ލައިފްސްޓައިލް

މައިންބަފައިން މަރުވި ކާރު އެކްސިޑެންޓަކުން ކޮއްކޮ ސަލާމަތްކުރީ ފަސް އަހަރު ކުއްޖެއް

އޮސްޓްރޭލިއާގެ ހުޅަނގުގެ ރަށްފުށު ސަރަހައްދަކުން ކުޑަ ތިން ކުދިން ގޮވައިގެން އެ ކުދިންގެ މައިންބަފައިން ދަތުރުކުރި ކާރެއް އެކްސިޑެންޓްވެ ވަގުތުން އެކުދިންގެ މައިންބަފައިން މަރުވި އެވެ. އަދި އެކްސިޑެންޓްވުމުގެ ސަބަބުން ހަލާކުވި ކާރުތެރޭގައި ތާށިވި ތިން ކުދިން ދެ ދުވަސް ވަންދެން އެ ކާރު ތެރެއިން ނުނިކުމެވެ ތާށިވެފައި ތިބެން ޖެހުނެވެ.

ސީއެންއެންގައިވާ މި ހަބަރުގައި އޮސްޓްރޭލިއާގެ ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެ އާއިލާ ދަތުރުކުރި ލޭންޑްރޯވަރު ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ކޮންޑީނިން ކިޔާ ސަރަހައްދަކުންނެވެ. މިއީ އެ ސްޓޭޓްގެ ވެރިކަން ކުރާ ރަށް ޕާތު އާ 280 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ.

އެކްސިޑެންޓްވުމާއެކު މި ތިން ކުދިންގެ މަންމަ ސިންޑީ ބްރެޑޮކް، 25، އާއި ބައްޕަ ޖޭކް ޑޭ، 28، ވަގުތުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ތިން ކުދިންގެ ފުރާނަ ސަލާމަތްވީ ނަމަވެސް އިންތިހާއަށް ހޫނުގަދަ މި ސަރަހައްދުގައި މަރުވެފައިވާ މައިންބަފައިންނާއެކު ކާރު ތެރޭގައި ތިން ބޭން ތާށިވެފައި ދެ ދުވަސް ވަންދެން ހަދާނެ ގޮތް ހުސްވެފައި ތިބެން ޖެހުނެވެ. ދެ ދުވަސް ވީ ފަހުން މި ކުދިންނާއި ކާރު ފެނިފައިވަނީ އެ އާއިލާގެ ޚަބަރެއް ނުވެގެން ކަންބޮޑުވެގެން އެ މީހުން ހޯދަމުންދިޔަ ތިމާގެ މީހަކަށެވެ.

މި ކުދިންގެ ތެރޭގައި ހިމެނެނީ ފަސް އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ ދެ އަހަރު އަދި އެއް އަހަރުގެ ދެ ފިރިހެން ކޮއްކޮ އެވެ.

މި ކުދިން ފެނުނީ މައިކަލް ރީޑް ކިޔާ އެ އާއިލާގެ މެމްބަރަކަށެވެ. ފުލުހުން ކައިރީ މައިކަލް ބުނި ގޮތުގައި ތިން ބޭން ކާރުގައި ތާށިވެފައި ތިބިއިރު އެންމެ ހަގު އެއް އަހަރުގެ ފިރިހެން ކޮއްކޮގެ ފުރާނަ ސަލާމަތްކޮށްދިނީ ފަސް އަހަރުގެ ކުއްޖާ އެވެ. ތުއްތު ކޮއްކޮގެ ސީޓު ބެލްޓް ނައްޓާލަދީ ޗައިލްޑް ސީޓުން އޭނާއަށް ސަލާމަތް ވެވޭނެ ގޮތް ހަދައިދީގެންނެވެ.

"ފަހަރެއްގައި ފަސް އަހަރުގެ ކުއްޖާއަށް އޭނާއަށް މި ކުރެވުނީ ކޮން ކަމެއް އަދި ނޭނގިދާނެ. ނަމަވެސް ކޮއްކޮގެ ސީޓު ބެލްޓް އޭނާ ނައްޓާނުލިނަމަ މިއަދު އެ ކުޑަކުޑަ ކުއްޖާ ދުނިޔޭގައި ނުހުރުމަކީ ވަރަށް ގާތް ކަމެއް. އެކުދިން ކާރުގައި ތާށީވުމުގެ އިތުރުން އެހިސާބުގެ ޓެމްޕްރޭޗާ ވަރަށް މަތިވެ ހޫނު އިންތިހާއަށް ގަދަވުމުން އިތުރު ވޭނާއި އުނދަގޫ އެކުދިންނަށް ތަހައްމަލުކުރަން ޖެހުނު،" މައިކަލް ބުންޏެވެ.

މައިކަލް ބުނި ގޮތުގައި އެކްސިޑެންޓްވީ ކާރު ތެރޭގައި 30 ޑިގްރީ ހޫނުގައި އެކުދިން 55 ގަޑިއެއްހާއިރު ތިބެފައި ވެއެވެ. އެ ވަގުތުގައި އެކުދިންނަށް ކުރިމަތިވީ ހާލަތު އެކަކަށް ވެސް އިހްސާސްކޮށްލަން ވެސް ނޭނގޭނެ ކަމަށް މައިކަލް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ތިން ކުދިން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. ފެން ނުލިބި އެކުދިންގެ ގައިން މުޅިން ފެން ހުސްވެގެން ދިމާވި މައްސަލަތަކުގެ ސަބަބުންނެވެ. ނަމަވެސް ފުރާނައަށް ގެއްލުންވާ ވަރުގެ އެއްވެސް އަނިޔާއެއް މި ތިން ކުދިންނަށް ލިބިފައިވާ ނުވާ ކަމަށް އޮސްޓްރޭލިއާ ފުލުހުން ބުނެފައި ވެއެވެ.