ސްކޫލް

އެންމެ ބޮޑު ކަންތައް: ކިޔެވުމެއް ނެތެއްނު!

ކައުންސެލިން އަދި ޑިވެލޮޕްމަންޓް ސައިކޮލޮޖީ ލެކްޗަރާ، އާމިނަތު ޒުބޭރުގެ ވީޑިއޯ އިންޓަވިއު -- އާއިމް ޒަމީރު | އަވަސް

ރާއްޖޭގައި ކުދިންގެ ކިޔެވުމާއި އުނގެނުމުގެ ބިންގާ އަޅައިދޭ ޕްރީސްކޫލްގެ މަރުހަލާގައި އެ ކުދިންނަށް ކިޔައިދޭ ލަވައެއް އޮވެއެވެ. އެ ލަވައިގައި މިހެން ކިޔަ އެވެ: "ސްކޫލަށް ދާނީ ފަސް ދުވަހު... ސްކޫލަށް ދަނީ ފަސް ދުވަހު... ބަންދު ދެ ދުވަސް ބަންދު ދެ ދުވަސް!"

ތުއްތު އިރު އަލަށް ސުކޫލަށް ދާން ޖެހުމުން ކުދިން ވަރަށް ރޮއެ ހަދައެވެ. އުމުރުން ދެ އަހަރުބައިގައި ސްކޫލް ފަށާއިރު ގިނަ ކުދިން ތިބެނީ ވެސް ނެޕީގަ އެވެ. މަންމަގެ އަތުކުރިން ދޫކޮށްލާ އާ ބަޔެއްގެ ތެެެރެއަށް އަލަށް ނުކުންނަ ފަހަރު ގިނަ ކުދިން ބިރުގަންނަނީ އެވެ. ޖެހިލުންވަނީ އެވެ. އެހެންވެ މަންމަގެ ލޮލުން ވެސް ކަރުނަ އާދެއެވެ. އުނގުގަށް ލައިގެން އުޅުނު ދަރިފުޅުގެ ހަޔާތުން އާ ފެށުމެއް ފަށާތީއެވެ.

ސްކޫލުގެ ގޭޓުން ވަނުމާއިއެކ ޓީޗަރުންގެ އޯގާތެރިކަމުން ސުކޫލަށް ހިތްޖައްސައިދެ އެވެ. ކުޅުމާއި ލަވައިން އެކުދިން އެއްފުރައިގެ ކުދިންނާއި އެކު އުފާވެރި މާހައުލަކަށް އަންނަނީ ދަސްކުރާން ކަން ބުނެދެއެވެ. ކަންކަން ހޯދާށާއި ސުވާލު ކުރާށެވެ. މީހުންގެ ތެރޭގައި އުޅެން ދަސްކުރާށާއި އެކުވެރިން ހޯދާށެވެ. ކިޔަވާށާއި ދިރިއުޅުމަށް ހޭނޭށެވެ.

ކޮވިޑްގެ ދިގު ބަންދަށް ފަހު ސްކޫލްތަކުގައި ކިޔެވުން ފެށިއިރުވެސް ސްކޫލަށް ދާން ހުއްދަ ދީފައިވަނީ ގްރޭޑް ނުވައަކުން މަތީގެ ގްރޭޑްތަކުގެ ދަރިވަރުންނަށެވެ. ކޮވިޑްގެ ބަލާއާފާތައެކު މި އަހަރު އެތައް ކުދިންއެއް ސުކޫލްއަށް ދިއުން މިއޮތީ ހުއްޓިފައެވެ. ކުރީން ވިއްޔާ ސްކޫލަކީ އެކުދިންގެ ދުވަހުގެ ބޮޑު ބައެކެވެ. ކޮވިޑް-19 އާއެކު މިއަހަރުވެސް ކިޔަވާ ކުދިންނަށް އެ ގޭޓުން ވަދެވޭކަށް ނެތެވެ.

ބެލެނިވެރިޔަކު ބުނިގޮތުގައި ކޮވިޑް ލޮކްޑައުން އައިސް ސްކޫލް ބަންދުވުމުން ފުރަތަމަކޮޅުގައި ސްކޫލަށް ނުދިވިގެން ދަރިފުޅު ނޫޅެ އެވެ. އެކަމު މިހާރު ސްކޫލް ބަންދު މާ ބޮޑަށް ދިގުލައި ސްކޫލަށް ދިއުން އެއީ އޮންނަ ކަމަކަށް ނުވުމުން ބޫޓު ހަރުގަނޑުން ސްކޫލް ބޫޓު ނަގައިގެން އެއަށް އަރާ އަދިވެސް ސްކޫލް ބޫޓް ހެޔޮވަރުތޯ ބަލައި ހަދަ އެވެ.

"މިހާރު ސްކޫލް ބަންދު ދިގުލައިގެން ގޮސްފައިވާތީ ބޫޓު ހަރުގަނޑުން ސްކޫލް ބޫޓު ނަގައިގެން އެއަށް އަރާ ބޫޓް ހެޔޮވަރުތޯ ބަލާ،" އޭނާ ބުންޏެވެ.

އެެހެން ބެލެނިވެރިޔަކު ބުނިގޮތުގައި ގޭގައި ތިބެން ޖެހިފައި ވުނުން ފަހަކަށް އައިސް އޭނާގެ ދަރިފުޅަށް މޮޅު ކަމެއް ގޭގައި ކޮށްލެވިއްޖެ ނަމަ އަވަހަށް އޭނާހެ އާންޓީއަށް ގުޅާފައި ބުނެދޭން އެދެއެވެ.

"ގޭގައި ކަޕްކޭކެއް ނޫނީ އެހެން ވެސް ކްރާފްޓް މަސައްކަތެއް ކުރިޔަސް އަވަހަށް އެކަން އާންޓީއަށް ދައްކަން ބޭނުން ވެގެން ބުނޭ!" އެ މަންމަ ބުންޏެވެ.

ބެލެނިވެރިންގެ ވާހަކަައިން އެނގޭ ގޮތުގައި ކުދިންގެ އެއް ކަންބޮޑުވުމަކީ އާންޓީއަށް އެކުދިންގެ ނަން ހަނދާން ނެތިދާނެތީ އެވެ. ނޫނީ އެކުވެރި ކުދިންނާއި ބައްދަލު ނުވެދާތީ އެވެ. މިއީ ވަރަށް ކުދި ކަންކަން ކަމުގައި ހީވެފައި އޮވެ ދާނެ އެވެ. އެކަމަކު ސުކޫލްގައި ހޭދަކުރާ ވަގުތަކީ ދުވަހެއްގެ ރޫޓީންގެ ވަރަށް ބޮޑު ބައެކެވެ.

އަދިވެސް ސްކޫލްތައް ބަންދުވެފައިވާ އިރު ބައެއް ސްކޫލްތަކުން އޮންލައިންކޮށް ކިޔެވައިދެ އެވެ. އެއީ ވެސް ކިޔެވުމެވެ. ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެއީ އަދި ކްލާސްރޫމަކުން ކުއްޖަކު ދަސްކުރާވަރާއި ވަރުން އަޅުވާއިރު އެތައް ގުނައެއް ތަފާތު ކިޔެވުމެކެވެ. އަދި އެތައް ބައިވަރު ތަފާތު ގޮންޖެހުންވެސް ހުރެ އެވެ. ހަމަ ޔަގީނުންވެސް ސުކޫލުގައި ކިޔެވުމާއި އޮންލައިންކޮށް ސްކްރީނުން ކިޔެވުމާ އެއްވަރެއް ނުވާނެއެވެ. އަދި ހީކުރާހާ ފަސޭހައެއް ވެސް ނުވާނެ އެވެ.

ދަސްކުރަން ސްކޫލާއި ގެއާއި ބޮޑު ތަފާތެއް!

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކައުންސެލިން އަދި ޑިވެލޮޕްމަންޓް ސައިކޮލޮޖީ ލެކްޗަރާ، އާމިނަތު ޒުބޭރު ވިދާޅުވިގޮތުގައި ކޮވިޑް-19 އާއެކު ސުކޫލްތައް ބަންދުވެ މިހާ ބޮޑަށް ދިގުލައިގެން ދިއުމުން ކުދިންނަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ. އެ އަސަރު ވަނީކޮށްފަ އެވެ.

"ސްކޫލްތަކުގެ ކަރިކިއުލަމް ބައްޓަންކޮށްފައި އޮންނަނީ ކުއްޖާގެ ޖިސްމާނީ ތަރައްގީ، އިޖްތިމާއީ ތަރައްގީ އަދި އިމޯޝަންސް ނުވަތަ އިހްސާސްތަކާއި ވިސްނުން ތަރައްގީ ކުރުމަށް. މި ހަތަރު އޭރިއާ ކުދިން ތަރައްގީ ކުރުމަށް ސްކޫލު ކަރިކިއުލަމް ހަދާފައި މި އޮންނަނީ. ޔަގީނުން ވެސް ސްކޫލް ބަންދު ދިގުލައިގެން ގޮސް ހަ މަސް ވެފައިވާ އިރު ލާނިން [އުނގެނުން] ލިމިޓް ވާނެ." އާމިނަތު ޒުބޭރު ވިދާޅުވި އެވެ.

ފޮތުގެ ދެލިގަނޑުގެ ބޭރުން އެތައް ދަރިވަރުން ސުކޫލުން ދަސްކުރެ އެވެ. ސްކޫލަކީ އެއް އުމުރެއްގެ ކުދިންނާއެކު ވަގުތު ހޭދަކޮށް އެ ކުދިން ގިނަ ކަންތައްތަކެއް ތަޖުރިބާކޮށް ދަސްކުރަން ލިބޭ އެންމެ ހާއްސަ ފުރުސަތެވެ. ކުދިންނާއެކު އުޅުމާއި ކުޅުމައި މުއާމަލާތް ކުރަން ދަސްވެއެވެ. އިރުޝާދުތަކަށް ކަންކަން ކުރުމާއެކު ސްކޫލް މާހައުލުން ކުދިން އަމިއްލައަށް ތަޖުރިބާކޮށް ދަސްކުރާ ކަންކަމުގެ ސަބަބުން އެކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ އެވެ.

ކޮވިޑާއެކު ސްކޫލްތައް ލެއްޕި ސްކޫލް މާހައުލުގައި ކިޔެވުމުގެ ފުރުސަތު މި އޮތީ ބަންދުވެފަ އެވެ. ބެލެނިވެރިން "ހޯމް ސްކޫލް" ކުރުމަށް ބޮޑު މަސައްކަތެއް ކުރާއިރު ވެސް ކުދިންނަށް އެއްޗެއް ދަސްވާވަރު ވަރަށް މަދެވެ.

އައިމިނަތު ޒުބޭރު ވިދާޅުވި ގޮތުގައި ސައިކޮލޮޖިކަލް ނަޒަރިއްޔާއަކުން ބަލާއިރު ސޯޝަލް ލާނިން ތިއަރީ ބުނެދޭ ގޮތުން ވެސް ކުދިންގެ ދަސް ކުރަނީ މީހުންނާއި އިންޓަރެކްޓް ވެގެނެވެ.

"ކްލާހުގައި ތިބޭނެ ފަންސަވީހަކަށް ކުދިން. އެ ކުދިންނާއި ވާހަކަ ދައްކާ އިންޓަރެކްޓް ވެގެން އިމޯޝަން އަދި ބިހޭވިއާ ދަސްކުރަނީ... އެކަމަކު މިހާރު ހަމަސް މި ވަނީ ގޭގައި ބަންދުވެފައި ތިބޭތަން. އެހެން ކުދިންނާއި އިންޓަރެކްޓް ވާނެ ގޮތާއި މިކަހަލަ ހުރިހާ ކަމެއް މިއޮތީ ލިމިޓްވެފައި." އޭނާ ވިދާޅުވި އެވެ.

"ބިހޭވިއަރަލް ތިއަރީ" ބުނާ ގޮތުން ކުދިން ކަންކަން ތަޖުރިބާކޮށް ދަސްކުރަނީ އެ ކުއްޖެއްގެ މާހައުލުންނެވެ. ކަމެއް ކުރުމުން އެ ކުއްޖަކަށް ލިބޭ ފީޑްބެކުންނެވެ. ރަނގަޅަށް ކަމެއް ކުރެވިއްޖެނަމަ ކޮންމެވެސް ކަހަލަ ޕޮޒިޓިވް ފީޑްބެކެއް ލިބެ އެވެ. އަދި ގޯސްކޮށް ކަމެއް ކުރެވޭއިރު ނެގެޓިވް ފީޑްބެކެއް ވެސް ލިބެއެވެ. ކަމެއް ރަނގަޅަށް ކުރުމުން ހީނލުމާއި ބާރުއެޅުން އަދި ކަމެއް ނުކުރަން ބުނުން މިއީ ކުދިން ރަނގަޅާއި ނުބައި ވަކި ކުރާ ގޮތެވެ. -- މިއީ ވަރަށް އާންމު ވާހަކައެކެވެ. އެކަމަކު ފުޅާކޮށް ވިސްނާނަލަން ވެސް އޮތް ވާހަކައެކެވެ.

"މައިންބަފައިން ކުދިންނަަށް ރަނގަޅު ގޮތާއި ނުރަނގަޅު ގޮތް ދަސްކޮށްދޭ ގޮތާއި އަޅާބަލާއިރު ވަރަށް ބައިވަރު ކުދިންނާއިއެކު ސްކޫލްގައި ކަންކަން ދަސްކުރާ ގޮތަށް، ގޭތެރޭގައި ކަންކަން ދަސްކޮށް ނުދެވިދާނެ... މިގޮތަށް ބަލާއިރު ވެސް ވަރަށް ބޮޑަށް އުނގެނުން ލިމިޓްވެފައި މިހާރު މިއޮތީ." އައިމިނަތު ޒުބޭރު ވިދާޅުވި އެވެ. "ސައިކޮލޮޖިސްޓުން ބުނާގޮތުގައި ދެ އަހަރާއި ތިން އަހަރު އުމުފުރައިގެ ކުދިން ވަރަށް ދަސްކުރާނެ ފިޒިކަލް ކަންކަން. މި ކުދިން ކްލާސްތެރޭ ކުލޭ ކުޅޭނެ، ކުލަޖައްސާނެ. ފިޒިކަލް ސްކިލްސް ދަސް ކުރާނެ. ވަރަށް ބޮޑަށް ދަސްކުރާނެ އިންޑިޕެންޑަންޓް ވާން. ޓީޗަރާއި އިންޓަރެކްޓްވެ މި ކަންކަން މި ދަސް ކުރަނީ. މިހެން ކަންތައް ނުވީމަ ޑިޕެންޑެންޓް ވާނެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވޭ އެއީ ސްކޫލަށް ނުގޮސް ތިބީމަ ލިބޭނެ ނެގެޓިވް އިމްޕެކްޓެއް ކަމުގައި ބުނެވިދާނެ،"

އާމިނަތު ޒުބައިރު ވިދާޅުވި ގޮތުގައި ތިން އަހަރާއި ހަ އަހަރުގެ ކުދިންނަކީ ވަރަށް މުހިއްމު ފުރާއެކެވެ. "ސައިކޮލޮޖިސްޓް ޕޮއިންޓް އޮފް ވިއު" އަކުން ބާލާލައިރު ކުޅުމުގެ ތެރެއިން އެ ކުދިން ކަންކަން ވަރަށް ބޮޑަށް ދަސްކުރާނެ އެވެ.

"އަޅުގަނޑުމެންގެ ޕްރީސްކޫލްގެ ކަރިކިއުލަމްވެސް އޮންނާނީ އެގޮތަށް، އިސް ނަގަން ދަސްކުރާ އުމުރުފުރާ އެއީ. އެންމެ ސުވާލު ކުރާ ދުވަސްވަރު އެއީ! ޕްރީސްކޫލް ކްލާހާކަށް ގޮސްފިއްޔާ މި މަންޒަރު ވަރަށް ރަނގަޅަށް ފެންނާނެ، ވަށައިގެންވާ ހުރިހާ އެއްޗެއް ދަސްކުރާނީ ސުވާލު ކޮށްގެން. އެކަމަކު އެހެން ނުވުމުން މިހާރު ވަރަށް ބޮޑަށް ލިމިޓްވެފައި ވަނީ،"

ގޭގައި ކުދިންނަށް ކޮށްދެވޭނީ ކޮންކަމެއް؟

ހަލުއި ކަމާއިއެކު ކޮވިޑް ދަނީ ފެތުރެމުންނެވެ. އަދި މިދުވަސްވަރަކީ ވަރަށް ބޮޑަށް ހިތް ނުތަނަވަސް ދުވަސްވަރެކެވެ. އާއިލާ މީހުން ޕޮޒިޓިވް ވުމާއި އައިސޮލޭޓްވާން ޖެހުމާއި ތިމާގެ އެކުވެރި މީހުން ދުނިޔެއާ ދިއުންވެސް ބައްޔާއިއެކު ބައެއް އާއިލާތަކަށް ވަނީ ތަޖުރިބާ ކުރަން ޖެހިފައެވެ. ކޮވިޑްގެ ނަމްބަރެއް ނުވެއްޓެ އެވެ. އެހެންވެ އެންމެވެސް ވަނީ އަނެއްކާވެސް ގެއަށް ވަންނާން ޖެހިފަ އެވެ. ކުދީންގެ ކިޔެވުމާމެދު ކަންބޮޑުުވުމާއި ވިސްނުން ފިޔަވައި ކުރެވޭނެ މާ ބޮޑު ކަމެއް ވެސް ނެތެވެ.

"މި ދުވަސްކޮޅަކީ ބެލެނިވެރިންނަށް ވެސް އުދަނގޫ ދުވަސްވަރެއް. އެއްބަޔަކު ގޭގައި އެބަޖެހޭ މަސައްކަތް ކުރަން. އަނެއް ބަޔަކު ބޭނުން ނޫނަސް އެބަޖެހޭ ބޭރަށް މަސައްކަތް ކުރަން ދާން. ބައިވަރު އިތުރު އެންޒައިޓީ ތަކެއް ހުންނަ ދުވަސްވަރެއް މިއީ. ބެލެނިވެރިންނަކީ ވެސް ޓީޗަރުންނެއް ނޫން. ކިޔަވައިދިނުމަކީ ވެސް ހުނަރެއް،"

އެހެން ކަމުން މިދުވަސްވަރު ކުދިންނަށް ކިޔަވައި ދިނުމުގައި އެއްވެސް މަޖުބޫރު ކަމެއް ނެތި އުނގައްނައި ދިނުމަށް އައިމިނަތު ޒުބޭރުގެ ލަފާ ދެއްވަ އެވެ. ވިދާޅުވި އެވެ: "ބެލެނިވެރިން ވެސް އައިޑިއަލް ޕޭރެންޓަކަށް ވާން އެދުވަހު ލާ ހުރިހާ އެކްޓިވިޓީސް އެއް ހެދުމުގެ ބަދަލުގައި ކުއްޖާއަށް ކުރެވޭ ވަރަކަށް ކުރަންވީ. ޕޭރެންޓުން ވެސް ވަރަށް ކާމްކޮށް ޕްރެޝާ ކުރުމަކާއި ނުލައި ކިޔަވައި ދޭންވީ. ވަރަށް މުހިއްމު ކަމެއް ސްކޫލާއި ގުޅުން ބޭއްވުން."

އޭނާގެ ލަފާއަކީ ރަނގަޅު އުމުރަށް އެކަށީގެންވާވަރު ކަންކަން ކުރުވުމެވެ. އަދި އެންމެ މުހިއްމު ކަމަކީ ކުދިން އުފަލުގައި ބޭތިއްބުމެވެ.

ކުދިންނަށް މައުލޫމާތު ދޭންވީ އެކުދިންގެ އުމުރުފުރައާ އެއްވަރަށެވެ. އަދި މިހާރު ސްކޫލަށް ނުދެވެނީ ކީއްވެކަން ރަނގަޅަށް ބުނެދޭންޖެހެ އެވެ. އެކުދިންގެ ރައްކާތެރިކަމަށް މާސްކް މި އަޅަނީ ކީއްކުރަން ކަން ބުނެދޭންޖެހެ އެވެ.

"އެކުދިންގެ ރައްކާތެރިކަމާށާއި އެހެން މީހުންގެ ރައްކާތެރިކަމަށް އަޅާ މާސްކްގެ ސަބަބުން ކައިންޑްނަސް ވެސް ދަސްކޮށް ދެވުނީ. ކޮވިޑްގެ ބިރުވެރިކަން ކުއްޖާގެ ސިކުނޑީގައި ހުރެދާނެ މާ ބޮޑުކޮށް. ކުދިން ބިރުގަތީމަ ނުބުނާނެ. އެކަމަކު އުޅުމުން އެކަން ފެންނާނެ. ރުޅިގަދަވެ. ހާސް ވެދާނެ. ބިރުގަންނަ ގޮތަށް މައުލުމާތު ނުދިނުން އެއީ ވަރަށް މުހިއްމު ކަމެއް. ތިމަންނާގެ މީހެއް ނިޔާވެދާނެ އެކަހަލަ ބިރުވެރި ވިސްނުމެއް އޮވެދާނެ." އައިމިނަތު ޒުބޭރު ވިދާޅުވިއެވެ.