ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުޅުދުއްފާރު

ހުޅުދުއްފާރުން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ

ރ. ހުޅުދުއްފާރުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްއީއޯސީ އިން ބުނީ ހުޅުދުއްފާރު ފުރަބަންދު ކަރަންޓިނުގައި ހުރި 32 އަހަރުގެ އަންހެނަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އޭނާ ޕޮޒިޓިވް ވެފައި ވަނީ ކަރަންޓީނުގެ މުއްދަތު ހަމަވެ ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުން ކަމަށް ވެސް ބުންޏެވެ.

ހުޅުދުއްފާރުން މީގެ ކުރިން ވެސް ދެ މީހަކު ވަނީ ކޮވިޑް ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެގޮތުން މާލެއިން އެރަށަށް ދިޔަ މީހަކު ކަރަންޓީނުގައި ހުއްޓައި، ރަށަށް ދިޔުމުގެ ކުރިން މާލެއިން ހެދި ޓެސްޓުގައި ޕޮޒިޓިވް ވެފައިވާ ކަން ވަނީ އަންގާފަ އެވެ. އަދި ފުރަބަންދު ކަރަންޓީނަށް ފަހު ދޫކޮށްލުމަށް ހެދި ޓެސްޓުން ވެސް 29 އަހަރުގެ ފިރިހެނަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

އެއާއެކު ހުޅުދުއްފާރުން މިހާރު ތިން މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

އަތޮޅުތަކުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް މި ބަލި ފެނުނު ރަށްތަކަކީ، އައްޑޫސިޓީގެ ފޭދޫ އާއި ހިތަދޫ، ފުވައްމުލަކު ސިޓީ އާއި ބ. އޭދަފުއްޓާއި އެ އަތޮޅު ކަމަދޫ އާއި ކުޑަރިކިލާއި ކ. މާފުއްޓާއި ތުލުސްދޫ އާއި ހއ. ފިއްލަދޫ އާއި ދިއްދޫ އާއި ހއ. އިހަވަންދޫ އާއި ހދ. ނައިވާދޫ އާއި ހދ. ކުރިނބި އާއި ގއ. މާމެންދޫ އާއި ރ. ހުޅުދުއްފާރު އަދި ވ. ފުލިދޫ އެވެ. މީގެ އިތުރުން ބައެއް ރިސޯޓުތަކުން ވެސް ވަނީ މި ބަލި ފެނިފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާތާ ތިން ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އެންމެ ފަހުންގެ އަދަދަކީ 5،679 އެވެ. މި ބަލީގައި މިހާތަނަށް 22 މީހަކު ވަނީ މަރުވެފަ އެވެ.