ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ އެވެ. މިއަދު މަރުވީ ފިރިހެނެވެ.
އަދި މިހާތަނަށް އެއްވެސް ޝިފާއެއް ހޯދިފައި ނުވާ ކޮވިޑް ބަލީގައި އެ މީހާ މަރުވުމުން އެ ބަލި ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވިއްސަށް އެރީ އެވެ. އޭގެ ތެރޭގައި ފަސް ބިދޭސީއަކު ވެސް ހިމެނެ އެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މީޑިއާއަށް ހިއްސާކުރި މެސެޖެއްގައި ބުނާ ގޮތުން އުމުރުން 67 އަހަރުގެ އެ މީހާ މަރުވީ އައިޖީއެމްއެޗްގައި މިއަދު މެންދުރު 12:00 ޖަހާ އެހާކަންހާއިރު އެވެ. އެ މީހާ އައިޖީއެމްއެޗްގައި އެޑްމިޓްކުރީ އިއްޔެ އެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 5,157 އެވެ. އޭގެ ތެރެއިން ރަނގަޅުވީ 2835 މީހުނެވެ. ކޮވިޑްޖެހުނު މީހުންގެ ތެރެއިން 145 މީހަކު ތިބީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. އަށް މީހަކު އައިސީޔޫގައި އޮތް އިރު އެކަކު ވެންޓިލޭޓަރުގަ އެވެ.
އެޑްމިޓް ކޮށްފައިވާ މީހުންގެ ތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 129 މީހަކު އެބަތިއްބެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގައި ހަ މީހަކެވެ. އަދި ބ. އޭދަފުށީ ކޮވިޑް ސެންޓަރާއި ށ. ފުނަދޫ ސެންޓަރުގައި ވެސް ދެ މީހަކު އެބަތިއްބެވެ.