ހަބަރު

ބިދޭސީންގެ ހަމަނުޖެހުންތަކާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް

ރާއްޖެއަށް ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދާ ހިލާފަށް އެތެރެވެފައިވާއިރު، ބައެއް ބިދޭސީންނަށް އުޖޫރަ ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ގޮތަށް ސަލާމަތީ ހިދުމަތްތަކާއި ބައެއް ބިދޭސީން ކުރިމަތިލާފައި ވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލަތް) ހުށަހެޅުއްވި މައްސަލާގައި ވަނީ ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ މައްސަލަ އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުންނާއި ދައުލަތުން ކުރުމަށް ގޮވާލައިފަ އެވެ.

ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ ތެރެއިން ބައެއް ބިދޭސީން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ގޮތަށް ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލައި ބައެއް މީހުންގެ މުދަލަށް ގެއްލުން ދޭން ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރަމުން ދިއުމަކީ މަޖިލީހަށް އެ ކުއްލި މައްސަލަ ހުށަހަޅުއްވާ ސަބަބެއް ކަމަށް ހަލީމް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި ދެ މައްސަލައެއް ހުށަހަޅާފައިވެ އެވެ. މިއީ 19 ވަނަ މަޖިލީހުގައި މި ގޮތަށް ދެ މައްސަލައެއް ހުށަހެޅި ދެވަނަ ފަހަރެވެ. ކުއްލި ދެ މައްސަލަ އޮތުމުން ކުރިއަށް ގެންދާނެ ކުއްލި މައްސަލަ ކަނޑައެޅީ ގުރުއަތު ނަގައިގެންނެވެ. އެއީ މަޖިލީހުގެ ގަވާއިދުގައި އެ ކަން ކުރުމަށް އޮންނަ ގޮތެވެ.

ގުރުއަތުން ހޮވިފައި ވަނީ މެންބަރު ހަލީމް ހުށަހެޅުއްވި ކުއްލި މައްސަލަ އެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ. ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ސަލާމަތީ ހިދުމަތްތަކާއި ބައެއް ބިދޭސީން ކުރިމަތިލާފައިވާތީ މެންބަރު ހަލީމް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއިރު، ދާދި ފަހުން ހުޅުމާލޭގައި ބިދޭސީންތަކެއް އެ މީހުން މަސައްކަތް ކުރާ އޮފީސް ކައިރިއަށް އެއްވެ މުޒާހަރާކޮށްފައިވެ އެވެ. މުޒާހަރާ ކުރީ، މުސާރަ ނުލިބޭތީ ކަމަށް އެނގިފައިވެ އެވެ.

ސޯޝަލް މީޑިއާގައި އެ ބިދޭސީންތައް މުޒާހަރާ ކުރަމުންދާ ވީޑިއޯތައް ދައުރުވެފައިވާއިރު، އެއިން ބައެއް ވީޑިއޯތަކުން ފެންނަ ގޮތުން ފުލުހުންނާއި މުޒާހަރާގައި ބައިވެރިވި ބިދޭސީންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގައިގެން އުޅެ އެވެ.

އޭގެ އިތުރުން ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީންނަށް މުސާރަ ނުދީގެން އެ ރަށުގައި ހަމަނުޖެހުން ހިންގައި އެ ރަށުގައި މަސައްކަތް ކުރަމުންދިޔަ 12 ދިވެއްސަކު ވެސް ރަހީނުކުރި އެވެ. އެ ހަމަނުޖެހުން ހިފެހެއްޓުމަށް ޓަކައި ފުރަތަމަ އެރި ފުލުހުންނާ ވެސް އެ ބިދޭސީން ކުރިމަތިލި އެވެ.

ފަހުން ސިފައިން ވެސް އެ ރަށަށް އަރަން ޖެހުނެވެ. ސިފައިންނާއެކު ފުލުހުން ރަށަށް އަރައި ރަހީނުކުރި ދިވެހިން ސަލާމަތް ކުރި އެވެ. އެނގިފައިވާ ގޮތުގައި، ބިދޭސީންނަށް މުސާާރަ ނުދޭތާ ހަ މަސް ވި އެވެ. އެ ރަށް ހިންގަމުން ގެންދަނީ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނިންނެވެ.

މި މައްސަލާގައި ހިމެނޭ ބިދޭސީންގެ އެއްވެސް ލިޔެކިއުމެއް ނެތް މައްސަލައާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ވެސް ގެންދަނީ ބަލަމުންނެވެ. ފުލުހުން ދަނީ އެކަމާ ގުޅިގެން ރިޒް ކުންފނިން ހިއުމަން ޓްރެފިކިންއަށް ތުހުމަތު ކުރެވޭ ކަންކަން ވެސް ތަހުގީގު ކުރަމުންނެވެ.