AVAS PHOTO ESSAY

އުސް ފަސްގަނޑަށް ކަސްރަތު

މާލޭގެ ދަރުބާރުގެ ކައިރިން ބޮޑުތަކުރުފާނު މަގަށް ވާގޮތަށް އޮންނަ ހުސްބިން، ނުވަތަ އުސްފަނޑަކީ އެ ސަރަަހައްދުގެ ހިއްކި ދުވަސްވަރުގެ ވެލިތަކެއް ޖަމާ ކުުރުމަށް ފަހު ފަހުން ބައެއް ކަހަލަ ކުޅިވަރުތައް ކުޅޭވޭ ގޮތަށް ބޭނުން ކުރަމުން އައި ބިމެކެވެ. ކުދިން ހިމެނޭ އާއިލާތަކުން އެ ސަރަހައްދަށް ގޮސް ހިތް އުފާކޮށް ގުޑި އަރުވައި ދުވެ އުޅުނު އިރު "ޝީ" ގެ ފަރާތުން ކުރިން ބާއްވަމުން އައި "އަންބަލަން" ފެސްޓިވަލް ވެސް އޮތީ އެ ސަރަހައްދުގަ އެވެ.

ފަހުން ސެޕްޓެމްބަރު 19، 2003 ގައި މ. އޭޝިއާ، ހަން އީވާން ނަސީމް ޖަލުހައި މަރާލުމާއި ޖަލުގައި ބަޑި ޖެހި ހާދިސާއަށް ފަހު އުފެދުނު ޑިމޮކްރެޓިކް މޫވްމަންޓާއި އަދި ފަހުން ސިޔާސީ ޕާޓީތައް އުފެދުމުން ހިންގި ސިޔާސީ ހަރަކާތްތަކުގައި އެ ބިން ބޭނުން ކުރާން ފެށި އެވެ. އޭރު އެ ބިމަށް އާންމުން ދީފައިވާ ހާއްސަ ނަމެއްގެ ގޮތުގައި މާލޭގެ އުސްފަސްގަނޑުގެ ގޮތު އެ ބިން މަޝްހޫރުވެފައި ވެއެވެ.

ފަހުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވެ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު އޮތް ދުވަސްވަރުގައި އެމްޑީޕީގެ ސިޔާސީ ހަރަކާތް މުޅީން އޮތީ އެ ބިމުގަ އެވެ. އެތާނގައި އެމްޑީޕީން އުފެއްދި ކޭމްޕް ވަރަށް ގިނަ ދުވަހަށް ދެމި އޮތެވެ.

އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިނާމާލެ ބްރިޖްގެ މަސައްކަތް ހިނގި އިރު ޗައިނާ އާއި މަސައްކަތްތެރިންނާއި އެ މީހުންގެ އިސްވެރިންގެ އޮފީސްތައް ވެސް ހިމެނޭ ސައިޓް އޮފީސްތައް ވެސް ގާއިމް ކުރީ އެ ބިމުގަ އެވެ. އެ ބިމުން ޗައިނާގެ މަސައްކަތްތެރިން ފައިބައިގެން ދިއުމުން މިހާރު އެ ބިން ސާފު ކުރުމަށް ފަހު މީހުނަށް ކަސްރަތު ކޮށްލެވޭ މައިދާނެގެ ގޮތުގައި ހުޅުވަލާފައި ވެއެވެ. މިހާރު މާލޭގެ ޓްރެކް ދަނޑު ވެސް ބަންދު ކޮށްފައިވުމާއެކު ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ރޭގަނޑުގެ ބައެއްގައި ވަރަށް ގިނަ ބަޔަކު އުސްފަސްގަނޑުގައި ކަސްރަތު ކުރެއެވެ. -- ފޮޓޯ ސްޓޯރީ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް