ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކަރަންޓީނު މުއްދަތަށް ބަދަލު ގެނެސްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުނާއި އެ މީހުންގެ ކޮންޓެކްޓުން ކަރަންޓީނުކުރާ މުއްދަތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބަދަލު ގެނެސްފި އެވެ.

އެޗްޕީއޭއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ކޮވިޑް-19 އަށް ޕޮޒިޓްވާ މީހުން ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، އެމީހަކު ކޮވިޑަށް ޕޮޒިޓިވް ސާމްޕަލް ނަގާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

އަދި ހަތް ދުވަހުގެ މުއްދަތު ހަމަވުމުން އެމީހަކު އެކަހެރިކުރެވިފައިވާ މުއްދަތު ނިމޭނެ ކަމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ، ކަރަންޓީނު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުން ކަމަށެވެ.

ނަމަވެސް، ސާމްޕަލް ނަގާ ތާރީހުން ފެށިގެން ހަތް ދުވަސް ފުރިހަމަވުމާއެކު މަސައްކަތަށް ނުކުންނަންޖެހޭ ސިއްހީ ހިދުމަތްދޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައްފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުނަންނަންވާނީ އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް ވެސްއިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައިވަނީ މިއަދު ފެށިގެން ކޮވިޑްގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ކޮންޓެކްޓުން ކަރަންޓީ ވާން ޖެހޭނީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަށެވެ.

އެޗްޕީއޭގެ އިއުލާނުގައި ބުނެފައި ވަނީ ކަރަންޓީނު ކުރާ މުއްދަތަށް ބަދަލު ގެނައުމުން މިހާރު ކަރަންޓީނުގައި ތިބި މީހުން ބަދަލު ކުރި މުއްދަތުގައިވާ ގޮތުގެ މަތިން ކަރަންޓީނު ފުރިހަމަކޮށްފައިވާނަމަ އަދި ކަނޑައެޅިފައިވާގޮތުގެ މަތިން ޓެސްޓުގެ ނަތީޖާ ލިބިފައިވާނަމަ ކަރަންޓީނު ނިމޭނެ ކަމަށެވެ.

ރާއްޖެއިން ވެސް ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޯން ފެނި ކޭސްތައް މައްޗަށް ދާތީ މިހާރު އަންނަނީ ފިޔަވަޅުތައް ހަރުކަށިކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ އިތުރުވެފައިވާތީ ރަށްރަށަށް ދެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓަކާ އެކީ އެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ގޮސް 14 ދުވަހު ކަރަންޓީނުވާން ޖެހޭނެ އެވެ. އެކަމަކު ވެކްސިން ފުރިހަމަކޮށްފައިވާ މީހުން، ނަތީޖާ ނެގެޓިވްވުމަށްފަހު ރަށަށް ގޮސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.