ލައިފްސްޓައިލް

ޑްރައިވަރު ހޭނެތުމުން ބަހުގައި ތިބި ކުދިން ސަލާމަތްކުރީ ކުޑަ ކުއްޖެއް

ޑިލަން ރީވްސް އަކީ 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. ބޮޑުވެގެން ހޮކީ ކުޅުންތެރިއަކަށް ނުވަތަ ޕޮލިސް އޮފިސަރަކަށް ވުމުގެ ހުވަފެން ޑިލަން ދެކެ އެވެ.

ނަމަވެސް އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިޗިގަންގައި ދިރިއުޅޭ ގްރޭޑް ހަތެއްގައި ކިޔަވާ މި ކުއްޖާގެ ވާހަކަ މިހާރު މަޝްހޫރުވެގެން އުޅެނީ މިކަމާ ގުޅިގެނެއް ނޫނެވެ. އޭނާގެ ދުރުވިސްނުމާއި ކުޅަދާނަކަމުން ކުދިންތަކެއްގެ ފުރާނަ ސަލާމަތްވެފައި ވާތީ އެވެ.

ޑިލަން އަކީ ކާޓާ މިޑްލް ސްކޫލްގައި ކިޔަވާ ވަރަށް ބަސްއަހާ ހިތްހެޔޮ، ރަނގަޅު ކުއްޖެކެވެ. ބުދަ ދުވަހު އޭނާ ސްކޫލުން ނިންމައި ގެޔަށް ދިއުމަށް ސްކޫލް ބަހަށް އެރި އެވެ. އޭރު އެ ބަސް ފުރެންދެން ސްކޫލް ކުދިން ތިއްބެވެ.

ބަސް ދުއްވަމުން ގޮސް ވަކި ހިސާބަކަށް ދިޔަތަނާ ބަހުގެ އަންހެން ޑްރައިވަރު ކުއްލިއަކަށް ހޭނެތުނެވެ.

ބަހުގައި ހުރި ކެމެރާއިން ރެކޯޑް ކުރެވިފައިވާ ވީޑީއޯ އިން ފެންނަ ގޮތުގައި ޑްރައިވަރު ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކަ އެވެ. އަދި އޭނާއަށް ކޮންމެވެސް ގޮތެއް ވާތީ މަގުގެ އެއް ކައިރިއަށް ބަސް ހުއްޓަން ޖެހޭކަމަށް ކޮންމެވެސް މީހެއް ކައިރީގައި ޑްރައިވަރު ބުނެ އެވެ. ޑްރައިވަރަށް ބަސް މަޑު ނުކުރެވި އުޅެނިކޮށް އޭނާ ޚަބަރު ހުސްވެ ބަހުގެ ކޮންޓްރޯލް ގެއްލެ އެވެ. އެވަގުތު ޑިލަން އެތަނަށް އައިސް ބުރަކި ޖައްސައި، ބަސް ކޮންޓްރޯލްކޮށްގެން ގެންގޮސް މަގުގެ އެއް ފަރާތެއްގައި ޕާކް ކުރާ މަންޒަރު ވެސް ބަހުގައި ހަރުކޮށްފައިވާ ކެމެރާއިން ރެކޯޑް ވެފައި ވެއެވެ. ބަސް ކޮންޓްރޯލުން ނެއްޓިގެން ދާކަން އެނގިގެން ބަހުގައި ތިބި ކުދިން ބިރުން ހަޅޭއްލަވަން ފެށުމުން 911 އަށް ގުލާށޭ ކިޔާފައި ޑިލަން ހަޅޭއްލަވައި ގަނެ އެވެ.

ވަގުތުން އިމަޖެންސީ ޓީމު އައިސް ބަހުގެ ޑްރައިވަރު ވަނީ ހޮސްޕިޓަލަށް ގެންގޮއްސަ އެވެ. މި ޑްރައިވަރު އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތްއިރު އޭނާއަށް ވީ ގޮތެއް އަދި މިހާރު ހާލު ހުރި ގޮތެއް ނޭނގޭ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޑިލަންގެ ސްކޫލްގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައި އޭނާގެ ހިތްވަރުގަދަކަމުން އެތައް ކުދިންނެއްގެ ފުރާނަ ސަލާމަތްވެފައިވާތީ ޑިލަން އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް އޭނާގެ ހިތްވަރުގަދަ ކަމުގެ އަގު ވަޒަން ކޮށްފައި ވެއެވެ.

ޑިލަންގެ ހިތްވަރުގަދަކަމާއި ދުރު ވިސްނުމަށް ތައުރީފުކުރަމުން އޭނާގެ ސްކޫލްގެ އިސް ވެރިން ވިދާޅުވީ ޑިލަން އަށް ޑްރައިވަރަށް ގޮތެއް ވާކަން އެނގުމާއެކު ވަގުތުން ސްކޫލް ދަބަސް އެއް ފަރާތަކަށް އެއްލާލާފައި ސީޓުން ތެދުވެގެން ޑްރައިވަރު ކައިރިއަށް ގޮސް ހުންގާނުގައި ހިފައި ބަހުގެ ކޮންޓްރޯލް އޭނާ ނެގި ކަމަށެވެ. އެހެން ނޫންނަމަ ބަސް ކޮންޓްރޯލުން ނެއްޓިގެން ގޮސް އެކްސިޑެންޓްވެ އޭގައި ތިބި ކުދިންގެ ފުރާނައަށް ގެއްލުމެއް ވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ސްކޫލްގެ އިސް ވެރިން ފާހަގަ ކުރި އެވެ.

އެހާ ބޮޑު ސްކޫލް ބަހެއްގެ ހުންގާނުގައި ހިފައި ބަސް ކޮންޓްރޯލް ކުރަން ޑިލަން އަށް އެނގުނު ގޮތާ މެދު ވެސް ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދި މި ޚަބަރަށް ކޮމެންޓްކޮށްފައި ވެއެވެ.

މި ސުވާލަށް ޖަވާބު ދިނީ ޑިލަންގެ ބައްޕަ އެވެ. ޑިލަންގެ ބައްޕަ ސްޓީވް ރީވްސް ބުނީ އޭނާ އާއެކު ވަރަށް ގިނައިން ކާރުގައި ތަންތަނަށް ދާއިރު ޑިލަން ވަރަށް ފަރުވާތެރިކަމާއެކު އެ ދުވާ ގޮތް ބަލަން އިންނަ ކަމަށެވެ. އަދި ބަހުގައި ދަތުރުކުރާއިރުވެސް ޑިލަން އަބަދުވެސް ޑްރައިވަރުގެ ހަރަކާތްތަކަށް ބަލަން އިންނަ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ. އޭނާއަށް ބަސް ކޮންޓްރޯލްކުރަން އެނގުނީ ކުރިންސުރެ އެ ދުވާ ގޮތް އޮބްޒާވްކޮށްފައި ހުރީމަ ކަމަށް ޑިލަންގެ ބައްޕަ ބުންޏެވެ.

މި ހާދިސާ ހިނގި ދުވަހު ޑިލަންގެ މަންމަ އާއި ބައްޕަ އާދައިގެ މަތިން ޑިލަން އަންނަން ވާއިރަށް ކާ އެއްޗެތި ތައްޔާރުކުރަން ބަދިގޭގައި އުޅެމުން ދިޔަ އެވެ. އަދި ޑިލަން އަންނަ ބަހުން ދަތުރުކުރާ އެހިސާބުގަނޑުގައި ދިރިއުޅޭ ކުދިންތައް ދުވަމުން ގޮސް އެ ކުދިންގެ ގޭގެއަށް ވަންނަ މަންޒަރު އެ ދެމަފިރިންނަށް ކުޑަދޮރުން ފެނެ އެވެ. ނަމަވެސް ހުރިހާ ކުދިން ގޮސް ނިމުނުއިރުވެސް ޑިލަން އެއް ނައެވެ.

އޭގެ އިރުކޮޅެއް ފަހުން އެގެއަށް ޑިލަން ގޮވައިގެން އައީ ފުލުސް އޮފިސަރުންނެވެ. އަދި ޑިލަންގެ ހިތްވަރުގަދަކަމުން އެތައް ކުދިންނެއްގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށް ބުނެ ފުލުސް އޮފިސަރުން ވަނީ ޑިލަންގެ މައިންބަފައިން ކައިރީގައި އެމީހުންގެ ދަރިފުޅަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ޑިލަންގެ މައިންބަފައިންނަށް ކަމެއް ވެގެން އުޅޭކަން ވެސް އެނގުނީ ފުލުހުން ކިޔައިދިނީމަ އެވެ.