ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި އޮތީ 12 ރަށެއް

ރަށުތެރެއިން ކޮވިޑް ކޭސްތައް ފެނުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަރާ ފޭބުން މަނާ ކޮށްފައިވާ ރަށްތަކުގެ އަދަދު 12 އަށް އަރައިފި އެވެ. ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ދަށްވުމަށް ފަހުގައި މި ފަހަކަށް އައިސް އަނެއްކާ ވެސް ވަނީ އިތުރުވާން ފަށާފަ އެވެ.

މިހާރު މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސް ވަންދެން އޮތް ރަށަކީ ފުވައްމުލަކު ސިޓީ އެވެ. މެއި މަހުގެ ހަޔަކުން ފެށިގެން އެ ސިޓީ ވަނީ ބަންދު ކޮށްފަ އެވެ. މީގެ އިތުރުން އއ. ތޮއްޑޫ އާއި ރ. ދުވާފަރު ވެސް ވަނީ މެއި މަހު ބަންދު ކޮށްފަ އެވެ.

ދެކުނުގެ މަސްވެރިން މަސް ކިރުވުމަށާއި އައިސް ހޯދަން އެންމެ ބޮޑަށް ބަރޯސާވާ އެއް ސެންޓަރު ކަމުގައިވާ ކޫއްޑޫ ޖޫން މަހުގެ 12 އިން ފެށިގެން ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ. މިފްކޯގެ ފެކްޓަރީ އަކާއި އެއާޕޯޓަކާއި އަދި ރިސޯޓެއްގެ ގޮތުގައި ވެސް ހިންގަމުންދާ ކޫއްޑޫ މޮނިޓަރިންގައި އޮތުމުގެ ސަބަބުން ބައެއް އޮޕަރޭޝަންތަށް ހިނގަމުން ދަނީ އުނދަގޫތަކަކާ އެކުގަ އެވެ.

އެންމެ ގިނަ ރަށްތައް ބަންދުކޮށްފައި ވަނީ މިމަހުގަ އެވެ. އެއީ އަށް ރަށެ ކެވެ. އެ ރަށްތަކަކީ ށ. ފޯކައިދޫ އާއި ގދ. ނަޑެއްލާ އާއި ކ. ކާށިދޫ، އއ. ރަސްދޫ، ހދ. ކުޅުދޫއްފުއްޓާއި ހއ. ދިއްދޫގެ އިތުރުން ލިސްޓަށް މިއަދު އިތުރު ވި މ. ކޮޅުފުށްޓާއި ށ. ފީވަކެ ށެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަަރަށް ބޮޑަށް ގޯސްވެ ބަލި ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އުފުލިފައި ހުރުމަށް ފަހު މިހާރު ނަންބަރުތައް ވަނީ ތިރިވާން ފަށާފަ އެވެ. ކޮވިޑް ބަލީގައި މަަރުވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ ދަށްވެފަ އެވެ. ރާއްޖެ މިހާރު އޮތީ ކޮވިޑްގެ ޔެލޯ އެލާޓްގަ އެވެ.