ލައިފްސްޓައިލް

މަރުވެފައިވާ ކޮއްކޮގެ ހަށިގަނޑު ގެންދާ މަންޒަރު

މަރުވެފައިވާ ދެ އަހަރުގެ ކުޑަ ކޮއްކޮ އަތްމަތީ ބާއްވައިގެން 10 އަހަރުގެ ފިރިހެން ކުއްޖަކު އިންޑިއާގެ މަގެއްގެ މަތިން ހިނގާފައިދާ މަންޒަރުން ގިނަ ބަޔަކު ރޮއްވާލައިފި އެވެ.

މިއީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ބާގްޕަތުގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި ހާދިސާ އެކެވެ.

މި ކުއްޖާއަށް އޭނާގެ މަރުވެފައިވާ ކޮއްކޮގެ މަސްގަނޑު މިގޮތަށް ގެންދަން ޖެހުނީ އެ ކުއްޖާ ގެންގޮސްދޭނެ އެމްބިއުލެންސެއް ހަމަނުޖެހިގެންނެވެ.

މި ވީޑިއޯގައި ފެންނަނީ ސާގަރް ކުމާރު ނަމަކަށް ކިޔާ ކުއްޖާ އޭނާގެ ކޮއްކޮގެ މަރުވެފައިވާ މަސްގަނޑު އަތްމަތީ ބާއްވައިގެން ހިނގާފައި ދާތަނެވެ. އަދި އެ ކުއްޖާގެ ބައްޕަ އޭނާގެ ފަހަތުން ހިނގަމުން އަންނަ ތަނެވެ. މަރުވެފައިވާ ކުޑަ ކުއްޖާގެ ހަށިގަނޑު މި ދެ ބަފައިންނާ ހަވާލުކޮށްފައިވަނީ ކުއްޖާ މަރުވި ހޮސްޕިޓަލުގެ ޕޯސްޓް މޯޓަމް ހައުސް އިން ކަމަށް ޓައިމްސް އޮފް އިންޑިއާގައިވާ މި ހަބަރުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި ކާލާ ކުމާރު ނަމަކަށް ކިޔާ މި ކުޑަ ކުއްޖާ މަރުވެފައިވަނީ ކާރެއްގެ ދަށު ވެގެންނެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި ކުއްޖާ ކާރު ދަށުވީ އޭނާގެ ދޮންމަންމަ ސީތީ ރުޅިއައިސްގެން ކާރު ދަށަށް ކުއްޖާ ހޫރާލުމުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ކުއްޖާގެ ދޮންމަންމަ ރުޅިއައީ ކުއްޖާ މާގަދަޔަށް ރޯތީ ކަމަށްވެ އެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި މި ކުއްޖާ މަރުވުމުން ގެންދާނެ ވެހިކަލެއް ނުލިބި އާއިލާގެ މީހުން ކުއްޖާ ގޮވައިގެން މަގުމަތިން ހިނގާފައި ދިޔަކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެ މައްސަލަ ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ.

ދެބެންގެ ބައްޕަ ޕަރްވިން ކުމާރު ބުނި ގޮތުގައި ޕޯސްޓް މޯޓަމް ހައުސް އިން ކުޑަކުއްޖާގެ ހަށިގަނޑު އެމީހުންނާ ހަވާލުކުރުމުން އެ ކުއްޖާގެ ހަށިގަނޑު އަވަށަށް ގެންދާނެ ވެހިކަލެއް ހޯދަން އޭނާ އެ ހޮސްޕިޓަލުގެ އޮފިޝަލުންނަށް ވަރަށް އާދޭސްކުރި އެވެ. ނަމަވެސް އެކަން ހަމަނުޖެހުމުން އެމީހުން ހިނގާފައި ދިޔައީ އެވެ.

ހޮސްޕިޓަލާއި އެމީހުންގެ ގެޔާ ދެމެދު 40 ކިލޯ މީޓަރު ހުރި ކަމަށާއި އެންމެ ކުރިން ދަރިފުޅުގެ މަސްގަނޑު އުފުލީ އޭނާގެ ދެ އަތް މަތީގައި ކަމަށް ޕަރްވީން ބުންޏެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާ މާބޮޑަށް ވަރުބަލިވުމުން ދަރިފުޅު އަތަށް ދިނީ ކަމަށްވެސް ޕަރްވީން ބުންޏެވެ.

ހޮސްޕިޓަލުން ފަހުން ބުނެފައިވަނީ ޕަރްވީން އާއި އާއިލާއިން އެމްބިއުލެންސަށް އެދިފައި ނުވާ ކަމަށާއި ހަށިގަނޑު ހަވާލުކުރުމުން އެމީހުން އަމިއްލައަށް ހިނގާފައި ދާން ނުކުތީ ކަމަށެވެ. އަދި މަރުވެފައިވާ ކުއްޖާ ގޮވައިގެން މި މީހުން މަގުމަތިން ހިނގާފައިވާދާ ހަބަރު ލިބިގެން ވަގުތުން އެމްބިއުލެންސެއް ފޮނުވި ކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވެ އެވެ.