ވިޔަފާރި

ކްލިކް ކޮލެޖަށް އިނގިރޭސިވިލާތުގެ ސީޓީއެޗް ކޯސްތައް

Aug 15, 2020

އިނގިރޭސިވިލާތުގައި މަގުބޫލު ހޮސްޕިޓާލިޓީ ކޯސްތައް ހިންގާ، ކޮންފެޑަރޭޝަން އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް (ސީޓީއެޗް) ޕްރޮގްރާމްތައް ކްލިކް ކޮލެޖުގައި ފަށަން ތައްޔާރު ވެއްޖެ އެވެ.

ކްލިކް ކޮލެޖުން ދަރުބާރުގޭގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސީޓީއެޗްތައް ތައާރަފުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.

ކޯސްތައް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި ކްލިކް ކޮލެޖުގެ ޕްރެޒިޑެންޓް ޑރ. ނައުޝާދު މުހައްމަދު ވިދާޅުވީ ދިވެހިން ވަޒީފާގެ ބާޒާރަށް ތައްޔާރުކޮށް ނެރުމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން ހާސިލް ކުރުމަށް ނުވަތަ ސަސްޓެއިނަބަލް ޓުއަރިޒަމް މޮޑަލް އަކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ދެހާސް ނަވާތަ ވަނަ އަހަރުގެ ތަފާސް ހިސާބް ދައްކާގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 1061 އެސްޓެބްލިޝްމެންޓެއްގައި 17،609 ދިވެހިން އަދި 19،529 ބިދޭސީންނާއެކު ޖުމްލަ 37،138 މުއައްޒަފުން މަސައްކަތް ކުރޭ. އަދި 2015 ވަނަ އަހަރުގެ ސްޓްރެޓެޖިކް ހިއުމަން ރިސޯރސް ޑިވެލެޕްމެންޓް ޕްލޭން އިން ދައްކާ ގޮތުން 7000 މީހުން ފަތުރުވެރިކަމުގެ ދާއިރާއަށް ތަމްރީން ކުރަން ޖެހޭ،" ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާ ޑރ. ނައުޝާދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާ ޑރ. ނައުޝާދު ވިދާޅުވީ ދިވެހިން ޓޫރިޒަމް ދާއިރާ އަށް އަހުލުވެރިވެރިކޮށް ދިވެހިން މިދާއިރާގައި މަސައްކަތް ކުރާނިސްބަތް އިތުރުކުރުމަށް ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރުމަކީ ރާއްޖޭގެ ހީނަރުވެފައިވާ އިޤްތިސާދު އަލުން އާރާސްތުކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

"މީހުން ދިރިއުޅޭ ރަށްރަށާ ކައިރިން ޓުއަރިސްޓް ރިސޯޓެއް ޑިވޮލޮޕް ކުރާނަމަ އެރަށެއްގެ ރައްޔިތުންގެ އެންމެބޮޑު އުންމީދަކަށް މިވަނީ އެ ރިސޯރޓް ހުޅުވުމާއެކު ވަޒީފާ އެއް ލިބި އާއިލާ ބަލަހައްޓާނެ ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހިވާނެކަމަށް ކުރެވޭ ފޮނި އުންމީދެއް. ހަމަ އެހެންމެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައި ތިބި މުއައްޒަފުންގެ އެއްއުއްމީދަކީ މިދާއިރާއިން ލިބޭ ތަޖްރިބާގެ އަލީގައި ވަޒީފގެ ކުރިއެރުން،" ނައުޝާދު ވިދާޅުވި އެވެ.

ދުނިޔޭގެ ބޮޑެތި ހޮޓެލް ޗެއިންތަކާ ގުޅިފައި

ކްލިކް ކޮލެޖުން ރާއްޖެއަށް ގެނެސް ދިން ސީޓީއެޗްއަކީ 1982 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލިޓީ އަދި ޓުއަރިޒަމް ގެ ދާއިރާގެ ގޯލްޑް ސްޓޭންޑާޑް ކޯސްތައް ހިންގާ ތަނެކެވެ. ސީޓީއެޗް އަކީ އިންޓަނޭޝަނަލް ހޮޓެލް ޗެއިންތަކާއި އެއާލައިން ތަކާ ގުޅިގެން މަސައްކަތް ކުރާ ބައެކެވެ. އެ ފަރާތުން ދަނީ ރިނެއިސަންސް ހޮޓެލްސް އެންޑް ރިސޯޓްސް އާއި ހިލްޓަން ސިންގަޕޫރު ޕާކް ހަޔަޓް އަދި ރިޒް ކާލްޓަންގެ އިތުރުން ޝެރަޓަން ހޮޓެލްސް އެންޑް ރިސޯޓްސް އާއި ސްޓާ އެލައަންސް އަދި ގޯޑަން ރަމްސޭ ހޯލްޑިންގްސް އާއެކު މަސައްކަތް ކުރަމުންނެވެ.

އެ ކޮލެޖުން ބުނި ގޮތުގައި ސީޓީއެޗް ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ޓޫރިސްޓް ރިސޯޓް އަދި ހޮޓެލްތަކުގައި އިންޓާންޝިޕަށް ދެވޭނެ ކަމަށެވެ. އަދި ރާއްޖެ އާއި ރާއްޖޭން ބޭރުން ވެސް ފުރުސަތު ފަހި ވެގެންދާނެ ކަމަށެވެ. އެ ކްލިކް ކޮލެޖުން ފަށާ ސީ.ޓީއެޗް ކޯސްތަކުގެ ތެރޭގައިފައުންޑޭޝަން ޑިޕްލޮމާ އިން ޓުއަރިޒަމް އެންޑް ހޮސްޕިޓާލިޓީ އާއި ސީޓީއެޗް ޑިޕްލޮމާ އިން ހޮސްޕިޓޭލިޓީ މެނޭޖްމެންޓް އަދި ސީޓީއެޗް އެޑްވާންސްޑް ޑިޕްލޮމާ އިން ހޮސްޕިޓޭލިޓީ މެނޭޖްމަންޓު ހިމެނެ އެވެ. މީގެ އިތުރުން ސީޓީއެޗް ޕްރޮފެޝަނަލް ޑިޕްލޮމާ އިން ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ މެނޭޖްމަންޓުވެސް ހިމެނެ އެވެ. މި ހުރިހާ ކޯސްތަކީ ވެސް މޯލްޑިވްސް ކޮލިކިފޭކަޝަން އޮތޯރިޓީ ގަބޫލު ކުރާ ކޯސްތަކެކެވެ.