ލައިފްސްޓައިލް

ބަހުގެ ކުޑަ ދޮރުގައި ބޯ ޖައްސައިގެން އިން ކުއްޖެއް މަރު

އިންޑިއާގެ ގާޒީއާބަދުގެ މޯޑީނަގަރްގައި ހިނގި ވަރަށް ހިތާމަވެރި ހާދިސާއެއްގައި ގްރޭޑް 4ގައި ކިޔަވަމުން ދިޔަ ކުއްޖަކު މަރުވެއްޖެ އެވެ.

ބުދަ ދުވަހު ހިނގި މި ހާދިސާގައި އެ ކުއްޖާ މަރުވީ ސްކޫލު ބަހުގެ ކުޑަދޮރެއްގައި ބޯ އަޅައިގެން އޮއްވާ މަގުގައި ޖަހާފައިވާ ދަގަނޑު ހޮޅިއެއްގައި ބޯ ޖެހިގެންނެވެ.

އިންޑިއާ ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ 10 އަހަރުގެ އަނުރާގް ބަރްދްވާޖް އެވެ.

ހެނދުނު ގަޑީގައި ކުދިން ސްކޫލަށް ގެންދަން ބަހަށް އަރުވާފައި ތިއްބާ ހިނގި މި ހާދިސާގައި ކުއްޖާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ވެއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

ކުއްޖާގެ އާއިލާއިން ފުލުހުންނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން މިހާރު އެ ބަސް ދުއްވަން އިން ޑްރައިވަރާއި އެހީތެރިޔާ ވަނީ ހައްޔަރުކޮށްފަ އެވެ.

މަރުވި ކުއްޖާގެ މަންމަ ނެހާ ޝަރުމާ ބުނި ގޮތުގައި ސްކޫލް ބަސްތައް ދުއްވާ މީހުންނާއި އެހީތެރިންގެ ފަރުވާ ކުޑަކަމުގެ ވާހަކަތައް އޭނާ ތަކުރާރުކޮށް ސްކޫލްގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ އެވެ. އަދި މިދިޔަ އެޕްރީލް އެއްވަނަ ދުވަހު ވެސް އެމީހުންގެ ޝަކުވާއެއް ހުށަހެޅި ކަމަށެވެ. ނަމަވެސް އެ ޝަކުވާތަކަށް އެކަށީގެންވާ އިޖާބައެއް ނުދީ އޮއްވާ އޭނާގެ ދަރިފުޅު މަރުވީ ކަމަށް ނެހާ ބުންޏެވެ.

ސްކޫލް އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި އަނުރާގު އިށީނދެ އިނީ ބަހުގެ ހަތަރު ވަނަ ބަރީގަ އެވެ. ބަހުގެ ކުޑަދޮރުތަކުގައި ހުރީ ގްރިލް ޖަހާފައި ނަމަވެސް ދަގަނޑުތައް ހުރި ދޮރުކަމުން ކުޑަކުދިންގެ ބޯ ކޮންމެވެސް ވަރަކަށް އެތަނުން ބޭރަށް ނެރެވޭ ކަމަށް ވެސް އެމީހުން އެއްބަސްވި އެވެ.

މި ކުއްޖާ މަރުވި ހާދިސާއަށް ފަހު ސްކޫލް ބަސްތަކުގެ ސޭފްޓީ ވަރުގަދަ ކުރަން މަސައްކަތްކުރަމުންދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފައި ވެއެވެ.