ލައިފްސްޓައިލް

އައިޑީ ކާޑުގައި ޖަހާފައިވާ ނަމުން ސްކޫލަށް ނުވެއްދި!

އިންޑިޔާގެ ފަސް އަހަރުގެ ކުއްޖެއްގެ އައިޑީ ކާޑުގައި ޖަހާފައިވާ ނަމަކުން އެއްވެސް ސްކޫލަކަށް ނުވައްދައިގެން ބެލެނިވެރިން ވަރަށް ގިނަ ދުވަސް ތަކަކު މަސައްކަތް ކުރަން ޖެހިއްޖެ އެވެ. މިހާރު އެމީހުންގެ މަސައްކަތް ކާމިޔާބުވެ ކުއްޖާ ވައްދަން ސްކޫލަކުން އެއްބަސް ވެއްޖެ ކަމަށް އިންޑިޔާގެ ނޫސްތަކުން މިއަދު ބުނެފައި ވެއެވެ.

ކުއްޖާ ސްކޫލަށް ވެއްދުނީ އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރުގެ އޮފީހުން މިކަމުގެ ތެރެއަށް ވަދެ އެ އޮފީހުގެ އޮފިޝަލުން ކޮށްދިން މަސައްކަތުންނެވެ.

ފަސް އަހަރުގެ މި އަންހެންކުއްޖާގެ އާދާރް ކާޑު (އައިޑީ ކާޑު) ގައި އޭނާގެ ނަމަކަށް ލިޔެފައި ވަނީ "މަދޫ ކާ ޕާންޗްވާ ބައްޗާ" (މަދޫގެ ފަސް ވަނަ ދަރި) އެވެ.

މި ކުއްޖާގެ އައިޑީ ކާޑުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ވަރަށް ގިނަ ބަޔަކު މި ކަމާ ބަހުސް ކުރަމުން ދަނިކޮށް ޗީފް މިނިސްޓަރަށް ވެސް މި ޚަބަރު ފެނިގެން އެ ކުއްޖާއަށް އެހީތެރިވުމަށް އޮފީހުގެ މުވައްޒަފުންނަށް އެންގެވީ ކަމަށް ވެއެވެ.

ސްޓޭޓް އެޑިޔުކޭޝަން ޑިޕާޓްމަންޓްގެ އޮފިޝަލުންނާއި މި ކުއްޖާ ވެއްދި ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި ގޮތުގައި ގްރޭޑް 1 އަށް ވެއްދި މި ކުއްޖާގެ ނަމަކީ އާރްތީ އެވެ. އަދި ކުއްޖާ ވެއްދީ އެ ނަމުގަ އެވެ. އަދި އައިޑީ ކާޑުގައިވާ ނަން ބަދަލު ކުރަން ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައި ވެއެވެ.

ސްކޫލް ޕްރިންސިޕަލް ސީމާ ރާނީ ބުނި ގޮތުގައި އަންހެނަކު އޭނާގެ ދަރިފުޅު އެ ސްކޫލަށް ވައްދަން ދިޔައެވެ. އަދި އެ ކުއްޖާގެ އައިޑީ ކާޑުގައި އޮތީ އާއްމުކޮށް މީހުންނަށް ކިޔާ ޒާތުގެ ނަމަކަށް ނުވާތީ އައިޑީ ކާޑު ބަދަލު ކުރަން ސްކޫލުން އެ އަންހެންމީހާ އަށް އެންގީ އެވެ. އަދި އައިޑީ ކާޑުގައި މިގޮތަށް ނަން އޮތް ތަން ފެނުމުން ސްކޫލުގެ ޓީޗަރުންނާއި ވެރިންނަށް ވެސް ބޮޑު ޝޮކެއް ލިބުނުކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

ކުއްޖާގެ މަންމަ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ސްކޫލަށް ވައްދަން ދިއުމުން ޓީޗަރުންނާ އެންމެން އޭނާއަށް ވަރަށް މަލާމާތްކުރި އެވެ. ދަރިފުޅުގެ ނަން އައިޑީ ކާޑުގައި އޮތް ގޮތުންނެވެ.