ލައިފްސްޓައިލް

ބޮއްކުރައެއްގައި ސްކޫލަށްދާ ކުއްޖެއް

ކިޔަވާ ހިތުން ފެންގަނޑާއި ކޯރެއް ތެރޭ ބޮއްކުރައެއްގައި ކަނބަމުން އަންހެންކުއްޖަކު ސްކޫލަށްދާ މަންޒަރުގެ ފޮޓޯތަކާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ ގިނަ ބައެއްގެ ތައުރީފު މި ކުއްޖާއަށް އަމާޒު ވެއްޖެ އެވެ.

އުމުރުން 15 އަހަރުގެ ސަންދިޔާ ސަހާނީއަކީ އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ބަހްރާމްޕޫރު ރީޖަންގެ ގޯރަކްޕޫރުގައި ދިރިއުޅޭ ކުއްޖެކެވެ. ގްރޭޑް 11 ގައި ކިޔަވާ ސަންދްޔާ އަށް ފާއިތުވީ ދުވަސްތަކުގައި އެއްގޮތަކަށް ވެސް ކިޔެވޭ ގޮތް އޮތީ ނުވެފަ އެވެ. އޮންލައިންކޮށް ކިޔަވައިދޭތީ އާއި އޭނާގެ އަތުގައި ސްމާޓްފޯނެއް ނެތިގެނެވެ.

ދާދިފަހުން އޭނާގެ ސްކޫލްގެ ކިޔެވުން ވެސް ފެށި އަލުން ކިޔަވަން ދާން ފެށިތަނާ އެ ހިސާބަށް ވަރަށް ބޯކޮށް ވާރޭ ވެހި އެއްގޮތަކަށް ވެސް ހިނގާބިނގާވެ އަދި ވެހިކަލެއް ވެސް ނުދުއްވޭ ވަރަށް މަގުތަކުގައި ފެންބޮޑުވީ އެވެ.

ފެންބޮޑުވެފައި އޮތަސް ކިޔަވަން ނުގޮސް ހުންނާކަށް ސަންދްޔާ ބޭނުމެއް ނުވި އެވެ. އެހެންވެ އޭނާ މިހާރު ކޮންމެ ދުވަހަކު ސްކޫލަށް ދަނީ ބޮއްކުރައެއްގައި ކަނބާފަ އެވެ.

"ސްމާޓްފޯނެއް ނެތީމަ އަހަރެންނަށް އޮންލައިން ކްލާސްތަކުގައި ބައިވެރިއެއް ނުވެވުނު. ސްކޫލްތައް ހުޅުވިތަނާ އަހަރެމެން ދިރިއުޅޭ ހިސާބުގައި ފެންބޮޑުވީ. އެހެންވެ ބޮއްކުރާގައި ސްކޫލަށް ދާން އަހަރެން ނިންމީ،" ސަންދްޔާ ބުންޏެވެ.

ސަންދްޔާއަކީ މާވަޑިއެއްގެ ދަރިއެކެވެ. ވިއްސާރަވެ ވަރަށް ބޮޑަށް ފެންބޮޑުވެފައި އޮތް ދުވަސްވަރު ސަންދްޔާ ކޮންމެ ދުވަހަކު ސްކޫލަށް ދަނީ 800 މީޓަރު ހާ ދުރަށް ބޮއްކުރާ ކަނބާފަ އެވެ. އެގޮތުން މަގުތަކުގެ އިތުރުން ރަޕްތީ ކިޔާ ކޯރެއް ވެސް އޭނާ ހުރަސް ކުރެ އެވެ.

ސްކޫލް ޔުނީފޯމްގައި ސަންދްޔާ ހިތްވަރާއެކު ކަނބަމުން ބޯޓުގައި އެކަނިމާއެކަނި ކުރާ ދަތުރަކީ އޭނާ ކަހަލަ ކިޔަވާ ކުދިންނަށް ހުރި މިސާލެކެވެ.