ގައްދޫ

ގައްދޫގައި ބިދޭސީންނަށް ދެވޭނެ ދުވަހު އުޖޫރަ ކަނޑައަޅައިފި

ގދ. ގައްދޫގައި ބިދޭސީން ކުރާ ދުވަހު މަސައްކަތްތަކަށް އުޖޫރަ ދެވޭނެ ގޮތް ގައްދޫ ކައުންސިލުން ކަނޑައަޅައިފި އެވެ.

ގައްދޫ ކައުންސިލުން މިގޮތަށް ނިންމީ ލާމަރުކަޒީ ގާނޫނުގެ 148 ވަނަ މާއްދާ އާއި 149 ވަނަ މާއްދާގެ ދަށުން އަދި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ކައުންސިލުން ބުނެ އެވެ.

ގައްދޫ ކައުންސިލުން ކަނޑައެޅި ބިދޭސީންގެ ދުވަހު އުޖޫރަ އުސޫލުގައިވާ ގޮތުން ރާނާ ސިމެންތި ޖެހުމުގެ މަސައްކަތުގެ ދުވަހުގެ އުޖޫރަ އަކީ ކެއުމާ އެކު 300 ރުފިޔާ އެވެ. މިކަމާ ގުޅޭ އެހެން މަސައްކަތުގެ ދުވަހުގެ އުޖޫރަ އަކީ ކެއުމާ އެކީ ދުވާލަކަށް 250 ރުފިޔާ އެވެ.

ނަރުދަމާ ޖަންކްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތްތަކަށް ދުވަހުގެ އުޖޫރަ އަކީ ވެސް ކެއުމާ އެކު 300 ރުފިޔާ އެވެ. މިކަމާ ގުޅޭ އެހެން މަސައްކަތުގެ ދުވަހުގެ އުޖޫރަ އަކީ ކެއުމާ އެކީ ދުވާލަކަށް 250 ރުފިޔާ އެވެ. ފައިބަރު މަސައްކަތްތަކަށް ދުވަހުގެ އުޖޫރަ އަކީ ކެއުމާ އެކީ 300 ރުފިޔާ އެވެ.

ގައްދޫ ކައުންސިލުން ބުނީ އުސޫލުގައި ބަޔާންކޮށްފައި ނުވާ މަސައްކަތެއް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރައަކީ 250 ރުފިޔާ އެވެ.

އެ ރަށު ކައުންސިލުން އިތުރަށް ބުނީ ގަވާއިދާ ހިލާފަށް އުޖޫރަ ނަގާކަމަށް އިއުތިރާފުވެފައިވާނަމަ ނުވަތަ ހެކިބަސް ލިބިފައިވާނަމަ ފުރަތަމަ ފަހަރު ނަސޭހަތްދެވޭނެ ކަމަށެވެ. އަދި މި ގަވާއިދާ ހިލާފަށް އުޖޫރަ ނަގައިފިކަން ސާބިތުވެއްޖެނަމަ އެކި އަދަދުތަކުން އެ ބިދޭސީއަކާއި ބިދޭސީއެއްގެ ބަލަދުވެރި ފަރާތް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ޖޫރިމަނާ ކުރާ އަދަދުތައް

  • ފުރަތަމަ ފަހަރު: އެ ބިދޭސީއެއް 500 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
  • ދެވަނަ ފަހަރު: ބިދޭސީގެ ބަލަދުވެރި ފަރާތް 1،500 ރުފިޔާއާއި 3،000 ރުފޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
  • ތިންވަނަ ފަހަރު: ބިދޭސީއާއި ބިދޭސީގެ ބަދަލުވެރި ފަރާތް 3،000 ރުފިޔާއާއި 5،000 ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
  • ހަތަރުވަނަ ފަހަރު: ބިދޭސީއާއި ބިދޭސީގެ ބަލަދުވެރި ފަރާތް 5،000 ރުފިޔާއިން ޖޫރިމަނާކުރުމާއި ފުލުހުން މެދުވެރިކޮށް ގަވާއިދާ ހިލާފަށް ގައްދޫގައި ހަރަކާތްތެރިވާ ބިދޭސީއެއް ކަމަށް ކަނޑައަޅާ، ފިޔަވަޅު އެޅުން
  • ފަހު ފަހަރު: އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދާ އެއްގޮތުގެ މަތިން ފިޔަވަޅު އެޅުން

ރާއްޖޭގައި އަގު ނަގައިގެން ދުވަހު މަސައްކަތް ކުރާ ބިދޭސީން ވަރަށް ގިނަ ނަމަވެސް މީގެ ކުރިން ކައުންސިލަކުން މިފަދަ ނިންމުމެއް ނިންމާފައެއް ނުވެއެވެ.