްދަތެއް ނޯންނާނެ. އެކަމަކު ވީހާވެސް އަވަހަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެއަހްމަދު ޝަފީއު | ޕަބްލިކް ޕްރޮސެކިއުޓާ
ރިޒް ކުންފުނިން ލިޔެކިއުމެއް ނެތުމާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު އެވެ. އެ މައްސަލަތައް ފެންމަތިވީ މުސާރަ ނުދީ ހަމަސް ދުވަސް ވެއްޖެ ކަމަށް ބުނެ ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެރަށުގައި ތިބި އެހެން ބައެއް ބިދޭސީންނާއި ބައެއް ދިވެހިން ރަހީނު ކުރުމާއި ގުޅިގެން ފުލުހުން އެރަށަށް އަރަން ދިއުމުން ފުލުހުންނާ ދެކޮޅަށް ހިންގި ބޮޑެތި ހަމަނުޖެހުންތަކަށް ފަހު ކުރިއަށް ދިޔަ ތަހުގީގުގަ އެވެ.
މުސާރަ ނުދެވުނީ ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރާ ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުމުން ކަމަށް ރިޒް ކުންފުނިން ވަނީ ބުނެފަ އެވެ. އެކަމަކު ސީލް ކުންފުނިން އެ ވާހަކަތައް ދޮގު ކުރެ އެވެ.
އެ ހަމަނުޖެހުންތަކުގައި ރަށުގެ ތަންތަނަށާއި ރަށުގައި ހުރި ބައެއް މުދަލާއި ވަސީލަތްތަކަށާއި އާއި ރަށުގައި އަޅާފައިވާ ފެނުގެ ވިއުގަ އަށާއި، އެހެނިހެން ތަކެއްޗަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި 19 ބިދޭސީއަކު ހައްޔަރު ކުރުމަށް ފަހު ފަހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
ބޮޑުފިނޮޅުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ހަތަރު މަސް ދުވަހުގެ މުސާރަ ނުދޭ ކަމަށް ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ރިޒާ ވަނީ ކުރިން އެއްބަސްވެ ވަޑައިިގެންފަ އެވެ.