ލައިފްސްޓައިލް

އާދިއްތަ ދަރިވަރުންނަށް ބޮޑު ދުވަހެއް

މި ހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން އަންނަ އާދިއްތައިގައި ފެށޭ ވާހަކަ އެެޑިއުކޭޝަން މިނިސްޓްރީ އިން އިއުލާން ކުރުން ވެގެން ދިޔައީ ވަރަށް ގިނަ ފަރާތް ތަކަށް އުފާވެރިކަން ލިބުނު ހަބަރަކަށެވެ.

ޖެނުއަރީ 10 ގައި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާއިި ހަމައަށް ކިޔަވަމުންދާ ދަރިވަރުންނަށް ސްކޫލް ހުޅުވޭ ގޮތަށް މިނިސްްޓްރީ އޮފް އެޑިއުކޭޝަން އިން ވަނީ ހަމަޖައްސާފަ އެވެ. ކޮވިޑް-19 ގެ ހާލަތާއި އެކު މާޗް މަހުގައި ސްކޫލްތައް ބަންދުކޮށްފައިވާ އިރު އަލުން ޖުލައި މަހުގައި ހުޅުވާލީ ގްރޭޑު ހަތަކުން 12 އަށެވެ. އަދި އަހަރުގެ ފުރަތަމަ ޓާމަށްފަހު ދަރިވަރުންގެ ޗުއްޓީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ މާޗު މަހު ސްކޫލްތައް ބަންދުވިގޮތަށް ބައެއް ގްރޭޑްތަކުގައި ކުދިންނަށް އެއްވެސް ގޮތަކަށް ސްކޫލް ދިއުމެއް ނެތެވެ. ފިލާވަޅުތައް ކުރި އަށް ގެންދިޔައީ އޮންލައިންކޮށެވެ. ކުދިންނަށް އުނގެނުމުން މަހުރޫމް ވިޔަ ނުދިނުމަށް މިނިސްޓްރީ އިން "ޓެލިކިލާސް" އާއި އޮންލައިންކޮށް ކިޔަވާދިން ކަމުގައިވީނަމަވެސް ސްކޫލް ކްލާސްރޫމެއްގެ އެކުވެރިންނާއި މުދައްރިސް އާއި އެކު ކިޔެވުން ކުދިންނަށް ކުރެވޭ ތަޖުރިބާ މުޅިން ތަފާތުވެއެވެ.

"ސްކޫލްތަށް ބަންދުވެދާނެ ކަމަށް ސްކޫލްތަކުން ދިޔައީ މުދައްރިސުންނަށް ތަމްރީން ދީ ތައްޔާރުވަމުން. ދަރިވަރުން ތިބީ ދުރުން ދޭ ތައުލީމަށް ތައްޔާރުވެގެނެއް ނޫން. އަޅުގަނޑުމެންގެ ދަރިވަރުން އެތަށް އަހަރެއް ވަންދެން ތިބީ ކްލާސްރޫމްގައި ވަރަށް އެކްޓިވް ޓީޗިންގް އެންޑް ލާރނިން މެތަޑްއަކަށް ތައްޔާރުކުރެވިފަ. މުދައްރިސުން ތަމްރީން ދީގެން މިގޮތަށް އޮންލައިންކޮށް ކިޔަވައިދޭން ފެށިކަމުގައި ވިޔަސް ދަރިވަރުންނާއި ބެލެނިވެރިންވެސް ތިބީ މި މޯޑަށް ބަދަލުވެގެން ދާން ތައްޔާރަކަށް ނޫން. ވަރަށް ބޮޑު ގޮންޖެހުމަކަށްވީ. ވަރަށް ބޮޑު ޝަކުވާއެއް އެއީ އިންޓަރނެޓްގެ މައްސަލަތައް. ކުދިންގެ ކިޔެވުމަށް ދިރިއުޅުމުގެ ހާލަތާއި ގޭތެރޭގެ ހާލަތު އަސަރު ކުރި."

ފިލާވަޅުތައް މި ހުންނަނީ ފޯލްޑާގައި. ނެޓްވޯކް ޕްރޮވައިޑާސް ދޭ ހިދުމަތުގެ ސަބަބުން ރިސީވް ވުން ވަރަށް އުދަނގޫ ކަމުގެ ޝަކުވާ ލިބުނު. މަސައްކަތް ފުރިހަމަކޮށްފައި އަލުން ފޮލްޑަރ އަށް ލާރިވިޝަންސްތައް ނުވަތަ ޓީޗަރުގެ ފީޑްބެކް ބަލަން އަނެއްކާ ޑައުންލޯޑް މި ކުރަން ޖެހެނީ. ދަރިވަރުންނަކީ ފޮތާއި ރައްޓެހި ބައެއް. ރަނަގަޅަށް ރިވައިސް ނުކުރެވި. ލާނިން ލޮސް އެއް އައިސްއަ މިވަނީ.

ލާނިން ލޮސްއެއް އައިސްފައި މިވަނީ. އޮންލައިންކޮށް ޓެސްޓް ކުުރުމާއި ކުދިން އިވެލުއޭޓް ކުރުމަށް އަދި އަޅުގަނޑުމެންވެސް ތައްޔާރެއް ނޫން. ކުދިންނަށް މިކަމުގެ އިފެކްޓް ވަރަށް ބޮޑަށް ކޮށްފި. ހާއްސަކޮށް ހިސާބަށް ވަރަށް ދަށްވެއްޖެ. ހިސާބަކީ ވަރަށް ހޭންޑްސްއޯން ކޮށް ކިޔަވައިދޭންވާ އެއްޗެއް. މިކަން ފޫބެއްދުން ދިރާސީ އަހަރު 6 މަސް ދުވަސް އިތުރު ކުރުމަކީ ކަރިކިއުލަމް ކުރިއަށް ގެންދިއުމަށާއި ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް ލިބުނު ފުރުސަތެއް" ކަލާފާނު ސްކޫލް ޕްރިންސިޕަލް ރަހުމާ އަބްދުލް ރަހްމާން ވިދާޅުވިއެވެ.

ރަހުމާ އަބްދުލް ރަހްމާން، ކަލާފާނު ސްކޫލްގެ ޕްރިންސިޕަލް

"ބައެއް ދަރިވަރުންގެ ހާލާތު ހުރިގޮތުން ރަށަށް ދާން ޖެހުން. އަނެއްބައި ކުދިންނަށް ސްކޫލަށް އަައުމުގެ ފުރުސަތެއް ނުލިބޭ. އޮންލައިންކޮށް ކިޔަވާ ދިނުމަކީ ހާލަތަށް ރަނގަޅު ގޮތް ކަމުގައިވީނަމަވެސް ސީދާ ކުދިންނާއި ބައްދަލުވެ ކިޔަވާދިނުމުން ހާސިލްވާ މިންވަރަކަށް ކިޔަވައެއް ނުދެވޭ އޮންލައިންކޮށް." ތާޖުއްދީން ސްކޫލް ޓީޗަރެއް ކަމުގައިވާ އިބްރާހިމް ޝާކިރު ވިދާޅުވިއެވެ.

އޮންލައިންކޮށް ކިޔަވާދޭއިރު ކުއްޖާއަށް އޮޅުންފިލުވުމުގެ ފުރުސަތު ގެއްލޭ އަދި އެހެން ކުދިންނާއި ބައްދަލުވެ މަޝްވަރާކޮށްގެން ދަސްކުރުމުގެ ފުރުސަތު ގެއްލޭ ކަމުގައިވެސް ޝާކިރު ފާހަގަ ކުރެއްވިއެވެ.

މި ހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމް ނިމޭނީ 24 ޖޫން 2021 އެވެ. އެެހެންކަމުން އަންނަ އާދިއްތަ އަކީ ދަރިވަރުންނަށް ބޮޑު ދުވަހެކެވެ. ކޮވިޑް-19ގެ ހާލާތަށް އައިސްފައިވާ ބަދަލާއި އެކު އެކި މަރުހަލާތަކަށް ބަހާލައިގެން ލުއިދީފައިވާ އިރު ސްކޫލްތައް އަލުން ހުޅުވުމަކީ ވަރަށް ބޮޑު އުފަލެކެވެ. ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ދަނީ އުފާފާޅު ކުރަމުންނެވެ. ބައެއް ބެލެނިވެރިން ބުނާ ގޮތުގައި އެމީހުންގެ ދަރިވަރުން މިހާރު ސްކޫލަށް ދާ ހިތުން ތިބީ ކެތް މަދުވެފައެވެ.

"އެ ކުދިންނަށް ދިމާވާ ބޮޑެތި ކަންތައް އާންޓީ ނުވަތަ ޓީޗަރާއި ހިއްސާ ކުރުމަށް ބޭނުންވޭ. ދަރިފުޅުގެ ނަން ޓީޗަރު ހަނދާން ހުންނާނެ ތޯ އާއި މެދު ސުވާލު ކުރޭ. އަދި ގޭގައި ދިމާވި ކަންކަން ޓީޗަރާއި ހިއްސާ ކުރުމަށް ބޭނުންވޭ." ބެލެނިވެރިޔަކު ބުންޏެވެ.

އެހެން ބެލެނިވެރިޔަކު ބުނިގޮތުގައި "ދަތްވެއްޓުން ވާހަކަ ވެސް ޓީޗަރު ގާތުގައި ބުނަން ބޭނުންވޭ. ބަންދުގައި ކުރިކަންތައްތައް އެކުވެރިންނާއި ހިއްސާ ކުރުމަށް ސްކޫލަށް ދާ ހިތުން އުޅެނީ. ކުދިންގެ ސްކޫލުގައި ކިޔެވުމުގެ އިތުރުން އެކުދިން ސޯޝަލައިޒްވެސް ކުރާތަަން އެއީ"

ސްކޫލް ބަންދު ދިގުލައިގޮސްފައިވާ އިރު ބައެއް ކުދިންގެ ހެދިބޮޑުވުމަށް އައިސްފައިވާ ބަދަލާއި އެކު ސްކޫލް ޔުނީފޯމް އަކީ މިއަހަރު ބޭނުން ކުރެވޭ ސައިޒްތަކަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އަައްޑޫ ސިޓީ ހިތަދޫ ސްކޫލް އިން މިގޮތަށް ދަރިވަރުންނަށް ކުޑަވެފައިވާ ޔުނިފޯމްތަކެއް ހަދިޔާ ސްކޫލަށް ހަދިޔާ ކުރުމުން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް އެބަ ގެންދެއެވެ. މި ސްކޫލްގެ އިތުރުން ބައެއް ބެލެނިވެރިން އަންނަނީ ސޯޝަލް މީޑީއާގައި ވެސް ކުދިންނަށް ކުޑަވެފައިވާ ބޫޓު އެހެން ކުދިންނަށް ހަދިޔާ ކުރުމަށް މަސައްކަތްކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ ސްކޫލް އަންނަ އާދިއްތާގައި ހުޅުވޭނީ ނިއުނޯމަލްގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމުގައެވެ. ސްކޫލްތަކުގެ ކިޔެވުން ފެށުމަކީ އާއްމު ހާލަތަކަށް ދެވުމުގެ އުއްމީދާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ.