ހަބަރު

ބިދޭސީންގެ އަސާސީ ހިދުމަތްތަކަށް ހުރަސްއެޅީ ސީލްއިން: ރިޒް

Aug 1, 2020

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ތިބި ސަތޭކައަށް ވުރެ ގިނަ ބިދޭސީންގެ ކެއިން ބުއިމާއި، ކަރަންޓާއި ފެން ފަދަ އަސާސީ ހިދުމަތްތައް ހުރަސް އެޅީ އެ ރަށުގެ ވެރި ކުންފުނި، ސީލް މޯލްޑިވްސްއިން ކަމަށް އާރްއައިއެކްސް ކުންފުނިން ބުނެފި އެވެ.

ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނާ ހަވާލުވާނެ ބަޔަކު ވަނީ ނުވެފަ އެވެ. އެކަން ފުލުހުން ވެސް ތަހުގީގުކުރަމުންދާއިރު މިހާތަނަށް ހައްލެއް ލިބިފައެއް ނުވެ އެވެ.

ސީލް އިން ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏާ ހަވާލު ކޮށްގެން ކުރަމުންދިޔަ މަސައްކަތްތަކާ ގުޅިގެން އެ ރަށުގައި ތިބި ބިދޭސީންނަށް މުސާރަ ނުލިބިގެން ހިންގި ހަމަނުޖެހުންތަކަށް ފަހު ފުލުހުން އިއްޔެ ވަނީ އެ މީހުން އެ ރަށުން ބާލައިފަ އެވެ.

ބޮޑުފިނޮޅުން ބިދޭސީން ބޭލީ އެ ރަށުން ފެނާއި ކަރަންޓްގެ ހިދުމަތް ކެނޑުމާއި އެ މީހުންނަށް ކެއުންބުއިމުގެ އިންތިޒާމު ހަމަނުޖެހި ތިބުމުންނެވެ.

އެކަމާ ގުޅިގެން ރިޒް ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީންނާ ހަވާލުވުމާއި އެ މީހުންގެ މުސާރައިގެ މައްސަލަތައް ޝަރުއީ މަރުހަލާގެ ތެރެއިން ހިނގަމުން ދިއަ ނަމަވެސް، އެ މީހުންގެ ކެއުންބުއިމުގެ ކަންކަން ބަލަހައްޓަމުން ދިއައީ އެ ކުންފުނިން ކަމަށެވެ. ނަމަވެސް، ކާބޯތަކެތި އެ ރަށަށް ފޮނުވަން ހުރަސް އެޅީ ސީލް ކުންފުނިން ކަމަށް ރިޒްއިން ތުހުމަތު ކުރެ އެވެ.

"އެއްބަސްވުމާ ގުޅޭގޮތުން ދެބަސްވުންތަކެއް އުފެދުނު ކަމުގައި ވިޔަސް، އިންސާނީ ކަރާމާތަށް ގެއްލުންވާ ގޮތަށް އަމަލު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރަމެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން އަޅުގަނޑުމެންގެ މުވައްކިލުގެ ފަރާތުން ބޮޑުފިނޮޅަށް ކާބޯތަކެތި ގެންދިއުމަށް ހުރަސް އެޅުމާއި ކާބޯތަކެތި ބަލާ ތުޅާދޫ އަށް ދާ ބިދޭސީން އަނބުރާ ބޮޑުފިނޮޅަށް އެރިޔަ ނުދީ ލާއިންސާނީ އެތައް އަމަލުތަކެއް ސީލް މޯލްޑިވްސްގެ ފަރާތުން ހިންގާފައިވާ ކަން ފާހަގަކުރަމެވެ،" ރިޒްގެ ގާނޫނީ ޓީމު، ލޯ ކްރާފްޓުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ބޮޑުފިނޮޅުން ފެނާއި ކަރަންޓްގެ ހިދުމަތް ކަނޑާލަން ސީލް އިން މަސައްކަތް ކުރިކަން އެ ކުންފުނިން ދުރާލައި މީޑިއާތައް މެދުވެރިކޮށް ބުނެފައިވާ ކަމަށެވެ. އެކަން އެނގުމާ އެކު، ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ރިޒް ކުންފުނިން އެކަން އަންގާފައިވާނެ ކަމަށާއި އެކަމަކު ފުލުހުން އެކަމަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވެސް ބުންޏެވެ.

ރިޒް ކުންފުނީގެ ބަޔާނުގައިވާ ގޮތުން ކާބޯތަކެތި ގެންދިއުމަށް އެކި ފަހަރު މަތިން ސީލް އިން ހުރަސް އެޅުމުން ވެސް، ސީލްގެ ހުއްދަ ނެތި އެ ރަށަށް ކާބޯތަކެތި ނޭރުވޭނެ ކަމަށް ރިޒް ކުންފުންޏަށް ފުލުހުން ޖަވާބު ދިނެވެ. އެކަމަށް ހައްލެއް ލިބުނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ސަމާލު ކަމަށް އެކަން ގެނައުމުން ކަމަށް ބަޔާނުގައިވެ އެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެ ރަށުން ބާލައި، އެ ރަށް ހަވާލު ކުރުމަށް ސީލް މޯލްޑިވްސްއިން ފުލުހުން ކިބައިން އެދުނެވެ.

އެ ބިދޭސީންނާ ހަވާލުވާން ރިޒް ކުންފުނިން ދެކޮޅު ހަދަމުންދިޔަ ނަމަވެސް ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޭ)އިން ވަނީ އެއީ އެ ކުންފުނިން ދެމުންދާ ބައެއްކަން އެނގެން އޮތް ކަމަށް ބުނެފަ އެވެ. އަދި އެ މުވައްޒަފުންނާ ހަވާލުވެ، މުސާރަތައް ދިނުމަށް ވެސް ވަނީ އަންގާފަ އެވެ.

ސީލް މޯލްޑިވްސްއިން ވަނީ މުވައްޒަފުންނާ އާރްއައިއެކްސްއިން ހަވާލުނުވާތީ ކޯޓަށް ވެސް ގޮސްފަ އެވެ. ކޯޓުން ވަނީ އެ ބިދޭސީންއާ ހަވާލުވެ އެ މީހުން ގެންދަން އާރްއައިއެކްސްއަށް އަންގާފަ އެވެ. ނަމަވެސް އެ އަމުރު ބަލައިގަންނަން ވެސް އެ ކުންފުނިން ވަނީ ދެކޮޅު ހަދާފަ އެވެ. އާރްއައިއެކްސް ކުންފުނިން ވަނީ އެ ކުންފުންޏާ ދެކޮޅަށް އަމުރު ނެރެނު ތުޅާދޫ ކޯޓުގެ މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީއަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް ޖޭއެސްސީއިން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.