ހަބަރު

ހިއުމަން ޓްރެފިކް ކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގޭ އިސްލާހެއް

ހިއުމަން ޓްރެފިކް ކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގޭ ގޮތަށް މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހަޅުއްވާ އިސްލާހުތަކުގައި މައިގަނޑު ގޮތެއްގައި ވަނީ ހިއުމަން ޓްރެފިކިން މާނަކުރާ ގޮތް ފުޅާކޮށްފައި އެވެ.

ބިލު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު މިހާރު އޮތް ގޮތުން، އެ އަމަލުގެ ތެރެއިން ގެންނަ މީހުންނާ ހަވާލުވުމާއި އެ މީހުން ގެންގުޅުން އަދި ރެކްރޫޓް ކުރުމަކީ ގާނޫނީ ކުށަކަށް ނުހެދޭ ކަމަށެވެ.

"އެހެންކަމުން މިއަމަލުތައް މިދަނީ އިއްޒަތްތެރި ރައީސް، އަޅުގަނޑުމެންގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން، މިފަދަ އަމަލުތައް ހިންގާ މީހުން ގާނޫނީ ގޮތުން އަދި ޖިނާއީ ގޮތުުން ޒިންމާދާރުނުކުރެވި،" ޖީހާން ވިދާޅުވި އެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު އިސްލާހުކުރުމުގައި ސަރުކާރުގެ މަގުސަދަކީ މީހުންނާއި ކުޑަކުދިން ޓްރެފިކްކުރުން މާނަކޮށްފައިވާ ގޮތާއި މީހުންގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމުގައި އަމަލުކުރާ ގޮތް އދ.ގެ ކަމާ ބެހޭ މުއާހަދާއާ އެއްގޮތް ކުރުން ކަމަށް ޖީހާން ވިދާޅުވި އެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ބައެއް އޮންނަނީ "ޔޫއެން ކޮންވެންޝަން އޮން އޯގަނައިޒްޑް ކްރައިމް"ގެ ނަމުގައި ގާއިމްކޮށްފައިވާ މުއާހަދާގަ އެވެ.

ޖީހާން ވިދާޅުވި ގޮތުގައި، ސަރުކާރުން ބިލު ހުށަހެޅީ މީހުން ޓްރެފިކްކުރުން ރާއްްޖޭގައި ގާނޫނީ ގޮތުން މާނަކުރާ ގޮތް އެ ޕްރޮޓޮކޯލާ އެއްގޮތްކުރަން ކަމަށެވެ. އެ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގައި، ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިވުމަށް އެ ފައިސާ ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ވެސް ބިލު ހުށަހެޅުމުގެ މަގުސަދުގައި އެވެ.

އެ އިސްލާހުތަކަށް ބަލާއިރު، ހިއުމަން ޓްރެފިކިން މާނަކުރާ ގޮތް ފުޅާކޮށްފައިވަނީ، ހާއްސަކޮށް ރާއްޖެއަށް ގެނެވޭ ބިދޭސީންނާމެދު އަމަލުކުރަމުންދާ ގޮތް ކުށުގެ ގޮތުގައި ފެއްތުމަށެވެ.

މިގޮތުން، ބާރުގެ ބޭނުންކޮށްގެން ނުވަތަ ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރުދައްކައިގެންނާއި އޮޅުވާލައިގެން އަދި މަގާމުގެ ނަހަމަ ބޭނުންކޮށްގެން ނުވަތަ އެ މީހާގެ މައްޗަށް ބާރު ހިންގޭ މީހަކަށް ފައިސާ ދީގެން ކުރާ ބައެއް ކަންކަން ހިއުމަން ޓްރެފިކިންގެ ދަރަޖަ ވަނީ ކަނޑައަޅައިފަ އެވެ.

އޭގެ ތެރޭގައި، ބޭރު ގައުމަކުން ރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުމާއި، ރާއްްޖޭން އެހެން ގައުމަކަަށް ވެސް މީހަކު ގެންދިއުން ނުވަތަ ބަދަލުކުރުން ހިމެނޭއިރު، ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ގެންދިއުން ނުވަތަ ބަދަލުކުރުން ވެސް ވަނީ ހިމަނައިފަ އެވެ.

އަދި މީހަކާ މެދު އެގޮތަށް އަމަލުކުރަނީ މީހާގެ ރުހުމާ އެކުގައި ކަމަށް ވިޔަސް ރުހުން ހޯދީ ބާރުގެ ބޭނުންކޮށްގެން ނުވަތަ އޮޅުވާލައިގެން ކަމަށް ވާ ނަމަ ޓްރެފިކިންގެ ކުށުގެ އަމަލަކަށް އެކަން ވާގޮތަށް ބަދަލުކުރަން ވެސް ބިލުގައި ވަނީ ހުށަހަޅާފައި އެވެ.

މި ބިލުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މީހުން ޓްރެފިކް ކުރުމުގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭގޮތް ހަދަން ގާނޫނަށް އިތުރު މާއްދާއެއް އިތުރުކުރުމެވެ.

މިގޮތުން، އެމާއްދާގައި ބުނެފައިވާ ގޮތުގައި މީހުން ޓްރެފިކް ކުރުމުގެ ގާނޫނުގައިވާ ކުށެއް ކޮށްްގެން ހޯދާ ފައިސާ ނުވަތަ ކުށެއް ކުރުުމަށް ބޭނުންކުރާ މުދަލާއި ފައިސާ ވެސް ދައުލަތަށް ނެގޭނެ އެވެ.

އެގޮތަށް މުދަލާއި ފައިސާ ނަގާނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް ބަޔާންކޮށްފައިވާއިރު، އެ ފައިސާ ހަރަދުކުރާނީ ޓްރެފިކް ކުރެވޭ ނުވަތަ ޓްރެފިކް ކުރެވޭ ކަމަށް ބެލެވޭ މީހުންނަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ އެހީތެެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ރާއްޖެއަށް ގެންނަ ބިދޭސީންގެ ޕާސްޕޯޓް ހިފަހައްޓާ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި، އެއީ "އެކްސްޕްލޮއިޓޭޝަން" ނުވަތަ މީހުންގެ ނާޖާއިޒު ފައިދާ ނެގުންކަމަށް އެ ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.

މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުން ވަނީ ބަލައިގެންފައި އެވެ.

އެ ބިލު ބަލައިގަތުމުން، އިތުރަށް ދިރާސާ ކުރުމަށް ރިޔާސަތުން ވަނީ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.